އަބަދުވެސް ތަފާތު އުފެއްދުންތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދެމުން އަންނަ އައިފިލްމްސްގެ “ބިރުވެރި ވާހަކަ” ސީރީޒް ދައްކަން ފަށައިފި އެވެ. މި މަހުގެ ތިންވަނަ ދުވަހު ދިރާގު ޓީވީ މެދުވެރިކޮށް ބެލުންތެރިންނާ ހަމައަށް ދޫކޮށްލާފައިވަނީ މި ސީރީޒްގެ ފުރަތަމަ އެޕިސޯޑް “ފޯން ކޯލް” އެވެ.

“ފޯން ކޯލް”ގައި ދައްކައިދެނީ ގޮތް ނޭނގޭ ފޯނު ކޯލެއްގެ ސަބަބުން އަޔާން އާއި އޭނާގެ ރޫމް މޭޓްގެ ދިރިއުޅުމަށް ކުރިމަތިވާ ކަންތައްގަނޑެކެވެ. މި އެޕިސޯޑް ނިމިގެންދާ އިރު، އަޔާން އަށް އަންނަ ގޮތް ނޭނގޭ ފޯނުކޯލުގެ ފަހަތުގައި ފޮރުވިފައިވާ ހަޤީޤަތް އެނގިގެންދަނީ ހީވެސްނުކުރާ ފަދަ ހައިރާންކަމެއް ގެނެސްދޭ ގޮތަކަށެވެ.

“ފޯން ކޯލް”ގެ އިސް ތަރިންގެ ތެރޭގައި ފުރުޤާން މުޙައްމަދު، މަރްޔަމް ޝަކީލާ އާދަމް، ނާޖިހާ އަޒޫރް، ޙަސަން ސާމިހް މުޙައްމަދު ހަރަކާތްތެރިވެ އެވެ. ދިވެހި ފިލްމު “ބަވަތި”ން ދިވެހި ފިލްމީ އޯޑިއަންސް ހައިރާންކޮށްލި އިލްޔާސް ވަޙީދު ޑައިރެކްޓްކޮށްފައިވާ މި އެޕިސޯޑް ލިޔުނީ ހޫދު އިބްރާހީމް އެވެ. މި އުފެއްދުމުގެ ޕްރޮޑަކްޝަންގައި ހަރަކާތްތެރިވެފައިވަނީ އޯކޭޒް އިންކް އިންނެވެ.

ރުޠުބާ އަޙްމަދުގެ މޮޅު މޭކަޕް ހުނަރު ފެނިގެންދާ މި އެޕިސޯޑްގައި ދިވެހި މުޖުތަމަޢުގައި މީހުންނަށް ހަސަދައަޅާ މީހުންގެ ފަރާތުން އަނެކުންނަށް ކުރިމަތިވާ މުހިންމު ކަމެއްގެ މައްޗަށްވެސް ބަލައިލާފާވެ އެވެ.

އިއްލެ ޑައިރެކްޓްކޮށް ގެނެސްދޭ ”ބިރުވެރި ވާހަކަ“އިގެ ޕްރޮޑިއުސަރަކީ ފިލްމު ”ބަވަތި“، ”ނީނާ“ގެ އިތުރުން އައިފިލްމްސްގެ އުފެއްދުންތައް ޕްރޮޑިއުސްކުރަމުން އަންނަ ޒުވާން ޕްރޮޑިއުސަރ އާސިމް ޢަލީ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.