މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ) އާއި ގުޅިގެން އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕެއް ބޭއްވުމަށް ތައްޔާރުވާން ފަށައިފި އެވެ.

އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕް ބާއްވަން ހަމަޖެހިފައިވަނީ މި އަހަރުގެ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރ މަހުގެ 23ގެ ނިޔަލަށްކަމަށް އެމްއެސްޕީއޭ އިން މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުނެފައިވެ އެވެ.

މިއީ ފިލްމީދާއިރާގައި ހާއްސަކޮށް ކެމެރާގެ ކުރިމަތީގައި މަސައްކަތްކުރާނެ އެކްޓަރުން އުފެއްދުމާއި އަދި މިހާރުވެސް އެކްޓިންގްގެ ދާއިރާއަށް އަލަށް ނުކުމެ އުޅޭ ފަރާތްތަކަށް ފުރިހަމަ ތަމްރީނު ލިއްބައިދުނުމުގެ މަޤުސަދުގައި އެމް.އެސް.ޕީ.އޭގެ ފަރާތުން ފަށާ ވޯރކް ޝޮޕެކެވެ.

އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕްގައި ކިޔަވައިދޭނީ ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ދިލިޕް ކަނާލްއެވެ.

ދިލިޕް ކަނާލް

މި ވޯކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު 24 ޖޫން 2022ވާ ހުކުރު ދުވަހު (މިއަދު)ން ފެށިގެން ވަނީ ހުޅުވާލާފަ އެވެ. މި ވޯރކްޝޮޕްގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 18 އޯގަސްޓް 2022ވަނަ ދުވަހެވެ.

ވޯރކްޝޮޕްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެމް.އެސް.ޕީ.އޭއަށް މެއިލްއަކުން ނަމާއި އެޑްރެސް އަދި ކޮންޓެކްޓް ނަންބަރު ފޮނުވާލައިގެން ބައިވެރި ވެވޭނެއެވެ. ނުވަތަ، 7727264 ނަންބަރަށް މި ދެންނެވި މަޢުލޫމާތުތައް ވައިބަރުކޮށްލައިގެން ވެސް ރެޖިސްޓަރީވެވޭނެ އެވެ. މީގެ އިތުރުން ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި އެން.ސީ.އޭގެ
ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

އެކްޓިންގް ފޮރ ތިއޭޓަރ އެންޑް ފިލްމް ވޯރކްޝޮޕްގެ މުއްދަތަކީ 26 އޯގަސްޓް އިން ފެށިގެން 23 ސެޕްޓެމްބަރުގެ ނިޔަލަށެވެ. ކްލާސްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އެން.ސީ.އޭގަ އެވެ. ކްލާސް އޮންނާނީ ރޭގަޑު 08:00އިން 11:00އަށެވެ. ހުކުރު ދުވަސް ފިޔަވައި ކޮންމެ ރެއަކު ވެސް ކްލާސްތައް އޮންނާނެ އެވެ.

ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފީއަކީ ޖުމްލަ 500 ރުފިޔާ އެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.