ބިރުވެރި ވާހަކައިގެ ހަވަނަ އެޕިސޯޑް “މަސް ދަތުރު – 02” މިރޭ ދައްކާނެ އެވެ. މަޝްހޫރު ގިނަ ތަރިންތަކެއް ވެސް ފެނިގެންދާ “މަސް ދަތުރު – 02″ގެ ޓްރެއިލާއެއް މިމަހު 20 ވަނަ ދުވަހު އައިފިލްމްސް އިން ރިލީޒްކޮށްފައިވެ އެވެ.

އިލްޔާސް ވަހީދު (އިއްލެ) ލިޔެ ޑައިރެކްޓްކޮށްފައިވާ “މަސް ދަތުރު – 02″ން ފެންނަ ފާހަގަކޮށްލެވޭ މޫނުތަކުގެ ތެރޭގައި ނަދީހް، އައްޒަ، ސަޢީދު، ދޮނާ، ނަތާޝާ، ޝާރިފް، ސޭންޑި ފާހަގަކޮށްލެވެ އެވެ. މީގެ އިތުރުން “ދަރަކަ” ވެބް ސީރީޒުން ތަޢާރަފުވި ވިކީ ވެސް މި އެޕިސޯޑުން ފެނިގެންދާނެ އެވެ.

ދިރާގު ޓީވީ އަދި ދިރާގު ވީޑިއޯ އޮން ޑިމާންޑް ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ހުކުރު ދުވަހަކު މިހާރު ގެނެސްދެމުން އަންނަ އައިފިލްމްސްގެ ފުރަތަމަ ވެބް ސީރީޒް ’ބިރުވެރި ވާހަކަ’އިގެ ކުރިއަށް ހުރި އެޕިސޯޑްތަކުގެ ޓްރެއިލާއެއްވެސް އައިފިލްމްސް ނެރެފައިވެ އެވެ.

ޒުވާނުންތަކެއް ކުރާ މަސްދަތުރެއްގައި ދިމާވާ ހާދިސާއަކަށް ބިނާކޮށް އުފައްދާފައިވާ “މަސް ދަތުރު – 01″ން މި ސީރީޒްގެ ކުލަވަރު މުޅިން ބަދަލުކޮށްލާފައިވަނީ ވަރުގަދަ މަޝްހޫރު ދެ ފަންނާނުން މީގައި ވަރުގަދަ ރޯލަކުން ދައްކާފައިވުމާއި ވާހަކައިގެ މިސްރާބު ބަދަލުވަމުންދާން ފަށާފައިވާ ގޮތުންނެވެ.

މަޝްހޫރު އެކްޓަރު އަޙްމަދު ސަޢީދު އަދި މަޝްހޫރު އެކްޓްރެސް މަރްޔަމް އައްޒަ ވަރުގަދަ ކެރެކްޓަރއަކުން ދައްކާލާފައިވާއިރު، މިހާރު ހަމަ ކޮންމެ ރޯލެއްވެސް މޮޅަށް ކުޅެމުން އަންނަ ޢާއިޝަތު ނަތާޝާ ޖަލީލް ވެސް ފެނިގެންދަނީ ހަމަ އެހާމެ ވަރުގަދަ ރޯލަކުންނެވެ. މި ތަރިންގެ މޮޅު އެކްޓިންއާ އެކު ‘ބިރުވެރި ވާހަކަ’ އަށް އިތުރު ފުރިހަމަކަމެއް ލިބިގެން އަންނަ ތަން މިރޭގެ އެޕިސޯޑުން ފެންނާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.