ރާއްޖޭގައި މިހައިތަނަށް އެންމެގިނަ ފިލްމު ޑައިރެކްޓްކޮށްފައިވާ ޑައިރެކްޓަރ އަމްޖަދު އިބްރާހިމް (އަމްޖޭ) ގެ ލޯބީގެ ބިރުވެރިފިލްމު ‘ރޭވުމުން‘ ޑަބިން ނިމިއްޖެކަމަށާއި އަންނަ މާޗްމަހު 24 ގައި ފިލްމު ސިނަމާ ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށް އަމްޖަދު ބުނެފި އެވެ.

މުނިއަވަސް އަށް މަޢުލޫމާތު ދެމުން ބުނީ ‘ރޭވުމުން’ މި ފިލްމުގައި ދިވެހިން ބޭނުންވާ ހުރިހައި ރަހައެއް ހުންނާނެ ކަމަށެވެ.

“މި ފިލްމު އިރާދަކުރެއްވިޔާ ދިވެހިން ބޭނުންވާ ހުރިހައި ރަހައެއް ހުންނާނެ އަދި އަހަރެން ފަންސާހެއްހައި ފިލްމު ހެދިއިރު މިއީ އަހަންނަށް ހެދުނު ވަރަށް ތަފާތު މި މުޖުތަމަާ ގުޅޭ ފިލްމެއް.” މުނިއަވަސް އަށް މަޢުލޫމާތުދެމުން އަމްޖޭ ބުންޏެވެ.

‘ރޭވުމުން’ މި ފިލްމަކީ އަމްޖޭގެ 52 ވަނަ ފިލްމެވެ. މިއަދަދަށް ފިލްމު ޑައިރެކްޓްކޮށްފައިވާ އެހެން އެއްވެސް ޑައިރެކްޓަރެއް ނުހުންނާނެ ކަމަށް އަމްޖޭ ބުނެއެވެ. އަދި އަމްޖޭ މިހައިތަނަށް ޑައިރެކްޓް ކޮށްފައިވާ ފިލްމުތަކުގެ ތެރެއިން އެންމެ 03 ފިލްމު ނޫނީ ދެން ހުރި ހުރިހައި ފިލްމުތަކަކީ ހިޓް ފިލްމުތަކެއްކަންވެސް ފާހަގަކުރިއެވެ.

“ސަނދުރަވިރޭ” އާއި “އުދަބާނި” “ދޮންކަމަނަ” އަދި “12ގެ ފަސް” ފަދަ ކާމިޔާބު އެތައް ބިރުވެރި ފިލްމެއް ބެލުންތެރިންނާއި ހަމައަށް ގެނެސް ދިން އަމްޖޭ ބުނީ މި ފިލްމުން މިހާރުގެ މުޖުތަމަޢު އޮތްގޮތް ވަރަށް ރަނގަޅަށް ދައްކައިދޭނެ ކަމަށެވެ.

ފިލްމުގެ ލީޑް ރޯލުން ފެނިގެން ދާނީ މުހައްމަދު މަނިކާއި އަލަށް ތައާރަފުވާ ނާދިފާ އެވެ. މީގެ އިތުރުން ކާސްޓުންގެ ތެރޭގައި މަރިޔަމް ޝަކީލާ (ޝަކިއްތަ)، މުހައްމަދު ޝާޒް (ތަޖޫބެ)، ފައުޒިއްޔާ ހަސަން އަދި ހަސަން މަނިކު (ރޯނު) ފަދަ އެކްޓަރުން ހިމެނެ އެވެ.

އަމިއްލަ ރާގުގެ ހަތަރު ލަވަ ހިމެނޭ ފިލްމުގެ ލަވަތަކުގެ މިއުޒިކާއި ބެކް މިއުޒިކް ހަދާފައި ވަނީ ހުސައިން ސޮބާހް އެވެ. ލަވަތައް ކިޔާފައި ވަނީ ސޮބާ އާއި ފާތުމަތު ޒޫނާ، ހަސަން އިލްހާމްގެ އިތުރުން އާ ލަވަ ކިޔުންތެރިއެކެވެ.

ފިލްމު ކެމެރާ ކޮށްފައިވަނީ މުހައްމަދު އަބޫބަކުރު (މާއެނބޫ) އެވެ. ފިލްމު ޕްރޮޑިއުސް ކޮށްފައިވަނީ ޖޭޒް އެންޓަޓެއިންމެންޓުން ނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.