ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ޚާން، ޑައިރެކްޓަރު ސިދާތު އާނަންދުގެ އާ އެކްޝަން ފިލްމު “ކިންގް” އިން އަލުން ބެލުންތެރިންގެ ކުރިމައްޗަށް އައުމަށް ތައްޔާރުވަމުންދާއިރު، މި ފިލްމުގައި އޭނާގެ އަސްލު އުމުރާ ގުޅޭގޮތަށް ފެންނަން ބޭނުންވި ސަބަބު ހާމަކޮށްފިއެވެ.
އާންމުކޮށް ރޮމޭންޓިކް ބަތަލެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ ޝާހްރުކް، މި ފަހަރު ފެނިގެންދާނީ ނުރަ އިސްތަށިގަނޑާއެކު، އުމުރުން ދުވަސްވީ “ކޫލް” ބަތަލެއްގެ ގޮތުގައެވެ. ދާދިފަހުން މުމްބާއީގައި ޑައިރެކްޓަރު ކަރަން ޖޯހަރާއެކު ބޭއްވި ހަފުލާއެއްގައި ވާހަކަދައްކަމުން ޝާހްރުކް ވަނީ މި ނިންމުން ނިންމަން ޖެހުނު ގޮތުގެ ތަފުސީލު ހިއްސާކޮށްފައެވެ.
ފިލްމީ ދާއިރާގައި ބަތަލެއްގެ ގޮތުގައި ހޭދަކުރި ދަތުރާ ގުޅޭގޮތުން ވާހަކަދައްކަމުން އޭނާ ބުނީ، އަބަދުވެސް ބަތަލަކަށް ވާން ބޭނުންވި ކަމަށާއި، ފިލްމީ ދާއިރާއަށް ވަންއިރު އޭނާއަކީ މާ ރީތި މީހެއް ކަމަށް އަމިއްލައަށް ޤަބޫލުނުކުރެވޭ ކަމަށެވެ. އެހެންކަމުން، އާދައިގެ ސިފައެއް ހުރި މީހަކަށް ބަތަލެއްގެ ރޯލު ކުޅެން ލިބުމަކީ އަބަދުވެސް ވަރަށް ޚާއްސަ އަދި އަގުބޮޑު ފުރުސަތެއްގެ ގޮތުގައި ދެކޭކަމަށް ޝާހްރުކް ފާހަގަކުރިއެވެ.
ނަމަވެސް، ފަހަކަށް އައިސް ފިލްމުތަކުގައި ފެންނަ ގޮތް ބަދަލުކޮށްލަން ވިސްނުނު މަޖާ ހާދިސާއެއްވެސް ޝާހްރުކް ވަނީ ކިޔައިދީފައެވެ. ނަން ހާމަނުކުރާ ފިލްމެއްގެ ޝޫޓިންގ ތެރޭގައި ޒުވާން އަންހެން ތަރިއަކާއެކު ރޮމޭންޓިކް މަންޒަރެއް ކުޅެމުންދިޔަ ވަގުތު ހިނގި ކަމެއް ހިއްސާކުރަމުން އޭނާ ބުންޏެވެ. “އަހަރެން އޭނާގެ ކުރިމަތީގައި ހުރެ، ވަރަށް އަސަރުގަދަ ލޯބީގެ ޑައިލޮގެއް ކިޔައިދިނިން. އަހަރެން ބުނިން، އަހަރެން ކަލާދެކެ ވަރަށް ލޯބިވޭ. ކަލާގެ ދެލޮލުގެ ތެރެއަށް ގެއްލެން ބޭނުންވޭ. ކަލާއަށް ބަލައިލުމުން މުޅި ދުނިޔެ ފެނުނުކަމުގެ އިޙުސާސްވޭ. އަދި މީގެ އިތުރުން މާދަމާއަށް ހަދަންޖެހޭ ހިސާބު ފިލާވަޅު ހަދައި ނިންމައިފިން ހެއްޔޭ ދަރިފުޅާއޭ، މިހެން ބުނެވުނު ކަހަލަ އިޙުސާސެއް ކުރެވުނު.” މަޖާޒީ ގޮތަކަށް ޝާހްރުކް ކިޔައިދިނެވެ.
ޝާހްރުކް އިތުރަށް ބަޔާންކުރި ގޮތުގައި، އޭނާއާއި އޭނާއާއެކު ލީޑް ރޯލު ކުޅޭ ޒުވާން އަންހެން ތަރިންނާ ދެމެދު ހުރި އުމުރުގެ ބޮޑު ތަފާތަކީ، އޭނާގެ ސްކްރީން މިޒާޖު ބަދަލުކޮށް، އުމުރާ ގުޅޭ ރޯލުތަކަށް ބަދަލުވާން ޖެހުނު މައިގަނޑު ސަބަބެވެ. އެހެންކަމުން، “ކިންގް” ފިލްމުގައި އުމުރުން 61 އަހަރުގެ “ކޫލް” ބަތަލެއްގެ ގޮތުގައި ފެނިގެންދިއުމަކީ އޭނާ މިހާރު އެންމެ ބޮޑަށް ބޭނުންވާ ގޮތް ކަމަށް ޝާހްރުކް ވަނީ ހާމަކޮށްފައެވެ.
