ޝަހީދު ލެގަސީގެ ފަސްވަނަ އަމިއްލަ ސޯލޯ އަލްބަމް “ސްޓެސިސް”ގެ އިތުރުން އޯކޭޒް އިންކްގެ ތުރިލާ ސީރީޒް “ގުދަން”، މޫމިން ފުއާދުގެ ތުރިލާ ސީރީޒް “ނެތީމޭ” އަދި “ޑާކް ރެއިން އެންޓަޓެއިންމެންޓް ކްރޮނިކަލްސް” ލޯންޗްކުރުމަށް ޚާއްޞަ މީޑިއާ އިވެންޓެއް ބާއްވަން ނިންމައިފި އެވެ.

ބައިސްކޯފުގެ ފަސްވަނަ ފަންގިފިލާގައި މީޑިއާތަކަށް ދައުވަތު ދީގެން ބާއްވާ މި އިވެންޓް އޮންނާނީ 20 އޯގަސްޓް 2022ވާ ހޮނިހިރު ދުވަހުގެ 16:30ގަ އެވެ.

ބޮޑު މަޤުބޫލުކަމެއް ހޯދާފައިވާ ފުންނާބު އުސް ގިޓަރިސްޓް ޝަހީދު ލެގަސީގެ “ސްޓެސިސް” އަލްބަމުގައި ޖުމްލަ 07 ޓްރެކް ހިމެނެ އެވެ. އޭގެ ތެރެއިން ދެ ޓްރެކެއްގައި ބައިނަލްއަޤްވާމީ ދެ އާޓިސްޓުން ހިމެނެ އެވެ.

މުޙައްމަދު މުންތަސިރު (މުންކޮ) ކޮންސެޕްޓަކަށް އިބްރާހީމް ވިސާން (ކަނޑި) ޑައިރެކްޓްކޮށް އޯކޭޒް އިންކް އިން އުފައްދާފައިވާ ވެބް ސީރީޒް “ގުދަން”ގެ ސްކްރީންޕްލޭ ލިޔުނީ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދުއެވެ.

ވެބް ސީރީޒް “ގުދަން”ގެ މުހިންމު ކެރެކްޓާތަކުން ރަވީ ފާރޫގު، މުޙައްމަދު އަފްރާހް ފެނިގެންދާއިރު، ހުރިހާ މުހިންމު ކެރެކްޓާތައް ހިމެނޭ ޕޯސްޓަރެއް ބައިސްކޯފުން އާއްމުކޮށްފައިވެ އެވެ.

މޫމިން ފުއާދު ލިޔެ ޑައިރެކްޓްކޮށްފައިވާ “ނޭތީމޭ” ވެބް ސީރީޒްގެ މަސައްކަތް ރާވާލާފައިވަނީ ދެ ސީޒަނަކަށް ބަހާލައިގެން ކުރާ ގޮތަށެވެ. އޭގެ ތެރެއިން ފުރަތަމަ ސީޒަންގެ ހުރިހާ މަސައްކަތެއް ކޮށް ނިންމައި ފައިނަލް ޕްރޮޑަކްޓް ބައިސްކޯފާ ހަވާލުކޮށްފައިވާކަމަށް މަޢުލޫމާތުލިބެ އެވެ.

މަޤުބޫލު ތަރިންތަކެއް ފެނިގެންދާ “ނޭތީމޭ”ގައި ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ކޮޕީ އިއްސެ، ޝާރިފް، ވާޝިޔާ، ނަތާޝާ، ޝަކިއްތަ، އިސްމާޢީލް ޒާހިރުގެ އިތުރުންވެސް ގިނަ ތަރިންތަކެއް ހިމެނެ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަންގައި ހިމެނޭނީ ފަސް އެޕިސޯޑެވެ.

ޑާކް ރެއިން އެންޓަޓެއިންމެންޓު ކްރޮނިކްލްސްގެ “ނޮސްޓަލްޖިއާ”ގެ ޝޫޓިން މި އަހަރު ޖުލައި 20ވަނަ ދުވަހު ފަށާފައިވެ އެވެ. މިއީ އަޙްމަދު ޠަލާލް ލިޔެ، ޢަލީ ޝިފާޢު (ޗިއްޕެ) ޑައިރެކްޓްކުރާ ސީރީޒެކެވެ. މި ސީރީޒް ކެމެރާކުރަނީ އާއިމް ޒަރީރު އެވެ. އާއިމް އަކީ ވީކޭ_ޕީކާރޒްގެ ކޮންޓެންޓް ކްރިއޭޓަރެކެވެ. މި ސީރީޒްގެ “ކެހި”ގެ ޝޫޓިން ފެށީ މިމަހު 03 ވަނަ ދުވަހު އެވެ.

“ނޮސްޓަލްޖިއާ” ނުވަތަ މާޒީގެ ހަނދާންތައް، މި އެޕިސޯޑުގެ އިސްރޯލުން ފެނިގެންދާނީ އަޙްމަދު ޝާރިފް އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މީގެ އިތުރުން ކުދިކުދި ރޯލުތަކުން އިތުރު ފަރާތްތައް ފެނިގެންދާނެ އެވެ.

މި ސީރީޒްގެ އިތުރު އެޕިސޯޑުތަކުން އަޙްމަދު ސަޢީދު، މަރްޔަމް މަޖްދާ (މަޖޫ)، އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުންވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.