ރާއްޖޭގެ އެންމެ ވަރުގަދަ އެއް ޕްރޮޑަކްޝަން ހައުސް، ޑާކް ރެއިން އެންޓަޓެއިންމެންޓުގެ ”ޑާކްރެއިން ކްރޮނިކްލްސް”ގެ ފުރަތަމަ ސީޒަން މި އަހަރު އޮކްޓޫބަރު މަހު ބައިސްކޯފުން ދައްކަން ފަށާނެ ކަމަށް އެ ޕްރޮޑަކްޝަން ހައުސް އިން މިއަދު ބުނެފި އެވެ.

”ޑާކްރެއިން ކްރޮނިކްލްސް” ލިޔަނީ އަޙްމަދު ޠަލާލް އެވެ. ޑައިރެކްޓްކުރަނީ ޢަލީ ޝިފާޢު (ޗިއްޕެ) އެވެ. ޢާއިޝަތު ފުއާދު އަދި މުޙައްމަދު ޢަލީ (މޮގާ) ޕްރޮޑިއުސްކުރާ މި ސީރީޒްގައި ހިމެނެނީ ޖުމްލަ 06 ބައެވެ.

އޭގެ ތެރޭގައި:-

* އައްސަލާމު ޢަލައިކުމް
* ފުރޭތަ
* ސަޕްރައިޒް
* ނޮސްޓަލްޖިއާ
* ރަންކޮޅާ
* ޕާޓީ – ހިމެނެ އެވެ.

ގިނަ ތަރިންތަކަކަށް ފުރުޞަތު ދީގެން އުފައްދާ މި ސީރީޒްގެ ޕްރޮޑަކްޝަންގައި ފިލްމީ ދާއިރާގައި ފައިތިލަ ސާބިތުކުރުމަށް ނުކުމެ ތިބި ފަންނާނުންނަށް ފުރުޞަތު ދިނުމަށް ނިންމާފައިވާ ކަމަށް މަޢުލޫމާތު ލިބެ އެވެ. އެގޮތުން “ނޮސްޓަލްޖިއާ” ކެމެރާކުރީ ވީކޭ_ޕީކާރޒްގެ ކޮންޓެންޓް ކްރިއޭޓަރ އާއިމް ޒަރީރު އެވެ.

“ނޮސްޓަލްޖިއާ” ނުވަތަ މާޒީގެ ހަނދާންތައް، މި ބައިގެ އިސްރޯލުން ފެނިގެންދާނީ އަޙްމަދު ޝާރިފް އަދި އަޙްމަދު ޝާކިރު (ޝާއްކޮ އައްމަޑޭ) އެވެ. މީގެ އިތުރުން ކުދިކުދި ރޯލުތަކުން އިތުރު ފަރާތްތައް ފެނިގެންދާނެ އެވެ.

”ޑާކްރެއިން ކްރޮނިކްލްސް”ގެ އިތުރު އެޕިސޯޑުތަކުން މަރްޔަމް މަޖްދާ (މަޖޫ)، އާދަމް ރިޒްވީ (ރެކްސް)ގެ އިތުރުން ގިނަ މޫނުތަކެއް ފެނިގެންދާނެ އެވެ.

މި ސީރީޒްގައި ހިމެނޭ “ފުރޭތަ” އަކީ ވަރުގަދަ ފިލްމެއްގެ ގޮތުގައި ފެނިގެންދާނެ އުފެއްދުމެއްކަމަށް މީގެ ކުރިން ޑާކްރެއިން އިން ބުނެފައިވެ އެވެ. މިއީ އަޙްމަދު ޠަލާލް (ތޮލް) ލިޔާ ސްކްރީންްޕްލޭއަކަށް ހަދާ ރިވެންޖް ސްޓޯރީއެއް ހިމެނޭ އުފެއްދުމެއް ކަމަށް ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) މުނިއަވަސް އަށް ބުނެފައިވެ އެވެ.

”ޑާކްރެއިން ކްރޮނިކްލްސް” ދައްކަން ފަށާނެ ތާރީޚެއް މިމަހު 20 ވަނަ ދުވަހު ހަވީރު، ބައިސްކޯފުގައި ބާއްވާ ޚާއްޞަ އިވެންޓެއްގައި އިޢުލާނުކުރާނެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.