އުމުރުން ފަސް އަހަރުގެ ޝަހުދު އާއި އުމުރުގެ ޒުވާންތައް ގުނަމުންދިޔަ މިހާދު ބައްދަލުވީ، މިހާދުގެ އެކުވެރި ބިސާމްއާއެކު އޭނާގެ އެކުވެރި އިޒްމާމެން ދިރިއުޅެމުންދިޔަ ފްލެޓަށް ދިޔަ ދުވަހު އެތަނުން ނެވެ.
ފުރަތަމަ ބައްދަލުވި ދުވަހު ވެސް ޝަހުދު އާއި މިހާދުގެ މެދުގައި ގާތް ގުޅުމެއް އުފެދުނެވެ. މިހާދުއާ ޝަހުދުގެ މެދުގައި އުފެދުނު ގާތްކަމާއިއެކު ޝަހުދުގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. އެކުއްޖާގެ ކިބައިން ކުރިން ފެނުނު މާޔޫސްކަމާއި އެކަނިވެރިކަން ފިލައިދިޔަ އެވެ. މައިންބަފައިންގެ ލޯބިން މަހުރޫމްވެފައި ހުރި އެކުއްޖާއަށް މިހާދުގެ ފަރާތުން ބައްޕައެއްގެ ލޯތްބާއި އަޅާލުން ލިބުނު ކަހަލަ އެވެ.
އެއާއެކު މިހާދު އެ ފްލެޓަށް ދާވަރު ގިނަވި އެވެ. ބައެއް ދުވަސްދުވަހު ބިސާމްއާއެކު އެތަނަށް ދާ ދިއުމުގެ އިތުރުން އޭނާ އެކަނި ވެސް ދާން ފެށި އެވެ. އެތަނުގައި މިހާދު ހޭދަކުރާ ހުރިހާ ވަގުތެއް ހޭދަކުރަނީ ޝަހުދުއާއެކު އެވެ. ޝަހުދުގެ ފިލާވަޅުތައް ނިންމާށާއި އޭނާއަށް ކިޔަވައިދިނުމުގެ އިތުރުން ނަމާދު ގަޑިއާ ދިމާވެއްޖެނަމަ އޭނާ ގޮވައިގެން މިސްކިތަށް ދާން ވެސް ފެށި އެވެ. އޭނާއަށް ބޭނުންވާ ބައެއް ތަކެއްޗާއި ހަދިޔާ ވެސް ގެނެސްދޭން ފެށި އެވެ.
ޝަހުދުގެ ދިރިއުޅުމުން ފެނުނު އުފާވެރިކަމާއިމެދު އެންމެ ބޮޑަށް ހިތްހަމަޖެހުނު މީހަކީ އެކުއްޖާގެ މަންމައެއްގެ އަދި ބައްޕައެއްގެ ޒިންމާ ވެސް އަދާކުރަމުންދިޔަ އިޒްމާ އެވެ. މިހާދުގެ އެ ހެޔޮކަމާއި އޯގާތެރިކަމަށް އިޒްމާ އަބަދު ވެސް ޝުކުރު އަދާކުރެ އެވެ.
މިހާދު އާއި ޝަހުދުގެ މެދުގައި އުފެދުނު ގާތް ގުޅުމާއި، ޝަހުދުގެ ފަރާތުން އޭނާއަށް ނުލިބުނު ސަމާލުކަން މިހާދު ހޯދުމުން އެންމެ ބޮޑަށް ހިތްހަމަނުޖެހުނު މީހަކީ، މިހާދު އެ ފްލެޓަށް ގެނައި ބިސާމް އެވެ. އޭނާގެ ހިތުގައި އުފެދުނު ހިތްހަމަނުޖެހުން އެހެން ވިސްނުމަކަށް ދިޔަ އެވެ.
އޮއްސުނު އިރާއިއެކު އަނދިރިކަން ވެރިވާން ފެށި އެވެ. ރަށުތެރެއަށް ކޮންމެވެސް ވަރެއްގެ އަނދިރިކަމެއް ވެރިވި ނަމަވެސް މަގުތަކުން މާބޮޑު ހަމަހިމޭންކަމެއް ނުފެނެ އެވެ.
ދިހައެއް ޖަހާކަން ހާއިރެވެ. ބިސާމް އާއި އިޒްމާ ތިބީ ހުޅުމާލޭ އަތިރިމަތީ ހުރި ކެފޭތަކުން ކެފޭއެއްގައި ކޮފީއެއް ބޯށެވެ. އެ ދެމެދުގައި ދެކެވެމުން ދިޔަ އަމިއްލަ ވާހަކަތަކުގެ އިތުރުން ޝަހުދުގެ ވާހަކަ ވެސް ކޮންމެވެސް ވަރަކަށް ދެކެވުނެވެ.
“ތި ބުނީ.. މިހާދު ދަނީ އަހަރެން ހޯދާށޭތަ؟ އަދި މި އުޅެނީ ރައްޓެހިވާން އެހީމަ އާނބަސް ނުބުނެވިގެން.. މިހާ އަވަހަށް ޝައްކު ކުރަން ފެށީ.” ބިސާމް ދެއްކި ވާހަކަތަކާއިމެދު އިޒްމާ ހިތްހަމައެއް ނުޖެހުނެވެ.
“ހަމަޖެހިބަލަ.. އެއީ އެހެން ބުނި އެއްޗެއް ނޫނޭ.” އިޒްމާ ހިތްހަމަނުޖެހުނުކަން އެނގުމާއިއެކު، ވާހަކައިގެ މިސްރާބު ބަދަލުކޮށްލަން ބިސާމް މަސައްކަތްކުރި އެވެ.
“ތިޔަށް ކިޔަނީ ޝައްކު ބަލި.” ވާހަކައިގެ މިސްރާބު ބަދަލުކުރަން ބިސާމް އުޅުނަސް އިޒްމާއަކަށް އެވާހަކަތައް ކަމަކު ނުދިޔަ އެވެ.
“ވަރަށް ބޮޑަށް ސޮރީ.. ރުޅި ނައިސް ބަލަ. ބުނެފީމެއްނު އެއީ އެހެން ބުނި އެއްޗެއް ނޫނޭ.” ބިސާމަށް އޭނާގެ ކުށް ވިސްނުމާއިއެކު މަޢާފަށް އެދުނެވެ.
ދުވަސްތައް މާޒީގެ ޞަފްހާތަކާއި އެކުވަމުން ދިޔައިރު، ބިސާމްގެ ހިތުގައި މިހާދާއިމެދު އުފެދުނު ޝައްކު ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދިޔަ އެވެ. ބިސާމް ޤަބޫލުކުރާ ގޮތުގައި މިހާދަކީ އިޒްމާގެ ބޭނުމުގައި އެގެއަށް ދާ މީހެކެވެ. އޭނާ އެ މަސައްކަތް ކުރާނީ ޝަހުދުގެ ރުހުން ހޯދައި އެކަމުގެ ނާޖާއިޒް ފައިދާ ނަގައި އިޒްމާއާ ގުޅުން ބަދަހި ކުރާށެވެ. ޝަހުދަކީ އިޒްމާއަށް ކިހާ މުހިންމު ކުއްޖެއްކަން މިހާދަށް ވެސް އެނގެނީ އެވެ.
ދުވަހުގެ ހަވީރު ވަގުތެވެ. މިހާދު އައީ ޝަހުދު ބުނެގެން އޭނާ ގޮވައިގެން ސައިކަލް ދުއްވާލަން ދާށެވެ. އަތިރި މައްޗަށް ގޮސްލާށެވެ. އެތަނުގައި އެހެން ކުދިން އުޅޭގޮތް ބަލާލައި އެކުދިންނާއިއެކު ކުޅެ މަޖާކޮށްލާށެވެ.
“ޝަހުދު! ކޮޓަރިއަށް ވަދޭ!” ލިބުނު ހައިރާންކަމާއިއެކު ޝަހުދަށް ބަލައިލެވުނީ މިހާދުއަށެވެ. ޝަހުދު ކޮޓަރިއަށް ވަނީ މިހާދު ވެސް އެކަމަށް އެދުމުން ނެވެ.
“ދައްކާނެ މާގިނަ ވާހަކައެއް ނެތް. މިހާދު ދެން ޝަހުދު ހޯދަން ނާންނާތި.” މިހާދު އާއި ދިމާއަށް ބަލައިލި އިޒްމާގެ ކިބައިން ފެނުނީ ހިތްހަމަނުޖެހުމެވެ.
“ކަލޭ ތީ ކުޑަކުދިންނާއި ބެހޭ މީހެއް. މީހުންގެ ކުދި ޅަދަރިންގެ ބޮލަށް އެރިގެން އޮޅުކޮށްގެން ކުޑަ ފިރިހެން ކުދިންނާއި ބެހޭ މީހެއް. ކަލޭ ދެން މިގެއަށް ނާންނާތި.” އިޒްމާގެ ވާހަކައަށް ބައެއް އިތުރުކޮށްލަމުން ވާހަކަ ދެއްކި އައިސާނިކެގެ ކިބައިން ވެސް ފެނުނީ ހިތްހަމަނުޖެހުމެވެ.
“ކަލޭ މިގެއަށް ގެނެވުނީތީ ވެސް ލަދުން ހަލާކުވާވަރު ވެއްޖެ. ދެން ވެސް އަވަހަށް މިތަނުން ދާން އުޅޭ.” އިޒްމާ އާއި އައިސާނިކެގެ ވާހަކައިގަ ބިސާމް ވެސް ބައިވެރިވި އެވެ.
މިހާދުގެ ކިބައިން ފާޅުވީ ހިތާމަ އާއި ހިތްދަތިކަމެވެ. ދެލޮލުން ފާއްދާލި ކަރުނަތައް ފޮހެލަމުން، ތިން ފަހަރު ތިން މީހުނަށް ވަކިވަކިން ބަލައިލި އެވެ. އަދި މަޑުމަޑުން ވާހަކަ ދައްކަން ފެށި އެވެ.
“އަހަރެން މި ދައްކާ ވާހަކަތައް ފަހަރެއްގަ ކަލޭމެން ޤަބޫލު ނުކޮށްފާނެ.. އެކަމު މިއީ ޙަޤީޤަތް. ޤަބޫލުކުރަން ބޭނުން ނުވިޔަސް، ޤަބޫލުކުރަން ދަތިވިޔަސް މިކަން ބަދަލެއް ނުވާނެ. އަހަރެން މީ ކާކުކަން އަހަރެން ފެނުނީމާ މިހާރު ނޭނގުނަސް.. އައިސާނިކެއަށް އަހަރެން އެނގޭނެ. އަހަރެންނަކީ ނިޒްމާ އެމީހަކާއި ކައިވެނިކުރަން ނިޒްމާގެ މަންމަ ދެކޮޅު ހެދި އަދި ނިޒްމާއަށް އަމުރުކޮށްގެން އެމީހަކާއި ދުރުކުރި އަޙްމަދު މިހާދު. އަހަރެން ޝަހުދުދެކެ ވަނީ ޙަޤީޤީ ލޯބި. ނިޒްމާދެކެ އަހަރެން ވީ ޙަޤީޤީ ލޯބި. ޝަހުދަކީ ނިޒްމާގެ ދަރިއަކަށް ވާތީ އަހަރެންގެ ހިތުން އެކުއްޖާއަށް ޚާއްސަ ޖާގައެއް ދެވުނު. އަހަރެން ކޮށްދިން ކޮންމެ ކަމެއް ކޮށްދިނީ މި ނިޔަތާއި މި ވިސްނުމުގަ. އެކަމު.. އަހަރެންނާއިމެދު ކަލޭމެން ތިޔަ ދެކުނީ ހާދަ ނުބައިކޮށޭ. ޝައްކުވަންޏާ ބަލާ. ޓެސްޓް ވެސް ހަދާ. މަގުތަކާއި ފިހާރަތަކާއި ފްލެޓްތަކުގައި އަޅުވާފައި ހުރި ކެމެރާތައް ވެސް ބަލައި ޗެކްކުރޭ. ކުރާނެ ކަމެއް ނެތް.. އެއްވެސް އިންސާނަކަށް ދެރަގޮތެއް މެދުވެރިއެއް ނުވާނެ.. ބައެއްގެ މަޖުބޫރުން ނަމަވެސް ނިޒްމާ އަހަރެންނާއި ވަކިވުން އެއީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ބޮޑު ހިތާމަ އާއި ހިތްދަތިކަން. އެދުވަހު ވެސް އަހަރެން ކެތްތެރިވިން. އަދިވެސް ވާނެ.. ކަލޭމެންގެ އެންމެ ފަހުގެ ނިންމުމަކީ ތިއީކަމަށް ވަންޏާ އަހަރެން ދެން ދުވަހަކު ވެސް ޝަހުދު ފެންނަ ހިސާބަކަށް ނާންނާނަން. އެވަރު އޯކޭތަ؟ ހިތްހަމަޖެހޭނެތަ؟” ދެ ލޮލުން އޮހޮރެމުންދިޔަ ކަރުނަތައް ފޮހެލަމުން މިހާދު ހިނގައިގަތީ އެތަނުން ނުކުންނާށެވެ. އަބަދުގެ އަބަދަށް އެގެއިން ނުކުންނާށެވެ. އެއީ ދެން ދުވަހަކު ވެސް ނާންނަ ގޮތަށެވެ.
ކަންތައް ވީގޮތް އެނގުމުން އެންމެ ބޮޑަށް ދެރަވި މީހަކީ އިޒްމާ އެވެ. ހައެއްކަ އަހަރު ކުރިން އޭނާގެ ދޮންތަ ނިޒްމާ ދެއްކި ވާހަކަތައް، މީގެ އިރުކޮޅެއް ކުރިން ދެއްކި ވާހަކަތަކެއްހެން އިޒްމާގެ ހަނދާނަށް އައެވެ.
މިހާދުއަކީ ނިޒްމާ އެންމެ ލޯބިވި އަޙްމަދު މިހާދު އެވެ. ދޮންތަ ކިޔާ ގޮތުންނަމަ އަޙްމަދު އެވެ. ނިޒްމާ ޤަބޫލުކުރާ ގޮތުގައި އޭނަދެކެ އެންމެ ލޯބިވާ މީހަކީ އަޙްމަދު އެވެ. ނިޒްމާއަކަށް އަޙްމަދަށްވުރެ ރަނގަޅު ބައިވެރިއެއް ނުލިބޭނެ އެވެ. އޭނާއާ ވަކިވާން ޖެހުމަކީ މުޅި ދިރިއުޅުމުގައި ވެސް ނިޒްމާއަށް ކުރިމަތިވި އެންމެ ބޮޑު ހިތާމަ އާއި ހިތްދަތިކަމެވެ. އެ ހިތާމަތަކާއި ހިތްދަތިކަމުން ދުވަހަކު ވެސް އޭނާއަކަށް އަރައެއް ނުގަނެވޭނެ އެވެ. ކަންތައް ވީ ވެސް އެހެނެވެ.
އިޒްމާގެ ސިކުނޑިއަށް ބާރުބޮޑުވާން ފެށި އެވެ. ފަހަރަކު ކަމެއް ފަހަރަކު ކަމެއް ފެންމަތިވަމުން އައިސް ނިޒްމާގެ މަރާއި ހަމައަށް އިޒްމާގެ ވިސްނުން ދަތުރުކުރި އެވެ.
“ކޮއްކޯ! ހަނދާން ބަހައްޓާތި.. އަހަރެންގެ ދަރިފުޅު ރަނގަޅަށް ބަލައިދޭތި. އަޙްމަދު އައިސްފިނަމަ އޭނާއަށް ސަލާމް ބުނާތި.. ދައްތައަށް މަޢާފް ކޮށްދޭން އެދޭތި.. އަހަރެންގެ ދަރިފުޅު ދައްކާތި. އަހަރެން ނެތް ދުނިޔެއެއްގައި ވެސް އަހަރެންގެ ދަރިފުޅުދެކެ އަޙްމަދު ތެދުވެރި ލޯބި ވާނެ.. އަހަރެންގެ ދަރިފުޅުގެ ބައްޕައަކަށް ވުމުގެ ނަސީބު ނުލިބުނަސް.. ބައްޕައެއްގެ ލޯބި ދޭނެ.” ގޭތެރޭގައި ތިބި މީހުން ސިއްސައިގެން ދިޔައީ އިޒްމާ ރޮއިގަތް އަޑަށެވެ. އަވަސްއަވަހަށް އެދިމާއަށް ބަލާލިއިރު އިޒްމާ ތިރިވަނީ އެވެ.
އެމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސް އިޒްމާއަށް ފަރުވާ ދެވުނެވެ. ހަދަން ޖެހުނު ޓެސްޓްތައް ވެސް ވަރަށް އަވަހަށް ހެދި އެވެ.
ނަސީބު ރަނގަޅުކަމުން އިޒްމާއަކަށް މާބޮޑު ކަމެއް ނުވެ އެވެ. ކަމަކާއި މާބޮޑަށް ވިސްނުމުން ސިކުނޑިއަށް ބާރު ބޮޑުވީ އެވެ. ރެސްޓްކޮށްލައި އެ ޚިޔާލުތަކާއި ފިކުރުތަކާއި ދުރުވެލަނިކޮށް އެކަންކަން ހަމައަކަށް އެޅިދާނެ އެވެ.
ޝަހުދުގެ ބައްޕަ މުޖާހިދު ދުނިޔޭގައި ހުރި ނަމަވެސް ނިޒްމާގެ މަރާއިއެކު ޝަހުދު ދޫކޮށްލާފައި ދިޔަގޮތަށް އޭނާއެއް ނާދެ އެވެ. އެކުއްޖާއަކަށް ޚަރަދެއް ވެސް ނުކުރެ އެވެ. ދަރިއަކު ދުނިޔޭގައި ހުރިކަން ވެސް އޭނާ ހަނދާން ހުރިހެން ވެސް ހިޔެއް ނުވެ އެވެ.
މިހާދު ގެއަށް އައުން ހުއްޓާލި ހިސާބުން ޝަހުދުގެ އުޅުމަށް ބޮޑު ބަދަލެއް އައެވެ. އެކުއްޖާގެ ކިބައިން ކުރިން ފެނުނު އުފަލާއި ހިތްހަމަޖެހުން މަޑުމަޑުން ފިލައިދިޔަ އެވެ. ތަޢުލީމަށާއި ދީނީ ކަންކަމަށް އަދި ކެއިން ބުއިމަށް ކުރިން ދިން ސަމާލުކަން ވެސް ދުވަހަކަށްވުރެ ދުވަހެއް ކުޑަވަމުން ދިޔަ އެވެ.
ޝަހުދަށް އައި ބަދަލާއިމެދު އެންމެ ބޮޑަށް ކަންބޮޑުވެ ދެރަވި މީހަކީ އިޒްމާ އެވެ. ޝަހުދު ހަމައަކަށް އަޅުވަން ކުރި މަސައްކަތް ނާކާމިޔާބުވި ހިސާބުން އިޒްމާގެ މާޔޫސްވި އެވެ. ހިތްވަރު އެލުނެވެ. މިހާދުއާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު ހިތާމަކުރެވެން ފެށި އެވެ. ދައްތަގެ އެދުން ފުރިހަމަކޮށް ނުދެވުނީތީ ވިސްނޭވަރު ގިނަވި އެވެ. ބޮޑު އިހުމާލެއް ވެވިއްޖެކަން އިޙުސާސްވި ހިސާބުން އިޒްމާގެ ސިކުނޑިއަށް ބާރު ބޮޑުވާން ފެށި އެވެ.
މިހާދުއާ ބެހޭގޮތުން ބިސާމް ދެއްކި ވާހަކަތަކުގައި އެއްވެސް ޙަޤީޤަތެއް ނެތްކަމާއި، އެކަމަކީ މިހާދުއާމެދު ހިތުގައި އުފެދުނު ހިތްހަމަނުޖެހުން އަދި އިޒްމާ އޭނާއަށް ގެއްލިދާނެތީ ބިސާމް ކުރި ކަމެއްކަން އިޒްމާއަށް އެނގުނީ ބިސާމްގެ ވަރަށް ގާތް ރައްޓެއްސެއްގެ ފަރާތުން ނެވެ. ތަކުރާރުކޮށް އިޒްމާ ދެއްކި ވާހަކަތަކަށް ދެކޮޅު ހަދައި އެކަން ދޮގުކުރަމުންދިޔަ ބިސާމް އެކަމަށް އެއްބަސްވީ ގޮތް ހުސްވި ހިސާބުން ނެވެ.
އައިސްދާނެތީ ބިސާމް ކަންބޮޑުވި ދުވަސް އައީ އެ ދުވަހު އެވެ. އެކަން އެހެންވީ އޭނާ އަމިއްލައަށް ކުރި ކަމަކުން ކަމަށް ބިސާމް އެއްބަސްވެ މަޢާފަށް އެދުނު ނަމަވެސް، އިޒްމާ ނިންމި ނިންމުން ބަދަލުކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ.
ކުއްލިއަކަށް ޝަހުދުގެ ހާލަތު ގޯސްވި އެވެ. ބޮލުގައި ރިއްސައި މެއަށް ތަދެއް އެރި އެވެ. މެއިން ދިލަ ނަގާކަމަށް ބުނެ ރޮމުން ތެޅެން ފެށި އެވެ. ފަހަރަކަށްވުރެ ފަހަރެއް ގޯސްވަމުން ގޮސް އެންމެ ގޯހަށް ދިޔަ އެވެ. ހޮސްޕިޓަލްގައި އެނދުމަތިކޮށް އެމަޖެންސީގައި ފަރުވާ ދެމުންދިޔަ ޝަހުދު އެދެމުން ދިޔައީ އޭނާގެ މަންމަ ނުވަތަ ބައްޕައާ ބައްދަލުކުރާށެވެ. އޭނާ ބޭނުންވަނީ މަރުވުމުގެ ކުރިން އެމީހުންނާއި ބައްދަލުކުރާށެވެ. އެކަން ނުވާނަމަ މިހާދު ގެނެސްދިނުމަށް ވެސް އެދުނެވެ. ބައްޕައެއްގެ ފަރާތުން ދުވަހަކު ވެސް ލޯތްބެއް ލިބިފައިނުވާ ޝަހުދަށް މިހާދުގެ ފަރާތުން ލިބުނު ލޯތްބާއި އަޅާލުން، އެހީތެރިކަމާއި ހެޔޮ ނަސޭހަތް ބައްޕައަކަށް ފުދުނެވެ. އެވަރުން އޭނާއަށް ފުދޭނެ އެވެ.
ޝަހުދު ބަލި ވާހަކަ ބުނުމާއިއެކު މިހާދު ހޮސްޕިޓަލަށް އައެވެ. ޝަހުދުއާ ބައްދަލުކޮށް ހިތްވަރާއި ނަސޭހަތް ދިނެވެ. އިޒްމާއާ ވެސް ވާހަކަ ދެއްކި އެވެ. ވެގެން އުޅޭގޮތް އޮޅުންފިލުވައި ދެން ކުރަންވީ ކޮންކަމެއްތޯ ވެސް ބެލި އެވެ.
“މިހާދު.. ވަރަށް ބޮޑަށް ސޮރީ.. އަސްލު އެހެންވީ.. ބިސާމް ނުބައި..” ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން އެނގުމުން އިޒްމާ ބޭނުންވީ މިހާދުގެ ކިބައިން މަޢާފަށް އެދޭށެވެ. އެކަން ކުރަން އުނދަގޫވި ނަމަވެސް އޭނާ ހިތްވަރުކުރި އެވެ.
“އެއީ އެވަރުގެ ކަމެއް ނޫން. އަޅާނުލާ. ކުރިމަގުގައި އެފަދަ ކަމެއް ތަކުރާރު ނުވާނެހެން ކަންތައް ކުރީމާ ރަނގަޅުވާނެ.” މިހާދުގެ ކިބައިން ފެނުނީ ހިތްހެޔޮކަމާއި އޯގާތެރިކަމެވެ. އަނެކުންނަށް ކުރާ އިޙުތިރާމާއި ޤަދަރެވެ.
ކަންތައް ވީގޮތް އެނގުމުން އައިސާނިކެ ވެސް ވަރަށް ދެރަވި އެވެ. ތަކުރާރުކޮށް އެވާހަކަތައް ދައްކައި އެތައް ފަހަރަކު މިހާދުގެ ކިބައިން މަޢާފަށް ވެސް އެދުނެވެ.
ވެދިޔަ ހުރިހާ ކަމަކަށް މިހާދު މަޢާފް ކުރުމުން އައިސާނިކެ ވަރަށް ހިތްހަމަޖެހުނެވެ. އަދި މިހާދަށް ޝުކުރު އަދާކުރި އެވެ.
ޝަހުދު އެޑްމިޓްކުރި ހިސާބުން ފެށިގެން މިހާދު ގިނަ ވަގުތު ހޭދަކުރީ ހޮސްޕިޓަލްގަ އެވެ. އޭނާގެ އެހެން ހުރިހާ ކަމަކަށްވުރެ ޝަހުދު އޭނާއަށް މުހިންމުވި އެވެ.
ޝަހުދުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސް، ފަސްވަނައަށް ވީ ދުވަހު ހޮސްޕިޓަލުން ދޫކޮށްލި އެވެ.
“މިހާދުބެ އަހަރެންދެކެ ތިހާ ލޯބިވަނީ.. މިހާދުބެ އެންމެ ލޯބިވަނީ އަހަރެން މަންމަދެކެ ވީމަ ދޯ؟ އަހަރެން ބޭނުން މިހާދުބެއާއެކު ތިގެއަށް ދާން. އަހަރެން ވެސް މިހާދުބެދެކެ ވަރަށް ލޯބިވޭ.” ހޮސްޕިޓަލުން ނުކުންނަން އައި ޝަހުދު ބަލައިލީ ކައިރީގައި ހުރި އިޒްމާއަށެވެ. އޭނާ ކައިރިން ހުއްދައަށް އެދުނު ކަހަލަ އެވެ.
“މާމަ އާއި ކާފަ ހުއްދަ ދީފިނަމަ ދެވިދާނެ. އެކަމު.. ދޮންތަ ވެސް ގެންދާ ގޮތަށް.” އިޒްމާއާ ދިމާއަށް ބަލައިލި މިހާދުގެ ކިބައިން ފެނުނީ ހައިރާންކަމެވެ. އިޒްމާ ބުނި އެއްޗެއް ނުވިސްނުނު ކަހަލަ އެވެ.
“ދާއިމީކޮށް ދަންޏާ ބައްޕަ ޤަބޫލު.” ތަންކޮޅެއް ފަހަތުން އައި މާޖިދުއަށް އިޒްމާ ބުނި އެއްޗެއް އަޑު އިވުނެވެ. އަދި ވިސްނުނެވެ.
ހުއްޓުން އަރާފައި ހުރި މިހާދު ސިއްސައިގެން ދިޔައީ އެތަނަށް އައިސް ހުއްޓުނު އައިސާނިކެ ވާހަކަ ދައްކަން ފެށުމުން ނެވެ.
އޭނާގެ ދޮގުވެރިކަމާއި މަކަރުވެރިކަން ފަޅާއެރި ހިސާބުން ގެއްލުނު ބިސާމްގެ ޚަބަރެއް ވީ މިހާދު އާއި އިޒްމާ ކައިވެނި ކުރި ދުވަހު އެވެ.
“ވަރަށް ބޮޑަށް މަޢާފަށް އެދެން. އިޒްމާ ތިޔަ ނިންމި ނިންމުން ތިއީ އިޒްމާ އާއި ޝަހުދު އަދި އިޒްމާގެ ޢާއިލާއަށް ވެސް އެންމެ ރަނގަޅު ނިންމުން ކަމުގައި ހިތުގެ އަޑިން އަހަރެން ޤަބޫލުކުރަން. އަދި އުފަލާއިއެކު މަރުހަބާ ވެސް ކިޔަން. ބާއްޖަވެރި ކައިވެންޏަކަށް އެދެން. ޝުކުރިއްޔާ!” ބިސާމް ފޮނުވި މެސެޖް، މިހާދަށް އަޑު އިވޭވަރަށް އިޒްމާ ކިޔާލުމާއިއެކު އޭނާއާ ދިމާއަށް މިހާދު ބަލައިލި އެވެ.
ލޯތްބާއި އޯގާތެރިކަމާއިއެކު އިޒްމާގެ ބޮލުގައި ފިރުމާލަމުން ނިތްކުރީގައި ބޮސްދިނެވެ.
“އެބުނި މީހުންގެ އިތުރުން އަހަރެންނަށް ވެސް އެންމެ ރަނގަޅު ނިންމުން.” އެކަމަށް އެއްބަސްވެ އާނއެކޭ ބުނަމުން މިހާދުގެ ގައިގާ އިޒްމާ ބައްދައިލި އެވެ.
(ނިމުނީ)
