ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ވޭނުގާ – ބާވީސްވަނަ ބައި
މުނިއަވަސް ގްރެފިކްސް

“އޭތް! ކަލޭ މޮޔަވީތަ؟ ހަމަ މިހާރު ޔަޒީދާ ގެއަށް ގެނޭ. އެހެން ނޫނީ ހުރިތަނެއް ބުނޭ.. ޕޮލިހުން މެދުވެރިކޮށްގެން ކަލޭ ހޯދަން ވެއްޖެނަމަ ނަތީޖާ މާކަ ރަނގަޅެއް ނުވާނެ. ތިޔަ ކަހަލަ ހަޔާތްކުޑަ ކާޅަކަށް މަ ދޭނެ ވަލީއެއް ވެސް އެހެން އެއްޗެއް ވެސް ނޯންނާނެ. ކަލޭ ފެންވަރު އޮޅިގެން ނޫޅެއްޗޭ. ތިޔަ ކަހަލަ މީހުންނާއި ކުރިމަތިލާނެގޮތް ވަރަށް ރަނގަޅަށް އަހަރެންނަށް އެނގޭ. އަހަރެންގެ ވިސްނުން ބަދަލުވުމުގެ ކުރިން ކަލޭ ސަލާމަތްވޭ. އެހެން ނޫނީ ނަތީޖާ ވަރަށް ހިތިވާނެ.” ފާއިދުގެ ރުޅިގަނޑު ފަޅައިގެންދިޔަ އެވެ.

“ވާއޮ.. ހާދަ ސަޅި ތަޤުރީރެއް ތި ވައްޓާލީ. އަހަރެންގެ ނުބައިކަން ދައްކާލައިފިއްޔާ ފެންނަ މަންޒަރު މާ ހަޑިވާނެ. ބަލާލަން ކެރޭނެތަ؟ ބަލާލަން ބޭނުންތަ؟ ހިތަށް ކެތްވާނެތަ؟ ހިތްވަރުކޮށްލާ ދެތިން ސިކުންތު ވާނީ.” ކުއްލިއަކަށް ނިފާރު ފޯނުކަނޑާލި އެވެ. ފާއިދުގެ ސިކުނޑިއަށް ބާރު ބޮޑުވި އެވެ.

ނިފާރާއި ގުޅޭތޯ މަސައްކަތް ކުރަމުންދިޔަ ފާއިދު ސިއްސައިގެން ދިޔައީ ރޮއިގަންނަމުން ސިލްވިޔާ ހަޅޭލަވައިގަތް އަޑަށެވެ. ލިބުނު ހާސްކަމާއި ނުތަނަވަސްކަމާއިއެކު ސުވާލުތަކުން މީހާ ބައްދާލި އެވެ. ފާއިދު އެދިމާއަށް ދުއްވައިގަތްއިރު ދެން ތިބި ތިން މީހުން ވެސް އަވަސްއަވަހަށް ސިލްވިޔާއާ ގާތަށް ޖެހިލި އެވެ. ވެގެން އުޅޭގޮތެއް ސާފުކުރުމަށް އެންމެން ވެސް ބޭނުންވި އެވެ.

ފޯނުން ސިލްވިޔާ ދައްކާލި ވީޑިއޯއާއިއެކު ފާއިދަށް ހަޅޭއްލަވައިގަނެވުނެވެ. އަރައިގެން ރުޅިއެއްގެ ސަބަބުން ކިޔުނު އެއްޗެއް ވެސް ނޭނގުނެވެ. ހެއްދެވި ނުހެއްދެވިއަށް ނިފާރަށް ގޮވާލިއިރު ހުރެވުނު ތަންވެސް ނޭނގެ އެވެ. އެކަން ކުރީ ނިފާރުކަން އޭނާއަށް ޔަގީންވާ ކަހަލަ އެވެ.

އެތައް މިލިއަން ޑޮލަރެއްގެ އަގުހުރި ހޮޓާ އަނދައިގެން ދާން ނެގީ ކުޑަ ވަގުތުކޮޅެކެވެ. ބޭނުން ނުކުރެވޭވަރަށް އިމާރާތް ހަލާކުވިއިރު މުވައްޒަފުންތަކެއް އަނދައި މަރުވި އެވެ. ޚިދުމަތް ހޯދުމަށް ގޮސް ތިބި ބައެއް މީހުން އޭރު ނުފެނެއެވެ. ތަނުގައި ހުރި ތަކެއްޗާއި ކަމާއި ގުޅުންހުރި ފަރާތްތަކުން ގެނައި ތަކެތީގެ އެހީގައި އަލިފާންގަނޑު ނިއްވާލެވުނު ނަމަވެސް އުފަލެއް ނެތެވެ.

ނިފާރު ގުޅި ނަންބަރަށް މިހާރު ނުގުޅެ އެވެ. ކުރިން ވެސް ކަންތައް ކުރިހެން އޭނާގެ ބޭނުން ނިމުމާއިއެކު އެ ނަންބަރު ނިވާލި އެވެ. ދެން ގުޅާނަމަ ގުޅާނީ އެހެން ނަންބަރަކުންކަން ފާއިދަށް ޔަގީނެވެ.

ފެނުނު މަންޒަރުގެ ސަބަބުން ސިލްވިޔާއަކަށް އިތުރަކަށް ކެތެއް ނުވި އެވެ. ކުއްލިއަކަށް ރުއިމުގެ އަޑު ކެނޑުނު ސިލްވިޔާ ތަޅުން މައްޗަށް ވެއްޓުނީ ޚަބަރު ހުސްވެގެން ނެވެ.

ހިތާމައިގެ ތޫފާނެއް ލައްވާލި ކަހަލަ އެވެ. އެއް ހިތާމައިން ސަލާމަތް ނުވެވިގެން އުޅެނިކޮށް އެއަށްވުރެ ބޮޑު ހިތާމައެއް ކުރިމަތިވީ އެވެ. އެކަމުގެ ތެރެއިން ވެސް ހިތާމައެއް ކުރިމަތިވީ އެވެ. ހަދާނެގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިފައިވާ ފަދައަކުން ހުރި ފާއިދު މަސައްކަތްކުރަމުން ދިޔައީ ކޮންމެވެސް މީހަކާ ގުޅޭތޯ އެވެ. އެއް ނަންބަރުން ފޯނު ނުނެގުމުން އަނެއް ނަންބަރަށް ގުޅައެވެ. އެ ނަންބަރުން ނުނަގައިފި ނަމަ އެހެން ނަންބަރަކަށް ގުޅައެވެ.

މިވެސް ކިޔާލަން:  ރިހި ރާސްތާ - ފަހު ޗެޕްޓަރ

ސިލްވިޔާ ނަގައި ސޯފާގައި ބޭއްވުމަށްފަހު އޭނާ ހޭއެރުވޭތޯ ސުނޭހާ އާއި ނާއިމް މަސައްކަތް ފެށި އެވެ. ރޯލަރޯލާ އިން ރާނިޔާ މަސައްކަތްކުރަމުން ދިޔައީ ޔަޒީދާއާ ގުޅޭތޯ އެވެ.

ޕޮލިހުންނާއި ގުޅައި ހުރިހާ ވާހަކައެއް ދައްކާނެކަމަށް ބުނަމުން ފާއިދު އުޅުނީ އެކަން ކުރާށެވެ.

ހޭއެރުމާއިއެކު ސިލްވިޔާ ބޭނުންވީ މިހާރުން މިހާރަށް ޤައުމަށް ދާށެވެ. ހިނގައިގެން އުޅޭ ހިތާމަވެރި، ބޮޑު ހާދިސާގެ ސަބަބުން އެންމެ ސިކުންތަކު ވެސް ދުރުގައި ހުންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ދެވެން ނެތަތީވެ ފާއިދު މަޑުކުރިޔަސް ސިލްވިޔާގެ ޝަކުވާއެއް ނެތެވެ. މިކޮޅުން ހަމަޖައްސަންޖެހޭ ކަންކަން ހަމަޖެހުމުން ފާއިދަށް ދެވިދާނެ އެވެ.

މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަން ކުރުމާއިގެން ކަމާއިބެހޭ ފަރާތްތަކުން އުޅެމުން ދިޔައިރު، ތަނުގެ މުވައްޒަފުންނާއި ހެޔޮއެދޭ ފަރާތްތަކުން އެކަމުގައި ބައިވެރިވެ އެހީތެރިކަމާއި އެއްބާރުލުން ދެމުންދިޔަ އެވެ.

ޔަޒީދާގެ ޚަބަރެއް ނުވުމުން ނާއިމު ބޭރަށް ނުކުތެވެ. ބައެއް ރައްޓެހިންނަށް ފޯނުކޮށް ވެގެން އުޅޭގޮތް ކިޔައިދީ އެހީތެރިކަމަށް އެދުނެވެ. ނިފާރާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ވެސް ބަލަމުންދިޔަ އެވެ.

ނިފާރު ރާއްޖޭން ބޭރަށް ދިޔަގޮތަށް އަދި ނާންނަކަމަށް ސިޔާހް ބުނި ނަމަވެސް ނާއިމަކަށް އެވާހަކައެއް ޤަބޫލެއް ނުކުރެވުނެވެ. ސިޔާހަށް އަދި ނޭނގެނީއޭ ވެސް ބުންޏެވެ.

ދިމާވެގެން އުޅޭ ހާލަތަށް ބަލާއިރު ސިލްވިޔާ އެތަނުގައި ހުރުމުގެ މުހިންމުކަން ފާއިދަށް ވެސް ވިސްނުނެވެ. ސިލްވިޔާ ބޭނުންވި ފަދައިން ވީ އެންމެ އަވަހަކަށް ސިލްވިޔާއަށް ފުރޭނެގޮތެއް ހަމަޖެއްސުމަށް ފާއިދު އަވަސްވެގަތެވެ. ގުޅަންޖެހޭ ތަންތަނަށް ގުޅުމާއި ފުރަން ޖެހޭ ފޯމުތައް ފުރުންފަދަ ކަންކަމުގައި ސުނޭހާ ވެސް ބައިވެރިވި އެވެ.

ސިލްވިޔާގެ ނަސީބު ކިތަންމެހާ ވެސް ރަނގަޅެވެ. ފަތިހު ފުރާ ފުލައިޓުން އޭނާއަށް ޖާގަ ހަމަޖެހުނެވެ.

ހޮޓެލްގެ ކަންތައްތައް ވަމުންދާ ގޮތް ވަގުތުން ވަގުތަށް ބަލަމުންދިޔަ ނަމަވެސް ޔަޒީދާގެ ޚަބަރެއް ލިބޭތޯ ވެސް ފާއިދު މަސައްކަތް ކުރަމުންދިޔަ އެވެ. މަތިމައްޗަށް ކުރިމަތިވަމުންދިޔަ ހިތާމަތަކަށްވުރެ ބޮޑު އިސްކަމެއް ފާއިދަށް ދެވިފައިވަނީ ނިފާރުދެކެ އައިސްފައިވާ ރުޅިއަށެވެ. އެ ހުރިހާކަމެއް ވެސް ދިމާވީ އޭނާގެ ސަބަބުން ކަމުގައި ފާއިދުގެ ހިތް ބުނަމުންދިޔަ އެވެ.

ފަތިސްވާން ކައިރިވީއިރު ވެސް ޔަޒީދާގެ ޚަބަރެއް ނުވުމުން ނާއިމް ކަންބޮޑުވާން ފެށި އެވެ. ހާސްކަމާއި ނުތަނަވަސްކަން ހިތަށް ވެރިވަމުން ދިޔައިރު ނިފާރުދެކެ ރުޅި ވެސް އާދެވުނެވެ. ޔަޒީދާއަށް ކުޑަ ވެސް ގެއްލުމެއް ލިބިއްޖެނަމަ ދުވަހަކު ވެސް ނިފާރު ހަނދާން ނުނެތޭފަދަ ފިލާވަޅެއް ދޭނެ ކަމަށް ބުނަން ވެސް ފެށި އެވެ.

ސިލްވިޔާ ފުރުވާލާފައި ފާއިދު ގެއަށް އައިއިރު ވެސް ޔަޒީދާގެ ޚަބަރެއް ނުވެ އެވެ.

ފާއިދާއިއެކު ކަހަލަ ގޮތަކަށް އައިސް ގެއަށް ވަތް ޕޮލިހުން އައީ އޭނާ ކުރި ރިޕޯޓާއި ގުޅިގެން މަޢުލޫމާތު ސާފުކުރަންކަން ފާއިދަށް ޔަގީނެވެ. ފާއިދާއި އެގޭގައި ދިރިއުޅެމުންދާ އެހެން މީހުންގެ ފަރާތުން ހޯދަންޖެހޭ މަޢުލޫމާތު ހޯދައި ސާފުކުރުމަށްފަހު އެގޭގެ ބައެއް ތަންތަން ބަލާލަން ވެސް ޕޮލިހުން ބޭނުންވި އެވެ. ޔަޒީދާ ދިރިއުޅެމުންދާ ކޮޓަރި އާއި އެ ކޮޓަރިއާ ގުޅިފައިވާ އެހެން ތަންތަނުގެ އިތުރުން ފާއިދު ދިރިއުޅެމުންދާ ކޮޓަރި ވެސް ބަލަން ޕޮލިހުން ބޭނުންވި އެވެ.

މިވެސް ކިޔާލަން:  އޭނާ - އަށްވަނަ ބައި

ފާއިދު ދިރިއުޅެމުންދާ ކޮޓަރިއަކީ އެއްވެސް އިރެއްގައި އޭނާއާ ސިލްވިޔާ ނޫން މީހަކު ވަދެއުޅޭ ތަނެއް ނޫނެވެ. އެތަނުގެ ތަޅުދަނޑި އެއްވެސް އިރެއްގައި ފާއިދު ނޫން މީހަކު އަތަކު ނޯންނާނެ އެވެ. ރާއްޖޭގައި އޭނާ ނޫޅުނަސް އެކަން އޮންނަނީ އެހެނެވެ. ރާއްޖެ އަންނަ ކޮންމެ ފަހަރަކު ދޭތެރެއަކުން އޭނާ އާއި ސިލްވިޔާ އެކޮޓަރިއަށް ވަދެ އުޅުނަސް އެހެން މީހަކު އެތަނަކަށް ނުވަދެ އެވެ. އެ ދެމަފިރިން ވެސް ވަރަށް މަދުން ނޫނީ އެތަނުގައި މަޑެއް ނުކުރެއެވެ.

އެ ކޮޓަރިއަށް ޕޮލިހުން ވަންނަން އެދުމުން ފާއިދަށް ވީގޮތް ޕޮލިހުންގެ އިތުރުން ސުނޭހާއަށާއި ނާއިމަށް ވެސް ފާހަގަވި އެވެ. މީގެ ކުރިން ދުވަހަކު ވެސް އަޑުއިވިފައި ނުވާ އެވާހަކަތަކުގެ ސަބަބުން ސުނޭހާއަށް ލިބުނީ ހައިރާންކަމެވެ.

ޕޮލިހުންނާއިއެކު ފާއިދު ވެސް އެކޮޓަރިއަށް ވަނެވެ. ކޮޓަރިތެރެ ބަލައި ފާސްކުރުމަށްފަހު ޕޮލިހުން ކޮޓަރިން ނުކުންނަން ހިނގައިގަތް ވަގުތު ފާއިދުގެ މޫނުމަތިން ފާޅުވި އުފަލާއި ހިތްހަމަޖެހުން ޕޮލިހުންނަށް ފާހަގަވި ނަމަވެސް ފާއިދަކަށް އެކަމެއް ނޭނގެ އެވެ.

ފޯނުން ވާހަކަތަކެއް ދެއްކުމަށްފަހު ފާއިދާއި ދިމާއަށް އެނބުރުނު ޕޮލިސް މީހާ އެދުނު އެދުން އަޑުއިވިފައި ފާއިދުގެ ހަރަކާތް ހުއްޓުނެވެ. ހިއްސުތައް ކެނޑި މީހާ ގަނޑުވި ކަހަލަ އެވެ. ބުނާނެ އެއްޗެއް ކުރާނެ ހަރަކާތެއް ނޭނގި ހުއްޓުން އަރާފައި އެތައް އިރަކު ހުއްޓެވެ.

ޕޮލިހުންގެ އިތުރު ދެ ބޭކަލަކު ވެސް އައިސް ކޮޓަރިއަށް ވަނީ އެވަގުތު އެވެ.

ފާރުގައި ޖައްސާ ފިއްތާފައި ހުރި އަލަމާރި ދުރަށް ޖައްސާލުމާއިއެކު ފެނުނީ ފާރުގައި ހަރުކޮށްފައި ހުރި ބޮޑު ފޮޓޯއެކެވެ. ދުވަސްވެ ބާވެފައިވާ އެ ފޮޓޯއިން ފެންނަން ހުރީ ޔަގީނުން ވެސް ފާއިދެއް ނޫނެވެ. އޭނާއާ ވައްތަރު ގޮތެއް ވެސް ނެތެވެ.

ފެނުނު މަންޒަރާއިއެކު ފާއިދުގެ މޫނުމަތީގެ ކުލަވަރު އެއްކޮށް ބަދަލުވެގެންދިޔަ އެވެ. ހާސްކަމާއި ނުތަނަވަސްކަން މީހާ ވަށާލި އެވެ. ނޭވާ ކުރުވެ މާނޭވާ ލެވޭ ކަހަލަ ގޮތްތަކެއް ވާން ފެށި އެވެ. ކޮށްފައިވާ އެއާރކޯނުން ލިބެމުންދާ ފިނިކަމުގެ އަސަރެއް ނުކުރި އެވެ. ދާހިއްލައި މުޅި މީހާ ތުރުތުރުއަޅާން ފެށި އެވެ.

ފޮޓޯގަނޑު ދުރަށް ޖައްސާލުމާއިއެކު ފެނުނީ ކުޑަދޮރެއް ކަހަލަ ތަނެކެވެ. ހުޅުވާލަމުން އެތެރެއަށް އަލިކޮށްލިއިރު ކުޑަވަރެއްގެ އޮފީހެއް ކަހަލަ ތަނެކެވެ. މޭޒަކާއި ގޮނޑިއެއްގެ އިތުރުން ފޮތް ހަރުގަނޑެއް ވެސް ހުއްޓެވެ. މޭޒުމަތީގައި ލެޕްޓޮޕަކާއި ލިޔެކިޔުމަށް ބޭނުންކުރާ އެހެން ކަހަލަ ބައެއް ސާމާނު ވެސް ހުއްޓެވެ.

މިވެސް ކިޔާލަން:  ރިހި ހުވަފެން - ޗެޕްޓަރ 2

“މީހެއް.. މީހެއް. ބަނދެފަ އޮތް މީހެއް.” އެތަނަށް ވަންނަން މަސައްކަތްކުރި މީހާ ކުއްލިއަކަށް ފަހަތަށް ޖެހިލަމުން ގޮވައިލި އެވެ.

“ނިފާރު ފޮރުވައިގެން ބުލެކްމެއިލް ކޮށްގެން ގެންގުޅޭ ކަމަށް ފާއިދު ރިޕޯޓްކުރި ޔަޒީދާ. މިއީ ބޮޑު މަކަރުވެރިއެއް.. އަނިޔާވެރިއެއް. މިހާރުން މިހާރަށް މީނާ ހައްޔަރުކުރޭ.” ކުޑަދޮރާއި ކައިރިއަށް ޖެހިލަމުން އެތެރެއަށް ނަޒަރު ހިންގާލި ގިޔާސް ކުރީ އަމުރެވެ. އޭނާއަކީ އެތަނުގައި ހުރި އެންމެ އިސްމީހާ އެވެ.

ޕޮލިހުންގެ ދެ ބޭކަލަކު އެތަނަށް ވަދެ ޔަޒީދާ ކޮޅަށް ނެގި އެވެ. ތަޅުމުގައި ރަނގަޅަށް ފައި ޖެހުމާއިއެކު ތެޅިގަންނަމުން އޭނާ މަސައްކަތް ކުރީ ސަލާމަތްވާށެވެ. މޫނުމައްޗާއި އަނގައާއިއެކު އައްސާފައިވާ ފޮތިގަނޑު މޮހާލުމާއިއެކު ރޮއިގަތެވެ. ސަލާމަތްކޮށްދޭށޭ ބުނަމުން އާދޭސްކުރި އެވެ. ގައިގާ މާބޮޑު ވަރެއް ނެތެވެ. ދެއަތް މޮހާލަމުން އޭނާ ބޭރަށް ނެރުމާއިއެކު ރާނިޔާމެނަށް ފެނިއްޖެ އެވެ.

ފެނުނު މަންޒަރުން ލިބުނު ހައިރާންކަމާއިއެކު ހުއްޓުން އަރާފައި ހުރި ނާއިމް ސިއްސައިގެން ދިޔައީ ރާނިޔާ ރޮމުންރޮމުން ދުއްވައިގަތް އަޑަށެވެ.

ޕޮލިހުންގެ އެހީތެރިކަމާއިއެކު ޔަޒީދާ ހޮސްޕިޓަލަށް ގެންދިޔައިރު ރާނިޔާ އެދުނު ފަދައިން އޭނާ ވެސް ގެންގޮސްދިނެވެ. ނާއިމާއި ސުނޭހާ ވެސް ސައިކަލުގައި ހޮސްޕިޓަލަށް ދިޔަ އެވެ.

“ތީ.. ތީ މަ ކުރި ކަމެއް ނޫން. ސިލްވިޔާ ކުރި ކަމެއް.. އޭނާ ފުރައިފި. އޭނާ ފިލައިފި.. އޭނާ ހައްޔަރުކުރޭ.” ފާއިދު އަވަސްވެގަތީ އޭނާގެ ސަލާމަތް ހޯދާށެވެ. އޭނާގެ ކުށެއް ނެތްކަން ދައްކައި ހުރިހާ ކަމެއް ސިލްވިޔާގެ ބޮލުގައި އަޅުވާށެވެ.

ފާއިދުގެ ވާހަކަތަކަށްވުރެ ބޮޑަށް ޕޮލިހުން އިސްކަންދިނީ އެތަން ޗެކު ކުރާށެވެ.

“އާދޭސްކޮށްފައި ބުނަން އަހަރެން ދޫކޮށްލާ. ތިއީކީ އަހަރެންނަކާއި އެއްވެސް ގުޅުމެއް ހުރި ކަމެއް ނޫން. އަހަރެން ކީއްކުރަން އަހަރެންގެ ހުރި ހަމައެކަނި އަންހެން ދަރިފުޅަށް އެވަރުގެ އަނިޔާއެއް ދޭންވީ. އޭނާ ގެއްލިގެން މިވަރުން އުޅެންވީ އެއްވެސް ސަބަބެއް އެބައޮތްތަ؟ މިއުޅެނީ ކުރާނެކަމެއް ނެތިގެންތަ؟ އެތައް މިލިޔަން ރުފިޔާ ޚަރަދުކޮށްގެން އަހަރެން ފެށި ވިޔަފާރި އަނދައި އަޅިއަށް ވެގެން ދިޔަތާ އަދި މި އުޅެނީ ފަސްގަޑިއިރު ނުވެގެން. އެތައް ބަޔަކު އަނދާ އަޅިއަށް ވެއްޖެ. އެތައް ބަޔަކު ގެއްލިއްޖެ. އެ ކަންކަމުން އަހަރެން އަރައިގަންނާނީ ކިހިނެއް؟ އެ ޢާއިލާތަކަށް އަހަރެން ބަދަލުދޭނީ ކިހިނެއް؟ މި ހިތާމަތަކާއި ދަރަނިތަކުން ދުވަހަކު ކޮޅުން ވެސް އަހަރެން ސަލާމަތްވާނެތަ؟ ކާކު އަހަރެންނަށް އެހީވާނީ؟ ކާކު އެހާ ބައިވަރު ފައިސާ އަހަރެންނަށް ދޭނީ؟ އެކަމާ އަހަރެން ކުރާނެ ހިތާމަ ކަލޭމެނަށް އިޙުސާސްވޭތަ؟ މިފަދަ ހާލެއްގަ އަހަރެން ހުއްޓާ އަނެއްކާ އަނެއް ކަމެއް ބޮލުގައި އަޅުވަން ހެޔޮވާނެތަ؟ އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ ހާލަތާއިމެދު ވިސްނާލަބަލަ. އަހަރެންނަށް ހަމްދަރުދީވެބަލަ. ކަލޭމެންގެ ހިތަށް އެއްޗެއް ނާރާތަ؟ ނިކަން ވިސްނާލަބަލަ.” ފާއިދު ފެށީ ރޯށެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top