” ޝަމާއިލް ދެކެ ދަނީން ވަރަށް ލޯބިވޭ …. ” ސަމްރާ ބަލައިލީ ޝަމާއިލްގެ މޫނަށެވެ. އެޖުމްލައާއެކު އެ މޫނަށް ވާގޮތް ބެލުން އޭނާއަށް މުހިންމުވިއެވެ. އެކަށީގެންވާ ޖަވާބެއް އޭނާގެ މޫނުމަތިން ވެސް ފެނިދާނެއޭ ސަމްރާގެ ހިތް ބުންޏެވެ.

” ހީހި … ހާދަ ސަޅި މަލާމާތެއް. ތީތި އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ. އެހެން ވާހަކައެއް ދައްކަންވީނު. ” ޝަމާއިލްގެ މޫނުމަތިން ފާޅުވި ކުލަވަރު ސަމްރާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ޝަމާއިލް ރުޅި ނާންނަކަން އޭނާއަށް ޔަގީންވިއެވެ.

” ޝަމާއިލަށް ގަބޫލު ނުކުރެވުނަސް އަހަރެންނަށް ޔަގީން އޭނަ ޝަމާއިލް ދެކެ ލޯބިވާކަން. ” ސަމްރާ މަސައްކަތްކުރީ ޝަމާއިލަށް ވިސްނައިދޭން ކަންނޭންގެއެވެ.

” އެއަށްވުރެ ބޮޑަށް ސަމްރާ ދެކެ އަހަރެން ލޯބިވޭ … އެވަރު ކީއްވެ ޔަގީން ނުވީ؟ ” ޝަމާއިލްގެ ސުވާލުން ސަމްރާއަށް ލިބުނީ ހައިރާންކަމެވެ. އެވާހަކަ ގަބޫލުކުރާކަށް ފަސޭހައެއް ނުވިއެވެ. ސަމާސާއެއް ނަމަ އެސަމާސާ ކަމަކު ނުދިޔައެވެ. ހުއްޓުން އަރާފައި ހުރެވުނީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

” ފަހުން ޖަވާބެއް ދިނަސް އޯކޭ …. އިންތިޒާރު ކުރާނަން. ” ހުއްޓުންއަރާފައި ހުރި ސަމްރާއަށް ބަލައިލަމުން ޝަމާއިލް ހިނގައިގަތެވެ. ކުއްލިއަކަށް ޖަވާބު ދޭން ޖެހުމުން ސަމްރާއަށް ފަސޭހަ ނުވާނެކަން އޭނާއަށް އެނގެއެވެ.

” އަހަރެން …. ވެސް … ވަރަށް … ލޯބިވޭ. ” ޝަމާއިލާއި ދުރަށް ސަމްރާ ދުއްވައިގަތެވެ. ޝަމާއިލާއި ހަތަރުކަޅި ހަމަކުރާނެ ހިތްވަރެއް އޭނާއަކަށް ނުލިބުނެވެ. ދެލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚުތިޔާރަކާއި ނުލައެވެ.

ޝަމާއިލް ދިން ޖަވާބު ހޯދަން ސަމްރާމެން ގެއަށް ދަނީން ދިޔައެވެ.

ޝަމާއިލްގެ ހިތުން ދަނީނަށް އޭރު ދެވުނު ޖާގަ މިހާރު ނެތް ވާހަކަ ބުނުމުން ދަނީން ވަރަށް ދެރަވިއެވެ. އިތުރަށް އެވާހަކަ ދެއްކުމުގެ ބޭނުމެއް ނެތްކަމާއި އެކަން ދުވަހަކު ވެސް ވާނެހެން ހީނުވާ ވާހަކަ ވެސް ސަމްރާ ބުންޏެވެ. އެކަމާއި ގުޅުންހުރި އެހެން ވެސް އެތައް ވާހަކައެއް ދެއްކިއެވެ.

ޝަމާއިލް އޭނާއަށް ދިން ދަޢުވަތުގެ ވާހަކަ އާއި އެދަޢުވަތު އޭނާ ގަބޫލުކުރި ވާހަކަ ސަމްރާ ނުދައްކައެވެ. އެވާހަކަ ދެއްކުން އޭނާއަށް މުހިންމެއް ވެސް ނުވިއެވެ.

ސަމްރާ ދެއްކި ވާހަކަތައް އަޑުއިވުމުން ދަނީން ވަރަށް ދެރަވިއެވެ. ދެވަނަ ފަހަރަށް ނުފޮނުވާން ބުނި ނަމަވެސް ދެވަނަ ފަހަރަށް ވެސް އެހީތެރިކަމަށް އެދުނެވެ. ސަމްރާ ނޫން މީހަކަށް އެކަމެއް ނުވާނެއެވެ. އެކަމަށްޓަކައި އަގެއް ދޭން ޖެހޭނަމަ އެކަން ކުރަން ވެސް ދަނީން ތައްޔާރެވެ. ބޭނުންވަނީ ޝަމާއިލްގެ ލޯތްބާއި އަޅާލުމެވެ. އޯގާތެރި ފިރުމުންތަކާއި ލޯބިވެތި ބަސްތަކެވެ.

ދަނީންގާތު ސަމްރާ ދެއްކި ވާހަކަތައް ހަނދާން ކޮށްދިނުމުން ދަނީން ހިތްހަމަ ނުޖެހުނެވެ. އެހީތެރިވާން ބޭނުން ނޫނިއްޔާއި ފާޅުގައި އެހެން ބުނުމަށް ބުންޏެވެ. ސަމްރާ އެހީ ނުވެއްޖެނަމަ އޭނާ އަމިއްލައަށް ގޮސް ދާނެކަމަށް ވެސް ބުންޏެވެ.

ބޭނުންވި ދަޢުވަތު ލިބުމުން ސަމްރާ ހުރީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ. ޝުކުރު ދަންނަވަން ޖެހޭ ފަރާތަށް ޝުކުރު ދެންނެވުމަށް އޭނާ އަވަސްވިއެވެ. އެގުޅުން އަބަދުގެ އަބަދަށް އުފަލުގައި ލަހައްޓަވާތޯ ދުޢާ ވެސް ކުރިއެވެ.

” ހާދަ ތަފާތު ރެއެކޭ. ދަރިފުޅު ވަރަށް އުފާވެފަ ހުރިހެން މަންމައަށް ހީވަނީ. ” ސަމްރާގެ މޫނުމަތިންނާއި ހަރަކާތްތަކުން ފެންނަމުންދިޔަ އުފަލާއި ހިތްހަމަ ޖެހުން އޭނާގެ މަންމަ އާއިދާގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. ހީވާ ހީވުން ޔަގީން ކޮށްލަން ބޭނުން ވިއެވެ.

” ވަރަށްބޮޑު ސިއްރެއް އެބައޮތް … އެކަމު … މަންމަ ވެސް އެހެން މީހެއް ކައިރީ ބުނެގެން ނުވާނެ. ހިތްހަމަ ނުޖެހެންޏާ ވެސް ރީތިކޮށް ބުނާތި. ކެތް ކުރާނަން. ” އެވާހަކަ ދައްކަން ސަމްރާ ޖެހިލުންވިއެވެ.

” ތިހާބޮޑު ސިއްރެއް ހާދަ ބޮޑު ވާހަކައަކަށް ވާނެއޭ … ދަރިފުޅު މަންމައަށް އިތުބާރު ނުކުރަންޏާ ތިއީ ބޮޑު މައްސަލައެއްނު. މިހާ ދުވަހު އޮތް ގާތް ގުޅުމުގެ ބޭނުމެއް ކޮބާ؟ ” ލޯތްބާއި އޯގާތެރިކަމާއިއެކު ސަމްރާގެ ބޮލުގައި ފިރުމާލަމުން އާއިދާ ދައްކައިދިނީ އެދެމެދުގައި އޮތް ގާތްކަމެވެ. ދަރިފުޅާއި މައިމީހާގެ މެދުގައި އޮތް ލޯތްބާއި ކުލުނެވެ.

” ޝަމާއިލް އަހަރެންނަށް …. ލޯބި … ހުށަހަޅައިފި … އަހަރެންނަށް ޝަމާއިލް ވަރަށް ކަމުދޭ. ” ގަތް ލަދާއިއެކު ސަމްރާ އިސްޖަހާލިއެވެ. މަންމައަށް މޫނު ނުދައްކަން އުޅުނު ކަހަލައެވެ.

” އަލްހަމްދުލިﷲ ޝުކުރު. މަންމަ ވަރަށް އުފާވެއްޖެ. ތިއީ ދަރިފުޅުގެ ނަސީބު. ” ސަމްރާ ގެނެސް މޭގައި ލައްކޮށްލަމުން އާއިދާ ހާމާކުރީ އޭނާގެ ހިތުގައި އޮތް ގޮތެވެ. ސަމްރާގެ ހިތް އުފަލުން ފުރުނެވެ. ހާސްހާސްފަށުން އާއިދާއަށް ޝުކުރުއަދާކުރިއެވެ.

ދަނީންގެ އުޅުމަށް އަނެއްކާ ވެސް ބަދަލުތަކެއް އަންނަން ފެށިއެވެ. އެކަނި މާއެކަނި ކޮޓަރީގައި ހޭދަކުރާ ވަގުތު މަޑުމަޑުން އިތުރުވަމުން ދިޔައިރު ކިޔެވުމަށް ދިން ސަމާލުކަން ކުޑަވިއެވެ. ބޭރަށް ނުކުތަސް އާންމުކޮށް އުޅެނީ އެކަންޏެވެ. އެކަނިމާއެކަނި އަތިރިމަތީގައި ކިތަންމެ އިރަކު ވެސް އިނދެދާނެއެވެ. މީހަކު ބަލައި ނުގޮސްފިއްޔާ އިރުއޮއްސޭ ފަހުން ވެސް ގެއަށް އައިސްދާނެއެވެ.

އޭލެވެލް އިމްތިހާނުގައި ހޯދަން އެންމެ ބޭނުންވި ނަތީޖާ ނުލިބުނު ނަމަވެސް، ލިބުނު ނަތީޖާއާމެދު ދަނީން ހުރީ ހިތްހަމަ ޖެހިފައެވެ. އެކަމާއި ބެހޭގޮތުން އޭނާގެ މައިންބަފައިން ވާހަކައެއް ނުދައްކައެވެ. ވާހަކަ ދައްކާކަށް އެމީހުނަކަށް ވަގުތެއް ވެސް ނުވެއެވެ. އެމީހުން ބެލީ އެމީހުންގެ މަސައްކަތްތަކާއިގެން ކުރިޔަށް ދެވޭތޯއެވެ.

އޮއްސެމުންދިޔަ އިރާއިއެކު ރަށުތެރެއަށް އަނދިރިކަން ވެރިވާން ފެށިއެވެ. މަގުތަކާއި އާންމު މައިދާންތަކުން މީހުން މަދުވަމުން ހަމަހިމޭންކަން ވެރިވަމުން ދިޔައެވެ.

ދެކުނުފަރާތު އަތިރިމަތީގައި ހައްދާފައިވާ ދިއްގާ ގަސްތަކުން ގަހެއްގެ މޫގަނޑު މަތީގައި އިށީންދެލައިގެން ދަނީން އިނެވެ. އޮއްސެމުންދިޔަ އިރާއިއެކު ވެރިވަމުންދިޔަ އަނދިރިކަމުގެ ހިލަމެއް ވެސް އޭނާއަށް ނުވާ ކަހަލައެވެ. އެކަނި މާއެކަނި އެތަނުގައި އިށީންދެލައިގެން އިންއިރު އޭނާގެ ޚިޔާލުތައް ކޮންމެވެސް މުހިންމު ކަމަކާއި ގުޅިފައިވާކަން ޔަގީންނެވެ.

އަތިރިމަތިންލާފައި އައިސް އެއްގަމަށް އެރި ޝަމާއިލް، ދަނީނަށް ފެނުނީ ކުއްލިއަކަށެވެ. އަވަސް އަވަހަށް ކޮޅަށް ތެދުވިއިރު އޭނާގެ ކިބައިން ފެނުނީ ހިތްހަމަ ޖެހުމާއި އުފަލެވެ. އުންމީދުގެ ކުލަވަރެވެ.

ޝަމާއިލާއި ވާހަކަ ދައްކާލަން މިއަށްވުރެ ރަނގަޅު ފުރުސަތެއް ނުލިބޭނެކަން ދަނީނަށް ޔަގީނެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަން ނުހަނު ބޭނުންވެފައި ހުރި ދަނީން އަވަސް އަވަހަށް ޝަމާއިލާއި ދިމާއަށް މިސްރާބު ޖެހިއެވެ. އެ ސަރަހައްދުގައި އެ ދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކު ނެތެވެ. ޝަމާއިލްގެ ފަހަތުން ދަނީން އައި ކަމެއް ޝަމާއިލަށް އެނގޭހެނެއް ހިޔެއް ނުވެއެވެ.

ޝަމާއިލްގެ ފަހަތުން އައި ދަނީން ކުއްލިއަކަށް ޝަމާއިލްގެ އަތުގައި ހިފިއެވެ. އެއާއިއެކު ފުރަގަހުން ޝަމާއިލްގެ ގައިގާ ބައްދާލިއެވެ. ޝަމާއިލް ދެކެ އޭނާ ލޯބިވާވަރު ހާމަކުރަމުން އެ ލޯބި ގަބޫލުކުރުމަށް އާދޭސް ކުރިއެވެ. ދުވަހަކު ވެސް އޭނާއާ ދުރަށް ނުދިއުމަށް ތަކުރާރުކޮށް އެދުނެވެ. ޝަމާއިލާއިމެދު އޭނާއަށް ކަންތައް ކުރެވުނީ ރަނގަޅަށް ނޫންކަން ގަބޫލުކުރާކަން ހާމަކުރަމުން މަޢާފަށް ވެސް އެދުނެވެ. ޝަމާއިލް އަދިވެސް އެންމެ ލޯބިވަނީ އޭނާ ދެކެކަން އެނގޭ ކަމަށް ވެސް ބުނަމުން ދިޔައެވެ.

ދަނީން އާއި ދިމާއަށް އެނބުރުނު ޝަމާއިލްގެ މޫނުމަތިން ފާޅުވީ އުފަލާއި ހިތްހަމަ ޖެހުމެވެ. ދަނީން އެކޭ އެއްފަދައިން އޭނާ ވެސް ދަނީން ދެކެ ލޯބިވާކަން ހާމަކުރަމުން އޭނާއާ ގާތްވެލިއެވެ. ނޭވާގެ ހޫނުކަން އިހުސާސްވާހާ ކައިރިން ދަނީންގެ ލޮލާއި ލޯ ދިމާކޮށްލިއެވެ. ހަތަރުކަޅި ހަމަވި ވަގުތު ދަނީންގެ ހިއްސުތައް ގަނޑުވި ކަހަލައެވެ. ލިބުނު އުފަލާއި ހިތްހަމަ ޖެހުމުގެ ސަބަބުން އޭނާގެ ބަސް ހުއްޓުނެވެ. އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތުނު ކަހަލައެވެ.

ދަނީންގެ އަތުގައި ހިފައިގެން ޝަމާއިލް ހިނގައިގަތީ ގަސްތަކުތެރެއަށެވެ. މަގުމަތީގައި ތިއްބާ މީހަކަށް ފެނިއްޖެނަމަ ގޯހެއް ވެދާނެކަމަށް ޝަމާއިލް ބުނި ބުނުން ދަނީނަށް ވެސް ގަބޫލުކުރެވުނެވެ.

ވެރިވަމުންދިޔަ އަނދިރިކަމާއި ހަމަހިމޭންކަމުގެ އަސަރެއް ޝަމާއިލާއި ދަނީނަކަށް ނުކުރިއެވެ. ނުރައްކަލާއި ނާމާންކަމުގެ ރަނގަބީލް އަޅަމުން އައި އެވަގުތާއިމެދު ވެސް އެމީހުން ވިސްނާލިހެނެއް ހިޔެއް ނުވެއެވެ. ލިބުނު ފުރުސަތާއިމެދު ދެމީހުން ވެސް ތިބީ ހިތްހަމަ ޖެހިފައެވެ. ހިތުގެ އެދުން ފުރިހަމަ ވީތީ އެހާމެ އުފާވެސް ވެފައެވެ.

ޝަމާއިލްގެ ފަރާތުން ލިބެމުންދިޔަ ލޯބިވެތި ފިރުމުންތަކާއި އޯގާތެރި ބަސްތައް ދަނީންގެ ހިތަށް ހަމަޖެހުން ގެނުވަމުން ދިޔައެވެ. މިލާ މޯޅިވެފައިވާ އެހިތަށް ދިރުން ގެނުވަމުން ދިޔައެވެ. އުންމީދުގެ ކުލަވަރު އާވެ އާލާވަމުން ދިޔައެވެ. މާޔޫސްކަމާއި ހިތްދަތިކަމުން ފުރިފައިވި އެ މޫނުމަތިން ހިނިތުންވުން ފާޅުވާން ފެށިއެވެ.

ޝަމާއިލާއި ދަނީންގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމުގެ މަޢުލޫމާތު އެދެމީހުން ފިޔަވައި އެހެން އެއްވެސް މީހަކަށް ނޭނގެ އެވެ. ޝަމާއިލެކޭ އެއްފަދައިން ދަނީން ވެސް ބޭނުންވީ އެގުޅުން ސިއްރު ގުޅުމެއްގެ ގޮތުގައި ބާއްވާށެވެ.

މާދަމާރޭ ވެސް މިގަޑީގައި އެތަނުން ބައްދަލުކުރަން އެއްބަސްވަމުން ޝަމާއިލާއި ދަނީން ވަކިވިއިރު އިޝާނަމާދު ވަގުތުވާން ކައިރިވެއްޖެއެވެ. މީހުންގެ ލޯތަކަށް ސިއްރުސިއްރުން އަންނަން ބޭނުންވި ހިސާބަށް އާދެވުނެވެ. ހަމަޖެހިލަމުން ގެއާއި ދިމާއަށް ހިނގައިގަތް ދަނީންގެ ކިބައިން ފެންނަމުން ދިޔައީ ހިތްހަމަ ޖެހުމުގެ ކުލަވަރެވެ.

ޝަމާއިލާއި ސަމްރާގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަށް ސަމްރާގެ ޢާއިލާގެ ފަރާތުން ލިބުނު ރުހުމާއި ތާއީދު ޝަމާއިލްގެ ޢާއިލާގެ ފަރާތުން ވެސް ލިބުނެވެ. ސަމްރާއަކީ އައިސާ ބޭނުންވިފަދަ އަހުލާޤު ރަނގަޅު ކުއްޖެކެވެ. ގެވެހި ދިރިއުޅުމަށް ލޯބިކުރާ އުޅުންހުރި ހަރުދަނާ ކުއްޖެކެވެ. ތަޢުލީމީ ދާއިރާ މިއަހަރު އެ ނިންމާލީ ރަނގަޅު ނަތީޖާއަކާއި އެކުގައެވެ.

ޝަމާއިލާއި ސަމްރާގެ މެދުގައި އުފެދި އާލާވަމުންދިޔަ ލޯބީގެ ގުޅުމުގެ މަޢުލޫމާތު ދަނީނަކަށް ނުލިބެއެވެ. އެފަދަ ވާހަކައެއް އަޑުވެސް ނާހައެވެ.
ނުނިމޭ

 

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް