ސިއްރު ދޮރާށި
ސޯފީއަށް ސާރާ ދައްކާ ވާހަކަ އަޑުއިވޭ ކަމުގެ ޔަގީންކަން އޮވެއެވެ. އެއީ ހަމައެކަނި ޤަބޫލުކުރާ ކުރުމެއް ނޫނެވެ. އުންމީދެއް ވެސް ނޫނެވެ. އޭނާއަށް އެކަން ކަށަވަރުވެއެވެ. އެއީ ޑޮކްޓަރުންނަށް ނުވަތަ މައިންބަފައިންނަށް، އަދި އަމިއްލަ ނަފުސަށް ވެސް ބުނެދޭން އެނގޭ ފަދަ ކަމެއް ނޫނެވެ. ނަމަވެސް، އެއީ އޭނާގެ ހިތުގެ ފުންމިނުގައި ބިންވަޅު ނެގިފައިވާ، ފަނޑުވުމެއް ނެތް ސާބިތު ކަމެކެވެ. ރޭގަނޑުގެ ހަމަހިމޭންކަން އެ ބޮޑު ގަނޑުވަރު ފަދަ ގެޔަށް ވެރިވުމުން، ސާރާގެ ހަޤީޤީ ދުނިޔެ ހުޅުވިގެންދެއެވެ. ސޯފީ ދިރިއުޅެނީ އެ ދުނިޔޭގައެވެ. މެޝިންތަކުން ވަށާލެވިފައިވާ އެ އެނދަކު ނޫނެވެ. އެއަށްވުރެ މާ ދުރު މާހައުލެއްގައެވެ. ނަރުތަކާއި، ހިމޭންކަމާއި، ހިތާމަތަކުގެ އެއްވެސް އަސަރެއް ނެތް ތަނެއްގައެވެ. ސާރާގެ ހުވަފެންތަކުގައި ސޯފީ އަކީ ހޭލާ ހުރި ކުއްޖެކެވެ. އޭނާ ހިނިތުންވެއެވެ. ދުވެ ހަދައެވެ. ވާހަކަދައްކައެވެ. ކޮންމެ ފަހަރަކު ވެސް އެއީ ހަޤީޤަތެއް ފަދައިން އިޙުސާސް ކުރެވޭތީ، ހުވަފެނުން ހޭލެވުމަކީ ސާރާގެ ހަޔާތުގައި ކުރިމަތިވާ އެންމެ ހިތްދަތި ވަގުތެވެ.
“ހަމައެކަނި މިތަނުން ބައްދަލުވަނީ ކީއްވެ؟” އެއްދުވަހަކު ހުވަފެނުގައި ސާރާ އޭނާގެ ދައްތަގެ އަތުގައި ހިފަހައްޓާލަމުން ސުވާލުކުރިއެވެ. ސޯފީ ހަމައެކަނި ހިނިތުންވެލީއެވެ. އެ ހިނިތުންވުމުގައި ފޮރުވިފައިވާ ސިއްރުތައް، ހޭލެވޭއިރު ސާރާ ހަނދާނެއް ނުހުރެއެވެ. ނަމަވެސް، ދުވާލުގެ ވަގުތުތައް ތަފާތެވެ. އެއީ ބުރަ ވަގުތުތަކެކެވެ. ލަސް، ނިމުމެއް ނެތް ވަގުތުތަކެކެވެ. އެ ވަގުތުތައް ހޭދަކުރުމަށްޓަކައި ސާރާ އަމިއްލަ ދުނިޔެއެއް ބިނާކުރިއެވެ. އެއީ ފޮތްތަކުގެ ދުނިޔެއެވެ. ސާރާއަކީ ފޮތް ކިޔުމަށް އިންތިހާއަށް ލޯބިކުރާ ކުއްޖެކެވެ. ފޮތްތަކަކީ ހަމައެކަނި ވަގުތު ހޭދަކޮށްލަން ބޭނުންކުރާ އެއްޗެއް ނޫނެވެ. އެއީ އޭނާގެ ދިރިހުރުމުގެ އުންމީދެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ވާހަކަތަކުން އޭނާގެ ފޮތް ހަރުގަނޑު ވަނީ ފުރާލެވިފައެވެ. ޚިޔާލީ ވާހަކަތަކާއި، ލޯބީގެ ވާހަކަތަކާއި، ގަދީމީ ޤުރުއާނުގެ ވާހަކަތަކާއި، ފަލްސަފާ އަދި ދީނީ ފޮތްތަކެވެ. ކޮންމެ ހަފުތާއަކު ވެސް އާ ފޮތްތައް އެ ގެޔަށް ގެނެވެއެވެ. އަގު ބޮޑުވި ނަމަވެސް، އޭނާ ބޭނުންވާ ކޮންމެ ފޮތެއް ހޯދައިދެވެއެވެ. ދުނިޔޭގައި ވާހަކައެއް ލިޔެވިފައިވާނަމަ، އެ ވާހަކައެއް ކިޔުމަކީ ސާރާގެ މަޤުސަދެކެވެ. ކޮންމެ ދުނިޔެއެއްގެ އިޙުސާސް އޭނާ ކުރަން ބޭނުންވެއެވެ. އަދި އޭނާ ދުވަހަކުވެސް އެކަނި ފޮތެއް ނުކިޔައެވެ. ކޮންމެ ވާހަކައެއް ވެސް އޭނާ ކިޔައިދެނީ ސޯފީއަށެވެ.
ސޯފީގެ ކައިރީގައި އިށީނދެ، އޯގާތެރިކަމާއެކު އޭނާގެ އިސްތަށިގަނޑު ރީތިކޮށްލުމަށްފަހު، ސާރާ ފޮތުގެ ސަފުހާތައް އުކަމުންދަނީ މަޑުމައިތިރި ނަމަވެސް ދިރުންހުރި އަޑަކުންނެވެ. ވާހަކައިގެ ކެރެކްޓާތަކަށް ދިރުން ދެމުންނެވެ. އެ ވަގުތުތަކުގައި އެމީހުންނަކީ ބަންދުވެފައިވާ ބައެއް ނޫނެވެ. އެމީހުންނަކީ ނިކަމެތިންނެއް ނޫނެވެ. އެމީހުންނަކީ މިނިވަނުންނެވެ. ފޮތް ކިޔުމަކީ އެމީހުންގެ އާދައަކަށް ވެއްޖެއެވެ. އެއީ އެމީހުންގެ ސަލާމަތެވެ އަދި އިޚްތިޔާރު ނުކުރާ މި ހިތްދަތި ދިރިއުޅުމުން ނުކުމެވޭ ސިއްރު ދޮރާށްޓެވެ.
ނަމަވެސް ސާރާ ބޭނުންވަނީ ހަމައެކަނި ވާހަކަތަކެއް ނޫނެވެ. އޭނާ ބޭނުންވަނީ ޖަވާބުތަކެވެ. ސޯފީއަށް ހުވަފެނުގައި އޭނާއާ ބައްދަލުކުރެވޭނަމަ އޭގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެއީ ހަނދާނެއް ހެއްޔެވެ؟ ޚިޔާލެއް ހެއްޔެވެ؟ ނުވަތަ އެއަށްވުރެ ފުން ކަމެއް ހެއްޔެވެ؟ ރޫހާނީ ކަމެއް ހެއްޔެވެ؟ ސާރާގެ ޝައުގުވެރިކަން މަޑުމަޑުން ބޮޑުވަމުން ދިޔައެވެ. އޭނާ ހުވަފެންތަކާ ބެހޭގޮތުން ދިރާސާކުރަން ފެށީ އާދަޔާ ޚިލާފު ސަމާލުކަމަކާއެކުގައެވެ. ގަދީމީ ތަރުޖަމާތަކެވެ. ޢިލްމުވެރިންގެ ބަސްފުޅުތަކެވެ. ކޮންމެ ނިޝާނެއްގެ މާނައެވެ. ރޫހާއި ނިދާފައިވާ ސިކުނޑިއާ ދެމެދުވާ ނުފެންނަ ގުޅުމެވެ. އިސްލާމްދީނުގައި ހުވަފެންތަކާ ބެހޭގޮތުން އައިސްފައިވާ ކަންކަން އޭނާ ކިޔައި ދަސްކުރިއެވެ. ހުރިހާ ހުވަފެނަކީ އެއްގޮތް އެއްޗެއް ނޫންކަން އޭނާއަށް އެނގުނެވެ. ބައެއް ހުވަފެންތަކަކީ އަމިއްލަ ނަފުސުގެ ޚިޔާލުތަކެވެ. ބައެއް ހުވަފެންތަކަކީ ބިރުވެރި ވަސްވާސްތަކެވެ. އަދި އަނެއްބައި ހުވަފެންތަކަކީ ތެދު ހުވަފެންތައް ކަމުގައި ޤަބޫލުކުރެވެއެވެ.
އޭނާ މާނަތައް ދަސްކުރިއެވެ. ފެން، އަލިކަން، ވެއްޓުން، އުދުހުން، އަޑުތައް، ދޮރުތައް، ކޮންމެ ނިޝާނަކީ ކޮންމެވެސް ސިއްރެއް ބުނެދޭ އިޝާރާތަކަށް ވިއެވެ. ކޮންމެ ހުވަފެނަކީ އޭނާ މާނަކުރަން ބޭނުންވި މެސެޖަކަށް ވިއެވެ. ސަބަބަކީ، ހިތުގެ އަޑިން އެއީ ހަމައެކަނި ހުވަފެންތަކެއް ކަމަށް ޤަބޫލުކުރަން ސާރާ ބޭނުން ނުވާތީއެވެ. އެއީ ދެކެވޭ ވާހަކަތަކެކެވެ. އަދި އެކަންކަން އޭނާއަށް ފަހުމްވެއްޖެނަމަ ސޯފީ ބުނަން އުޅޭ ވާހަކަ ދެނެގަނެވިއްޖެނަމަ ފަހަރުގައި.. ހަމަ ފަހަރުގައި.. އޭނާއަށް ސޯފީ އަނބުރާ ގެނެވިދާނެއެވެ.
ސާރާގެ ހުވަފެންތަކުގައި، އެ ކޮޓަރިއަކީ މިހާރު ހަމައެކަނި ހަތަރު ފާރުގެ މެދުގައިވާ ތަނެއް ނޫނެވެ. އެތަނަށް ދިރުން ލިބިފައިވާ ކަހަލައެވެ.
ފާރުތައް ވިރިގެން ގޮސް ފެނަށް ބަދަލުވެ، ނޫކުލައިގެ މަޑު އަލިކަމަކުން މުޅިތަން ދިއްލިގެން ދެއެވެ. ކޮޓަރީގެ ފޮތިގަނޑުތައް، ކަނޑުގެ ފުންމިނުގައި ހުންނަ ފެއްސާ އެއްފަދައިން ބަރުދަނެއް ނެތް ގޮތަކަށް މަޑުމަޑުން ހޫރެމުންދެއެވެ. ބޯމަތީގައިވާ ފުރާޅު ފެންނާކަށް ނެތެވެ. އެއަށްވުރެ މާ މަތީގައި އޮތީ އިންތިހާއެއް ނެތް ފުން ކަނޑެކެވެ. އެތަނުން ފެންނަ ރިހިކުލައިގެ ބޮކިތައް، ހީވަނީ ސިއްރުން ދައްކާ ވާހަކަތަކެއްހެން މައްޗަށް އަރަމުންދާހެންނެވެ.
އެމީހުންގެ ދުނިޔެ.. ބަދަލުވެއްޖެއެވެ. ދިރުމުން ފުރިގެންވެއެވެ. މިނިވަނެވެ.
ސޯފީ ތެދުވެ އިށީންނާނެއެވެ. ހީވަނީ އޭނާއަކީ ދުވަހަކުވެސް ނިދާފައި އޮތް މީހެއް ނޫންހެންނެވެ. އޭނާގެ ދެލޮލުން ފެންނަނީ އުޖާލާކަމާއި ހޭލުންތެރިކަމެވެ. އޭނާ ހުންނަނީ އިންތިޒާރުގައި ކަހަލައެވެ. އެ ލޮލުގެ ނަޒަރު ވަގުތުން ސާރާއަށް ހުއްޓިދެއެވެ.
“ކިޔައިދީ..” ސޯފީ މަޑުމަޑުން ބުނެލާނެއެވެ. އޭނާ އިށީނދެލައިގެން އިނީ ތުންފަތްމަތީގައި ނުހަނު މަޑު ހިނިތުންވުމެއް ދަމަހައްޓަމުންނެވެ.
ސާރާ ވާހަކަ ކިޔައިދޭން ފަށައެވެ.
މިތަނުގައި ފޮތްތަކުގެ ވާހަކަތަކަށް ދިރުން ލިބެނީ މުޅިން ތަފާތު ގޮތަކަށެވެ. ލަފުޒުތައް ހަމައެކަނި ގަނޑުތަކުގައި ހަރުލާފައި ހުންނަނީކީ ނޫނެވެ. އެ ލަފުޒުތައް ދެމީހުންގެ މެދުގައި އޮޔާ ބެހެމުން، އޭގެ ޒާތުގައި މަންޒަރުތަކަކަށް ބަދަލުވެ، ދެމީހުންގެ ވަށައިގެން އެނބުރެން ފަށައެވެ. އެމީހުން ފޮތް ކިޔައެވެ. އަދި ހީނ ސަމާސާ ކުރެއެވެ. އޭގެ ފަހުން ފޮތުގެ މަތިން ހަނދާން ނައްތާލައެވެ. ދެން އެމީހުން ނަށަނީއެވެ. ފެނުގެ ތެރޭގައި މަޑުމަޑުން އެނބުރެމުން ދާއިރު، އެމީހުންގެ ހެދުންތައް ކަނޑުގެ ތެރެއަށް ފެތުރިގެންދާ ދެއްޔެއް ފަދައިން ރީތިކޮށް ހޫރެއެވެ. އެމީހުންގެ ހުނުމުގެ އަޑު މުޅި ތަނުގައި ގުގުމާލައެވެ. އެއީ ކޮންތާކުން އަންނަ އަޑެއްކަން ނޭނގޭ ފަދަ ހިތްގައިމު މިއުޒިކަކާ އެކުވެގެންދާ އަޑެކެވެ. ބައެއް ފަހަރު އެމީހުން ލަވަކިޔައެވެ. އެއީ ދުވަހަކުވެސް ދަސްކޮށްފައިވާ ލަވަތަކެއް ނޫނެވެ. އެކަމަކު ކޮންމެވެސް ގޮތަކުން އެ ލަވަތައް އެމީހުންނަށް އެނގެއެވެ.
އަނެއްބައި ފަހަރު އެއްވެސް ވާހަކައެއް ނުދައްކައެވެ. ހަމައެކަނި އެކަކު އަނެކަކާ ޖެހިގެން ފެންމަތީގައި އޮންނަނީއެވެ. އެކުގައެވެ.
މިއީ ސާރާ ހަޤީޤީ ދިރިއުޅުން އުޅޭ ތަނެވެ. ބޮޑު ގަނޑުވަރުގައެއް ނޫނެވެ. އެތަނުގެ ހިމޭންކަމުގެ ތެރޭގައެއްވެސް ނޫނެވެ. ނަމަވެސް މިތަނުގައެވެ. ސޯފީއާ އެކުގައެވެ.
އެކަމަކު.. ކޮންމެ ފަހަރަކުވެސް ވަކި ހިސާބަކުން މަންޒަރުތައް ބަދަލުވާން ފަށައެވެ. އެއްޗެއް ދަމާހެން ހީވުމަށްފަހު ހިތުގެ ތެރޭގައި މަޑުމަޑުން ބަރުދަނެއް އިޙުސާސްވާން ފަށައެވެ. އެއަށްފަހު ބާރުވެ އެއްވެސް ރަޙުމެއް ނެތް ގޮތަކަށް ހީވަނީ އޭނާ ފަހަތަށް ދަމައިގަންނަނީހެންނެވެ. އެ ސިއްރު ދޮރާށި ލެއްޕެނީއެވެ. “ނޫން..” ސާރާ މަޑުމަޑުން ބުނެލާނެއެވެ. ފެނުގެ އަލިކަން ކެނޑެމުންދާ ވަރަކަށް އޭނާގެ ހިތް ބިރުގަންނަން ފަށައެވެ. ސޯފީ، ސާރާގެ އަތުގައި ބާރަށް ހިފަހައްޓާލާނެއެވެ. “މަޑުކޮށްބަލަ..” ނަމަވެސް ސާރާއަށް މަޑެއް ނުކުރެވެއެވެ. ކަނޑުގެ ދުނިޔެ ނެތިގެންދެއެވެ. އަލިކަން ގެއްލިދެއެވެ. އަދި ސާރާއަށް ހޭލެވެއެވެ. ބާރަށް ނޭވާލަމުންނެވެ. އެކަނިވެރިކަމާއެކުގައެވެ. ބޯމަތީގައިވާ ފުރާޅު ފިނިވެފައި، ހިމޭންވެފައި، އަދި ހަޤީޤަތާ އެކުގައެވެ. ހިމޭންކަން ކުރިއަށްވުރެ ބޮޑަށް އިޙުސާސްވެއެވެ. އަދި ހިތުގައި އުފެދުނު އެ ބަރުކަން.. އަދިވެސް ހުރީއެވެ.
ގަނޑުވަރުގެ ދިރިއުޅުން ކުރިއަށްދަނީ ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން، މެޝިނެއް ފަދައިންނެވެ.
ވަގުތު ކަނޑައެޅިފައެވެ. މިންކުރެވިފައެވެ.
ކޮންޓްރޯލް ކުރެވިފައެވެ.
ސާރާ އެ ދިރިއުޅުމުގެ ތެރޭގައި އުޅުނު ނަމަވެސް، ހަޤީޤަތުގައި އޭނާއަކީ އެ ދިރިއުޅުމުގެ ބައެއް ކަމުގެ އިޙުސާސެއް ނުކުރެވެއެވެ. މިތަނުގައި އެއްވެސް މުހިންމު މީހެއް، ދަރިއެއް ނޫނެވެ. ހަމައެކަނި އޮތީ އަދާކުރަންޖެހޭ ދައުރެކެވެ. ކެއުމުގެ ވަގުތުތަކަކީ ކުރު ވަގުތުތަކެކެވެ. ވަކި ތަރުތީބަކުން އަބަދުވެސް އެއްގޮތަކަށް ސާރާ އިންނާނީ ކާމޭޒުގެ ދޮށުގައި، ވަރަށް ފަރުވާތެރިކަމާއެކު މަންމައާއި ބައްޕަ ބޭނުންވާ ގޮތަށް ހެދުން އަޅައިގެން، ރީއްޗަށް ސީދަލަށް އިށީނދެގެންނެވެ. ވާހަކަ ދައްކާނީ ސުވާލެއް ކުރުމުން އެކަންޏެވެ. ސާރާ އަމިއްލަ ނަފުސަށް ހަނދާންކޮށްދެއެވެ. ސީރިއަސްކޮށް ހުންނާށެވެ. އެއްވެސް އިޙުސާސެއް ނުދައްކާށެވެ.
“ސޯފީ ކިހިނެއް، ސާރާ؟” މަންމަ އަހައިލާނެއެވެ. އެ އަޑުގައި ވަނީ ރަސްމީ ގޮތަކާއި ދުރުކަމެވެ. އެއީ ނުބައިކަމެއް ނޫނެވެ. އެކަމަކު އޭގައި އެއްވެސް ލޯތްބެއް ނުވެއެވެ. އެއީ ބަލިމީހަކު ބަލާ މީހަކާ ނުވަތަ ޑޮކްޓަރަކާ ވާހަކަދައްކާ ފަދަ އަޑެކެވެ. ސާރާ މަޑުމަޑުން “ސޯފީއަށް ވާހަކަތައް ވަރަށް ކަމުދޭ.” އޭނާގެ އަޑުގައި އުފާވެރިކަން ދައްކަމުން ބުންޏެވެ. “އަޅުގަނޑު ވާހަކަ ކިޔައިދޭއިރު ދައްތަ ލޯ ހަރަކާތްކުރޭ.” އެއީ ކުޑަ ހަޤީޤަތެކެވެ. އުންމީދީ ވާހަކައެކެވެ.
ބައްޕަ ވަގުތުން ބަލައެއް ނުލައެވެ. “އޭނާގެ ފިޒިއޮތެރަޕީގެ ކަންތައްތައް ކިހިނެއް ދަނީ؟” ބައްޕަ ސުވާލުކުރިއެވެ. އޭނާގެ އަޑަކީ ވަރަށް ސާފު، މަޑުމައިތިރި އަޑެކެވެ. “ސޯފީގެ ގުނަވަންތައް ހަރަކާތްތެރިކޮށް ބަހައްޓަންވާނެ. ޤަވާއިދުން ހަރަކާތްތެރިކުރުވުމަކީ ވަރަށް މުހިންމު ކަމެއް.” “ލައްބަ.” ސާރާ ބޯޖަހާލިއެވެ. “އަޅުގަނޑު އެކަން ކުރަން.”
“ޑޮކްޓަރުގެ އެޕޮއިންޓްމަންޓް ދެން އޮތީ ކޮން ދުވަހަކު ޝެޑިއުލްކޮށްފަ؟” ބައްޕަ ކުރިއަށް ގެންދިޔައެވެ. “އަދި ބޯކޮށާ މީހާ މާރީޔާ އޭނާ މި ހަފްތާގައި އަންނާނެ. ތިޔަ ދެކުދިންގެ ބޯކޮށައި، އަތްފައިގެ ނިޔަފަތި ކަނޑާ ސާފު ކުރަން.”
ސާރާ ހުއްޓުން އެރިއެވެ. ހަމައެކަނި ސިކުންތަކަށެވެ. “ތިޔަ ދެކުދިންވެސް..” އެ ބަސްތައް އޭނާގެ ސިކުނޑީގައި ތަފާތު ގޮތަކަށް ގުގުމާލިއެވެ.
“ލައްބަ.” އޭނާ މަޑުމަޑުން ޖަވާބު ދިނެވެ. “އަޅުގަނޑުމެން ދެމީހުންވެސް ބޯކޮށަން ޖެހޭ.” ސާރާގެ ހާލަކީ ކޮބައިތޯ އެއްވެސް މީހަކު ނާހައެވެ. ދުވަހަކުވެސް ނާހައެވެ. އަދި ވާހަކަ ނިމުމުން އަބަދުވެސް ނިމޭ ފަދައިން، ކުއްލިއަކަށް އަދި އެއްވެސް މާނައެއް ނެތް ގޮތަކަށް ސާރާ އިތުރު ވަގުތުކޮޅަކަށް އެތަނުގައި އިށީނދެގެން އިނެވެ. މުޅިން ހިމޭންވެފައެވެ. ހަމަޖެހިލައިގެންނެވެ. އެކަމަކު ހިތުގެ އަޑީގައި.. އޭނާ އަނެއްކާވެސް ދަނީ ފެތެމުންނެވެ. އޭނާއަށް ދިރުން އިހުސާސްވާ ހަމައެކަނި ތަނަށެވެ.
(ނުނިމޭ)
