ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ވެލާ ޗެމްޕިއަންކަން ހޯދައިފި
ރިސޯޓް ލީގު - އެފްބީ

ރިސޯޓް ސުޕަރ ލީގު ފުޓްސަލް މުބާރާތް 2026 ގެ ޗެމްޕިއަންކަން ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން ވެލާ ހޯދީ ފައިނަލްގައި ސަން ސިޔާމް އޮޅުވެލި މޯލްޑިވްސް ބަލިކޮށްފަ އެވެ. އިއްޔެ ހަވީރު ސަން ސިޔާމް އޮޅުވެލީގައި ކުޅުނު މި މެޗު ވެލާ ކާމިޔާބުކުރީ 1-0 އިން ނެވެ.

ދެ ޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނުނު މި މެޗުގެ ކުރީކޮޅު ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރަނގަޅަށް ކުޅުނީ އޮޅުވެލިން ނެވެ. ކައުންޓާރ އެޓޭކިން ގޭމަކަށް ވިސްނުން ގެންގުޅޭ ވެލާއިން މި މެޗުގައި ފެނުނީ އެފަދަ ގޭމެކެވެ. ޑިފެންސް ކުރުމަށް ބޮޑު އިސްކަމެއް ދީގެން ކުޅެމުންދިޔަ ވެލާއިން މެޗުގެ ކުރީކޮޅު އެ ފުރުސަތެއް ފަހިކުރި ނަމަވެސް، ފުރަތަމަ ފުރުސަތުގެ ބޭނުން ކުރެވިފައެއް ނުވެ އެވެ

ލަނޑު ޖަހާނެ ފުރުސަތުތައް ދެ ޓީމަށް ވެސް ލިބުނު މި މެޗުގައި ފެނުނު ހަމައެކަނި ލަނޑު ވެލާއިން ޖެހީ މެޗުގެ 10 ވަނަ މިނިޓްގައި އަޙްމަދު އިމްތިނާހް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ކައުންޓާރ އެޓޭކެއްގައި އަޙްމަދު އިމްރާން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. މި ލަނޑު ޖެހި އިމްތިނާހްއަކީ ނ. ޒޯންގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ.

ލަނޑު ޖަހަން ލިބުނު އިތުރު ފުރުސަތުތަކުގެ ބޭނުން ދެ ޓީމުންކުރެ ޓީމަކަށް ފުރަތަމަ ހާފުގައި ހިފިފައެއް ނުވެ އެވެ.

ދެވަނަ ހާފުގައި، ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް އޮޅުވެލިން ދައްކައި ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް، ޑިފެންސަށް އިސްކަން ދީގެން ކުޅުނު ވެލާ ކޮޅަށް ދެވަނަ ހާފުގައި ލަނޑެއް ޖެހޭ ގޮތެއް ނުވި އެވެ.

ރިސޯޓް ލީގު – އެފްބީ

0-1 އިން މެޗު ކާމިޔާބުކޮށް ފުރަތަމަ ފަހަރަށް ރިސޯޓް ސުޕަރ ލީގުގެ ޗެމްޕިއަންކަން ވެލާ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެލާގެ ޢަލީ ރާޒީ އެވެ.

މިވެސް ކިޔާލަން:  އިހަވަންދޫ ޗެމްޕިއަންކަން ހޯދައިފި

މުބާރާތުގެ އެހެނިހެން މަގާމްތައް ހޯދި ކުޅުންތެރިންނާއި ޓީމުތަކަށް ބަލައިލާއިރު، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާގެ އަޙްމަދު އިމްރާން އެވެ. އަދި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ވެލާގެ ކެޕްޓަން އަޙްމަދު އިމްރާން އެވެ. މުބާރާތުގެ ޑްރީމް ޓީމްގައި ހިމެނިފައިވަނީ ވެލާގެ މުޙައްމަދު ޒާހިދު، ވެލާގެ އަޙްމަދު ޝާފިއު، އޮޅުވެލީގެ ޢަލީ ސިއާއު، އޮޅުވެލީގެ މުޙައްމަދު ވިގާމް އަދި އޮޅުވެލީގެ އަޙްމަދު ޒައިން އެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަކީ ވެލާގެ ކޯޗު އަޙްމަދު ނަސީމް އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ ޚަބަރު
Home
Menu
Search
Back to top