ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި މަސްތު – ޗެޕްޓަރ 26
މުނިއަވަސް ގްރެފިކްސް

ސުވާލާއި ޖަވާބު އަދި ހިތްވަރު

އެމީހުން އޭނާގެ ވާހަކަ ޤަބޫލުކުރާނެ ހެއްޔެވެ؟ ނުދަންނަ ތަނަކަށް ދިޔުމަކީ އެތަނުގައި ހިނގާފާނެ ކޮންމެ ކަމަކަށް އޭނާ ރުހުން ދިނުން ނޫންކަން އެމީހުންނަށް ވިސްނޭނެ ހެއްޔެވެ؟ ނުވަތަ މުޅި ހާދިސާ ބިނާވާނީ އޭނާ އެތަނަށް ދާން ޖެހުނު ސަބަބާމެދު ކުރެވޭ ސުވާލުތަކަށް ހެއްޔެވެ؟ މި ނުތަނަވަސްކަން އޭނާގެ ހިތް ދަތިކުރަމުން ދިޔައެވެ.

އޭނާގެ ފޯނަކީ މިހާރު ބިރުވެރި އެއްޗަކަށް ވެއްޖެއެވެ. ރަށުން އަންނަ ފޯނު ކޯލުތަކާއި، ހާލު ކިހިނެއްތޯ އާއި، ކައިފިންތޯ އާއި، އަދި ވާހަކަދައްކާލަން ހުސްވާނީ ކޮން އިރަކުންތޯ އަހާފައި ފޮނުވާ މެސެޖުތަކެވެ. ފުރަތަމަ އޭނާ އެ ކޯލުތަކަށް ޖަވާބު ނުދިނީ ވަރުބަލިވެފައި ހުރުމުންނެވެ. އޭގެ ފަހުން ޖަވާބު ނުދީ ހުރީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

ޖަވާބު ނުދެވޭ ކޮންމެ ކޯލަކާއެކު، ދެން އަންނަ ކޯލަކަށް ޖަވާބުދޭން އޭނާއަށް ދިޔައީ އުނދަގޫވަމުންނެވެ. އޭނާ މެސެޖުތައް ހުޅުވާ، އޭގައިވާ ލޯބި ބަސްތައް ކިޔާ، އާއިލާއަށް ހިތްހަމަޖެހުން ލިބޭނެ ފަދަ ޖަވާބެއް ލިޔަން ފަށައެވެ. އޭނާގެ އާއިލާއަށް ބޭނުންވަނީ އާދައިގެ މަދު ޖުމްލަކޮޅެކެވެ. ނަމަވެސް އެ މެސެޖު ފޮނުވާލާކަށް އޭނާއަށް ކެރޭ ގޮތެއް ނުވިއެވެ. ހިނގާދިޔަ ކަންތަކުން އަދިވެސް ބިރުގެންފައި ހުރިއިރު، ހުރިހާ ކަމެއް ރަނގަޅޭ ބުނާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ހިމޭންކަމާމެދު ކުރެވޭނެ ސުވާލުތަކަށް ތައްޔާރުނުވެ ހުރެ، އެ ހިމޭންކަން މުގުރާލާނީ ކިހިނެއް ހެއްޔެވެ؟

އެހެންކަމުން އޭނާ ފޯނު ބާއްވާފައި، މާދަމާ ގުޅާނެ ކަމަށް އަމިއްލަ ނަފްސަށް ވަަޢުދުވެއެވެ. ނަމަވެސް މާދަމާ އަންނައިރުވެސް އެ ބިރުވެރިކަން ހުންނަނީ އެގޮތުގައެވެ.

އޭނާގެ ކަންބޮޑުވުންތައް ދިރިއުޅުމުގެ ކުދިކުދި ކަންކަމުގެ ތެރެއަށްވެސް ވަންނަން ފެށިއެވެ. ކުއްލިއަކަށް އިވޭ އަޑަކަށްވެސް އޭނާ ސިހެއެވެ. ނުދަންނަ ފިރިހެނަކު ކައިރީގައި ހުރުމުން އޭނާއަށް އުނދަގޫވެއެވެ. މީހަކު ބޯ އެއްޗެއް ދިނަސް، އެ ބަލައިގަންނަންވީތޯ އޭނާގެ ހިތުގައި ސުވާލު އުފެދެއެވެ. ދަންނަ މީހުންގެ މެދުގައި ހުންނައިރުވެސް، އޭނާގެ ހިތުގެ އެއްބައި ހުންނަނީ ވަށައިގެންވާ މީހުންގެ މޫނުތަކާއި ހަރަކާތްތަކަށް ފާރަވެރިވެ، ކުރިން ފާހަގަނުކުރެވޭ ފަދަ ނުރައްކަލެއް އޮތްތޯ ބަލާށެވެ. މި އިޙުސާސްތައް ކުރެވޭތީ އޭނާ އިންތިހާއަށް ދެރަވެއެވެ.

މުނިފޫހިފިލުވުމުގެ ވަގުތުކޮޅެއްގެ ގޮތުގައި ހަނދާން ހުންނާނެކަމަށް އުންމީދުކުރި ރެއެއްގެ ސަބަބުން، އަމިއްލަ ރައްކާތެރިކަމާމެދު ސުވާލު އުފެދޭތީ އޭނާ ރުޅި އާދެއެވެ. ހުރިހާ އެންމެން އެމީހުންގެ އާދައިގެ ދިރިއުޅުމަށް އެނބުރި ދާއިރު، ހަޤީޤަތަކީ ކޮބައިކަން ދުވަހަކުވެސް ނޭނގިދާނެތީ އޭނާ ކަންބޮޑުވެއެވެ. އަދި އެ ބިރުވެރިކަމުގެ އަޑީގައި އޭނާއަށް ޤަބޫލުކުރަން އުނދަގޫވާ އެހެން އިޙުސާސެއްވެސް ފޮރުވިފައިވެއެވެ. އެއީ ލަދުވެތިކަމެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 20

އެއީ އެހެން މީހެއްގެ އަމަލަކަށް އޭނާ ޒިންމާވާން ޖެހޭނެކަމަށް ޤަބޫލުކުރާތީއެއް ނޫނެވެ. ނަމަވެސް، އޭނާ ޤަދަރުކުރާ ބައެއްގެ ފަރާތުން އަތުވެދާނެ ނުރުހުމަކަށް ބިރުގަންނާތީއެވެ. އޭނާއަށް އެނގޭ ގޮތުގައި، ހަރުކަށި އުސޫލުތައް ގެންގުޅޭ މުޖުތަމައެއްގައި، ލިބުނު އަނިޔާއަށްވުރެ ބޮޑަށް ބެލެވެނީ އެކަން ހިނގަން މެދުވެރިވި ހާލަތަށެވެ. ކަން ހިނގި ގޮތް ނޭނގި ތިބެ، ބޭރު ބަޔަކު އޭނާގެ ނިންމުންތަކާމެދު ވާހަކަދައްކާ ފާޑުކިޔާފާނެތީ އޭނާ ބިރުގަނެއެވެ.

އެހެން މީހުން ކުރާނެ ސުވާލުތައް އޭނާގެ ކަންފަތުގައި މިހާރުވެސް ގުގުމާލާ ކަހަލައެވެ. އޭނާ އެތަނަށް ދިޔައީ ކީއްވެ ހެއްޔެވެ؟ އޭނާ އުޅުނީ ކޮން ބަޔަކާ އެކު ހެއްޔެވެ؟ އޭނާ އުންމީދުކުރީ ކޮން ކަމަކަށް ހެއްޔެވެ؟

މި ސުވާލުތަކުގެ ސަބަބުން، އިތުރަށް ހިމޭނުން ހުންނަން އޭނާ ބޭނުންވެއެވެ. ނަމަވެސް، ހިމޭނުން ހުރުމަކުން އެ ހަނދާންތަކެއް ފިލައިގެން ނުދާނެކަން އޭނާއަށް އެނގެއެވެ. އަދި އާއިލާއާ ދުރުވުމަކީ އެމީހުންނާ ކުރިމަތިލާންޖެހޭ ވަގުތު ލަސްކޮށްލުން ފިޔަވައި އިތުރު ކަމެއް ނޫންކަންވެސް އޭނާއަށް އެނގެއެވެ.

އެއް ދުވަހެއްގެ ހަވީރު، އަނެއްކާވެސް އޭނާގެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ސްކްރީނުން ފެންނަން އޮތީ މަންމަގެ ނަމެވެ. ފޯނު ކެނޑެންދެން ވަޝިއްޔާ އެއަށް ބަލަން އިނެވެ.

އޭގެ ވަގުތުކޮޅެއް ފަހުން މެސެޖެއް އައެވެ.

“ދަރިފުޅާ، ފޯނު ނުނަގަނީ ކީއްވެ؟ ހުރިހާ ކަމެއް ރަނގަޅުތަ؟ މި މެސެޖު ފެނުނީމަ މަންމައަށް ގުޅާލައްޗޭ.”

އޭނާ އެ މެސެޖު ދެ ފަހަރަކު ކިޔާލިއެވެ. ދެން ފޯނު އޭނާގެ މޭގައި ޖައްސާލާފައި ލޯ މަރާލިއެވެ. އޭނާގެ ލޮލުން ފޭދުނު ކަރުނަތައް ހިފެހެއްޓޭތޯ މަސައްކަތް ކުރަމުންނެވެ. ދުނިޔެ ދަސްކުރުމަށް އޭނާ ކިތަންމެ ވަރަކަށް ބޭނުންވި ނަމަވެސް، އެންމެ ބިރުވެރި ރެއެއްގެ ސަބަބުން، އޭނާދެކެ އެންމެ ލޯބިވާ މީހުންނާ މިހާ ބޮޑަށް ދުރުވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ތައްޔާރުވެފައެއް ނެތެވެ.

އަދި އެ ސިޓީގެ އަނެއް ފަރާތުގައި ހުރި މީޒާއަށް ދިޔައީ ކަމެއް ފާހަގަވަމުންނެވެ. އޭނާ ރައްކާތެރިކޮށްދޭން ބޭނުންވާ އަންހެން ކުއްޖާ ކުރަމުންދަނީ، އޭނާއަށް އެހީތެރިވެދެވޭނެ ފަދަ ހަނގުރާމައެއް ނޫންކަމެވެ.

މިވެސް ކިޔާލަން:  ރިހި ސިއްރު - ޗެޕްޓަރ 13

އޭނާއަށް ހަޤީޤަތް ހޯދައިދިނުމުގައި އެހީތެރިވެދެވިދާނެއެވެ. ވަޝިއްޔާ ވާހަކަދައްކަން ބޭނުންވާނަމަ އޭނާގެ ގާތުގައި ހުރެވިދާނެއެވެ. އަދި ހަނދާންތައް އުނދަގޫވާ ވަގުތުތަކުގައި ހިތްހަމަޖެހުން ހޯދައިދެވިދާނެއެވެ. ނަމަވެސް، ވަޝިއްޔާގެ ހިތުގައިވާ ބިރުވެރިކަން ފިލުވައެއް ނުދެވޭނެއެވެ. އަދި އާއިލާއަށް އެ ވާހަކަ ކިޔައިދޭންވީ ވަގުތަކީ ކޮބައިކަން ނިންމާނީވެސް ވަޝިއްޔާއެވެ. އެއީ ހަމައެކަނި ވަޝިއްޔާގެ ނިންމުމެކެވެ. މިވަގުތު، އޭނާ ހުރީ ކުރިމަތިލާންޖެހޭ ހަޤީޤަތާއި، ކުރިމަތިވެދާނެ ފާޑުކިޔުންތަކުގެ މެދުގައި ތާށިވެފައެވެ. ރަށުން އަންނަ އަޑުތަކަށް ފިލަން މަސައްކަތް ކުރާއިރުވެސް، އޭނާގެ ހިތް އެދެނީ އަބަދުވެސް އޭނާއަށް ލިބެމުންދިޔަ އެ އާއިލީ އޯގާތެރިކަމަށެވެ.

ލަންކާ އާއި އޭނާގެ އުފަން ރަށާ ދެމެދުގައިވާ ދުރުމިން، މީގެ ކުރިން ދުވަހަކުވެސް އިޙުސާސްނުވާހާ ބޮޑަށް މިހާރު އިޙުސާސްވެއެވެ. އަދި ވަޝިއްޔާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް، ރަށަށް އެނބުރި ދިޔުމަކީވެސް، ދުރުގައި ހުރުމާ އެއްވަރުގެ ބިރުވެރި ކަމެއް ކަމަށް އޭނާއަށް ހީވާން ފަށައިފިއެވެ.

*****

ވަޝިއްޔާ އިރުކޮޅަކަށް ހުއްޓިލައި، ނޭވާ ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރިއެވެ. އޭނާގެ ހާސްކަން ފިލުވައިލުމަށްޓަކައި، ކޮންމެ ނޭވާއެއް އެތެރެއަށްލައި ބޭރުކުރަމުން ދިޔައީ ނުހަނު ފަރުވާތެރިކަމާއެކުގައެވެ. އެ ކޮޓަރިތެރެ އޭނާއަށް އިޙުސާސްވަނީ ވަރަށް ކުޑަ ތަނެއްގެ ގޮތުގައެވެ. ފެތުރިފައިވާ ހިމޭންކަން އިންތިހާއަށް ބަރެވެ. ފޯނަށް އައިސްފައިވާ ޖަވާބު ނުދެވި ހުރި މެސެޖުތަކަށް ބަލައިލާ ކޮންމެ ފަހަރަކު، އެއީ އޭނާއަށް ރައްދުކުރެވޭ ތުހުމަތުތަކެއް ފަދައެވެ.

އޭނާ ބޭނުންވީ ބޭރަށް ނިކުމެލާށެވެ. ތާޒާ ވައިގެ ތެރޭގައި، ހާމަ އުޑުގެ ދަށުން، އަމިއްލަ ޚިޔާލުތަކުގެ ތެރޭގައި ބަންދުނުވެ ނޭވާލެވޭނެ ތަނަކަށް ދާން އޭނާ ބޭނުންވިއެވެ. ނަމަވެސް އެކަނި ބޭރަށް ނިކުންނަން ހިތަށްއެރި ވަގުތު، ބިރުވެރިކަން އައިސް އޭނާގެ ހިތް ދަތިކޮށްލިއެވެ. މީގެ ހަފުތާތަކެއް ކުރިން އުފަލާއެކު ހިނގައި އުޅުނު މަގުތައް، މިހާރު ފެންނަނީ ބުނެދޭން ނޭނގޭ ފަދަ ބީރައްޓެހި ގޮތަކަށެވެ.

އޭނާގެ އެކުވެރިން ތިބީ ބޭރުގައެވެ. ނޫނީ ނިދާފައެވެ. އޭނާގެ ހާސްކަމުގެ ސަބަބުން އެންމެ ހިނދުކޮޅަކުވެސް އެކަނި ހުންނަން އުނދަގޫވެގެން، އެންމެންނަށް އުނދަގޫކޮށް ހޭލައްވާކަށް އޭނާ ބޭނުމެއް ނުވިއެވެ.

އިރުކޮޅަކު ފޯނުގެ ކޮންޓެކްޓް ލިސްޓަށް ބަލަހައްޓައިގެން ހުރުމަށްފަހު، މިރުޒާއަށް ގުޅިއެވެ. އޭރު ވަގުތު އޮތް ގޮތަކާމެދު އޭނާ ނުވިސްނައެވެ. އޭނާ މަސައްކަތެއްގައި އުޅެފާނެ ކަމެއް ނުވަތަ ފޯނު ނަގާއިރު އޭނާގެ އަންހެނުން ކައިރީގައި ހުރެދާނެ ކަމަކަށްވެސް ފިކުރެއް ނުކުރެއެވެ. އެ ޚިޔާލު އޭނާގެ ހިތަށްވެސް އައީ ފޯނު ރިންގުވާން ފެށި ފަހުންނެވެ. އޭރު އޭނާ ހުރީ މިރުޒާގެ އަޑު އިވޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.

މިވެސް ކިޔާލަން:  އިވްރިޝާ - އެޕިސޯޑް 04

ފަސް ފަހަރު ރިންގުވި ފަހުން މިރުޒާ ފޯނު ނެގިއެވެ. “ވަޝިއްޔާ؟”

އެ ފަރިތަ އަޑުން އޭނާގެ ނަން ކިޔައިލުމުން، ވަޝިއްޔާގެ ހިތަށް ވަރަށް ބޮޑު އަސަރެއް ކުރިއެވެ.

“މިރުޒާ، އަހަރެން އިރުކޮޅަކަށް ބޭރަށް ނިކުމެލަން ބޭނުން. ވަރަށް ބޮޑަށް ހާސްވަނީ. ހަމައަކަށް ނޭޅިގެން މިއުޅެނީ. މިތަނުގައި އެކަނި ހުންނާކަށް ބޭނުމެއް ނޫން.”

އިރުކޮޅަކަށް ހިމޭންކަން ފެތުރިގެން ދިޔައެވެ. އެކުވެރިންނަށް ނުގުޅައި އޭނާއަށް ގުޅީ ކީއްވެގެންތޯއެއް މިރުޒާ ނާހައެވެ. އިތުރު ތަފްސީލަކަށްވެސް ނޭދެއެވެ. އަދި އެއީ މާ ބޮޑު ކަމަކަށް ހަދައިގެން އުޅެނީއޭ ބުނެ މަލާމާތެއްވެސް ނުކުރެއެވެ.

“ރަނގަޅު.” އޭނާ ބުންޏެވެ. “ތައްޔާރުވޭ. އަހަރެން މިދަނީ.”

އެއީ އެންމެ ފަހު ބަހެވެ.

ފޯނު ތިރިކޮށްލުމަށްފަހު ވަޝިއްޔާ އިރުކޮޅަކު އިށީނދެލައިގެން އިނެވެ. އެ މަދު ބަސްކޮޅުން އޭނާގެ ހިތަށް ލިބުނު ހަމަޖެހުމާމެދު އޭނާ ހައިރާންވިއެވެ.

ނުހަނު ލަސްލަހުން ހެދުން ބަދަލުކުރިއެވެ. އޭނާ އިޚުތިޔާރުކުރީ ކަޅުކުލައިގެ ބޮޑު ހޫޑީއަކާއި ޖޮގިން ޕޭންޓެކެވެ. އެއީ އޭނާއަށް ފަސޭހަ، އަދި އަމިއްލަ ނަފުސުގެ ތެރެއަށް ވަދެ ފިލައި ހުރެވޭ ފަދަ ހެދުމެކެވެ. ދިގު އިސްތަށިގަނޑު ދޫކޮށް އައްސާލައި، މޫނު ދޮވެލުމަށްފަހު ލޯގަނޑު ކުރިމަތީގައި މަޑުކޮށްލިއެވެ.

ލޯގަނޑުން ފެންނަން ހުރީ އޭނާއެވެ. ނަމަވެސް ކުރިއާ ތަފާތު ގޮތަކަށެވެ. އޭނާ ހުރީ ވަރުބަލިވެފައެވެ. ލޮލުން ފެންނަނީ ނުނިދައި ހޭދަކުރި ގިނަ ވަގުތުތަކުގެ އަސަރެވެ. މީގެ ކުރިން ދުވަހަކުވެސް ފާހަގަނުކުރެވޭ ފަދަ ބިރުވެރިކަމެއް އޭނާގެ މޫނުމަތިން ފެންނަން ހުއްޓެވެ.

އޭނާގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަން އެހެން މީހަކަށް ފެނިދާނެބާވައޭ ހިތަށްއެރިއެވެ. ދެން އޭނާ ފޯނު ނަގައި ޖީބަށް ލުމަށްފަހު، އެންމެ ފަހު ފަހަރަށް ދޮރާ ދިމާއަށް ބަލައިލިއެވެ. މިރޭ އޭނާ ބޭނުންވަނީ ސުވާލުތަކުގެ ޖަވާބެއް ނޫނެވެ. އޭނާ ބޭނުންވީ ހަމައެކަނި ބޭރަށް ނުކުންނާނެ ހިތްވަރެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top