ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
2039 ވަނަ އަހަރު މުސްލިމުންނަށް ތިން އީދާއި ދެ ޙައްޖު މޫސުން ތަޖުރިބާކުރަން ލިބެނީ

ކަލަންޑަރުގެ ހިސާބުތަކުން ދައްކާ ގޮތުގައި، 2039 ވަނަ އަހަރަކީ މުޅި ދުނިޔޭގެ މުސްލިމުންނަށް ވަރަށް މަދުން ނޫނީ ނުފެންނަ ފަދަ ޚާއްޞަ އަހަރަކަށް ވެގެންދާނެއެވެ. އެގޮތުން އެ މީލާދީ އަހަރުގެ ތެރޭގައި ތިން އީދާއި ދެ ޙައްޖު މޫސުން ކުރިމަތިވާނެ ކަމަށް ފަލަކީ ހިސާބުތަކުން މިހާރު ވަނީ ލަފާކޮށްފައެވެ.

ފަލަކީ ކަލަންޑަރުތަކުން ދައްކާ ގޮތުގައި، 2039 ވަނަ އަހަރު ދެ އަޟްޙާ ޢީދާއި އެއް ފިޠުރު ޢީދު ފާހަގަކުރާނެއެވެ. މިގޮތުން، އެ އަހަރުގެ ފުރަތަމަ އަޟްޙާ ޢީދު ޖެނުއަރީ މަހުގެ 5 ނުވަތަ 6 ހިސާބުގައި އަންނައިރު، ފިޠުރު ޢީދު އަންނާނީ އެ އަހަރުގެ އޮކްޓޫބަރު 19 ގައެވެ. އަދި ދެވަނަ އަޟްޙާ ޢީދު އަންނާނީ ޑިސެމްބަރު މަހުގެ 26 ގައެވެ.

މި ތަފާތު ބަދަލު އަންނަ މައިގަނޑު ސަބަބަކީ، އިސްލާމީ ހިޖުރީ ކަލަންޑަރަކީ ހަނދުމަހުގެ ދައުރަށް ބިނާވެފައިވާ ކަލަންޑަރަކަށް ވެފައި، އެއް އަހަރުގައި ގާތްގަނޑަކަށް 354 ނުވަތަ 355 ދުވަސް ހިމެނޭތީއެވެ. ނަމަވެސް އިރުގެ ދައުރަށް ބަލާ މީލާދީ ކަލަންޑަރުގައި 365 ނުވަތަ 366 ދުވަސް އޮވެއެވެ. މި ދެމެދުގައި ހުންނަ ތަފާތުގެ ސަބަބުން ކޮންމެ މީލާދީ އަހަރަކުވެސް ހިޖުރީ ތާރީޚުތައް ގާތްގަނޑަކަށް 10 ނުވަތަ 11 ދުވަސް ކުރިއަށް ޖެހެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން 2039 ވަނަ އަހަރުގެ ތެރޭގައި ހިޖުރީ ދެ އަހަރު ކަމަށްވާ، 1460 ވަނަ އަހަރާއި 1461 ވަނަ އަހަރުގެ ޛުލްޙިއްޖާ މަސް އެއް މީލާދީ އަހަރެއްގެ ތެރެއަށް ވަދެގެންދެއެވެ.

މިވެސް ކިޔާލަން:  އެކަތި ބޮޑުބެރުގެ ފޯރިގަދަ "ހިނިތުންވެ" ލަވަ ނެރެފި

ކަލަންޑަރު ލަފާކުރާ ގޮތުން، އެ އަހަރުގެ ފުރަތަމަ ޙައްޖު މޫސުމުގެ މައިގަނޑު އަޅުކަންތައް އޮންނާނީ ޖެނުއަރީ މަހުގެ ކުރީކޮޅުގައެވެ. އެގޮތުން ޢަރަފާތް ދުވަސް ޖެނުއަރީ 4 ވަނަ ދުވަހަށް ދިމާވާއިރު، އަޟްޙާ ޢީދު ދުވަހަކީ ޖެނުއަރީ 5 ނުވަތަ 6 އެވެ. ދެވަނަ ޙައްޖު މޫސުން އަންނާނީ އެ އަހަރުގެ ޑިސެމްބަރު މަހުގައެވެ. މި މޫސުމުގެ ޢަރަފާތް ދުވަސް ޑިސެމްބަރު 25 ގައި އޮންނައިރު، އަޟްޙާ ޢީދު އަންނާނީ ޑިސެމްބަރު 26 ގައެވެ. އަދި ރަމަޟާން މަސް ނިމުމާ ގުޅިގެން އަންނަ ފިޠުރު ޢީދު އޮކްޓޫބަރު 19 ގައި އައުމާއެކު، މިއީ އެއް މީލާދީ އަހަރެއްގެ ތެރޭގައި “އަޟްޙާ ޢީދު، ފިޠުރު ޢީދު އަދި އަނެއްކާވެސް އަޟްޙާ ޢީދު” މި ތަރުތީބުން ތިން ޢީދު ފެނިގެންދާނެ ވަރަށް ނާދިރު ފުރުޞަތެކެވެ.

ފާހަގަކޮށްލަންޖެހޭ ކަމަކީ، މިއީ އެއް ހިޖުރީ އަހަރެއްގެ ތެރޭގައި ދެ ޙައްޖު މޫސުން އައުން ނޫން ކަމެވެ. މިއީ މުޅިން ވަކި ދެ ހިޖުރީ އަހަރެއްގެ ދެ ޙައްޖު މޫސުމެވެ. ނަމަވެސް މީލާދީ ކަލަންޑަރުން ގުނާއިރު އެއް އަހަރަކަށް މި ދެ މޫސުން ވަންނަނީއެވެ. މިފަދަ އަނެއް ހާދިސާއަކީ 2030 ވަނަ އަހަރު އެއް މީލާދީ އަހަރެއްގައި ދެ ރަމަޟާން މަސް ފެށުމެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ދެވަނަ ރަމަޟާން މަސް ނިމޭނީ 2031 ވަނަ އަހަރަށެވެ.

މި ތާރީޚުތަކަކީ އުންމުލްޤުރާ ކަލަންޑަރާއި ފަލަކީ ހިސާބުތަކަށް ބިނާކޮށް ލަފާކޮށްފައިވާ ތާރީޚުތަކެކެވެ. ޝަރުޢީ ހަމަތަކުގެ މަތިން ހަނދު ފެނުމާއި ރަސްމީ އިޢުލާންތަކާ ގުޅިގެން މި ތާރީޚުތަކަށް އެއް ދުވަހުގެ ފަރަގެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މިވެސް ކިޔާލަން:  އުފާވެރިކަމުގެ ހަނދު ނޭރި އީދު!
0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top