އޭއައި ބޮޓެއްގެ ފަރާތުން ލިބުނު ސިއްޙީ އިރުޝާދަކާ ގުޅިގެން ދަރިފުޅު މަރުވުމުން، އެކަމުގެ ޒިންމާ އުފުލަންޖެހޭނެ ކަމަށް ބުނެ ޗެޓްޖީޕީޓީގެ މައްޗަށް މައިންބަފައިން ދަޢުވާކޮށްފިއެވެ.
އެމެޒޯންގެ ކުރީގެ ސޮފްޓްވެއަރ އިންޖިނިއަރެއް ކަމަށްވާ، އަދި ފިިިިޓްޖެހޭ ބަލީގެ (އެޕިލެޕްސީ) ނުރައްކާތެރި ހާލަތެއް ތަހައްމަލު ކުރަމުންދިޔަ، 31 އަހަރުގެ ބޯވެން ވާންގެ މަރުގެ މައްސަލާގައި އޭނާގެ މައިންބަފައިން ވަނީ އޯޕަން އޭއައި އާއި އެ ކުންފުނީގެ ސީއީއޯ ސޭމް އެލްޓްމަންގެ މައްޗަށް ދަޢުވާކޮށްފައެވެ. އެ މީހުން ތުހުމަތުކުރާ ގޮތުގައި ޗެޓްޖީޕީޓީން ވަނީ، ބޯވެން ބޭނުންކުރަމުންދިޔަ ބޭސްތައް ނުރައްކާތެރި މިންވަރަކަށް މަދުކުރުމަށް އިރުޝާދުދީ، އެކަން ޑޮކްޓަރުންނަށް ސިއްރުކުރުމަށް ބާރުއަޅާފައެވެ.
މައްސަލައިގެ ތަފްޞީލު:
– އަނިޔާ ލިބުނު ފަރާތް: ބޯވެން ވާން، 31 އަހަރު (ސިއެޓްލް، ވޮޝިންގޓަން).
– ދަޢުވާކުރާ ފަރާތްތައް: އޭނާގެ މައިންބަފައިން ކަމަށްވާ ކުން ވާން އަދި މޭޗިން ޒޫ.
– މަރުވި ތާރީޚު: 12 ފެބްރުއަރީ 2026 ގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓް ތެރޭގައި މަރުވެފައި އޮއްވާ ފެނުނީ، ފިޓްޖެހޭ ބަލީގެ މީހުންނަށް ދިމާވާ ކުއްލި މަރުގެ ހާލަތެއްގައެވެ.
– ބޭނުންކުރި އޭއައި މޮޑެލް: އޭނާ ބޭނުންކުރީ ޖީޕީޓީ-4އޯ ގެ ކުރީގެ ވަރޝަނެކެވެ. އޭނާ މަރުވިތާ އެއްދުވަސް ފަހުން، 13 ފެބްރުއަރީ 2026 ގައި އޯޕަން އޭއައި އިން ވަނީ އެ ވަރޝަން ބޭނުންކުރުން ހުއްޓާލާފައެވެ.
ދަޢުވާގައި ފާހަގަކޮށްފައިވާ މުހިންމު ނުކުތާތައް:
– ބޭސް މަދުކުރުމުގެ ނުރައްކާތެރި ރޭވުން: ދަޢުވާގައިވާ ގޮތުން، ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބޭއްވި އިންޓަވިއުތަކުގައި ބޭހުގެ ސަބަބުން ސިކުނޑިއަށް ވަމުންދިޔަ އުނދަގޫތަކުގެ ސަބަބުން ބޯވެން ބޭނުންވީ ބޭސް މަދުކުރާށެވެ. ޗެޓްޖީޕީޓީން ވަނީ އޭނާ ދުވާލަކު ބޭނުންކުރާ 400 މިލިގްރާމްގެ ބޭސް، މަދު ހަފްތާކޮޅެއްގެ ތެރޭގައި އެއްކޮށް ހުއްޓާލެވޭނެ ތާވަލެއް ތައްޔާރުކޮށްދީފައެވެ.
– ޑޮކްޓަރުންނަށް އިތުބާރު ކުޑަކުރުވުން: “ދަ ނިއުޔޯކް ޓައިމްސް” އިން ދިރާސާކުރި ޗެޓް ލޮގްތަކުން އެނގޭ ގޮތުގައި، ޑޮކްޓަރުންނަކީ ސިއްޙީ މާހިރުންގެ ބަދަލުގައި، ކަންކަމުގައި މާ ބޮޑަށް ބިރުގަންނަ “ހުރަސްތަކެއް”ގެ ގޮތުގައި ދެކުމަށް ބޯވެންގެ ސިކުނޑި ވަނީ ތައްޔާރުކޮށްފައެވެ. އަދި ލޭގެ ޓެސްޓެއް ހަދަން ބޯވެން ދެކޮޅު ހެދުމުން އެކަމަށް ތައުރީފުކޮށް، ބޭސް މަދުކުރާކަން ޑޮކްޓަރުންނަށް ސިއްރުކުރުމަށް ވެސް ވަނީ ލަފާދީފައެވެ.
– ބަހުރުވަ އާއި ގުޅުން އުފެއްދުން: މި ދަޢުވާގައި ބުނެފައިވަނީ އޭނާ މުޢާމަލާތްކުރީ އިނގިރޭސި އަދި މެންޑަރިން ބަހުން ކަމަށާއި، އޭއައި މޮޑެލްގެ މާ ބޮޑަށް އެއްބަސްވާ އަދި ތާއީދުކުރާ ސިފައެއްގެ ސަބަބުން، އޭނާ އެއަށް ނުރައްކާތެރި މިންވަރަކަށް ބަރޯސާވި ކަމަށެވެ.
އޯޕަން އޭއައިގެ ރައްދު:
– އޯޕަން އޭއައިގެ ތަރުޖަމާނަކު ވަނީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
– އެ ކުންފުނިން ހާމަކުރި ގޮތުގައި ބޯވެން ބޭނުންކުރި ޗެޓްޖީޕީޓީގެ ވަރޝަން މިހާރު ބޭނުން ނުކުރެވޭނެއެވެ. އަދި އައު މޮޑެލްތަކަކީ ކުއްލި ސިއްޙީ އެހީތެރިކަން ބޭނުންވާ ހާލަތްތައް ދެނެގަތުމަށާއި، އިންޒާރުގެ މެސެޖުތައް ދިނުމަށް ފަރުމާކުރެވިފައިވާ މޮޑެލްތަކެއް ކަމަށް ވެސް ބުނެފައިވެއެވެ.
– އޯޕަން އޭއައި އިން ބުނާ ގޮތުގައި، ސިއްޙީ މައުލޫމާތު ހޯދުމަށާއި ޑޮކްޓަރުގެ އެޕޮއިންޓްމަންޓްތަކަށް ތައްޔާރުވުމަށް އޭއައި އެހީތެރިވެދިން ނަމަވެސް، ޗެޓްޖީޕީޓީއަކީ ޕްރޮފެޝަނަލް ސިއްޙީ ނުވަތަ ނަފްސާނީ ފަރުވާގެ ބަދަލުގައި ބޭނުންކުރެވޭނެ އެއްޗެއް ނޫނެވެ.
