ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މި އަހަރު އަލަށް ބާއްވަން ފެށި އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕް މުބާރާތުގެ ހއ. އަތޮޅު ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފިއެވެ.
ހއ. އަތޮޅުން މި މުބާރާތުގައި ބައިވެރިވެފައި ވަނީ އިހަވަންދޫ އާއި ފިއްލަދޫ އެވެ. ދެ ރަށުން ބައިވެރިވެފައިވާތީ މި އަތޮޅު މުބާރާތުގައި ކުޅުމަށް ހަމަޖެހިފައިވަނީ އެންމެ މެޗެކެވެ. އެއީ އަތޮޅުގެ ޗެމްޕިއަނުން ކަނޑައެޅުމަށް ކުޅެން ހަމަޖެހިފައިވާ ފައިނަލް މެޗު އެކަންޏެވެ. އިހަވަންދޫ އާއި ފިއްލަދޫގެ ވާދަކުރި ފައިނަލް މެޗު އިހަވަންދޫ ކާމިޔާބު ކުރީ ފަސޭހަކަމާއިއެކު 5-0 އިންނެވެ.
މި މެޗު ފަށައިގެން ރަނގަޅަށް ކުޅުނީ އިހަވަންދޫންނެވެ. މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ދެ ފުރުސަތެއް އެ ޓީމުން ހޯދި ނަމަވެސް އެއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ. ޑިފެންސަށް އިސްކަންދީ ކައުންޓާރ އެޓޭކްގައި ލަނޑު ޖަހަން މަސައްކަތްކުރި ފިއްލަދޫއަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފައެވެ.
ލަނޑު ޖެހުމަށް ކުރަމުންދިޔަ މަސައްކަތް އެންމެ ފުރަތަމަ ކާމިޔާބުކުރީ އިހަވަންދޫންނެވެ. މެޗުގެ ނުވަވަނަ މިނިޓްގައި ލަނޑު ޖަހައި އިހަވަންދޫއަށް ލީޑު ނަގައިދިނީ މުޙައްމަދު ސާނިއުއެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ ފިއްލަދޫ ޓީމުގެ ހާފުގެ ތެރެއިން މެދުރޮނގު ކައިރިން ތިރިތިރިން ފޮނުވާލި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ނަތީޖާ ހަމަހަމަކުރުމަށް މަސައްކަތް ކުރަމުންދިޔަ ފިއްލަދޫއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި ދިޔައިރު، ނަތީޖާގެ ފަރަގު ބޮޑުކޮށްލަން އިހަވަންދޫއަށް ލިބުނު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް އެންމެ ރަނގަޅަށް ކުރެވިފައެއް ނުވެއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން އިހަވަންދޫން އެ ޓީމުގެ ލީޑު ފުޅާކުރިއެވެ. ރާއީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިހަވަންދޫއަށް މި ލަނޑު ޖަހައިދިނީ އެ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަޙްމަދު އެލްސައިދު އެވެ. އަޙްމަދު އެލްސައިދުއަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޑިވިޝަންގައި ކުރިން ކުޅެފައިވާ ކުޅުންތެރިއެކެވެ.
ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު، ދެވަނަ ހާފުގައި އިހަވަންދޫން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކާފައެވެ. ހާފު ފެށުމާއިއެކު އިހަވަންދޫން ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ. ފިއްލަދޫ ޓީމުގެ ހާފުގެ މެދަކާއި ހިސާބުން ލިބުނު ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައި މި ލަނޑު ކާމިޔާބުކޮށްދިނީ ދެވަނަ ލަނޑު ޖަހައިދިން އަޙްމަދު އެލްސައިދު އެވެ.
ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ރީތި ޕާސިންގް ގޭމެއް ކުޅެމުންދިޔަ އިހަވަންދޫން އެ ޓީމުގެ ހަތަރުވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ ހަތަރުވަނަ މިނިޓްގައެވެ. މުޙައްމަދު ސާނިއު މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ ކުޅުންތެރިއަކު ފިއްލަދޫ ޓީމުގެ ހާފުގެ ތެރެއިން އޭނާއަށް ޖައްސާލި ބޯޅައެއް ހިފައިގެން ކުރިޔަށް ޖެހިލައި އޭރިޔާ ބޭރުން ތިރިތިރިން ގޯލުގެ ތެރެއަށް ވައްދާލައިގެންނެވެ.
ހަތަރު ލަނޑުގެ ލީޑެއްގައި އޮވެ ކުޅެމުންދިޔަ އިހަވަންދޫއަށް މި ހާފުގައި ވެސް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެވެ. އެ ފުރުސަތުތަކުގެ ބޭނުން އެންމެ އެދެވޭ ގޮތުގައި އިހަވަންދުއަށް ނުހިފި ދިޔައިރު، ފިއްލަދޫއަށް ލިބުނު މަދު ފުރުސަތުތަކުގެ ބޭނުން އެ ޓީމަށް ވެސް ކުރެވިފައެއް ނުވެއެވެ.
އިހަވަންދޫ ޓީމުގެ ހާފުގެ ތެރެއިން ލިބުނު ބޯޅައެއް ހިފައިގެން ހުސްކޮށް އަރައި ފިއްލަދޫ ޓީމުގެ ކީޕަރު ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައި، އަޙްމަދު އެލްސައިދު ފުރިހަމަކުރި ހެޓްރިކާއިއެކު މެޗުގެ ނަތީޖާ 5-0 އަށް ބަދަލުކޮށްލިއެވެ.
5-0 އިން މޮޅުވެ ހއ. އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ އަޙްމަދު އެލްސައިދު އެވެ.
