ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
އީގަލްސް އެއްވަނައިގައި ހަމަޖެހިލައިފި

ދިވެހި ޕްރިމިއާރ ލީގު ފުޓްބޯޅަ މުބާރާތުގައި ކުޅުނު ތިން މެޗުން މޮޅުވި ހަމައެކަނި ޓީމު، ކުލަބް އީގަލްސް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި އެވެ.

ގަލޮޅު ރަސްމީ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބައްދަލުކުރީ ޓީސީ ސްޕޯރޓްސް ކުލަބާއި ކުލަބް އީގަލްސް އެވެ. މިއީ 2026/2027 ދިވެހި ޕްރިމިއާރ ލީގުގައި މި ދެ ޓީމުގެ ވެސް ތިންވަނަ މެޗެވެ. ކުރިން ކުޅުނު ދެ މެޗުން އީގަލްސް މޮޅުވެފައިވާއިރު ޓީސީ ކުޅުނު ދެ މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އަނެއް މެޗުން ވަނީ ބަލިވެފަ އެވެ.

ދެ ޓީމުގެ ފަރާތުން ވެސް ރަނގަޅު ކުޅުމެއް ފެނުނު މި މެޗުގައި ގިނަ ވަގުތު ބޯޅަ ގެންގުޅެ ރަނގަޅު ފުރުސަތުތައް ހޯދީ އީގަލްސްއިން ނަމަވެސް، ލަނޑެއް ޖެހުމަށް އީގަލްސްއިން ކުރަމުން އައި މަސައްކަތް ހުއްޓުވުމުގައި ޓީސީން ވަނީ ފުރަތަމަ ހާފުގެ ފަހު މިނިޓާއި ހަމައަށް ރަނގަޅު ކުޅުމެއް ދައްކާފަ އެވެ.

މި މެޗުގެ ފުރަތަމަ ލަނޑު ޖަހައި އީގަލްސްއިން ލީޑު ނެގީ 44 ވަނަ މިނިޓްގަ އެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ވެން ޑޭވް އެވެ. އޭނާ މި ލަނޑު ޖަހާފައިވަނީ އެ ޓީމުގެ އެލް ސެޑެކް މުހައްމަދު ޓީސީގެ އޭރިޔާތެރެއަށް ފޮނުވާލި ހިލޭ ޖެހުން ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ.

ފުރަތަމަ ހާފު މި ނަތީޖާއާއެކު ނިމުނުއިރު ދެވަނަ ހާފުގައި ޓީސީން ވަނީ ފުރަތަމަ ހާފަށްވުރެ ރަނގަޅު ކުޅުމެއް ދައްކައި އީގަލްސްގެ ފަހަތަށް ބާރުބޮޑުކޮށްފަ އެވެ. ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ޓީސީން ހޯދި މި ހާފުގައި އެ ޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް އީގަލްސްގެ ކީޕަރު ހަނީފް ސާގިބު ދިފާއުކޮށްފައިވެ އެވެ.

މިވެސް ކިޔާލަން:  ބިދޭސީ ތިން ކުޅުންތެރިންނާއި ކޯޗެއް މާޒިޔާއާ ގުޅިއްޖެ

ނަތީޖާ ހަމަހަމަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރި ޓީސީއަށް އެކަމުގައި ކާމިޔާބެއް ނުހޯދި އުޅެނިކޮށް އީގަލްސްއިން ދެވަނަ ލަނޑު ޖެހި އެވެ.

80 ވަނަ މިނިޓްގައި އީގަލްސްއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މި ލަނޑު ވެސް ޖެހީ އެ ޓީމަށް ލިބުނު ފްރީކިކެއްގައި ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅައެއް ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މާކޯ އިވަނޮވިޗް އެވެ.

ދެވަނަ ލަނޑަށް މާގިނައިރެއް ނުވެ އީގަލްސްއިން ތިންވަނަ ލަނޑު ޖަހައި ނަތީޖާގެ ފަރަގު ބޮޑުކުރި އެވެ. 85 ވަނަ މިނިޓްގައި އީގަލްސްގެ ޒައިން ޒަފަރު ނަގައިދިން ކޯނަރުން، އުފެއްދި ފުރުސަތެއްގައި މި ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ވެން ޑޭވް އެވެ.

3-0 އިން އީގަލްސް މޮޅުވި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ މާކޯ އިވަނޮވިޗް އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާއިއެކު ނުވަ ޕޮއިންޓް ހަމަކޮށް ލީގުގެ އެއްވަނައިގައި އީގަލްސްއިން ހަމަޖެހިލިއިރު، ދެވަނައިގައިވާ ވިކްޓަރީ އާއި ތިންވަނައިގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައި ވަނީ ހަތް ޕޮއިންޓެވެ.

ލީގުގެ މެޗެއް ދެން އޮންނާނީ 13 ވަނަ ދުވަހުގެ ހަވީރު އެވެ. މި މެޗުގައި ބައްދަލުކުރާނީ ބިސްބުރާއި ގައްދޫ އެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top