ދަރިވަރުންގެ ކިބައިގައި އަށަގަންނުވަންޖެހޭ އެންމެ މުހިންމު ހުނަރުތަކަކީ ކޮބައިތޯއެވެ؟ އާ ގޮންޖެހުންތަކާއި، ބަދަލުވަމުންދާ އުންމީދުތަކާއި، ކުރިމަތިވަމުންދާ ބޭނުންތަކުން ފުރިގެންވާ މުސްތަޤްބަލަކަށް އެންމެ ފުރިހަމަ ގޮތުގައި އެކުދިން ތައްޔާރުކުރެވޭނީ ކިހިނެއްތޯއެވެ؟ ސްކޫލްތަކާއި އުނގަންނައިދިނުމާ މެދު އަޅުގަނޑުމެންގެ މެދުގައި އޮންނަ، މުސްތަޤްބަލުގެ ބޭނުންތަކަށްވުރެ ބޮޑަށް މާޒީއަށް ބުރަވެފައިވާ އާދަކާދަތަކާއި ވިސްނުންތަކުގެ ސަބަބުން، މިއީ ބުރަ މަސައްކަތަކަށް ވެދާނެއެވެ. ނަސީބަކުން، ދާދިފަހުން ކުރެވުނު ބައިނަލްއަޤްވާމީ ދިރާސާއަކުން މި ސުވާލުތަކަށް ވިސްނާލަންޖެހޭ ފަދަ ޖަވާބުތަކެއް ވަނީ ލިބިފައެވެ.
ކޭމްބްރިޖް އިންޓަރނޭޝަނަލްއިން ކުރިއަށްގެންދިޔަ މި ދިރާސާގެ ބޭނުމަކީ، މުސްތަޤްބަލަށް ތައްޔާރުވުމަށް ދަރިވަރުންނަށް ކޮންމެހެން ބޭނުންވާ ޢިލްމާއި ހުނަރުތައް ދެނެގަތުމެވެ. މި ދިރާސާގެ ނަތީޖާ ބައެއް ގޮތްގޮތުން އާދައިގެ ކަމެއްގެ ގޮތުގައި ފެނުނު ނަމަވެސް، އަނެއްބައި ގޮތްގޮތުން މިއީ ވަރަށް ހައިރާންކުރުވަނިވި ނަތީޖާއެކެވެ. 150 ޤައުމަކުން 3،000 އަށްވުރެ ގިނަ މުދައްރިސުންނާއި 4،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވި މި ދިރާސާއިން ދައްކާގޮތުގައި، ހަތަރު ދާއިރާއަކުން އެންމެން އެއްބަސްވެއެވެ. އެއީ: ޢިލްމު، އަމިއްލަ ނަފްސު މެނޭޖްކުރުން، މުޢާމަލާތްކުރުން، އަދި ހާލަތަށް އަހުލުވެރިވުމެވެ.
ތަޢުލީމީ ދާއިރާގެ ބޭފުޅުންނާއި ދަރިވަރުންގެ ޚިޔާލުތަކަކީ އޭގެ ޒާތުގައި މުހިންމު އެއްޗަކަށް ވީނަމަވެސް، ކޭމްބްރިޖް އިންޓަރނޭޝަނަލްގެ މި ހޯދުންތަކަށް ތަޢުލީމީ، ނަފްސާނީ އަދި ނިއުރޯސައިންސްގެ ދިރާސާތަކުން ބޮޑު ތާއީދެއް ލިބެއެވެ. ޢާންމުކޮށް އެންމެން އެއްބަސްވާ ގޮތުގައި ދަރިވަރުންނަށް ބޭނުންވަނީ:
– އެކި ދާއިރާތަކުން ފުރިހަމަ ޢިލްމީ ބިންގަލެއް އަޅައި، އުނގެނުނު ކަންތައްތައް ޢަމަލީ މައިދާނުގައި ބޭނުންކުރުމުގެ ހުނަރު.
– އަމިއްލަ އިޙްސާސްތަކާއި، ވިސްނުމާއި، އަދި އުޅުން މެނޭޖްކުރުމުގެ ޤާބިލުކަން.
– ތިމާ ބޭނުންވާ ކަންކަމާއި، ތިމާއަށް އެނގޭ އެއްޗަކާއި، އަދި އުނގެނެން ބޭނުންވާ ކަންކަން މުޢާމަލާތްކުރުމުގެ ހުނަރު.
– ބަދަލުވަމުންދާ ހާލަތްތަކާއި އުންމީދުތަކަށް އަހުލުވެރިވުމުގެ ތައްޔާރުކަން.
ބަލާބެލުމަށް މި ކަންކަމަކީ އާދައިގެ ކަންތައްތަކެއް ކަމަށް ހީވި ނަމަވެސް، ތަފާތު އެޖެންޑާތަކާއި، ޓެކްނޮލޮޖީއާއި ސޯޝަލް މީޑިއާގެ ސަބަބުން ކުރިމަތިވާ ހުރަސްތަކާއި، އަދި ގްރޭޑްތަކަށް މާބޮޑަށް ސަމާލުކަން ދެވުމުގެ ސަބަބުން، އަޅުގަނޑުމެންނާއި ދަރިވަރުންނަށްވެސް ހަޤީޤީ މުހިންމު ކަންކަން އޮޅޭގޮތްވެއެވެ. މިއީ އެ ހަތަރު ދާއިރާއަށް ތަފްޞީލީ ގޮތެއްގައި ބަލާލުމެކެވެ.
މާއްދާ ޢިލްމު (ސަބްޖެކްޓް ނޮލެޖް)
އާޓިފިޝަލް އިންޓެލިޖެންސްގެ ނުފޫޒު ގަދަވަމުންދާ މި ޒަމާނުގައި، މާއްދާތަކުގެ ފުން ޢިލްމަކީ އެހާ މުހިންމު ކަމެއް ނޫންކަމަށް ބައެއް މީހުން ހީކޮށްފާނެއެވެ. ނަމަވެސް، ހަޤީޤަތަކީ މީގެ އިދިކޮޅެވެ. މާއްދާ ޢިލްމަކީ އާ ކަންކަން ހޯދައި ބެލުމަށް މަގުފަހިކޮށްދޭ، އަދި ލިބޭ މަޢުލޫމާތަކީ އިތުބާރު ހިފޭ މަޢުލޫމާތެއްތޯ ދެނެގަތުމަށް އެހީތެރިވެދޭ ކަމެކެވެ. މިއާ ޚިލާފަށް، މާއްދާ ޢިލްމު މަދުވުމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ މަޢުލޫމާތު ފާޑުކިޔުމުގެ ނަޒަރަކުން ވަޒަންކުރުމަށް ހުރަސްއެޅި، ނުބައި ނަތީޖާތައް ޤަބޫލުކުރެވޭ ގޮތްވެއެވެ. އަދި މަޢުލޫމާތު ފުރިހަމައަށް ނޭނގުމުގެ ސަބަބުން، ކުރަންޖެހޭ ސުވާލުތައް ދެނެގަތުމަށްވެސް ދަރިވަރުންނަށް ދަތިވެއެވެ.
އަމިއްލަ ނަފްސު މެނޭޖްކުރުން (ސެލްފް މެނޭޖްމެންޓް)
މިއަދުގެ ދަރިވަރުން ތައްޔާރުވަމުންދާ ދުނިޔެއަކީ ސަމާލުކަން ގެއްލުވާލާ ކަންތައްތަކާއި، ނުތަނަވަސްކަމާއި، ތަފާތު ޚިޔާލުތަކުން ފުރިގެންވާ ދުނިޔެއެކެވެ. އެކުދިންނަށް ވާރުތަވާ ދުނިޔެއަކީ ކުރީގެ އެއްވެސް ޖީލަކަށް ކުރިމަތިނުވާހާ އުނދަގޫތައް ހުންނާނެ ދުނިޔެއެކެވެ. އެހެންކަމުން، ކަންކަމަށް ސަމާލުކަން ދިނުމާއި، ވަގުތު މެނޭޖްކުރުމާއި، އިސްކަންދޭންޖެހޭ ކަންކަން ކަނޑައެޅުމާއި، އަދި ގޮންޖެހުންތަކާ އެކުވެސް ކުރިއަށް ދިއުމުގެ ހުނަރަކީ ކާމިޔާބީގެ މުހިންމު ބަހާތަކެވެ. ދިރާސާތަކުން ދައްކާގޮތުގައި، އަމިއްލަ ނަފްސު ކޮންޓްރޯލްކުރުމުގެ ޤާބިލުކަން ހުރުމަކީ، އައި.ކިއު ނުވަތަ އިޖުތިމާޢީ ދަރަޖައަށްވުރެ ބޮޑަށް، މުސްތަޤްބަލުގެ ޞިއްޙަތާއި މާލީ ކާމިޔާބީއަށް މަގުފަހިކޮށްދޭ ކަމެކެވެ.
މުޢާމަލާތްކުރުން (ކޮމިއުނިކޭޝަން)
މުޢާމަލާތްކުރުމުގެ ހުނަރަކީ މިއަދުގެ ދުނިޔެއަށް އެންމެ ބޮޑަށް ބޭނުންވެފައިވާ، އަދި އެންމެ ބޮޑު ހުސްކަމެއް އޮތް އެއް ދާއިރާއެވެ. ކޭމްބްރިޖް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޢިލްމާއި ހުނަރު ހުރިނަމަވެސް، އެކަންކަން އަނެކުންނަށް ފޯރުކޮށްދޭން ނޭނގޭނަމަ، އޭގެ އެއްވެސް އަގަކެއް ނެތެވެ. މުސްތަޤްބަލަށް ދަރިވަރުން ތައްޔާރުކުރުމުގައި، އެހެން މީހުންގެ އިޙްސާސްތައް ދެނެގަތުމާއި، ގުޅިގެން މަސައްކަތްކުރުމާއި، މީހުންނަށް ކަންކަން ވިސްނައިދިނުމާއި، އަދި މައްސަލަތައް ހައްލުކުރުމުގެ ހުނަރު ދަސްކޮށްދޭންޖެހެއެވެ.
ހާލަތަށް އަހުލުވެރިވުން (އެޑެޕްޓެބިލިޓީ)
ބަދަލުވަމުންދާ ހާލަތްތަކާ އެއްގޮތަށް ކަންކަން ބަދަލުކުރުމުގެ ހުނަރަކީ މުސްތަޤްބަލުގެ ކާމިޔާބީއަށް އެންމެ މުހިންމު އެއް ހުނަރެވެ. އެކި ގޮތްގޮތަށް އުނގެނުމުގެ ހުނަރު ލިބިފައިވުމުން، ހަމައެކަނި ކުރިން އެނގިފައިވާ ކަންކަމަށް ބަރޯސާވުމުގެ ބަދަލުގައި، އާ ކަންކަން ދަސްކުރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. އުނގެނުމަކީ ހަމައެކަނި ރޭވިގެންދޭ ފިލާވަޅުތަކަކުން ލިބޭ އެއްޗެއްގެ ގޮތުގައި ބެލުމަކީ ހަޤީޤަތާ ދުރު ކަމެކެވެ. އުނގެނުމުގެ ފުރުޞަތުތައް ލިބެނީ ތަޖުރިބާތަކާއި، އުންމީދުތަކާއި، އަދި ކަންކަން ބަލައި ދެނެގަތުމުގެ ތެރެއިންނެވެ. މީގެ އިތުރުން، ދިރިއުޅުމުގެ ނާކާމިޔާބީތަކުން އަރައިގަތުމުގެ ހިތްވަރު (ރެސިލިއެންސް) ހުރުމަކީވެސް ކާމިޔާބީ އަވަސްކޮށްދޭނެ ކަމެކެވެ.
ޝައްކެއްވެސްނެތްގޮތުގައި، މިއަދުގެ ދަރިވަރުން ކުރިމަތިލާންޖެހޭ ދިރިއުޅުމަކީ ގޮންޖެހުންތަކާއި ފުރުޞަތުތަކުން ފުރިގެންވާ ދިރިއުޅުމެކެވެ. ކޭމްބްރިޖް ދިރާސާއިން ފާހަގަކުރި މި ހަތަރު ހުނަރަކީ ހުރިހާ ކަމެއް ނޫންކަމަށް ވިޔަސް، މިއީ ދަރިވަރުންގެ ކުރިއެރުމަށް ބޭނުންވާ ވަރުގަދަ ބިންގަލެކެވެ.
