ރިޝާން އިރުކޮޅަކަށް އޭނަގެ ނަޒަރު ތިރިކޮށްލިއެވެ. އެހެން މީހެއްގެ އެހީތެރިކަން ޤަބޫލުކުރަން އޭނާއަށް އިންތިހާއަށް އުނދަގޫވިއެވެ. ނަމަވެސް އޭނާގެ ކާފަ އޮތީ ބަލި އެނދުގައެވެ. ބޮޑާކަމަކުން ނުކެރިގެން ހުރެގެން ފުރާނައެއް ސަލާމަތެއް ނުކުރެވޭނެއެވެ.
ތިން ދުވަސް ފަހުން، އާއިރާގެ އާއިލާގެ އެހީތެރިކަމާއެކު ހުރިހާ ކަމެއް ހަމަޖެހި، ހަސަން މަނިކު ފަރުވާއަށް އިންޑިޔާގެ ޚާއްސަ ހޮސްޕިޓަލަކަށް ބަދަލުކުރެވުނެވެ. އަދި އެ އޮޕަރޭޝަން ކާމިޔާބުވިއެވެ. އެ ޚަބަރު ލިބުމުން ރިޝާނަށް ރޮވުނެވެ. އެއީ އޭނާ ބަލިކަށިވީމައެއް ނޫނެވެ. ނަމަވެސް ކާފަ ވަކިވެދާނެކަމުގެ ބިރުވެރިކަމުގައި ހޭދަކުރި ދުވަސްތަކަށްފަހު ލިބުނު ހިތްހަމަޖެހުމެއްގެ ބޮޑުކަމުންނެވެ.
ރިޝާން އެނބުރި މާލެ އައިއިރު، އާއިރާ ހުރީ ހޮސްޕިޓަލުގެ ބޭރުގައި މަޑުކޮށްލައިގެން އޭނާގެ އިންތިޒާރުގައެވެ. ރިޝާން އިތުރު ޚިޔާލެއް ފިކުރެއް ނެތި ސީދާ އާއިރާއާ ދިމާލަށް ހިނގައިގަތެވެ. އިރުކޮޅެއް ވަންދެން ދެމީހުންކުރެ އެކަކުވެސް ވާހަކައެއް ނުދައްކައެވެ. ހަމަ ތިބީއެވެ. ދެން ރިޝާން ވަރަށް ނުކެރިފައި ހުރެ އާއިރާގެ ދެއަތުގައި މަޑުމަޑުން ހިފާލިއެވެ.
“ޝުކުރިއްޔާ އާއިރާ.”
އާއިރާ ހިނިތުންވެލިއެވެ.
“ނޯ ޕްރޮބްލެމް. ތިއީ އެއްވެސް ކަމެއް ނޫން.”
“މިކަމުގެ ބަދަލު އަހަރެން އާއިރާއަށް ދޭނެ ގޮތެއްވެސް ނޭނގޭ.”
“ބަދަލެއް ބޭނުމެއް ނޫން.”
“އެކަމުވެސް ހެޔޮ. އަހަރެން ބަދަލު ދޭނަން.”
އާއިރާ އޭނާއަށް ބަލާލީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އެއީ ރިޝާނަށް އަށް ބުނެދޭން ނޭނގޭ ކޮންމެވެސް އުނދަގޫވި ކަމެކެވެ.
“އެހެންވިއްޔާ އަބަދުވެސް އަހަރެންގެ ކައިރީގައި ހުރޭ.”
ރިޝާން ހައިރާންވެފައި އާއިރާ ދިމާލަށް އެނބުރާލިއެވެ.
“ކީކޭ އާއިރާ؟”
“އަހަރެންގެ ކައިރީގައި އަބަދުވެސް ރިޝާން ހުންނައްޗޭ. މިކަން ނިމުމުން ގެއްލިގެން ނުދާތި.”
ރިޝާން ވަރަށް ގިނައިރު އާއިރާއަށް ބަލަހައްޓައިގެން ހުއްޓެވެ.
އާއިރާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެކަނިވެރިކަން ފެނުމުން ކަމަށްވެސް ވެދާނެއެވެ. ނުވަތަ އޭނާގެ ހިތުގައިވެސް އައު އިޙުސާސްތަކެއް އުފެދެން ފެށުމުން ކަމަށްވެސް ވެދާނެއެވެ. ރިޝާން މަޑުމަޑުން އާއިރާގެ އަތަށް ސަމާސާ ގޮތަކަށް ފިތާލިއެވެ.
“އޯކޭ. އަހަރެން ދާކަށް ނޫޅެން.” އާއިރާ އެކަން ޤަބޫލުކުރިއެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ، އެންމެ ނުރައްކާތެރި އޮޅުންބޮޅުންތައް އުފެދެނީ މީހުން ހާމަނުކޮށް ހިތުގައި ފޮރުވާފައި ހުންނަ ކަންތައްތަކުގެ ސަބަބުން ކަމެވެ.
*****
އެ ދެމީހުންގެ ގުޅުން ފެށިގެން އައީ ވަރަށް އާދައިގެ ގޮތަކަށެވެ. އެންމެ ފުރަތަމަ އެއީ ހަމައެކަނި ކިޔަވައި ނިމިގެން ބޯލާ ކޮފީއަކާއި، ޔުނިވަރސިޓީ ގޯތިތެރޭގައި ކުރެވޭ ދިގު އިންތިޒާރުތަކަކާއި، ހުޅުމާލޭ އަތިރިމަތީގައި ދުއްވާލަންދާ ދުއްވާލުންތަކެކެވެ.
ދެން ފެށުނީ ކުދިކުދި ކަންތައްތަކެވެ. އާއިރާ ބޯން ބޭނުންވަނީ ކޮންކަހަލަ ކޮފީއެއް ނުވަތަ ޖޫހެއްކަމާއި، އޭނާ އެންމެ ގަޔާވާ ޗޮކޮލެޓާއި، އަތިރިމަތީގައި ހިނގާލަން އުޅޭއިރު ވައިގެ ސަބަބުން އޭނާގެ އިސްތަށިގަނޑު ހޭވި ގޮށްޖެހޭތީ އާއިރާ ކުރާ ޝަކުވާތައް ރިޝާންގެ ހަނދާނުގައި ހުންނަން ފެށިއެވެ. އާއިރާއަކީ ވާރޭވެހޭ ހަވީރުތަކާއި، ދިވެހި މުސްކުޅި ލަވަތަކާއި، ފަޅަށް ވަންނަ މަސްދޯނިތައް ބަލަން ލޯބިކުރާ ކުއްޖެއްކަން އޭނާއަށް އެނގުނެވެ.
އަދި ރިޝާންގެ ކިބައިގައި ހިތްގައިމު ސަމާސާ މިޒާޖެއް ހުންނަކަމާއި، އޭނާއަކީ މީރުކޮށް މަސްހުނި ތައްޔާރުކުރަން އެނގޭ، އަދި ކޮންމެ ދުވަހެއްގެ އިރުއޮއްސޭ ވަގުތު އޭނާގެ ކާފައަށް ގުޅަން ހަނދާން ނައްތާނުލާ ކުއްޖެއްކަން އާއިރާއަށް އެނގުނެވެ.
އެ ދެމީހުން ވަކިނުވެވޭ ފަދަ ގާތް ބަޔަކަށް ވެއްޖެއެވެ. ނަމަވެސް، އާއިރާއަކީ އޭނާގެ ލޯބި އަގުބޮޑު ހަދިޔާތަކުން ފާޅުކުރުމުގެ އާދަ ހުންނަ ކުއްޖެކެވެ. ރިޝާންގެ ބާވެ މުސްކުޅިވެފައިވާ ފޯނު ހަލާކުވުމުން އާ ފޯނެއް ދިނެވެ. އޭނާގެ އުފަންދުވަހަށް އަގުބޮޑު ގަޑިއެއް ހަދިޔާކުރިއެވެ. ބޭނުންކުރަން އުނދަގޫވެފައިވާ ލެޕްޓޮޕްގެ ބަދަލުގައި އާ ލެޕްޓޮޕެއް ހޯދައިދިނެވެ. ރިޝާން އެކަމާ ދެކޮޅު ހެދުމުން އާއިރާ ހަމައެކަނި ހިނިތުންވެލަނީއެވެ.
“ތިޔައީ މަގޭ ބޯއީފްރެންޑް މައީ ލޯބިވެރިޔާ. އަހަރެންގެ އަތުގައި ފައިސާ ހުރެފައި، ކަލެއަށްޓަކައި އެ ހޭދަނުކުރެވޭނަމަ އޭގެ ބޭނުމަކީ ކޮބާ؟”
އެ ހަދިޔާތަކާމެދު ރިޝާން ހިތްހަމަނުޖެހެނީ އޭގެ އަގު ވަޒަންނުކުރެވޭތީއެއް ނޫނެވެ. އެހެންނަމަވެސް، އެހެން މީހުންނަށް އެމީހުންގެ ގުޅުން ނުބައި ގޮތަކަށް ސިފަވެދާނެތީއެވެ. އާއިރާގެ ބައްޕަގެ އަގުބޮޑު މުދާތަކުގެ ތެރެއަށް އިތުރުވާ އަގުބޮޑު އެއްޗަކަށް ވާކަށް ރިޝާން ދުވަހަކުވެސް ބޭނުމެއް ނުވެއެވެ.
އެއްދުވަހެއްގެ ހަވީރު، ދުއްވާލަން ދިއުމަށްފަހު ތަނެއްގައި މަޑުކޮށްލައިގެން ބޭރުބަލަން ކާރުތެރޭގައި ތިބެފައި ރިޝާން އެންމެ ފަހުން އެ ވާހަކަ ދެއްކިއެވެ.
“އާއިރާ، އަހަރެން ބޭނުން ކަލެއަށް ކަމެއް ވިސްނައިދޭން.”
އާއިރާ ރިޝާންއާ ދިމާއަށް އެނބުރުނެވެ. “ކޮން ކަމެއް؟”
“ކަލެއާއެކު ވަގުތު ހޭދަކުރަން އަހަރެން ވަރަށް ބޭނުން. އެކަމަކު އަބަދު އަހަންނަށް އެއްޗެހި ގަނެދޭކަށް އަހަރެން ބޭނުމެއް ނޫން.”
އާއިރާގެ މޫނުމަތިން ނުތަނަވަސްކަން ފެނުނެވެ. “އެއީ ކީއްވެ؟”
“އެއީ އަހަރެން ބޭނުންވަނީ ކަލޭ އަހަރެންދެކެ ހަޤީޤީ ލޯބިވާން. އަހަރެން މިއީ ބަލަހައްޓަން ޖެހޭ ނުވަތަ ޚަރަދުކުރަން ޖެހޭކަމުގެ އިޙުސާސް ކުރާކަށް ނޫން.”
އާއިރާގެ މޫނުމަތީގައިވި ހިނިތުންވުން ގެއްލުނެވެ. “ކަލެއަށް ހީވަނީ އަހަރެން މިއުޅެނީ ކަލޭ ގަންނަން ކަމަށްތަ؟ ނޫނީ ކޮންޓްރޯލު ކުރަންތަ؟”
އެހެން ބުނެވުނީތީ ރިޝާން ވަގުތުން ދެރަވިއެވެ. “ނޫން، އަހަރެން ބުނީ އެހެންނެއް ނޫން.”
“ރިޝާން، ކަލެއަށް އެނގޭތަ؟ އަހަރެން ދޭ ކޮންމެ އެއްޗެއް އުފަލާއެކު ޤަބޫލުކުރާނެ ސަތޭކަ މީހުން އަހަރެންގެ ވަށައިގެން ތިބޭނެ. އެކަމަކު އަހަރެން އިޚްތިޔާރު ކުރީ ކަލޭ.”
ރިޝާން އޭނާގެ އަތުގައި ހިފާލިއެވެ. “އަހަންނަށް އެނގޭ.”
“އެހެންވީމާ، އަހަރެން ކަލެއަށް އެއްޗެއް ދޭން ބޭނުންވާތީ، އެކަމާ އަހަރެން ދެރަވާނެ ގޮތަކަށް ވާހަކަ ނުދައްކާ.”
ރިޝާން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އޭނާދެކެ ލޯބިވާތީ، އެ ބަހުސް އެހިސާބުން ނިންމާލިއެވެ. އެ ދެމީހުންނަށް ނޭނގި އޮތް ކަމަކީ، އެއް ގުޅުމެއްގެ ތެރޭގައި މުޅިން ތަފާތު ދެ ވިސްނުމެއް ބިނާވަމުންދާ ކަމެވެ.
އާއިރާއަށް ޤަބޫލުކުރެވުނީ، ރިޝާން ބޭނުންވާ ހުރިހާ ކަމެއް ފުއްދައިދީގެން އޭނާގެ ހަޔާތުން ދާއިމީ ޖާގައެއް ކަށަވަރުކުރެވިއްޖެ ކަމަށެވެ. ނަމަވެސް ރިޝާން ޤަބޫލުކުރީ، އާއިރާގެ މުއްސަނދިކަމަށް ބަރޯސާނުވެ އޭނާއާއެކު އުޅެވޭނެކަން ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެ ދެ ވިސްނުމުގެ މެދުގައި، އެމީހުންގެ ލޯބި ވަމުންދިޔައީ އެކަކަށްވެސް ފާސްނުވެވޭނެ ފަދަ އިމްތިހާނަކަށެވެ.
އެހެންނަމަވެސް، އެމީހުން ތިބީ އުފަލުންނެވެ. މަދު ދުވަސްކޮޅަކަށް ނަމަވެސްމެއެވެ. ޔުނިވަރސިޓީގެ ރައްޓެހިން އެމީހުންގެ ކައިވެނީގެ ވާހަކަދައްކައި ސަމާސާކުރަން ފެށިއެވެ. އެފަދަ ވަގުތުތަކުގައި އާއިރާ ލަދުން އިސްޖަހާލާއިރު، ރިޝާން ހަމައެކަނި ހިނިތުންވެލާފައި ވާހަކަ އޮޅުވާލަނީއެވެ.
އެކަމަކު އެކަނި ހުންނަ ވަގުތުތަކުގައި، އޭނާ ދިޔައީ އާއިރާއާއެކު އުޅޭނެ މުސްތަޤުބަލެއް ތަސައްވަރު ކުރަމުންނެވެ. އޭނާ ބޭނުންވީ ކިޔަވައި ނިންމައި، އަމިއްލަ މަސައްކަތެއް ފަށައި، އަމިއްލަ ފައިމައްޗަށް ތެދުވެ، އާއިރާގެ ފިރިމީހާގެ ގޮތުގައި ފެންފުށްޓަށް ދާށެވެ. އޭނާގެ ކާފައަށް، އޭނާ އަމިއްލަ ދިރިއުޅުމެއް ބިނާކޮށްގެން ހުރިތަން ދައްކަން ބޭނުންވިއެވެ. އާއިރާގެ ވަށައިގެން މީހުން ތިބީ ހަމައެކަނި އޭނާގެ ބައްޕަގެ ފައިސާގެ ސަބަބުން ނޫންކަން އޭނާއަށް އިޙުސާސްކޮށްދޭން ބޭނުންވިއެވެ.
އޭނާ މިހާރު ވަނީ އާއިރާއަށް ދޭނެ އަނގޮޓިއަކަށް ފައިސާ އެއްކުރަންވެސް ފަށާފައެވެ. އެއީ މާ އަގުބޮޑު އެއްޗެއް ނޫނެވެ. އެއީ އޭނާ އަމިއްލައަށް މަސައްކަތްކޮށްގެން ހޯދި ފައިސާއިން، މާލޭގެ ކުޑަ ގަހަނާ ފިހާރައަކުން ގަތް، ސާދާ އަދި ނަލަ އަނގޮޓިއެކެވެ. އޭނާ އެ އަނގޮޓި ފޮރުވާފައި ބޭއްވީ ދުވަސްވީ ބާ ކުޑަ ފޮށްޓެއްގެ ތެރޭގައެވެ.
ދެން ހުރިހާ ކަމެއް ބަދަލުވެގެން ދިޔައެވެ.
*****
ނަޖީބު ރަޝީދަކީ އޭނާގެ ހަޔާތުގެ ބޮޑުބައިގައި ކާމިޔާބު ވިޔަފާރިވެރިއެކެވެ. ނަމަވެސް، ވިޔަފާރީގެ ގުޅުންތަކާއި، އަބުރާއި، އަމިއްލަ ގުޅުންތައް ބޮޑަށް ލާމެހިފައިވާ ރާއްޖެ ފަދަ ކުޑަ ޤައުމެއްގައި، ކާމިޔާބީއަކީ އަބަދު ދެމިއޮންނާނެ ދާއިމީ އެއްޗެއް ކަމަށް ހީވުމަކީ ފަހަރުގައި ކުށްހީއަކަށް ވެދާނެއެވެ.
އިމާރާތްކުރުމުގެ ދާއިރާއިން ކުރި ބައެއް އިންވެސްޓްމަންޓްތަކުން ލިބުނު ގެއްލުމާއި، އަދާނުކުރެވި ހުރި ލޯނުތަކުގެ އިތުރުން، ވިޔަފާރީގެ ބައިވެރިއަކާއެކު އުފެދުނު ޤާނޫނީ މައްސަލަތަކުގެ ސަބަބުން އޭނާގެ ކާމިޔާބު ވިޔަފާރީގެ ރަސްކަން ފުނޑުފުނޑުވެގެން ދާން ފެށިއެވެ.
އެންމެ ފުރަތަމަ އާއިރާއަށް ފާހަގަވީ ވަރަށް ކުދިކުދި ބަދަލުތަކެކެވެ. އޭނާގެ ބައްޕަ ދަތުރުފަތުރު ކުރުން ހުއްޓާލިއެވެ. ގޭތެރޭގެ ޚަރަދުތަކާ ބެހޭގޮތުން އޭނާގެ މަންމަ ކުރާ މަޝްވަރާތައް އިތުރުވާން ފެށިއެވެ. ގޭގެ ޑްރައިވަރު ވަޒީފާއިން ވަކިކުރެވުނެވެ. އޭގެ ފަހުން ބަގީޗާ ބަލަހައްޓާ މީހާއާއި ގޭތެރޭގެ މަސައްކަތްތައް ކުރާ ދެ މުވައްޒަފުންވެސް ވަކިކުރެވުނެވެ.
ދެން ފެނުނީ އެއްދުވަހެއްގެ މެންދުރުފަހު އާއިރާ ގެއަށް އައިއިރު، މަންމަ ސިޓިންގރޫމުގައި ރޯން އިން ތަނެވެ. އާއިލާގެ މިލްކިއްޔާތުގައި ހުރި މުދާތައް ބޭންކަށް ނަގަނީއެވެ. ކުންފުނީގެ އެކައުންޓްތައް ވަނީ ފްރީޒްކޮށްފައެވެ. އަދި ހިންގަމުންދިޔަ ވިޔަފާރިތައް ދިޔައީ ބަންދުވަމުންނެވެ. އަދި ބައްޕަގެ ހުރިހާ ކާމިޔާބީއެއްގެ ރަމްޒެއް ކަމުގައިވާ ހުޅުމާލޭގެ ރީތި ގެވެސް، ދަރަނިތައް ޚަލާސްކުރުމަށްޓަކައި ވިއްކާލަން ޖެހޭ މުދަލަކަށް ވެއްޖެއެވެ.
އާއިރާ ބަސްހުއްޓިފައި ދޮރުމަތީގައި ހުއްޓެވެ. މާދަމާއާމެދު ބިރުގަތުމަކީ ކޮބައިކަން އޭނާގެ ހަޔާތުގައި ފުރަތަމަ ފަހަރަށް އިޙުސާސް ކުރެވުނެވެ.
އޭގެ ކުޑަދުވަސްކޮޅެއް ފަހުން، ބައްޕަގެ ސިއްޙީ ހާލަތު ވަރަށް ބޮޑަށް ގޯސްވިއެވެ. މަންމަ މީހުންނާ އެކަހެރިވެ، ދިމާވި ޤާނޫނީ އަދި މާލީ މައްސަލަތަކުން އަރައިގަތުމަށް މަސައްކަތްކުރަމުން، މާލޭގެ ކުޑަ ކުލީ އެޕާޓްމަންޓަކަށް އެ އާއިލާ ބަދަލުވިއެވެ.
އާއިރާގެ ޔުނިވަރސިޓީގެ ދިރިއުޅުން ދުވަހެއް ދުވަހަކަށް އުނދަގޫވަމުން ދިޔައެވެ. އޭނާ ރައްޓެހިންނާއެކު ބާއްވާ ބައްދަލުވުންތަކަށް ދިއުން ހުއްޓާލިއެވެ. އަދި އޭނާގެ އަތުގައި ހުރި އަގުބޮޑު ބައެއް ތަކެތި ވިއްކާލުމަށްފަހު، ވަޒީފާއެއް ހޯދުމުގެ މަސައްކަތް ފެށިއެވެ.
(ނުނިމޭ)
