މަޝްހޫރު އެކްޓަރު އަދި ޕްރޮޑިއުސަރު ހާމިދު ޢަލީގެ ލާރނާސް ޕްރޮޑަކްޝަނުން ގެނެސްދޭ އާ ދިވެހި ފިލްމު “ދަލޭކަ” ރިލީޒްކުރާ ތާރީޚު އިޢުލާނުކޮށް ޓިކެޓް ގަތުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މުޙައްމަދު އަބޫބަކުރު (މާއެނބޫ) ގެ ވާހަކައާއި ސްކްރީންޕްލޭއަކަށް ތައްޔާރުކުރި މި ފިލްމުގެ މައިގަނޑު ރޯލުތަކުން ފެނިގެންދާނީ މުޙައްމަދު ޝާފިއު، އާމިރާ އިސްމާޢީލް އަޙްމަދު އީސަ (އާނަންދު)، ޝަހީދާ އަޙްމަދު (ޑޯރާ)، ހާމިދު ޢަލީ، މަރިޔަމް ޝަފާޒާ (ދޮނީ) އަދި އަޙްމަދު އާސިމެވެ.
15 އަހަރުން މަތީގެ ފަރާތްތަކަށް ބަލައިލެވޭ ގޮތަށް ތައްޔާރުކޮށްފައިވާ މި ފެމިލީ ޑްރާމާގެ ސިނަމަޓޯގްރަފީއާއި އެޑިޓިންގެ އިތުރުން ޑަބިންގެ މަސައްކަތްވެސް ކޮށްފައިވަނީ މާއެނބޫއެވެ. ފިލްމު ޑައިރެކްޓްކުރީ މާއެނބޫ އާއި ހާމިދު ޢަލީ ގުޅިގެންނެވެ.
ފިލްމުގެ ޓިކެޓް މިހާރު އޮންލައިންކޮށް ގަނެވޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ރަސްމީކޮށް ޓިކެޓް ވިއްކަން ފެށުމަށް ހަމަޖެހިފައިވަނީ 20 ނޮވެމްބަރު 2026 ގައެވެ. ޓިކެޓް ނަންނޯޓު ކުރުމަށާއި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ފިލްމުގެ ހޮޓްލައިން ނަންބަރު 7762077 އަށް ގުޅުއްވުމަށް ފިލްމުގެ ޓީމުން އެދެއެވެ.
ހުނަރުވެރި ތަރިންތަކަކާއެކު ގެނެސްދޭ “ދަލޭކަ” އޮލިމްޕަހުގައި ދައްކަން ފަށާނީ އަންނަ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ރެއެވެ.
