ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިހި ރާސްތާ – ފަހު ޗެޕްޓަރ

މާރސްޓާމައިންޑް

ގާއްޑޭގެ އެއްވެސް ބާރެއް ނުފޫޒެއް ދެން އަމީރާ މަައްޗަށް ނޯންނާނެެކަމަށް ބޮޑުބޭބެ ނިންމިއެވެ. މިކަމާ އެ ދެމެދު ހިނގި ހޫނު ކުރިމަތިލުމަކަށް ފަހު، އެކިކަހަލަ ހުތުރު ބަހުން މުއާމަލާތުކޮށް އިންޒާރުތައް ދެވިގެން ދިޔައެވެ. ނަމަވެސް މި ރަށުގައި ގާއްޑެއާއި އޭނާގެ މީހުންގެ ބާރެއް ނޯންނާނެކަމާއި އަދި ވީ އެންމެ އަވަހަށް ފުރައިގެން ދިއުމަށް ބޮޑުބޭބެ އިންޒާރު ދިނެވެ. ގާއްޑޭ އެކަމަށް އިންކާރު ކުރުމަށްފަހު ތި ގޮތް ބޮސް ޤަބޫލު ނުކުރާނެކަމަށް ބުނެ އަޑުގަދަ ކުރުމަށްފަހު އެ ގެއިން ނިކުމެގެން ދިޔައެވެ.

ކަންކަން ވަގުތު އައިސް ޖެހުނީމަ ވާނެކަމަށް ބުނެ މިގޭގައި ކުދިންނާއެކު އަމީރާ ބޭނުން ދުވަހެއް ވަންދެން އުޅެވޭނެކަމަށް މާޒިންގެ ބޮޑުބޭބެ ބުންޏެވެ. އަދި އެއްވެސް އެއްޗެއް ކަމެއް ބޭނުންނަމަ ގުޅުމަށް ބުނެ އާދައިގެ ފޯނަކާއި ފައިސާގެ ނޯޓުތަކެއް ދިއްކޮށްލިއެވެ. އަމީރާއަށް ހަމަހިމޭންކަމުގެ ވަގުތުކޮޅެއް ލިބުނީއެވެ. ކުދިންނާއެކު އެކަނި ވަގުތު ލިބުނީއެވެ. މާލެއަށްވުރެ ރައްކާތެރިއެވެ. އެ ދަރިންނަށް މަންމައާއެކު ކައިގެން ބޮއެގެން ނިދާ ކުޅުމުގެ ފުރުސަތު ލިބުނީއެވެ. ނަމަަވެސް އަމީރާގެ ދިރިއުޅުމުގައި ހަމަޖެހުމާއި އުފާވެރިކަން މީ މިހާރު ނާދިރު ކަމެކެވެ.

ދަންވަރުގެ ވަގުތެއްގައި ގާއްޑޭ އެނބުރި އެ ގެޔަށް އައިއިރު އޭނާ ހުރީ އާދައިގެ ހާލަތެއްގައެއް ނޫނެވެ. ގާއްޑޭ ހުރީ މަސްތުގެ ހާލަތުގައެވެ. އޭނާ ކޮޓަރިތެރެއަށް ގަދަކަމުން ވަދެގެން އައިގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އަމީރާއަށް އިހުސާސްވިއެވެ. އެއީ ހަމައެކަނި ރުޅިވެރިކަމެއް ނުވަތަ ކޮންޓްރޯލްކުރުމުގެ ރޫހެއްވެސް ނޫނެވެ. އެއީ ނުތަނަވަސްކަމެވެ. އޭނާގެ ހަރަކާތްތައް ހުރީ ހަމަޖެހޭ ގޮތަކަށް ނޫނެވެ. އޭނާގެ ދެލޮލުގައި ކުރިން ހުރި ތޫނުކަމެއް މިހާރަކު ނެތެވެ. ދެލޯ ވަނީ ފުސްވެފައެވެ. އޭނާގެ އަމަލުތައް ހުންނާނެ ގޮތެއް ލަފާކުރާކަށް ނޭނގެއެވެ. އޭނާ އަމީރާއަށް ބަލަނީ އޭނާގެ ހުރިހާ ސުވާލެއްގެ ޖަވާބަކީ އަދި ހަލާކަކީވެސް އަމީރާކަމުގައި ދެކޭފަދަ ގޮތަކަށެވެ. އޭނާ އަމީރާގެ ކިބައިން ނުހަނު ބޮޑަށް އާދޭސް ކުރަމުން ދިޔައެވެ. އެވަގުތު އަމީރާ އޭނާއާ ގާތަށް ދަމައިގަނެ، އަމީރާގެ އިސްތަށިގަނޑުގައިވާ ދަތި ނައްޓާލުމަށްފަހު، އޭނާގެ އިސްތަށިގަނޑުގެ ތެރެއަށް އަތްލިއެވެ. “ގާއްޑޭ، ހުއްޓާލާ!” އަމީރާ ބުނަމުން ދިޔައެވެ. އަދި އޭނާ ދުރަށް ކޮއްޕާލުމަށް އަމީރާ މަސައްކަތްކުރިއެވެ. ނަމަވެސް ގާއްޑޭގެ ބާރު މާ ގަދައެވެ. އޭނާ އަމީރާއާ މާބޮޑަށް ކައިރިވެ، އަމީރާގެ ހެދުމަށް ދަމައި، އޭނާގެ މައްޗަށް ބާރުފޯރުވަން މަސައްކަތްކުރިއެވެ. އޭނާގެ އަޑުންނާއި އަމަލުތަކުން ފާޅުވަމުން ދިޔައީ އިންތިހާ ދަރަޖައިގެ އެދުންވެރިކަމެވެ. “އަމީރާ.” އޭނާގެ އަޑުގައިވަނީ ވޭނީ އަސަރުތަކަކާއި ބޭނުންވެފައިވާކަމުގެ އަސަރެވެ. އޭނާ ހުރީ މަސްތުގެ ހާލަތުގައިކަން އެނގެއެވެ.

“ދުރުގައި ހުރޭ!” އަމީރާ އިންޒާރު ދިނެވެ. އަނެއްކާވެސް ގާއްޑޭ ދުރަށް ކޮއްޕާލުމަށް އަމީރާ މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާ މަޑެއް ނުކުރިއެވެ. އަޑެއް ނޭހިއެވެ. އޭނާ އިތުރަށް ކައިރިއަށް ޖެހިލީއެވެ. އެއީ ކުރިން އޭނާ ރާވައިގެން ކުރާ ކަންތައްތަކާ މުޅިން ތަފާތު ކަމެކެވެ. އަމީރާ އެތަނުން ފިލަން ދުއްވައިގަތެވެ. ހުސް ފައިގައެވެ. ހިތް ބާރަށް ތެޅެމުން ދިޔައެވެ. އޭނާ އެއްވެސް ފިކުރެއް ނުކުރެއެވެ. އަމީރާގެ ހަރަކާތްތައް ހުރީ ވަރަށް ހަލުވިކޮށެވެ. ބިރުވެރިކަން ފަހަނައަޅައެވެ. އޭނާގެ ފަހަތުން ގާއްޑޭ އަމީރާގެ ނަމުން ގޮވަމުންދެއެވެ. ދެން ހަޅޭއްލަވައިގަތެވެ. އަމީރާއަށް ބޭރަށް ނުކުމެވުނެވެ. ބޭރުގެ ފިނި، ރޭގަނޑުގެ ވަޔާއި ބައްދަލުވިއެވެ. ހަނދުވަރުގެ އަލީގައި ވިލަރެސްފުށީގެ ވައި ވަނީ ފިނިވެފައެވެ. އެތަން އޮތީ މާ ހަމަހިމޭންކޮށެވެ. ނަމަވެސް އެއީ ފުރުސަތެކެވެ. އޭނާގެ ފަހަތުން ފިޔަވަޅުގެ އަޑު އިވެއެވެ. ބާރަށެވެ. ކޮންޓްރޯލެއް ނެތް ގޮތަކަށެވެ. ގާއްޑެ އޭނާގެ ފަހަތުން އަންނަނީއެވެ. އެއީ ކުރިން ކަންކަން ރާވައިގެން ކުރި މީހާއެއް ނޫނެވެ. މާ ނުރައްކާތެރި މީހެކެވެ. އަމީރާ ދުވިއެވެ. ވެލި މަގުތަކުން ލާފައެވެ. ގަސްތަކުގެ ތެރެއިން ލާފައެވެ. އޭނާގެ ނޭވާ ކުރުވަމުން ދިޔައެވެ. ނަމަވެސް، މޮޔައެއް ފަދައިން ގާއްޑޭ އޭނާގެ ފަހަތުން އަދިވެސް އަންނަނީއެވެ.

އެންމެފަހުން، އަތިރިމަތީގެ ފަޅު ހިސާބަކުން ގާއްޑޭއަށް އަމީރާ އަތުވިއެވެ. އަދި އަމީރާގެ މައްޗަށް ގަދަވެގަނެ، އޭނާގެ އަންނައުނު
ވީދާލައި، ގަދަކަމުން އޭނާގެ ނުބައި މަޤުސަދު ހާސިލުކުރިއެވެ.

އަމީރާ އޮތީ ހުއްޓުން އަރާފައެވެ.

ކިހާއިރަކު ކަމެއް ބުނާކަށް ނޭނގެއެވެ.

އޭނާގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އެންމެ ޚިޔާލެކެވެ.

މަގޭ ދަރިން. މަގޭ ދަރިން. މަގޭ ދަރިން.

ފަތިސް ވީއިރު ބޮޑުބޭބެ އަދި އެރަށު މީހުންނަން މި ޚަބަރު ލިބިއްޖެއެވެ. ގާއްޑޭގެ މީހުން އޭނާ ގެންދިޔައެވެ. އަމީރާ ގެޔަށް ގެނައުމަށްފަހު ބޮޑުބޭބެ އަމީރާގެ މޫނަށް ބަލަހައްޓައިގެން ހުރީ ނަޒަރު ވަކިކޮށްލުމެއް ނެތިއެވެ. އޭނާ ވާހަކަ ދެއްކިއިރުވެސްމެއެވެ. އަމީރާގެ ނޭވާ އަވަސްވި ވަގުތުވެސްމެއެވެ. އަދި ދެމީހުންގެ ދެމެދުގައި އޮތް ހިމޭންކަން ފުންވެގެން ދިޔައިރުވެސްމެއެވެ. “ގާއްޑޭއާއި ދޭތެރޭ ފިޔަވަޅު އަޅަންވީ ގޮތެއް ބުނޭ. މި ހުރިހާ ކަމެއްގެ ތެރޭގައި ކަލޭ ތިޔައީ އިއްތިފާޤަކުން ހުރި މީހެއް ނޫން، އަމީރާ ވިސްނާތި.” ބޮޑުބޭބެ މަޑުމައިތިރިކަމާއެކު ބުންޏެވެ. އަމީރާގެ އަޑު ނުކުތީ ވަރަށް މަޑުންނެވެ. “އަހަރެން ދެން ދުވާކަށް ފިލާކަށް ބޭނުމެއް ނޫން. މި ބިރުވެރިކަމުގެ ތެރޭގައި އަބަދު ދިރިއުޅޭކަށްވެސް ބޭނުމެއް ނޫން އަދި އަހަރެން މީ ކާކު މި ކަންތައްގަނޑުގައި އުޅެން؟”

ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތެދު ހަޤީޤަތް ހާމަވިއެވެ. “ކަލެއަކީ ބަދަލުގައި ހުރި މީހާ.”

އަމީރާގެ މޭ ފިތިގެން ދިޔަ ކަހަލައެވެ. “ކާކުގެ ބަދަލުގައި؟”

ބޮޑުބޭބެ މަޑުމަޑުން ނޭވާ ދޫކޮށްލިއެވެ. “ކަލޭގެ ފިރިމީހާގެ.”

އެ ބަސްތައް އަމީރާގެ ކަންފަތަށް އިވުނީ ވަރަށް ބާރު އެތިފަހަރެއްގެ ގޮތުގައެވެ. އެއީ ވަރަށް ހިތްދަތި އިހުސާސެކެވެ.

“އޭނާއަކީ މި ހުރިހާ މުއާމަލާތެއްގެ ‘އެކްސެސް ޗެއިން’ ބަލަހައްޓާ މީހާ.” ބޮޑުބޭބެ ކުރިއަށް ގެންދިޔައެވެ. “ނަންތަކާއި، މަގުތަކާއި، ރާއްޖޭން ބޭރުގެ ފައިސާގެ މުއާމަލާތްތަކާއި، ރަށްރަށުގެ ދަތުރުފަތުރުގެ މަގުތަކާއި، ސިޔާސީ ގުޅުންތައް.”

ކުޑަ ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު “އޭނާ މަރުވުމުން..” ބޮޑުބޭބެ އިސްއުފުލައި ބަލައިލިއެވެ. “މި ނިޒާމެއް ރޫޅިގެންނެއް ނުދޭ. އޭގެ ބަދަލުގައި ކުޑަ ވަގުތުކޮޅަކަށް މަޑުޖެހުނީ.”

އަމީރާގެ އަޑު ކުޑަކޮށް ތުރުތުރުލާން ފެށިއެވެ. “ދެން؟”

ބޮޑުބޭބެ ކުރިއަށް ޖެހިލިއެވެ. “މިހާރު އެ ނިޒާމަށް ބޭނުންވަނީ އާ ބެލެހެއްޓުންތެރިއެއް. ތަޅުދަނޑި އޮތް ފަރާތް.”

އަމީރާގެ ލޯ ބޮޑުވެގެން ދިޔައެވެ. “ތަޅުދަނޑިއޭ..” ހިމޭންކަން ވެރިވިއެވެ.

ކަމުގެ އަސްލަކީ ހަމައެކަނި އެ ތަޅުދަނޑިއެއް ނޫނެވެ. އަމީރާއަށް އެކަން އެނގެއެވެ. ދުވަސްތަކެއް ވެއްޖެއެވެ. އެ ރިހި ތަޅުދަނޑިއަކީ ހަމައެކަނި ދޮރުތަކެއް ހުޅުވައިދޭ އެއްޗެއް ނޫނެވެ. އެއީ ނިޒާމުގެ ތެރެއަށް ވަދެވޭނެ މަގު ކޮށައިދިން ވަސީލަތެވެ. ފޮރުވާފައިވާ ޚަޒާނާތަކާއި، ރާއްޖޭން ބޭރުގައިވާ މުއްސަނދިކަމާއި، އެކި ރަށްރަށާއި ޤައުމުތަކަށް ބެހިފައިވާ ސިއްރު އެކައުންޓްތަކެވެ. ނަމަވެސް، އެމީހުން އޭނާދެކެ ބިރުގަންނަނީކީ ހަމައެކަނި އެ ސަބަބާހުރެއެއް ނޫނެވެ. އަސްލު ސަބަބަކީ އެއެއް ނޫނެވެ. އެއީ އޭނާގެ ލޮލެވެ. ބަޔޯމެޓްރިކް ފާހަގައެކެވެ. ބަދަލުނުކުރެވޭނެ، ފަސްފަހަތް ނުފެންނާނެ ވަރުގަދަ ނިޒާމެކެވެ. އޭނާގެ ކަޅި ވަނީ އެހެން އެއްވެސް މީހަކަށް ނުހުޅުވޭނެ ފަދަ ނިޒާމުތަކަކަށް ކޯޑު ކުރެވިފައެވެ. ޑިޖިޓަލް ދުނިޔޭގެ އެންމެ ފުންމިނުގައި ވަޅުލެވިފައިވާ، އިންކްރިޕްޓް ކުރެވިފައިވާ މަޢުލޫމާތުތަކެވެ. އެއީ ހަމައެކަނި ފައިސާއެއް ނޫނެވެ. އެއީ މަޢުލޫމާތެވެ. ނަންނަމެވެ. މަގުތަކެވެ. މުއާމަލާތްތަކެވެ. ސިޔާސީ މީހުންނެވެ. މެދުވެރިންނެވެ. ވަގު އެކައުންޓްތަކެވެ. ހުރިހާ އެއްޗެކެވެ. އަދި މިހާރު އެ ހުރިހާ އެއްޗެއްގެ މިލްކުވެރިއަކީ ޚުދު އޭނާއެވެ.

ސިކުންތުކޮޅެއްގެ ތެރޭގައި އެ ގޭތެރޭގެ މާހައުލު ބަދަލުވެއްޖެއެވެ. އޮތް އަމާންކަން ގެއްލިއްޖެއެވެ. ފިޔަވަޅުތަކުގެ އަޑެވެ. މީހުންގެ އަޑުތަކެވެ. ގަސްތަކުގެ ތެރެއިން ދިއްލެމުންދާ ފްލޭޝްލައިޓްތަކުގެ އަލިތަކެވެ. ދެން އަނެއްކާވެސް ގާއްޑެގެ ހާޒިރުވުމެވެ. މިފަހަރު އޭނާއަކީ ހަމަނުޖެހޭ މީހެއް ނޫނެވެ. އޭނާއަކީ ބަލިކަށި މީހެއްވެސް ނޫނެވެ. އޭނާ ހުރީ ވަރަށް ބޮޑަށް ސަމާލުވެގެންނެވެ. ކޮންޓްރޯލް ކުރެވިފައިވާ ރުޅިވެރިކަމެއްގައެވެ. އަދި އޭނާ ހުރީ އެކަންޏެއް ނޫނެވެ. ބޮޑުބޭބެ ހުރީ ވަރަށް ހަމަޖެހިލައިގެން ކޮޅަށެވެ. “ބޮސް ކައޭ ދޫކޮށްލީ؟” ބޮޑުބޭބެ ލާނެތް ފާޑަކަށް ބުންޏެވެ.

އަމީރާ ފޫހި ރާގަކަށް “އޭނާ އަންނާނެކަން ބޮޑުބޭބެއަށް އެނގޭތަ؟”

ބޮޑުބޭބެ ޖަވާބެއް ނުދެއެވެ. އެއީ ގާއްޑޭ މިހާރު ހުރީ އެތަނަށް އައިސް ކަމަށްވާތީއެވެ. ދޮރުމަތީގައެވެ. އޭނާގެ ނަޒަރު ހުރީ އަމީރާއަށް ހުއްޓިފައެވެ. އެންމެ ފުރަތަމަ ފެނުނީ ރުޅިވެރިކަމެއް ނޫނެވެ. ނުރުހުމެއްވެސް ނޫނެވެ. އޭގެ ބަދަލުގައި އެއަށްވުރެ ފުން ކަމެކެވެ. ދޫކޮށްލަން ބޭނުންނުވާ ފަދަ ބަލައިލުމެކެވެ.

“ސޮރީ، އަހަރެން ހުރީ ވާނުވާގަ.” ގާއްޑޭ ވަރަށް އާދައިގެ ގޮތަކަށް ބުންޏެވެ.

އަމީރާ ފަހަތަކަށް ނުޖެހެއެވެ. “ކޮން ސޮރީއެއް؟ އަހަރެން ސަލާމަތްވީ. ތީ މުހިންމު މީހެއް ނޫން.” މާހައުލު ވަރަށް ބޮޑަށް ނުތަނަވަސްވިއެވެ. ދެން ގާއްޑޭ ހީނލިއެވެ. އެއީ ނުރައްކާތެރި ހިނިތުންވުމެކެވެ. “އަހަރެން މިއައީ މަޝްވަރާ ކުރާކަށް ނޫން،” އޭނާ ބުންޏެވެ. “އަހަރެން މިއައީ މި އޮޅުންބޮޅުން ނިންމާލަން.” އަމީރާ އޭނާގެ ލޮލަށް ބަލައިލިއެވެ. “އަހަރެން އެއްފަހަރު ސަލާމަތްވެއްޖެއިން.” ހިމޭންކަމުގެ ވަގުތުކޮޅެކެވެ. ދެން “އަހަރެން އެނބުރިއެއް ނުދާނަން.”

އަމީރާ މިހާރު ހުރީ އެ ދެމީހުންގެ މެދުގައެވެ. އެއްފަރާތުގައި ގާއްޑޭއެވެ. އަނެއް ފަރާތުގައި ބޮޑުބޭބެއެވެ. ބޮޑުބޭބެ މަޑުމަޑުން ވާހަކަ ދެއްކިއެވެ. “ކަލޭގެ ފިރިމީހާ އަދާކުރަން އޮތް ދައުރު ކަލޭ އަދާކޮށްގެން، މިކަން ނިންމާލެވިދާނެ.” އެމީހުން ހީކުރީ އޭނާއަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށެވެ. އޭނާއަކީ ހަމައެކަނި ހިތާމައިގައި ޖެހިފައިވާ ހުވަފަތް އަންހެނެއް ކަމަށެވެ. ސަލާމަތްވުމަށްޓަކައި ދުވާ، ނަފްސާނީ ގޮތުން ބަލިކަށިވެފައިވާ މީހެއް ކަމަށެވެ. އެމީހުންނަށް ކުރެވުނީ ކުށްހީއެކެވެ. އަމީރާ މި ދުވަހަށް ތައްޔާރުވާތާ ދުވަސްތަކެއް ވެއްޖެއެވެ. އެކަންޏެއް ނޫނެވެ. ޒީވާގެ އެހީތެރިކަމާއެކުއެވެ. ޒީވާއަކީ ސައިބާރކްރިމް އަދި ސްޕެޝަލް އިންޓެލިޖެންސް ޓާސްކް ފޯރސްގެ ދަށުން ކުލަ ހެދުމުގައި ތަހުޤީޤުކުރާ އޮފިސަރެކެވެ. އެދުވަހު އެ ހަނި ގޯޅިގަނޑުގައި ޒީވާގެ ނޯޓެއް ވަރަށް ހުޝިޔާރުކަމާއެކު ސިއްރުން އަމީރާއަށް ދެވުނެވެ. ކަޓަރުން ހަމަލާދޭން އުޅުން އެއީ ބަލަން ތިބި މީހުންނަށް ދައްކަން ޖެއްސި ބޮޑު ސްޓަންޓެކެވެ.

އެމީހުންނަށް ނޭނގި އޮތް ކަމަކީ މި ދުނިޔެއަކީ، މި ޑިޖިޓަލް ވިއުގައަކީ، ހިމޭންކަމާއެކު ހިނގާ މި ކޮންޓްރޯލް ނިޒާމަކީ، މާޒިންއާ ބައްދަލުވުމުގެ ކުރިންވެސް، ކައިވެނީގެ ކުރިންވެސް، އަދި މި ރަށްތަކުގެ ނާމާންކަމުގެ ތެރެއަށް އޭނާ ގެނބުމުގެ މާ ކުރިންވެސް، އޭނާގެ ދުނިޔެކަމެވެ. މިއީ އޭނާ ކިޔެވި އެއްޗެވެ. މިއީ އޭނާގެ ފަންނެވެ. ސައިބަރ ނިޒާމުތަކެވެ. އިންކްރިޕްޓް ކުރެވިފައިވާ އެކްސެސްތަކެވެ. ޑޭޓާ ޓްރޭސިންގްއެވެ. މާލީ ސިއްރުތަކެވެ. މި ކަންތައްގަނޑުގެ ތެރެއަށް އޭނާ އައީ އިއްތިފާޤަކުން ނޫނެވެ. ނުވަތަ ފަހަރުގައި އެއީ އިއްތިފާޤަކަށް ވެދާނެއެވެ. ކޮންމެ ގޮތެއް ވިޔަސް އެމީހުން ފެށި ކަންތައް އޭނާ މިވަނީ ނިންމާލާފައެވެ.

މާލޭގެ މެދުތެރޭގައި އަމީރާ މަޑުކޮށްލައިގެން ހުއްޓެވެ. ފަތިހުގެ އަލިކަން މަގުތަކަށް ފެތުރެމުން ދިޔައެވެ. އާންމު ދިރިއުޅުން އޭގެ އާންމު ދުވެލީގައި އޭނާގެ ވަށައިގެން ހިނގަމުންދެއެވެ. އެއްވެސް ކަމެއް ނޭނގި، ހާސްކަމެއް ނެތިއެވެ. ނަމަވެސް މިހާރު އޭނާއަށް ހުރިހާ މަންޒަރެއް ފެނެއެވެ. ހުރިހާ ކަމެއް ސާފެވެ. ކޮންމެ ކަނެއް، ކޮންމެ ބަދަލުވުމެއް، އަދި އާދަޔާ ޚިލާފަށް އޭނާއަށް ހުއްޓޭ ކޮންމެ ނަޒަރެއްވެސްމެއެވެ. އޭނާ ދިޔައީ ބަލަމުންނެވެ. ދަސްކުރަމުންނެވެ. ހަނދާންކުރަމުންނެވެ.

މީގެ ދުވަސްތަކެއް ކުރިން، ހިމޭންކަމާއެކު، ވަރަށް ރޭވުންތެރިކަމާއެކު، ހާސްކަމެއް ނެތި، އަމީރާ ވަނީ އަމިއްލަ ނިޒާމެއް ބިނާކޮށްފައެވެ. އޭނާ ގެއްލިއްޖެނަމަ ނޫނީ އޭނާގެ ދަރިންނަށް އެއްވެސް ގެއްލުމެއް ނުރައްކަލަކާ ކުރިމަތިލާން ޖެހިއްޖެނަމަ އަދި ނަންބަރަކަށް ގުޅޭގޮތް ނުވެއްޖެނަމަ ހުރިހާ މަޢުލޫމާތެއް އާންމުވާނެއެވެ. ކުޑަ މިންވަރެއް ނޫނެވެ. ހަމައެކަނި ބިރުދެއްކުމެއްވެސް ނޫނެވެ. ހުރިހާ އެއްޗެކެވެ. ލިޔެކިޔުންތަކާއި، ނަންތަކާއި، ހެކިތަކާއި، މާލީ މުއާމަލާތްތަކެވެ. ރަށްތަކުގެ މެދުގައި ހިންގާފައިވާ ސިއްރު މުއާމަލާތްތަކެވެ. އެ ހުރިހާ އެއްޗެއް ވަނީ ފޮނުވިފައެވެ. ވަގުތު ކަނޑައެޅިފައެވެ. ރައްކާތެރި ކުރެވިފައެވެ. އަދި އޭގެ އެއް ކޮޕީ މުނިއަވަސްއާއެކު ރައްކާތެރިކަމާއެކު ބޭއްވިފައި އެބައޮތެވެ. ތައްޔާރަށެވެ. އިންތިޒާރުގައެވެ. އެ ނިޒާމު އެތެރެއިން ފަށައިގެން އަންދާލުމަށެވެ.

މުނިއަވަސްއާއެކު މިކަން ކުރުމަށް ވަނީ ޚާއްޞަ އެއްބަސްވުމެއް ހެދިފައެވެ. މުނިއަވަސްއާއެކު މި އެއްބަސްވުން ވެފައިވަނީ މުނިއަވަސްއަކީ ދިވެހިރާއްޖޭގެ އެއްވެސް ނުފޫޒުގަދަ މީހެއް، ބައެއް ނުވަތަ ގޭންގެއްގެ އަދި އެއްވެސް ސިޔާސީ މީހަކަށް ނުވަތަ ބަޔަކަށް ވެސް އެއްވެސް ބާރެއް ނުފޯރުވޭނެ، މެނިޕިއުލޭޓް ނުކުރެވޭނެ މީޑިއާއަކަށް މުނިއަވަސް އޮންލައިން ވާތީއެވެ.

މުނިއަވަސްއަކީ އެއްވެސް ޒާތީ، ސިޔާސީ ކަންތައްގަނޑެއްގެ ތެރެއަށް އެއްވެސް އިރަކު ވަންނަ ނޫހެއް ނޫންކަމަށް ވުމާއި، މި ކޭސްގެ ޒާތާއި މީގެ ބަރުކަން ވަޒަންކުރެވޭތީ މުނިއަވަސްގެ ޗީފް އެޑިޓަރ އަދި ފައުންޑަރގެ ޚާއްޞަ ހުއްދައެއްގެ ދަށުން މި އެއްބަސްވުން ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއިން އެއްވެސް ކަމެއް ގާއްޑެއަކަށް ނޭނގެއެވެ. އެހެން މީހުންނަކަށްވެސް ނޭނގެއެވެ. ނަމަވެސް ވަރަށް އަވަހަށް އެމީހުންނަށް އެނގޭނެއެވެ.

………………………………….

އަމީރާ ކެފޭއެއްގައި އިށީނެވެ.

ހަމަޖެހިލައިގެންނެވެ.

އަމިއްލަ ނަފްސަށް އޮތް އިތުބާރާއެކުގައެވެ.

އޭނާ ސައިތަށްޓަކަށް އޯޑަރު ދިނެވެ.

ދަރިން ތިބީ އޭނާގެ ކައިރީގައެވެ.

ރައްކާތެރިކަމާއެކުގައެވެ.

މީހުން ހިނގާބިނގާވެ އުޅެއެވެ. ބައެއް މީހުން ބަލައިލައެވެ. އަނެއް ބަޔަކު އަޅައެއް ނުލައެވެ. ދެން އޭގެ ތެރެއިން އެކަކު އޭނާއަށް ބަލައިލިއެވެ. ވަރަށް ގިނައިރު، ވަރަށް ފަރުވާތެރިކަމާއެކުއެވެ. އެއީ ގާއްޑެގެ މީހުންގެ ތެރެއިން މީހެކެވެ. އަމީރާ އޭނާގެ ލޮލަށް ބަލައިލިއެވެ. ނަޒަރު ހިފަހައްޓާލިއެވެ. ކަނޑައެއް ނުލައެވެ. އަދި މަޑުމަޑުން ހިނިތުންވެލިއެވެ. އެއީ ބިރުގަތުމެއް، ބަލިކަށިކަމެއް ނެތި އިންޒާރެކެވެ.
ސަބަބަކީ މިއަދަކީ އޭނާ ފިލައިގެން ދުވާނެ ދުވަހެއް ނޫނެވެ. މިއަދަކީ އޭނާގެ ބާރު ފެންނަން އޮތް ދުވަހެވެ. އޭނާއާ ހަމައަށް އެއްވެސް މީހަކަށް ނުފޯރޭނެކަން ސާބިތުކޮށްދިން ދުވަހެވެ. އަދި ފުރަތަމަ ފަހަރަށް އޭނާ ފަހަތުން ދުވި ނިޒާމު މަޑުޖެހި، ފަސްޖެހިއްޖެއެވެ.
ނިމުނު ހުރިހާ ކަމެއް ފޮރުވާފައިވާ ޤައުމެއްގައި އަމީރާ ވެގެން ދިޔައީ، އެމީހުންނަށް ވަޅުނުލެވުނު ހަމައެކަނި ހަޤީޤަތަށެވެ.

(ނިމުނީ)

2
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top