ދީނީ ސުވާލެއް އޮތީތަ؟
ވާހަކަ
ރިިހި ރާޅުތައް – ޗެޕްޓަރ 14

އިންސާނީ ލޯތްބެއް ނޫން

ޔަސްމީންގެ މާމައަށް މި ހުރިހާ ކަމެއްވެސް އެނގެއެވެ. އަބަދުވެސް އެކަން އެނގިފައި އޮތެވެ. ޔަސްމީން ފުރަތަމަ ފެނުނު ހިނދުން ފެށިގެންނެވެ. ލޮލަށް ނުފެންނަ ރާޅުބާނިތަކެއް ފަދައިން، އޭނާގެ ވަށައިގެން އެ އެނބުރޭ ބާރު އިހުސާސްވި ވަގުތުން ފެށިގެންނެވެ. އެހެން މީހުންނަށް ނުވިސްނޭ ކަންތައްތަކެއް އޭނާއަށް ވިސްނުނެވެ.

މިއީ އިންސާނުންނަށް އެނގިފައިވާ ކަހަލަ ލޯތްބެއް ނޫނެވެ. މިއީ ހަމައެކަނި ހިމާޔަތެއް ވެސް ނޫނެވެ. މިއީ ދުވަހަކުވެސް ބައްދަލުވުމަށް މިންވަރުކުރައްވާފައި ނުވާ ދެ އާލަމެއްގެ ދެމެދުގައި އުފެދިފައިވާ ގުޅުމެކެވެ. އަދި އެފަދަ ކޮންމެ ގުޅުމަކީ، އަގުބޮޑު ޤުރުބާނީއެއް އެދޭ ކަމެކެވެ.

“ދަރިފުޅާ.” އުމުރުން ދުވަސްވެ، ތަޖުރިބާއިން ފުރިފައިވާ އަޑަކުން އެއްފަހަރަކު މާމަ ބުންޏެވެ.

“ދޭނެ ބާރުތަކެއް ވެއެވެ. ނަމަވެސް، އެއްޗެއް އަތުލުމެއް ނެތި އެ ބާރުތަކުން ދުވަހަކުވެސް އެއްޗެއް ނުދޭނެއެވެ.”

އޭރު ޔަސްމީނަށް އެ ވާހަކައިގެ މާނައެއް ނުވިސްނުނެވެ. ނަމަވެސް، މިހާރު އޭނާއަށް އެކަން ވިސްނެއެވެ. އެ މަޚްލޫގުންނަކީ އިންސާނުން ފަދައިން ދިރިއުޅޭ ބައެއް ނޫނެވެ. އެމީހުންގެ ލޯތްބަކީ އިންސާނީ ލޯތްބެއް ނޫނެވެ. އަދި ބޮޑު ނަތީޖާއަކާ ކުރިމަތިލާން ނުޖެހި، އެމީހުންނަކަށް މި އާލަމަކު ނުތިބެވޭނެއެވެ.

“އެމީހުން ރީތިކަމާއި، ބާރާއި، ތަސައްވަރުވެސް ނުކުރެވޭ ފަދަ ވަފާތެރިކަމެއް ދޭނެ.” ކޮޓަރިން ބޭރުގެ ދުރު ތަނަކަށް ކުޑަދޮރުން ނަޒަރު ހުއްޓާލައިގެން އޮވެ މާމަ ސިއްރުސިއްރުން ބުންޏެވެ. “ނަމަވެސް އޭގެ ބަދަލުގައި.. އެމީހުން އިންސާނުންގެ ފުރާނަ އަތުލާނެ.”

އެއީ އަބަދު އެއްފަހަރާ ވާކަމެއް ނޫނެވެ. އަދި ފާޅުކަން ބޮޑު ގޮތެއްގައި ވާކަމެއްވެސް ނޫނެވެ. ނަމަވެސް، މަޑުމަޑުންނެވެ. ޔަގީންކަމާ އެކުގައެވެ. މިތަނުން ފުރާނައެކެވެ. އެތަނުން ރޫހެކެވެ. އެއީ ނަސީބު ދިމާކުރި ގޮތްކަމަށް ހީވި ނަމަވެސް، އެއީ އިއްތިފާޤެއް ނޫނެވެ.
ބައެއްގެ ތަނަވަސްކަމަކީ، އަނެކުންގެ ތަހައްމަލުކުރުމުގެ އަގު ކަމުގައި ވެއެވެ.

އަދި ޔަސްމީންގެ މަންމައަކީ، މި ހުރިހާ ކަމެއްގެ ފެށުމެވެ. އޭނާ އެ އަނދިރިގަނޑުގެ ތެރެއަށް ވެއްޓުނީ ނޭނގި ހުރެއެއް ނޫނެވެ. އޭނާ އެ ދިމާއަށް ހިނގައިގަތީ އަމިއްލަ އިޚްތިޔާރުގައެވެ. ބޭނުންވި ކަންތައްތަކަށް އޮތް ދަހިވެތިކަމެއްގެ ބޮޑުކަމުންނެވެ. ދުވަހަކުވެސް ފަނޑުނުވާނެ ރީތިކަމަކަށެވެ. ވަކިވެގެން ނުދާނެ ޒުވާންކަމަކަށެވެ. އާދައިގެ އަންހެނުންގެ މިންގަނޑަށްވުރެ މަތީ ދިރިއުޅުމަކަށެވެ. އެހެންކަމުން އޭނާ އެކަމުގެ އަގު ދެއްކިއެވެ. ރަނާއި ރިއްސަކުން ނޫނެވެ. ދުޢާއަކުންވެސް ނޫނެވެ. ނަމަވެސް، މައުސޫމް ކުޑަކުދިންގެ މަރުންނެވެ.

ރަށުން ގެއްލެމުންދިޔަ ކުޑަކުދިންނެވެ. އެކުދިންގެ ނަންތައް ދުވަސްކޮޅަކު މީހުން ކިޔައި އުޅުމަށްފަހު، މަޑުމަޑުން ހަނދާން ނެތިގެން ދިޔައެވެ.
ކުޑަކުޑަ ހިތްތަކެވެ. ކުޑަކުޑަ ފުރާނަތަކެވެ. އެ ޝައިތާނާއަށް އަރުވާ ވެދުމެވެ. ދުވަހަކުވެސް އެދެން ނުވާފަދަ ކަމެއްގެ ބަދަލުގައި ދެވުނު ހަދިޔާތަކެވެ. ޔަސްމީންގެ މާމައަށް އެ ހުރިހާ ކަމެއް އެނގެއެވެ. ކޮންމެ ފިޔަވަޅެއްގެ ސިއްރު އެނގެއެވެ. ނަމަވެސް، ބިރުވެރިކަމުގެ ސަބަބުން އޭނާ ހުރީ ހަމަހިމޭންވެފައެވެ. ބިރުވެރިކަމާއި ލަދުވެތިކަމުގެ ސަބަބުންނެވެ. އެހެންކަމުން، އޭނާއަށް ކުރެވެން އޮތް ހަމައެކަނި ކަމެއްގެ ގޮތުގައި ދެކުނު ކަންތައް އޭނާ ކުރިއެވެ. އޭނާ ދުޢާކުރިއެވެ. ހުއްޓުމެއް ނެތިއެވެ. ނުހަނު ބޮޑަށް އުންމީދުކުރާ ހާލުގައެވެ. އަދި ޔަސްމީން އުފަންވުމުން، އޭނާ އެ ކުއްޖާ ހިމާޔަތްކުރިއެވެ.

ސިއްރިއްޔާތުގައި އޭނާގެ ގައިގައި ތަވީދެއް އެޅުވިއެވެ. ނިދާފައި އޮންނައިރު ކިޔެވެލި ކިޔަވައި ފެން ކިޔެވިއެވެ. ލޮލަށް ނުފެންނަ ހިމާޔަތުގެ ފާރުތައް ބިނާކުރީ އީމާންތެރިކަމުގެ މަތީގައެވެ. އެހެނީ، ޔަސްމީންގެ ދިރިއުޅުމުގެ ތެރެއަށް އެހެން ކަމެއް ވަދެފައިވާކަން އޭނާއަށް އެނގެއެވެ. އެ ކަޅުކުލައިގެ ރިހި ބާރެވެ. ޔަސްމީންގެ ފަހަތުން އަންނަ ބާރެވެ. ބަލަބަލައި ހުންނަ، ވަކިނުވާ ބާރެވެ. ކުޑަކުއްޖެއްގެ ގޮތުގައި ހުރިއިރުވެސް، އެ ބާރު އެތަނުގައި ވިއެވެ. އަދި އެހެން އެއްވެސް މީހަކަށް ނޭނގޭ ކަމެއް މާމައަށް އެނގެއެވެ. އެއީ އެހެން އެއްޗެއްސާ އެއްގޮތް އެއްޗެއް ނޫންކަމެވެ. އެ އެތީގެ ބޭނުންތައް ތަފާތެވެ. އެއީ ގެއްލުންދޭ އެއްޗެއް ނޫނެވެ. އަދި އެއްޗެއް އަތުލާ އެއްޗެއްވެސް ނޫނެވެ.
އެ އެތި ވަނީ ބަނދެވިފައެވެ. އެއްބަސްވުމަކުން ނޫނެވެ. ނަމަވެސް، އިހުސާސަކުންނެވެ.

“އެ އެތި ދަރިފުޅާ ގުޅިފައިވަނީ.” އެއްދުވަހަކު މާމަ ސިއްރުން ބުންޏެވެ. މާމަގެ އަޑު ތުރުތުރުލަނީ ބިރުންނެއް ނޫނެވެ. ނަމަވެސް، ބަޔާންކުރަން ދަތި ކަމެއްގެ ސަބަބުންނެވެ. “އެއީ ދަރިފުޅަށް އަނިޔާވެރިވާން ބޭނުންވާ އެއްޗެއް ނޫން.” މަޑުޖެހިލުމަކަށްފަހު، ފުން ނޭވާއެއް ލިއެވެ.

“އެކަމަކު، ދަރިފުޅު ދުވަހަކުވެސް އެ ބާރު އިޚްތިޔާރުކޮށްފިނަމަ..” މާމަގެ ދެލޯ ކަނުވެގެން ދިޔަ ކަހަލައެވެ. “ދަރިފުޅުގެ ވަށައިގެންވާ ދުނިޔެ އޭގެ ސަބަބުން ތަހައްމަލުކުރަން ޖެހޭނެ.”

އެހެނީ، އެފަދަ ގުޅުންތަކަކީ ހުއްދަ ކަންތައްތަކެއް ނޫނެވެ. ކައުނުގެ ހަމަހަމަކަމުގެ ތެރެއިންނެވެ. ފެންނަ ފެނުމާއި ނުފެންނަ ކަންތައްތަކުގެ މެދުގައިވާ އިންތިޒާމުގެ ތެރެއިންނެވެ. ދެ އާލަމެކެވެ. ދުވަހަކުވެސް އެކަތިގަނޑަކަށް ވާން ނުޖެހޭ ދެ އާލަމެކެވެ. އަދި އެކަން ކުރަން އުޅެފިނަމަ، ފުރިހަމައަށް އެ ގުޅުން ގާއިމުވެއްޖެނަމަ، ލޯބި އެކަތިގަނޑަކަށް ވެއްޖެނަމަ، ކޮންމެވެސް ކަމެއް އެކަން އިސްލާހުކުރާނެއެވެ. ތިޔަ ގުޅުމަށް ލިބޭ ދަރިޔަކު ނޫނީ ދިރި ތިބި ގާތް މީހުންނެވެ. އެއީ އޯގާތެރިކަމާއެކު ވާނެ ކަމެއް ނޫނެވެ. ފުރާނަތައް އަތުލެވޭނެއެވެ. ރޫހުތަކަށް އުނދަގޫވާނެއެވެ. އަދި މި ރަށަށްވެސް އޭގެ އަސަރު ކުރާނެއެވެ. އެއީ އަނިޔާވެރިކަމަކުން ނޫނެވެ. ނަމަވެސް މިކަހަލަ ނޭދެވޭ ގުޅުމުގެ ސަބަބުންނެވެ.
އަދި މިއީ މިއަދު ޔަސްމީންގެ ހިތުގައި އޮތް ހަޤީޤަތެވެ. އޭނާގެ ލޯތްބެވެ. އެއީ ކިތަންމެ ފުން، ކިތަންމެ ހަޤީޤީ އިހުސާސެއް ކަމުގައި ވިޔަސް، އެއީ ހަމައެކަނި އޭނާގެ އަމިއްލަ އިޚްތިޔާރުގައި އޮތް ކަމެއް ނޫނެވެ. އެހެނީ، އެއީ ހަމައެކަނި އޭނާއަށް އޮތް ކަމެއް ނޫނެވެ.
އެއީ އަގުބޮޑު ކަމެކެވެ. އެ އަގު ދައްކަން ޖެހޭނީ އެހެން މީހުންނެވެ. އެހެންކަމުން، ބަޔާންކުރަން ދަތި ރިހުމަކާއެކު، ދުވަހަކުވެސް ފިލައިގެން ނުދާނެ ފަދަ ފުން އިހުސާސަކާއެކު، ޔަސްމީން އޭނާގެ ނިންމުން ނިންމިއެވެ. އެއީ ބިރުވެރިކަމަކުން ނޫނެވެ. ނަމަވެސް، ކަންކަން ވިސްނޭތީއެވެ. މި އާލަމުގައި ހުރުމަށެވެ. އެކަމާ ދުރުހެލިވުމަށެވެ. އޭނާގެ މަގާމުގައި އޭނާ ބެހެއްޓުމަށެވެ. އަދި އިންސާނުންނަށް ބަރުދާސްތު ނުކުރެވޭނެ ފަދަ ބާރެއްގެ ސަބަބުން، އޭނާގެ ދުނިޔެ ސުންނާފަތިވިޔަ ނުދިނުމަށެވެ. އެހެނީ، ބައެއް ފަހަރު، އެންމެ ބޮޑު ލޯތްބަކީ، ހިފަހައްޓައިގެން ހުރުމެއް ނޫނެވެ. ނަމަވެސް، ދޫކޮށްލަން ޖެހޭނެކަން ދެނެގަތުމެވެ.

އޭގެ ފަހުން ވޭތުވެދިޔަ ދުވަސްތަކުގައި، ޔަސްމީން ހުރީ ހަށިގަނޑުން އެތަނުގައި ހުއްޓަސް، ރޫހާނީ ގޮތުން މުޅިން އެހެން ދުނިޔެއެއްގައެވެ. މީހަކު މަގު ދެއްކުމުން ނޫނީ އޭނާގެ ހަށިގަނޑަކަށް ހަރަކާތެއް ނާދެއެވެ. ކާން ބުނުމުން މެނުވީ އެއްޗެއް އަނގަޔަކަށް ނުލައެވެ. ލޯ މަރާލަނީ ދެން އިތުރަށް ހޭލާ ހުންނާނެ ވަރު ނެތުމުންނެވެ. ނަމަވެސް އޭނާގެ ސިކުނޑި ވަނީ އޭނާއަށް ސަލާމަތްނުވެވޭނެ ފަދަ ފުން ޚިޔާލުތަކެއްގެ ތެރެއަށް ޣަރަގުވެފައެވެ. އެއީ ހަމަހިމޭންވުމެއް ނެތް އޮއިވަރެއް ފަދަ ކަމެކެވެ.

އެއްވެސް ހަރަކާތެއް ނެތި، ހުސްކަމެއްގެ ތެރެއަށް ގެއްލިފައި ގަޑިއިރުތަކެއް ވަންދެން އޭނާ އިށީނދެގެން އިނދެއެވެ. އަދި ބައެއް ފަހަރު، ވަރަށް މަޑުމަޑުން، މާޔޫސްކަމާއެކު އަމިއްލަ ނަފްސާ ވާހަކަދައްކައެވެ. އެއީ އެތަނުގައި ނެތް، ނަމަވެސް އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެން ނުދާ ފަރާތަކަށް ދޭ ޖަވާބުތަކެއް ފަދައެވެ.

އޭނާގެ ނަފްސުގެ ތެރޭގައި ހަމަހިމޭން ހަނގުރާމައެއް ދިޔައީ ހިނގަމުންނެވެ. އެއީ ބޭރަށް ފެންނަ، އަޑުގަދަ ހަނގުރާމައެއް ނޫނެވެ. ނަމަވެސް އެއީ ހުއްޓުމެއް ނެތް، ދެމިގެންވާ ކެކުޅުމެކެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ފުން އެދުމެއްގެ ސަބަބުން، އޭނާގެ އެތެރެހަށި ވަނީ ހުސްކޮށްލާފައެވެ. އެ އިހުސާސްތަކުގެ ބާރުގަދަކަމުން، އިންސާނީ ދިރިއުޅުމުގެ ކޮންމެ ކަމަކީ މާނައެއް ނެތް، ނާޒުކު ކަންތައްތަކެއްގެ ގޮތުގައި އޭނާއަށް ސިފަވެއެވެ.

އޭނާ ބޭނުންވީ ބާރަށް ހަޅޭއްލަވައިގަންނާށެވެ. އޭނާގެ ހިތުގައިވާ ސުވާލުތަކުގެ ޖަވާބު ހޯދާށެވެ. އޭނާ ބޭނުންވީ އެފަރާތެވެ.

“އަހަރެންގެ ޙައްޤަކަށް ވޭ.” އެކަނިވެރިކަމުގެ ތެރޭގައި، ތުރުތުރުއަޅާ އަޑަކުން އޭނާ އެރޭ މަޑުމަޑުން ބުންޏެވެ. އޭނާގެ އަމިއްލަ ހިތުގެ އެދުންތަކުގެ ބަރުދަން އުފުލަން ދަތިވެގެން، ހިތް ހިފަހައްޓާލަން މަސައްކަތްކުރާ ފަދަ ގޮތަކަށް އޭނާގެ އަތް މޭގައި ޖައްސާލިއެވެ.

“އަހަރެން ނޫން ދެން ކާކު؟” އޭނާގެ ނޭވާ ތާށިވިއެވެ.

“މީގެ ކުރިންވެސް އަންހެނުން އުޅުނު. އެމީހުން ދެއްކި ވާހަކަތައް އަހަރެން އަޑުއެހިން. މި ދުނިޔެއިން ބޭރުގެ ފަރާތްތަކާ ގުޅުން ބޭއްވި، އެމީހުން ދެކެ އިންތިހާއަށް ލޯބިވި އަންހެނުން. އަހަންނަށް އެކަން ނުވާންވީ ކީއްވެ؟”

އޭނާގެ މުޅި ހަށިގަނޑުގައި ދިޔައީ އަލިފާން ހިފަމުންނެވެ. އެއީ ހަމައެކަނި އެދުންވެރިކަމެއް ނޫނެވެ. އެއީ ގަދީމީ ހަނދާންތަކެކެވެ. އޭނާގެ ނަފްސަށް އެ ފަރާތް އެނގެއެވެ. އޭނާގެ ރޫހު ގޮވަނީ އެ ފަރާތަށެވެ.

ދުނިޔެއަށް ނުފެންނަ ކޮންމެވެސް ތަނެއްގައި ހުރެގެން، އެ ފަރާތަށް މިކަން އިހުސާސް ކުރެވެއެވެ. ސަބަބަކީ އެ ފަރާތަށް އަބަދުވެސް ޔަސްމީންގެ އިހުސާސްތައް އެނގޭތީއެވެ.

އެ ހަނދާންތައް އައީ މަޑުމަޑުންނެއް ނޫނެވެ. އެއީ ބިޔަ ރާޅުތަކެއް ފަދައިންނެވެ. ފުރަތަމަ ކުދިކުދި މަންޒަރުތަކެވެ. އެއަށްފަހު މުޅި ހާދިސާ އޭނާގެ ކުރިމައްޗަށް ސިފަވާން ފެށިއެވެ. ރޭގަނޑުގެ ހަމަހިމޭންކަމުގެ ތެރޭގައި އޭނާ ވަށާލާފައިވާ ރިހިކުލައިގެ ފުސްގަނޑެވެ. އޭނާގެ ހަށިގަނޑުގެ ކޮންމެ ތަނެއް ދަންނަ ފަދަ ގޮތަކަށް އޭނާގެ ގައިގައި ބައްދާލާފައިވާ ވައިރޯޅިތަކެވެ. އަދި އޭނާގެ ހިތް އެ ންމެ ބޭނުންވާ ސިފައަކަށް ބަދަލުވަމުންދިޔަ، ފާޅުކޮށް ނުފެންނަ އެ ސިހުރުވެރި ސިފައެވެ.

އިންސާނެއްގެ އަތަށްވުރެ ބޮޑަށް އޭނާގެ ގައިގައި ބައްދާލައިގެން ހުރި އެ ބާރެވެ. މި ދުނިޔެއަށް ނިސްބަތްނުވާ، ނަމަވެސް ދުނިޔޭގެ އެހެން އެންމެންނަށްވުރެ ބޮޑަށް އޭނާ ދަންނަ އެ ފަރާތެވެ. ވަގުތު ހުއްޓިފައިވާ ފަދަ ދިގު ރޭތަކެވެ. ހަމަހިމޭންކަމުގެ ތެރެއިން ވާހަކަދެއްކި ވަގުތުތަކެވެ. ބަހެއް ނެތި ވީ ވައުދުތަކެވެ.

“އަހަރެން މިއީ ތިބާގެ މީހެއް.”

“އަހަރެން މިހުރީ މިތާ.”

“އަހަރެން ދުވަހަކުވެސް ވަކިވެގެން ނުދާނަން.”

ހަޤީޤަތް އެނގުމާއެކު އޭނާގެ ނޭވާ އަވަސްވިއެވެ. މިއީ އާ ކަމެއް ނޫނެވެ. މިއީ މޮޔަވުމެއްވެސް ނޫނެވެ. މިއީ އެތައް އަހަރެއް ވަންދެން އޭނާގެ އެތެރޭގައި އުފެދެމުން، އިންތިޒާރު ކުރަމުން އައި ކަމެކެވެ. އޭނާއަށް އެކަން ފަހުމްވުމުގެ ކުރިންވެސް، އެ ފަރާތް އަބަދުވެސް އެތަނުގައި ހުއްޓެވެ. ދުވަހަކުވެސް މިލްކު ނުކުރެވޭނެ އެއްޗަކަށްޓަކައި ހިތް ރޯން ފެށުމުގެ ކުރިންވެސްމެއެވެ.

ދެން މިހާރު، އެ ހަނދާންތައް އާވުމުން، އެކަން ތަހައްމަލު ކުރުމަކީ އޭނާއަށް ކުޅަދާނަ ކަމެއް ނޫނެވެ. ސަބަބަކީ އަދިވެސް އެ ފަރާތުގެ އިހުސާސް އޭނާއަށް ކުރެވޭތީއެވެ. އެ ފަރާތް ދިޔައީކީ ނޫނެވެ. ދުވަހަކުވެސް ނުދެއެވެ. އެ ފަރާތް ހުރީ ހަމަ ގާތުގައެވެ. ނަމަވެސް އޭނާގެ އަމިއްލަ ނިންމުމުގެ ސަބަބުން އުފެދިފައިވާ ފާރެއްގެ ފުރަގަހުގައެވެ.

ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ރަށުގެ ދިރިއުޅުން އާންމު ހާލަތަކަށް ރުޖޫއަވިއެވެ. ދެކެވުނު ވާހަކަތައް މަޑުޖެހި، މީހުން އެމީހުންގެ މަސައްކަތްތަކައިގެން ކުރިއަށް ދިޔައެވެ. ހީވަނީ އެއްވެސް ކަމެއް ނުހިނގާ ހެންނެވެ. ނަމަވެސް ޔަސްމީން އޭނާ ކުރީގެ ހާލަތަކަށް ނައެވެ. އޭނާ ހިނގަނީ ހަމަ އެ މަގުތަކުގައެވެ. އިށީންނަނީ ހަމަ އެ ގޮނޑުދޮށުގައެވެ. ދިރިއުޅެނީ ހަމަ އެ ފާރުތަކުގެ ތެރޭގައެވެ. ނަމަވެސް އޭނާގެ ލޮލުން ފެންނަނީ ދުރުމިނެކެވެ. އެއްވެސް މީހަކަށް ބަޔާންކޮށްދޭން ނޭނގޭ ފަދަ ހަމަހިމޭން ހުސްކަމެކެވެ.

ކޮންމެ ރެއަކުވެސް، އެއްވެސް މެދުކެނޑުމެއް ނެތި، އޭނާއަށް ހުރެވެނީ މޫދު ކައިރީގައެވެ. ރާޅުތައް ބިންދާލާ ހިސާބުގައެވެ. އިންތިޒާރުގައެވެ.
އިންތިޒާރު ކުރެވެނީ ކޮން އެއްޗަކަށް ކަން ނޭނގުނަސް، އެކަން ހުއްޓައެއް ނުލެވެއެވެ. އަދި ބައެއް ފަހަރު، ހިނދުކޮޅަކަށް ވައިރޯޅިތަކުގެ މިސްރާބު ބަދަލުވެއެވެ. އެއީ އާދަޔާ ހިލާފު މަޑުމައިތިރި، ހޫނު، އަދި ދަންނަ އިހުސާސެކެވެ. އެ ވައިރޯޅިތައް އޭނާގެ ހަންގަނޑުގައި ބީހިލަނީ ކުރީގެ ހަނދާނެއް ފަދައިންނެވެ. އޭނާގެ މިލްކަކަށް ވީ އަތެއްގެ ބީހިލުން ފަދައިންނެވެ.

އޭނާގެ ލޯ މަރާލެވެއެވެ. ނޭވާ ހުއްޓި، ހިތުގައި ރިހުމެއް އުފެދެއެވެ. ސަބަބަކީ އޭނާއަށް ހަޤީޤަތް އެނގޭތީއެވެ. އެ ފަރާތް އަދިވެސް އެބަހުއްޓެވެ. ބަލަހައްޓައިގެންނެވެ. ލޯބިވުމުގައެވެ. އިންތިޒާރުގައެވެ. ނަމަވެސް، ދެން އިތުރަށް އޭނާގެ ގާތުގައި ހުރުމުގެ ހުއްދައެއް ނެތެވެ.
އަދި މިއީ އެންމެ ހިތްދަތި ހަޤީޤަތެވެ. އެއީ އެ ފަރާތް އޭނާގެ އަތުން އަތުލެވުނީތީއެއް ނޫނެވެ. ނަމަވެސް، އެ ފަރާތް ދޫކޮށްލަން އަމިއްލައަށް ނިންމީ އޭނާ ކަމަށްވާތީއެވެ.

އެކަނިވެރިކަމުގެ ހަމަހިމޭން ރޭތަކުގައި، މުޅި ދުނިޔެ ނިދާފައި އޮންނަ ވަގުތު، ޔަސްމީން ލޯ މަރާލަނީ އެ ފަރާތް ހަނދާން ނައްތާލާކަށް ނޫނެވެ. ނަމަވެސް، އަލުން އެ އިހުސާސްތައް ދިރުވުމަށެވެ.

(ނުނިމޭ)

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top