ދިވެހި ސަރުކާރާއި، އިނގިރޭސިވިލާތުގެ މެރިން ރިސާރޗް ފައުންޑޭޝަނެއް ކަމުގައިވާ ނެކްޓަންއިން ދިވެހިރާއްޖޭގެ ކަނޑުތަކުގެ އުންމީދީ ދިރާސާ މިޝަންއެއް ފަށަން ތައްޔާރުވެއްޖެއެވެ. މި މިޝަންއާއި އެކު މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެވިގެންދާނެ އެވެ. އަދި މި ދިރާސާއިން ލިބޭ މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ޙިއްޞާ ކުރެވިގެންދާނެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިގޮތުގައި “އަޅުގަނޑުމެން ވަށައިގެންވާ ކަނޑުތަކާ ކޮންމެ ދިވެއްސަކާ ވަނީ ގުޅިލާމެހިފައި. މި ޤައުމުގެ 71 އިންސައްތަ އާމްދަނީ ފެށިގެން އަންނަނީ މި ކަނޑުތަކުން. އަޅުގަނޑުމެންގެ ސަރުކާރުން މިދަނީ ކަނޑުފަޅުތައް ޙިމާޔާތްކޮށް، ދެމެހެއްޓެނިވި ނޫ އިޤްތިޞާދެއް ބިނާ ކުރުމަށް 5 އަހަރުގެ ޕްލޭނެއްގެ ދަށުން މަސައްކަތްކުރަމުން. މިއަދު މި ފެށޭ މިޝަންގެ ސަބަބުން ދެމެހެއްޓެނިވި ގޮތަކަށް އަޅުގަނޑުމެންގެ އިޤްތިޞާދާއި އާމްދަނީ ލިބޭނެ ގޮތްތައް ފުޅާކުރުމާއެކު، ކަނޑުތަކުގެ ވިލުންތެރިކަން އިތުރުކުރުމަށް ބޭނުންވާ މެރިން ޕްރޮޓެކްޓެޑް އޭރިއާޒް ޤާއިމްކުރުމަށް ބޭނުންވާ މަޢުލޫމާތު ލިބިގެންދާނެ” އެވެ.

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ޙުސައިން ރަޝީދު ޙަސަން ވިދާޅުވިގޮތުގައި “ދުނިޔެއަށް ދިމާވެފައިވާ މޫސުން ބަދަލުވުމުގެ ކާރިސާއިން އެންމެ ބޮޑަށް ގެއްލުން ލިބޭ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ހިމެނޭ” އެވެ. މީގެ އިތުރުން ވެސް އެމަނިކުފާނު ވިދާޅުވިގޮތުގައި “އެހެންނަމަވެސް، އަދިވެސް ވަގުތުއެބައޮތް. އަޅުގަނޑުމެންގެ ކަނޑުތައް ހިމާޔާތްކުރުމުގެ ފުރުތަމަ ފިޔަވަޅެއްގެ ގޮތުގައި ކަނޑުގައިވާ ދިރުންތައް ޙިމާޔާތްކުރަންޖެހޭ. މިކަން ރަނގަޅުގޮތުގައި ކުރެވޭނީ ކަނޑުގައިވާ ދިރުންތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކޮށްގެން. މި މިޝަން އާއިއެކު ފެށިގެން މިދަނީ ކަނޑުތައް އިތުރަށް ދެނެގަތުމުގެ މަސައްކަތް. މި ފެށޭ މިޝަންގެ ސަބަބުން ހިތްވަރުލިބި ދިވެހިރާއްޖެއާއި އެއްފަދައިން ކަނޑުފަޅުތައް ޙިމާޔާތްކުރަން އެހެން ޤައުމުތަކުން މަސައްކަތް ކުރާނެ ކަމުގައި އުންމީދުކުރަން”.

35 ދުވަހަށް ދެމިގެންދާ މި މިޝަން ފެށޭނީ ސެޕްޓެންބަރު މަހުގެ 4 ވަނަ ދުވަހުގައެވެ. މި ދިރާސާ މިޝަންގައި ދުނިޔޭގެ އެކިއެކި ކަންކޮޅުތަކުންނާއި، ދިވެހިރާއްޖެއިން އެކުލަވާލެވިފައިވާ ސައިންސްވެރިންނާއި ތަޖުރިބާކާރުންގެ ޓީމަކުން ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކުރާނެއެވެ. މިއީ މިހާ ފުނަށް ދިވެހިރާއްޖޭގައި ހިންގޭ ފުރުތަމަ ސާރވޭއެވެ.

މި މިޝަންގެ ފުރުތަމަ 30 ޑިސެންޓްތައް ލީޑްކުރުމަށްޓަކައި ދިވެހިރާއްޖެއިން 10 މެރިން ސައިންޓިސްޓުން ވަނީ “މޯލްޑިވިއަން އެކުއަނޯޓުން”ގެ ގޮތުގައި ހޮވާލެވިފައެވެ. މި ޑިސެންޓްތައް ނުވަތަ ފީނުންތައް ކުރިއަށްދާނީ ކަނޑުގެ އެންމެ ފުނަށްދެވޭ ޒާތުގެ ސަބްމާރސިބަލްތަކެއް ގައެވެ. ދިވެހިރާއްޖެއިން މި މިޝަންގައި ބައިވެރިވުމަށް ހޮވާލެވޭ އެކުއަނޯޓުން އިޢުލާނުކުރެވޭނީ ސެޕްޓެންބަރުމަހުގެ 1 ވަނަ ދުވަހުގައި މާލޭގައި ބޭއްވޭ ޕްރެސް ކޮންފަރެންސްއެއް މެދުވެރިކޮށެވެ.

ދިވެހި ސައިންސްވެރިންނާއި ނެކްޓަން ޓީމުގެ މަސައްކަތަކީ ދިވެހި ކަނޑުތަކުގެ ބޭސްލައިން ހެލްތު ޗެކެއް ކުރިޔަށް ގެންދިޔުމެވެ. މި ހެލްތު ޗެކާއެކު ދިވެހިރާއްޖޭގެ ކަނޑުގެ 20 ޕަސެންޓް ޙިމާޔާތްކުރުމަށް ސަރުކާރުން ކަނޑައަޅަފައިވާ ލަނޑުދަނޑި ޙާސިލްކުރުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތައް ލިބިގެންދާނެއެވެ. މިއީ ގާތްގަނޑަކަށް ޖަރުމަންވިލާތުގެ ދެބައިކުޅަ-އެއްބައި ވަރުގެ ސަރަޙައްދެކެވެ.

“މި މިޝަނާއެކު އަޅުގަނޑުމެންގެ ފަރުތަކުގެ ޙާލަތް ދެނެގަނެވި، އަދި ކުރިން މަޢުލޫމާތު އެއްކުރެވިފައިނުވާ ފުނުގައިވާ އެކިއެކި އިކޯސިސްޓަމްސްގެ މަޢުލޫމާތު އެއްކުރެވިގެންދާނެ. މި މަޢުލޫމާތުގެ އަލީގައި ޙިމާޔާތްކުރުމަށް އެންމެ އެކަށީގެންވާ ތަންތަން ފާހަގަކުރެވިގެންދާނެ” މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓްގެ ޑިރެކްޓަރ ޖެނެރަލް ޝާފިޔާ ނަސީމް ވިދާޅުވިއެވެ. “އަޅުގަނޑުމެންގެ އަތޮޅުތައް ވަށައިގެންވާ ފަރުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުންނާއި ވަރުގަދަވަމުންދާ ތޫފާންތަކުން ރައްކާތެރިކަން ފޯރުކޮށްދީ، ޤައުމުގެ އިޤްތިޞާދާއި، އަޅުގަނޑުމެންގެ ދިރިއުޅުން ބިނާކުރުމަށް އެހީވެދޭ” ކަމުގައިވެސް ޝާފިޔާ ނަސީމް ވިދާޅުވިއެވެ.

ދިވެހިރާއްޖެއަކީ 99 އިންސައްތަ ކަނޑު އަދި 1 އިންސައްތަ ބިމުން އެކުލެވިފައިވާ ކަނޑުގެ ސަރަޙައްދު ބޮޑު ޤައުމެކެވެ. އެހެންކަމުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބޭ ގެއްލުންބޮޑެވެ. ނަމަވެސް، ދިވެހި ކަނޑުތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ލިބިގެންދާ މިފަދަ ދިރާސާތަކާއެކު، ކަނޑުތައް ޙިމާޔާތްކޮށް މޫސުމީ ވިލުންތެރިކަން އިތުރުކުރުމުގެ މަސައްކަތައް އިތުރު ބާރެއް ލިބިގެންދާނެއެވެ.

“އަޅުގަނޑުމެންގެ އުންމީދަކީ މި ދިރާސާއާއިއެކު ފަރުތަކާއި މަސް އާލާވާ މުހިންމު ތަންތަން ފާހަގަކޮށް، ސަރުކާރަށް މި މަޢުލޫމާތު ފޯރުކޮށްދިނުން،” ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާރސިޓީ އޮފް އޮކްސްފޯރޑްގެ ތަޖުރިބާކާރެއް ކަމުގައިވާ ޕްރޮފެސަރ ލޫސީ ވުޑާލް ވިދާޅުވިއެވެ.

މި މިޝަންއާއި އެކު ދިވެހިރާއްޖޭގައި އިންސާނުން ގޮވައިގެން ފުންކަނޑަށްދާ އެންމެ ފަހުގެ ސަބްމާރސިބަލް އަދި ރޮބޮޓިކް ސިސްޓަމްތައް ބޭނުންކުރެވިގެންދާނެއެވެ. މި މިޝަންގައި ޖުމްލަ 40 ބައިވެރިން ބައިވެރިވެއެވެ. އެއީ 16 ދިވެހި ބައިވެރިންނާއި 24 ބައިނަލްއަޤްވާމީ ބައިވެރިންނެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.