ދިވެހި ފިލްމީ ދާއިރާ ފަންނުވެރިންގެ ‘މަންމަ’އެއްގެ ގޮތުގައި ބަލައިގަންނަ، ލޯތްބާއި އިހުތިރާމު ހޯދައިފާ ރާއްޖޭގެ ލިޖެންޑަރީ ފިލްމީ ތަރި ފައުޒިއްޔާ ޙަސަން ނިޔާވެއްޖެ އެވެ. ފައުޒިއްޔާ ނިޔާވީ ލަންކާ ހޮސްޕިޓަލުގައި މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

މައުލޫމާތުލިބޭ ގޮތުގައި ފައުޒިއްޔާ ނިޔާވީ މެޔަށް ތަދެއް އަރައިގެން ވެއްޓި ފަރުވާދެމުން ދަނިކޮށެވެ. ފައުޒިއްޔާ އަބަދުވެސް އެންމެ އުޅޭ ހިތްވާ އެއް މަންޒިލް ކަމަށްވާ ލަންކާއަށް އޭނާ ގޮސް އުޅުނީ ބަލިވެގެން ނޫން ކަމަށާއި ވަކި ބައްޔަކަށް ފަރުވާ ހޯދަމަށް ނޫންކަމަށްވެސް މަޢުލޫމާތު ލިބެއެވެ.

01 ޖެނުއަރީ 1942ގައި އުފަންވި ފައުޒިއްޔާ ޙަސަން (އުއްސަކުރު ފައުޒިއްޔާ) ފިލްމީ ދާއިރާއާ މެދު ޝަޢުޤު އުފެދެން ފެށީ އުމުރުން އެންމެ 07 އަހަރުގައެވެ. ފިލްމީ ދާއިރާއަށް އޭނާ ފުރަތަމަ ފިޔަަޅެއްއެޅީ 1985ގައި ރިލީޒްކުރި ފިލްމު “ފިދާ”އިން ނެވެ. ގިނަ އަދަދެއްގެ ފިލްމުތަކާ ޓީވީ ޑްރާމާ އަދި ސީރީޒްތައް އޭނާ ކުޅެފައިވެއެވެ. އެގޮތުން 32އަށް ވުރެން ގިނަ އަދަދެއްގެ ދިވެހި ފީޗާ ފިލްމު، 11 ވަރަކަށް ޓީވީ ޑްރާމާ އަދި 04 ކުރު ފިލްމުގައި އޭނާ މަސައްކަތްކޮށްފައިވެ އެވެ.

ފެހުމަށް ހުންނަ ޝަޢުޤު ބޮޑުކަމުން އުމުރުން 14 އަހަރުގައި ފަހަން ދަސްކޮށް އެ މަސައްކަތްކުރި ފައުޒިއްޔާއަކީ ފެހުމުގެ ރޮނގުންވެސް ފާހަގަކޮށްލެވޭ ކަނބަަލެކެވެ.

ފައުޒިއްޔާއާ އިތުރު އެހެން ދިވެހި އަންހެނަކާއެކު އިންޑިއާގެ ސައިންސްވެރިޔަކާއި ގުޅިގެން ޕާކިސްތާނަށް ޖާސޫސީ މައުލޫމާތުތަކެއް ފޯރުކޮށްދިން ކަމަށް ބުނެ 1994 ވަނަ އަހަރު އޭނާ އިންޑިޔާގެ ޖަލެއްގައި ހައްޔަރުކޮށްފައިވެއެވެ. ފައުޒިއްޔާގެ މި ހިތްދަތި ހާދިސާގެ ކޮންމެވެސް މިންވަރެއް ފެނިގެންދާނެ ފިލްމެއް މުންބާއީގައި ހަދަމުން އަންނަކަމަށް މީގެ އަހަރެއްހައި ދުވަސް ކުރިން މުނިއަވަސްއާ ވާހަކަދައްކަމުން ފައުޒިއްޔާ ފަހާގަކޮށްފައިވެއެވެ.

މުނިއަވަސް ކިޔުންތެރިންނާއި ޓީމުގެ ފަރާތުން ފައުޒިއްޔާގެ ފުރާނަޔަށް ޖަންނަތުލް ފިރްދައުސް މިންވަރުކުރެއްވުމަށް އެދި ދުޢާކުރަމެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.