ބޮލީވުޑް ސުޕަސްޓާރ އަމީތާބް ބައްޗަންގެ 80 ވަނަ އުފަންދުވަހާއި ގުޅުވައިގެން ފިލްމު ފެސްޓިވަލެއް ބާއްވަން ނިންމައިފިއެވެ.
އިންޑިއާގެ ފިލްމް ހެރިޓޭޖް ފައުންޑޭޝަން (އެފް.އެޗް.އެފް) އާއި ޕީ.ވީ.އާރް ސިނެމާސް ގުޅިގެން އިންތިޒާމުކޮށް، ”ބައްޗަން ބެކް ޓު ދަ ބިގިނިންގް“ ގެ ނަމުގައި ބާއްވާ މި ފިލްމު ފެސްޓިވަލްގައި އަމީތާބްގެ ކެރިއަރުގެ ކުރީކޮޅުގެ ފާހަގަކޮށްލެވޭ 11 ފިލްމެއް ދައްކާ ގޮތަށް ވަނީ ނިންމާފައެވެ.
ފެސްޓިވަލްގައި ދައްކަން ނިންމާފައިވާ އަމީތާބްގެ ފިލްމުތަކަކީ ”ޑޯން (1978)“، ”ކާލާ ޕައްތަރް (1979)“، ”ކާލިއާ (1981)“، ”ކަބީ ކަބީ (1976)“، ”އަމަރް އަކްބަރް އެންތަނީ (1977)“، ”ނަމަކް ހަލާލް (1982)“، ”އަބިމާން (1973)“، ”ދީވާރް (1975)“، ”މިލީ (1975)“، ”ސައްތޭ ޕޭ ސައްތާ (1982)“ އަދި ”ޗުޕްކޭ ޗުޕްކޭ (1975)“ އެވެ.
މި އޮކްޓޯބަރު މަހުގެ 8-11 އަށް ކުރިއަށް ގެންދާ މި ފެސްޓިވަލް އިންޑިއާގެ 17 ސިޓީއެއްގައި ބާއްވާނެއެވެ. 22 ސްކްރީނެއްގައި ފިލްމުތައް އަޅުވާއިރު، ޖުމްލަ 172 ޝޯވ ދައްކަން ހަމަޖެހިފައިވާކަމަށް ފެސްޓިވަލް އިންތިޒާމުކުރާ ފަރާތުން މަޢުލޫމާތު ދީފައިވެއެވެ.
އެފް.އެޗް.އެފް އާއި ޕީ.ވީ.އާރްގެ މި އިސްނެގުމާއިމެދު ވަރަށް އުފާވެފައި ހުރި އަމީތާބް ބުނެފައިވާ ގޮތުގައި އޭނާގެ ކެރިއަރުގެ ކުރީކޮޅުގެ ފިލްމުތަކެއް އަލުން ސިނަމާތަކުގައި ދައްކަފާނެކަމަށް ހިތަކަށްވެސް ނާރައެވެ. އަދި މި ފިލްމުތަކުން އެ ދައްކައިދެނީ އޭނާގެ މަސައްކަތް ނޫން ކަމަށާއި ޑައިރެކްޓަރުންނާއި އެކްޓަރުންގެ އިތުރުން ޓެކްނިކަލް ކްރޫގެ މަސައްކަތް ކަމަށެވެ.
އިތުރަށް އަމީތާބު ބުނެފައިވާ ގޮތުގައި މި ފިލްމުތައް އެ ގެނެސްދެނީ މާޒީވެ ގޮސްފައިވާ ރަންޒަމާން ކަމަށާއި ހަނދާން ނައްތާނުލެވޭނެ ޒަމާން ކަމަށެވެ. އަދި އިންޑިއާގެ ފިލްމު ހެރިޓޭޖް ރައްކާތެރިކުރަން އެހާ މުހިންމުވާ ސަބަބަކީ މިއީ ކަމަށާއި ކުރީގެ ލޭންޑްމާކް ފިލްމުތައް ދައްކާލަން މިފަދަ ވަރަށް ގިނަ ފެސްޓިވަލްތަކެއް ބާއްވާނެކަމަށް އުންމީދުކުރާކަމަށްވެސް އަމީތާބް ބުނެފައިވެއެވެ.
އެފް.އެޗް.އެފް އިން އަންނަނީ އިތުރު ފިލްމު ފެސްޓިވަލްތަކެއްވެސް ބާއްވަން ރާވަމުން ކަމަށް އެ ޖަމިއްޔާއިން އިންޑިއާގެ ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކަށް މަޢުލޫމާތު ދީފައިވެއެވެ.
ލިޔުންތެރިޔާގެ ފުރަމަލަ

- މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް
- 27 ޑިސެމްބަރ 2025ޚަބަރުއިން ކްލިކްސްގެ ”ލޫޓުވީ ކަލާ“ އާ އަހަރަށް
- 27 ޑިސެމްބަރ 2025ޚަބަރުތެހެރީމްގެ ”ހަމްނަވާ“ ފަށަނީ
- 26 ޑިސެމްބަރ 2025ޚަބަރުލިލީގެ ”ގިސްލާ ރޮއި“ ވަރަށް އަސަރުގަދަ
- 26 ޑިސެމްބަރ 2025ޚަބަރުޕާކިސްތާން ޑްރާމާ ”ސަޒާވާރް“ މިރޭ ފަށަނީ




