މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގ އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ފިލްމު ފެސްޓިވަލް، މި އަހަރު ބާއްވާނެ ތާރީޚު ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
އެ ޖަމްއިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި މިއަހަރުގެ ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 12 އިން 19 ގެ ނިޔަލަށެވެ. މި ފެސްޓިވަލަކީ ރާއްޖޭގެ ފިލްމީ ދާއިރާ ކުރިއަރުވައި، ފަންނާނުންގެ ހުނަރުތައް އަގުވަޒަންކުރުމުގެ މަޤްޞަދުގައި ބާއްވާ ޚާއްޞަ އިވެންޓެކެވެ.
މި އަހަރުގެ ފެސްޓިވަލް ބޭއްވުމަށް ހަމަޖެހިފައިވަނީ ‘ބިދަބިން އިވެންޓްސް’ އާ ގުޅިގެންނެވެ. އެމްއެސްޕީއޭއިން ބުނި ގޮތުގައި މި ޕާޓްނަރޝިޕްގެ ސަބަބުން މިއަހަރުގެ ފެސްޓިވަލް އިތުރަށް ފުރިހަމަވެ، ކުލަގަދަ ޙަރަކާތްތަކެއް ފެނިގެންދާނެއެވެ.
މި ފަހަރުގެ ފެސްޓިވަލުގައި ވާދަކުރުމަށް ގިނަ ފިލްމުތަކެއް ވަނީ ބައިވެރިކޮށްފައެވެ. އޭގެ ތެރޭގައި ދިވެހި ބެލުންތެރިންގެ ބޮޑު މަޤްބޫލުކަމެއް ހޯދާފައިވާ ފިލްމުތައް ހިމެނެއެވެ. އެގޮތުން ބައިވެރިކޮށްފައިވާ ފިލްމުތަކަކީ:
🎦 ފުރޭތަ
🎦 ރޮބޯމޭން
🎦 ކަމަނާ
🎦 ކަންބަޅި
🎦 ދޭދަރު ރުއިން
🎦 ސާޔާ
🎦 ބިބީ
އެމްއެސްޕީއޭ އިން މަޢުލޫމާތު ދޭ ގޮތުގައި، މި ފެސްޓިވަލްގެ ތެރެއިން އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ މޮޅު ފަންނާނުންނަށާއި ފަންނީ މަސައްކަތްތަކަށް އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފެސްޓިވަލަކީ ފިލްމީ ދާއިރާގެ މަސައްކަތްތެރިންނަށް އެމީހުންގެ ހުނަރު ދައްކާލުމަށް ލިބިގެންދާ އަގުހުރި ފުރުޞަތެކެވެ.
