މޯލްޑިވްސް މީޑިއާ ކައުންސިލުން އެކުލަވާލި ”ދިވެހި މީޑިއާގެ އަހުޚުލާޤީ މިންގަނޑު“ އިފްތިތާހްކޮށް މީޑިއާތަކުން އެންޑޯސްކޮށް ސޮއިކުރުމުގެ ރަސްމިއްޔާތު 15 އޮކްޓޯބަރު 2022 ވަނަ ދުވަހު ބާއްވައިފިއެވެ. މި ރަސްމިއްޔާތުގައި 60 ވުރެ ގިނަ އޮންލައިން، ޕްރިންޓް އަދި ބްރޯޑްކާސްޓިން މީޑިއާތަކުން ވަނީ ބައިވެރިވެފައެވެ.

މިއީ ދިވެހި މީޑިއާއިން ޢަމަލުކުރުމަށް، މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން، އެކުލަވައިލާފައިވާ “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އެވެ. ދިވެހި މީޑިއާ ކޮންމެ މީހަކީ މި އަޚްލާޤީ މިންގަނޑަށް ތަބާވާ އަދި މި އަޚްލާޤީ މިންގަނޑަށް އަހުލުވެރި މީހަކަށް ވާންވާނެ ކަމަށް ބަަޔާންކޮށްފައިވެ އެވެ. މިއީ ޚަބަރާއި މަޢުލޫމާތު ހޯދައި އަދި ފެތުރުމުގައި ހަރަކާތްތެރިވާ އެންމެހާ ފަރާތްތަކުން މި މިންގަނޑާ އެއްގޮތަށް ޢަމަލު ކުރުމަށް އެއްބަސްވާ މިންގަޑެކެވެ.

ޕްރިންޓް މީޑިއާއާއި އިލެކްޓްރޯނިކް މީޑިއާއި އޮންލައިން އަދި ނިއުމީޑިއާގެ ވަސީލަތްތަކުގައި މަޢުލޫމާތު ފަތުރާނީ މި މިންގަނޑާ އެއްގޮތަށެވެ. އަދި ދިވެހި މީޑިއާ ފަންނުގެ އެންމެހާ މަސައްކަތެއްގައި އަބަދުމެ ހިފަހައްޓާނެ މައިގަނޑު ހަމަތައްކަމަށް “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” ގައި ބަޔާންކޮށްފައިވަނީ:
– އިސްލާމް ދީނާއި ދިވެހި ޖުމްހޫއްރިއްޔާގެ ޤާނޫނުއަސާސީއާއި ޤާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުން.
– އާންމުންނަށް ހަގީގަތް އެނގުމުގެ ހައްގަށް އިހުތިރާމް ކުރުން.
– އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތައި އިޖުތިމާޢީ އަޚްލާޤު ހިފެހެއްޓުން.
– ނޫސްވެރިކަމަށް ނުރަނގަޅު އަސަރު ފޯރާނެފަދަ މަންފާތަކާއި ނުފޫޒުތަކުން އެއްކިބާވުން.
– ނޫސްވެރިކަމުގެ ހަމަތައް ހިފަހައްޓައި އެއްވެސް ބިރަކަށް ޖެހިލުންނުވުން، މިއެވެ.

މިމަހު 15ގައި މި ސޮއިކުރެވުނު “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އާއި އެއްގޮތްވާ ގޮތުގެ މަތިން، ދިވެހި މީޑިއާގެ ލޭންޑްސްކޭޕް އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި، ކޮންމެ މީޑިއާއަކުން އެމީޑިއާއެއްގެ ކޯޑް އޮފް ޕްރެކްޓިސްއެއް އެކުލަވާލުމަކީ މުހިއްމުކަމެއްކަމަށް އެމްއެމްސީން ބުނެ އެވެ.

މީޑިއާ ކައުންސިލުން އެދިފައިވަނީ ހުރިހާ މީޑިއާތަކުން “ދިވެހި މީޑިއާގެ އަޚްލާޤީ މިންގަނޑު” އާއި އެއްގޮތްވާ ގޮތުގެ މަތިން ހަބަރު ފެތުރުމަށެވެ.

މުނިއަވަސްގެ ފަރާތުން ”ދިވެހި މީޑިއާގެ އަހުޚުލާޤީ މިންގަނޑު“ ގައި ސޮއެކުރީ މުނިއަވަސްގެ ސީއީއޯ އަޙްމަދު ރަޝީދު (އަންނާރޭ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.