ޕާކިސްތާން ޑްރާމާ ސިލްސިލާ “އަގަރް” ދައްކަން ފަށާނެ ތާރީޚު އިޢުލާނުކޮށްފިއެވެ.
މޫމިނާ ދުރައިދްގެ އެމްޑީ ޕްރޮޑަކްޝަންސް އިން ޕްރޮޑިއުސްކޮށް ގެނެސްދޭ “އަގަރް” އަކީ ޖުނައިދު ޚާން، ހީނާ އަލްތާފް، އުސާމާ ޚާން އަދި ޖުގަން ކަޒީމް އިސް ރޯލުތަކުން ފެނިގެންދާ ޑްރާމާއެކެވެ. ކާސްޓުގައި ބެހެރޯޒް ސަބްޒްވާރީ، ހީނާ ޚްވާޖާ، ހީރާ ސޫމްރޯ އަދި އިސްމަތު ޒައިދީ އާއި ސާޤިބް ސަލީމް ފަދަ ތަރިންވެސް ހިމެނެއެވެ.
“އަގަރް” ގައި ކިޔައިދޭނީ ދިރިއުޅުމުގެ އެއްވެސް ތަޖުރިބާއެއް ނެތް ހޫރިޔާ ނަމަކަށް ކިޔާ އަންހެންކުއްޖެއްގެ ވާހަކައެވެ. އޭނާއަކީ ހަމައެކަނި ރީތި އެއްޗިއްސަށް ލޯބިކުރާ އަދި އާދަޔާ ޚިލާފު ކަންކަމަށް ވަރުގަދައަށް ފާޑުކިޔާ އަންހެންކުއްޖެކެވެ. އެކަންކަމުގެ ތެރެއިން ދިރިއުޅުން ހަމަހަމަކުރުމުގެ މުހިންމުކަން އޭނައަށް އެނގޭ ގޮތް ޑްރާމާގައި ދައްކުވައިދޭނެކަމަށް ޚަބަރުތައް ބުނެއެވެ.
މިއަހަރު ޖީއޯ ޓީވީއިން ދެއްކި “ދިލް އަވެއިޒް” ގެ ލިޔުންތެރިޔާ މަދީހާ ޝާހިދުގެ ސްކްރީންޕްލޭއަކަށް އުފައްދާފައިވާ “އަގަރް” ޑައިރެކްޓްކޮށްފައިވަނީ އިލްޔާސް ކަޝްމީރީއެވެ. އޭނާއަކީ ބޮޑު މަޤުބޫލުކަމެއް ހޯދި ހަމް ޓީވީގެ ދެ ޑްރާމާ ކަމަށްވާ “ޚާމޯޝީ (2017)” އާއި “ތަޖްދީދޭ ވަފާ (2018)” ގެނެސްދިން ޑައިރެކްޓަރެވެ.
މި ހިނގާ އޮކްޓޯބަރު މަހުގެ 25 (އަންގާރަ ދުވަހުގެ ރޭ) ގައި ހަމް ޓީވީއިން ދައްކަން ފަށާ “އަގަރް” ގެ އާ އެޕިސޯޑްތައް ދައްކަން ނިންމާފައިވަނީ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ ރާއްޖެ ގަޑިން 20:00 ގައެވެ. އަދި މީގެ އިތުރުން ހަމް ޓީވީގެ ރަސްމީ ޔޫޓިއުބް ޗެނަލުންވެސް މި ޑްރާމާގެ އެޕިސޯޑްތައް ބަލައިލެވޭނެއެވެ.
