ނަވާ ކަރްނާޓަކާ ފިލްމް އެކަޑަމީގެ ފަރާތުން ބާއްވާ “ކަރްނާޓަކާ އިންޓަރނޭޝަނަލް ފިލްމް ފެސްޓިވަލް 2” ގައި މޯލްޑިވްސް ސޮސައިޓީ ފޯރ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) މެދުވެރިކޮށް ދިވެހި ފިލްމާއި މިއުޒިކް ވީޑިއޯ ބައިވެރި ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށް އެ ސޮސައިޓީން ބުނެފިއެވެ.

މި އަހަރު ޑިސެންބަރު މަހުގެ 09، 10 އަދި 11 މި ތިން ދުވަހު ކަރްނާޓަކާގެ ދާރްވާޅް ސިޓީގައި މި އަހަރު ބާއްވާ ފެސްޓިވަލްގައި ކުރީ އަހަރާއި ތަފާތުކޮށް، އެ ފިލްމެއް ނުވަތަ މިއުޒިކް ވީޑިއޯއެއްގެ ޕްރޮޑިއުސަރު ބޭނުން ނަމަ އަމިއްލައަށް ފިލްމު ނުވަތަ މިއުޒިކް ވީޑިއޯ ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ. މީގެ އިތުރުން ޕްރޮޑިއުސަރުން ބޭނުންނަމަ އެމް.އެސް.ޕީ.އޭ މެދުވެރިކޮށް ހުށައެޅުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ކަމަށް އެ ސޮސައިޓީން ބުނެ އެވެ.

މި އަހަރު ފެސްޓިވަލް ބާއްވާ ފަރާތުން ހަމަޖައްސާފައިވާ ގޮތުގައި ފިލްމު ބައިވެރިކުރާ ފަރާތްތަކުން ފެސްޓިވަލްގައި ބައިވެރިވުމުގެ ހުރިހާ ޚަރަދެއް ކުރަންޖެހޭނީ އެފަރާތަކުން އަމިއްލަޔަށް ކަމަށް، އިތުރު މަޢުލޫމާތަށްޓަކައި އެމް.އެސް.ޕީ.އޭ އިން މުނިއަވަސް އަށް މަޢުލޫމާތުދެމުން ބުނެފައިވެއެވެ.

ފިލްމް ބައިވެރިކުރުމުގެ ޝަޢުގުވެރިކަން ހުރި ފަރާތްތަކުން މިއަހަރު ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފިލްމު ހުށައަޅަން ޖެހެއެވެ. ފިލްމު ހުށައަޅާއިރު ފުރިހަމަކުރަންޖެހޭ ލިޔެކުންތައް [email protected] އީމެއިލްއަށް ފޮނުވުމަށް އެދެއެވެ.

މި ފެސްޓިވަލްގައި ފީޗަރ ފިލްމް، ކުރު ފިލްމް، ޑޮކިއުމެންޓަރީ ފިލްމް، އަދި މިޔުޒިކް ވީޑިއޯވެސް ބައިވެރިކުރުމުގެ ފުރުސަތުވަނީ ހުޅުވާލާފައެވެ.

އެމް.އެސް.ޕީ.އޭ މެދުވެރިކޮށް ބައިވެރި ކުރާނަމަ [email protected] އަށް މެއިލްކޮށްލުމަށް އެމްއެސްޕީއޭ އިން އެދިލައްވައެވެ.

މި ފެސްޓިވަލްގައި ބައިވެރިކުރާ ފިލްމާއި މިއުޒިކް ވީޑިއޯއަށް އަންނަނިވި ވަނަތައް ދިނުމަށް ހަމަޖެހިފައިވެއެވެ.

ސަރަޙަައްދީ، ޤައުމީ އަދި ބައިނަލްއަޤްވާމީ ފިލްމު އަދި ކުރު ފިލްމު

🎞️އެންމެ މޮޅު ފިލްމު (ޕްރޮޑިއުސަރ)
🎞️އެންމެ މޮޅު އެކްޓަރ (ފިރިހެން އަދި އަންހެން)
🎞️އެންމެ މޮޅު ޑައިރެކްޓަރ
🎞️އެންމެ މޮޅު އާޓް ޑައިރެކްޓަރ (ޕްރޮޑަކްޝަން ޑިޒައިނަރ)
🎞️އެންމެ މޮޅު ސަޕޯޓިން އެކްޓަރ
🎞️އެންމެ މޮޅު ވިލަން (ފިރިހެން އަދި އަންހެން)
🎞️އެންމެ މޮޅު ލަވަކިޔުންތެރިޔާ
🎞️އެންމެ މޮޅު ވާހަކަ
🎞️އެންމެ މޮޅު ކޮސްޓިއުމް ޑިޒައިނަރ
🎞️އެންމެ މޮޅު މޭކަޕް
🎞️އެންމެ މޮޅު ތުއްތު އެކްޓަރ
🎞️އެންމެ މޮޅު ކޮރިއޮގްރަފަރ
🎞️އެންމެ މޮޅު މިއުޒިކް ޑައިރެކްޓަރ
🎞️އެންމެ މޮޅު ޑީއޯޕީ (ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ)
🎞️އެންމެ މޮޅު އެޑިޓަރ

ވީޑިއޯ މިއުޒިކް އަލްބަމް އެވޯޑްތައް

🎞️އެންމެ މޮޅު މިއުޒިކް
🎞️އެންމެ މެޮޅު ލިރިކްސް (ޅެން)
🎞️އެންމެ މޮޅު ލަވަކިޔުންތެރިޔާ

‘ކަރްނާޓަކާ އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް 2021’ގައި ރާއްޖޭގެ ދެ އުފެއްދުންކަަމަށްވާ ފިލްމު “ހައްދު” އަދި “ބަވަތި” ދައްކާފައިވެ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.