ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑް ކަޕް 2022 ފެށުނުތާ ދެވަނައަށްވީ ރޭ މެކްސިކޯއަށް ނިސްބަތްވާ މެކްސިކޯ ޓީމުގެ ސަޕޯޓަރެއް އިސްލާމްވެއްޖެ އެވެ. އޭނާ އިސްލާމްވީ ޤަތަރުގެ ދޯހާގެ ކަތާރާ އަވަށުގެ މިސްކިތެއްގައެވެ.

މެކްސިކޯގެ ސަޕޯޓަރެއް ޝަހާދަތުގެ ދެކަލިމަކިޔައި އިސްލާމްވީ ޤަތަރުގެ ދާއީއެއް ކަމަށްވާ ހައްޔާން އަލްޔާފިޢީގެ ހާޒިރުގައެވެ. އެ ވީޑިއޯ މީސްމީޑިއާ މަންސަތަކުގައި ވައިރަލްވެފައިވާކަން ފާހަގަކޮށްލެވެ އެވެ.

أَشْهَدُ أَنْ لَا إِلَٰهَ إِلَّا ٱللَّٰهُ الله ފިޔަވާ ޙައްޤުގޮތުގައި އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ.

وَأَشْهَدُ أَنَّ مُحَمَّدًا رَسُولُ ٱللَّٰهِއަދި މުޙައްމަދުގެފާނީ اللهގެ ރަސޫލާކަމަށް އަޅުހެކިވަމެވެ.

ހައްޔާން އަލްޔާފިޢީ އޭނާގެ ފޭސްބްކްގައި އާއްމުކޮށްފައިވާ ވީޑިއޯގައި މެކްސިކޯގެ ސަޕޯޓަރަށް ޝަހާދަތުގެ ދެކަލިމަ އަދި އޭގެ މާނަ ކިޔައިދޭތަން ފެނެއެވެ.

“މި މީހާ މިސްކިތަށް ވަނީ އިސްލާމީ ސަގާފަތާބެހޭ މަޢުލޫމާތު ހޯދުމަށް. އެ ހިނދު އިސްލާމްދީނުގެ ފަސް ރުކުނާއި، އިސްލާމްދީނަކީ ހުރިހައި ރަސޫލުންނާއި ނަބިއްޔުން ގެންނެވި ރިސާލަތު ނުވަތަ ތެދުމަގުކަން އަހަރެން އޭނާއަށް ކިޔައިދީ އޮޅުންފިލިވައިދިނިން. އެހިނދު އޭނާ ބޭނުންވީ ރަސޫލުންގެ ދީނުގައި ހުރުމަށް. އޭނާ އިސްލާވުމަށް އިޚްތިޔާރުކުރި. އަހަރެން ތަކުރާރުކޮށް އޭނާކުރެން އަހައި އޮޅުންފިލުިުން އޭނާ އިސްލާމްވުމަށް ނިންމީ އެއްވެސް މީހެއްގެ މަޖުބޫރުކުރުމެއް ނުވަތަ މަޖުބޫރީ ހާލަތެއް އޮވެގެންތޯ ނުވަތަ ނޫންތޯ؟ އޭނާއަށް އެއްވެސް މަޖުބޫރުކަމެއް ނެތްކަން ކަށަވަރުކޮށްދިން.” ހައްޔާން އަލްޔާފިޢީ އޭނާގެ ފޭސްބްކްގައި ވީޑިއޯ ހިއްސާކުރަމުން ލިޔެފައިވެއެވެ.

“އޭނާ އަހަރުމެން ގާތުގަ ބުނި އޭނާ އިސްލާމްވާން ބޭނުންވީ ހަމަ އަމިއްލައަށް އެކަމަށް އެދިގެންކަމަށް. އޭނާގެ ހިތަށް ހިދާޔަތުގެ ނޫރު ވެއްދެވީތީ ﷲއަށް ޙަމްދުކުރަން. ޔާﷲ. އަޅަމެންނާ އަދި އޭނާއަށް ސާބިތުކަން ދެއްވާށި.” ހައްޔާން އަލްޔާފިޢީ އިތުރަށް ލިޔެފައިވެ އެވެ.

މެކްސިކޯގެ މި ސަޕޯޓަރު އިސްލާމްވުމާ ގުޅިގެން މީސްމީޑިއާގައި އޭނާއަށް މަރުހަބާ ކިޔައި އެކަމާ އުފާފާޅުކުރަމުން އަންނަ އެތަކެއް މުސްލިމުން ތިބިކަން ފާހަގަކޮށްލެވެ އެވެ.

ޤަތަރުގެ ވުޒާތަރުލް އައުޤާފް ވައްޝުއޫނިލް އިސްލާމިއްޔާ (މިނިސްޓްރީ އޮފް އައުޤާފް އެންޑް އިސްލާމިކް އެފެއާޒް) އިން ވޯލްޑް ކަޕް 2022 އާ ދިމާކޮށް އިސްލާމްދީނުގެ ދަޢުވަތު ފެތުރުމަށް ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވެއެވެ. މިގޮތުން އެކިއެކި ޤައުމުތަކަށް ނިސްބަތްވާ ދީނީ ބޭފުޅުން (ޝައިޚުން، ވާއިޒުން އަދި ދާއީން) މި ހަރަކާތުގައި ބައިވެރިވެ އެވެ. އަރަބިންނާއި ޤަތަރު އަދި އިސްލާމީ ސަގާފަތް ހިމެނޭ ލުއިފޮތް ތައްޔާރުކޮށްގެން ބެހުމަކީވެސް އެ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.