“އަފްރާޝީމް ޢަލީ……. އިބްތިހާލް…. މިއިން އެއްވެސް މީހަކަށް މިހާތަނަށް ޖަސްޓިސް ލިބިއްޖެތަ؟”
“ކުރިންރޭ އެންމެން ކުރިމަތީގަ، …. ކަމެއް ވިތަ؟ އެއްވެސް ކަމެއްވިތަ؟ ނުވެއެއްނު؟”

މީޑިއާ ނެޓުން މިމަހުގެ 19 ވަނަ ދުވަހު އާއްމުކޮށްފައިވާ ވެބް ސީރީޒް “ގާރލް ފްރެންޑްސް”ގެ ޓީޒަރ ފެށެނީ އޯފް ސްކްރީނުގައި އަންހެން ކުއްޖެއްގެ އަޑުން މި ޖުމްލަތަކުންނެވެ. ދެން ފެނިގެންދަނީ ނޭވާ ހިފަހައްޓާލަން ޖެހޭފަދަ މަންޒަރުތަކެކެވެ. ޓީޒަރ އިން މި ބައި ބަލައިލުން ރަނގަޅުވާނެއެވެ.

މީޑިއާނެޓުން ގެނެސްދޭ މީޑިއާނެޓް އޮރިޖިނަލްސް “ގާރލް ފްރެންޑްސް”ގެ ފަހަތުގައި ތިބީ ވަރުގަދަ ޓީމެކެވެ. މީގެ ކޮންސެޕްޓް އަދި އާޓް ޑައިރެކްޝަން ހެދީ ތިއޭޓަރ އާޓްސް އާއި އެކްޓިން ކިޔަވައިގެން ހުރި ހުނަރުވެރި ފަންނާނު މުޙައްމަދު މުންތަސިރު (މުންކޮ) އެވެ. ސްކްރީންޕްލޭ ލިޔުނީ ރާއްޖޭގެ އެންމެ މަޝްހޫރު ސްކްރީން ރައިޓަރ މަހްދީ އަޙްމަދު އެވެ. ކެމެރާކޮށް ޑައިރެކްޓްކުރީ “ފަތިސްހަނދުވަރު” ފިލްމުން ކެމެރާކުރަން ފެށި އިބްރާހީމް ވިސާން (ކަނޑި) އެވެ.

ކްރައިމް ތްރިލާއެއްގެ ގޮތަށް ޓީޒަރ އިން މަންޒަރުތައް ފެނިފައިވާ “ގާރލް ފްރެންޑްސް”ގައި އުޅެނީ ސަޅި އަދި ހުނަރުވެރި ‘ގާރލްސް’ ތަކެކެވެ. އެގޮތުން މިހާރު މި ދާއިރާގައި ރަނގަޅަށް ފައިތިލަ ސާބިތުކޮށްފައިވާ އައިޝާ ޢަލީގެ އިތުރުން މައިހާ އާއި ކުރިއަރަމުން އަންނަ ބަޠަލާ ޢާއިޝަތު ލަހުފާ (ލަހޫ) ހިމެނެއެވެ. ފިރިހެން ލީޑުން ފެނިގެންދާނީ މޮޅު އެކްޓިންއެއް ދައްކަމުން އަންނަ އަޙްމަދު ޝާރިފް އެވެ.

“ގާރލް ފްރެންޑްސް”ގެ ޓީޒަރގެ އިތުރުން މަޝްހޫރު މިއުޒީޝަން ޝަހީދު ލިގެސީގެ މިއުޒިކަށް ހަދާފައިވާ މި ސީރީޒްގެ އޮރިޖިނަލް ސައުންޑް ޓްރެކްގެ ވީޑީއޯވެސް ވަނީ ރިލީޒްކޮށްފައެވެ. އޯކޭޒް އިންކް އިން ތައްޔާރުކޮށްފައިވާ މި ވީޑިއޯއިން އިވިގެންދާ ލަވައިގެ ޅެން ހެދީ މުންކޮ އެވެ. ރާގު ހަދައި ލަވަކިޔާފައިވަނީ ބަޖިއްކޮ އެވެ. އެޑިޓިންގ އަދި ސިނަމޮޓޮގްރަފީ ހެދީ މުޙައްމަދު ސާމީ އެވެ. ޑައިރެކްޓްކޮށް ޑައިރެކްޓަރ އޮފް ފޮޓޯގްރަފީ ހެދީ ކަނޑިއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.