ޒަމާނީ ބޮޑެތި ބަދަލުތަކަކާއެކު އަލުން އޮލިމްޕަސް ހުޅުވައިފި އެވެ. ބޮޑު ހަފުލާއެއް ބާއްވައި ލައްކަ ގިނަ މަންޒަރުތަކާ އަޑުތައްވެސް އިއްވައިފި އެވެ. އޮލިމްޕަސް އަލުން ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އެވެ. މި ޚާއްޞަ ހަފުލާގައި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރުން ފެށިގެން އެ ވުރާޒާގެ ދަށުން ހިންގާ އެކިއެކި ދާއިރާތަކުގެ ނައިބުންވެސް ތިއްބެވިއެވެ. މީގެ އިތުރުން ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ވަޒީރުންގެ އިތުރުން މުނިފޫހިފިލުވުމުގެ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

ދިވެހި ފިލްމު އެސޯސިއޭޝަނަށް މި ހަފުލާގައި އެ އެސޯސިއޭޝަންގެ އަޑުއުފުލަން ފުރުޞަތުދިނެވެ. ނަމަވެސް ހަމަ އެންމެ ފަސްވަރަކަށް މިނެޓްގެ ވަގުތުކޮޅެކެވެ. ދިވެހި ފިލްމު އެސޯސިއޭޝަންގެ ފަރާތުން ވާހަކަދެއްކެވީ ޖެނެރަލް ސެކްޓަރީ މުޙައްމަދު މަނިކް އެވެ. މަނިކްގެ ވާހަކައިގައި މުހިންމު ކަންތައްތަކަށް އަލިއަޅުވައިލެއްވި އެވެ. އެންމެ ފަސްވަރަކަށް މިނެޓްގައި ކުރެވެން އޮތްވަރު ކުރިއެވެ.

އޮލިމްޕަސް ފުރިހަމަ ގޮތެއްގައި އަލުން ބޭނުންކުރެވެން ފެށުން މިއީ ފިލްމީ ދާއިރާގެ ހުރިހައި ފަންނާނުން ކުރަމުން އައި އުއްމީދެއް ފުރިހަވުން ކަން މުޙައްމަދު މަނިކް ފާހަގަކުރެއްވިއެވެ. ނަމަވެސް ހަމަ އެ ނޭވާގައި ފިލްމީ ދާއިރާގެ ހުރި އުދާސްތައް ބަނޑުންކުރައްވަން ފެށިއެވެ.
ކުރުގޮތަކަށް ބައެއް ކަންކަން ފާހަގަކުރެއްވި އެވެ. ހަމަ ޙަޤީޤަތުގައިވެސް ކަންބޮޑުވާން ޖެހޭ މުހިންމު ކަންތައްތަކެކެވެ. މަނިކް ފާހަގަކުރެއްވި ކަންތައްތައް ނުކުތާކޮށްލާނަމެވެ.

🎦 ސަރުކާރުގެ ތެރެއިން ފިލްމު އުފެއްދުމަށް މާލީއެހީތެރިކަމެއް ލިބޭގޮތް ވުން
🎦 ރާއްޖޭގެ ފަސް ދާއިރާއެއްގައި ރަނގަޅު ސިނަމާއެއް ހެދި ސިނަމާތަކުގައި ފިލްމު ބަލައިލެވޭނެ ފުރުޞަތު ލިބުން
🎦 ފިލްމު އެސޯސިއޭޝަނަށް ކުރިންވެސް އޮލިމްޕަސް ތެރެއިން އޮފީހެއް ލިބިފައި އޮތް ގޮތަށް، އޮފީހެއް ހިންގުމަށް ޖާގައެއް ލިބުން
🎦 އޮލިމްޕަސް ރަނގަޅަށް ބެލެހެއްޓޭނެ ނިޒާމެއް ހަމަޖެހި ކުރިއަށްއޮތްތަނުގައި ރަނގަޅަށް ބެލެހެއްޓޭނެ ގޮތްވެފައި އޮތުން

https://www.youtube.com/watch?v=a6OrY8RYTBU

ހަމަ ގައިމުވެސް، ވަރަށް ސާފުކޮށް، މުހިންމު ކަންތައްތަކެއް ފިލްމު އެސޯސިއޭޝަނުން ފާހަގަކޮށްފިއެވެ. ނަމަވެސް އުފެދޭ ސުވާލަކީ އެމްއެފްއޭ އިން ނުހަނު އަސަރާއެކު އުފުލި އަޑުތައް އިވެންޖެހޭ ފަރާތްތަކަށް އިވުނުބާއެވެ؟ އިވުނުނަމަ ކުރިއަށް އޮތް ދުވަސްތަކުގައި ރަނގަޅުތަކެއް ވެގެން އަންނަތަން ފެންނާނެކަމަށް އުއްމީދުގައި ރާއްޖޭގެ އެތަކެއް ރައްޔިތުންތަކެއް ތިބިކަން މިއީ ހަމަ ގައިމުވެސް ޙަޤީޤަތެކެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.