އެޑިޓަރުގެ ބަސް:
މުނިއަވަސްގެ ވާހަކަ ލިޔުންތެރިޔާ މުޙައްމަދު މުނީރު (ނީރު)ގެ ކުރު ވާހަކަ ސީރީޒް ‘އެ ވާހަކަ’އިގެ ދަށުން މި ރަމަޟާން މަހު ކޮންމެ ދުވަހަކު ކުރު ވާހަކައެއް ގެނެސްދިނުމަށް ނީރު ހުރީ އަތުކުރި އޮޅާލައިގެންނެވެ. އުއްމީދަކީ، މުނިއަވަސްގެ ކިޔުންތެރިންނަށް މި ވާހަކަ ސީރީޒުން މުނިއަވަސްފިލުވައިލުމުމުގެ ފުރުޞަތުލިބިގެން ދިޔުމެވެ.
─━━━━━━⊱✿⊰━━━━━━─
ޒަމީރާ އާއި ރިމާހް ބައްދަލުވީ މާލޭގައި ތަޢުލީމު ހާސިލުކުރަމުން ދިޔަ ދުވަސްވަރުއެވެ. މަދަރުސާތެރެއިން ބައްދަލުވެ އުފެދުނު ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީ ވެސް އެތަނުގެ ތެރެއިންނެވެ.

ޒަމީރާ އާއި ރިމާހްގެ މެދުގައި އުފެދުނު ލޯބީގެ ގުޅުމަކީ ދެފަރާތުން ވެސް ނުހަނު ބޭނުން ވެގެން ފެށި ގުޅުމެކެވެ. އެކަމުގައި އެހެން އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް، އެއްބާރުލުމެއް ބޭނުމެއް ނުވިއެވެ. ފުރަތަމަ ފެނިލުމުން ވެސް ދެ ހިތުގެ ގޮވުން އެކައްޗަކަށް ވިއެވެ. މަންޒިލާއި މަޤްޞަދު ދިމާވިއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުން ދިޔައިރު ޒަމީރާ އާއި ރިމާހް ނުހަނު ލޯތްބާއި އުފަލާއި މަޖަލުގައި ދުވަސްތައް ހޭދަކުރަމުން ގެންދިޔައެވެ. ދުވަހަކު ވަކިނުވުމަށް އަހުދުތަކާއި ވައުދުތައްވަމުން ތަރިހަނދު ހެކިކޮށް އަހުދުތަކާއި ވައުދުތައް ވަމުން ދިޔައެވެ. މާލޭގެ ހެދިގޮނޑުދޮށާއި ވިލިނގިލީގެ އަތިރިތަކާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ލޯބީގެ އެތައް ވަގުތެއް ހޭދަކުރިއެވެ. އެތައް އުފަލަކާއި ހިތްހަމަ ޖެހުމެއް ހޯދިއެވެ.

ތަޢުލީމީހަޔާތް ނިމުމާއިއެކު ޒަމީރާ އާއި ރިމާހް ބޭނުންވީ ކައިވެނި ކުރާށެވެ. ކައިވެންޏަށްފަހު ރިމާހްގެ އާއިލާ ކައިރިއަށް ދިރިއުޅުން ބަދަލުކުރާށެވެ.

ރިމާހާއި ކައިވެނިކޮށް އޭނާގެ ރަށަށް ދިރިއުޅުން ބަދަލުކުރާ ވާހަކަ ދެއްކުމުން، ޒަމީރާގެ ރަހުމަތްތެރިންގެ ތެރެއިން މަގްދީ ހިތްހަމަ ނުޖެހުން ފާޅުކުރިއެވެ. ރިމާހާއި ކައިވެނިކޮށް އެ އާއިލާ ކައިރިއަށް ނުދިއުމަށް ތަކުރާރުކޮށް ބުންޏެވެ. މަގްދީގެ ވާހަކަތަކާއިމެދު ޒަމީރާ ވިސްނިއެވެ. މަގްދީ އެހެން ބުނަނީ ކީއްވެގެންކަން އޮޅުން ފިލުވަން މަސައްކަތްކުރިއެވެ.

މަގްދީގެ ވާހަކަތަކުން އެނގުނު ގޮތުގައި ޒަމީރާމެން އެރަށަށް ބަދަލުވެއްޖެނަމަ ދިރިއުޅެން ޖެހެނީ ވަކިން ހުރި ގެއެއްގައެވެ. އެގެއަކީ ރަށުގައި މީހުން އަލަށް އާބާދުވާން ފަށާ ސަރަހައްދުގައި ހުރި ގެއެކެވެ. އެހިސާބުގައި އަދި އެއްވެސް ބަޔަކު ނޫޅެއެވެ. އެސަރަހައްދަށް ދިޔަ މީހުން ވެސް އަލުން އަނބުރައި އައިސްފިއެވެ. އެހިސާބަށް ދާން ބޭނުންވާ ބަޔަކު އުޅޭ ކަމަކަށް ވެސް ނުވެއެވެ.

މަގްދީ ދައްކަމުންދިޔަ ވާހަކަތައް ނިންމާލަމުން ބުނި ޖުމްލައިގެ ސަބަބުން ޒަމީރާ ދިޔައީ ސިއްސައިގެންނެވެ. އެޖުމްލައާ މެދުގައި ސުވާލު އުފެދި ތަކުރާރު ކޮށްލެވުނެވެ.

” އާން …. އެއީ ހަމަޙަޤީޤަތް. އެގެއަކީ ވަރަށް ނާމާން ގެއެއް. ” ޒަމީރާ ސުވާލުކުރުމުން މަގްދީ އަނެއްކާ ވެސް ބުންޏެވެ.

ޒަމީރާގެ އެސުވާލަށް މަގްދީ ޖަވާބުދިން ނަމަވެސް އެކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ޒަމީރާ ކުރި ސުވާލުތަކަށް ޖަވާބުދޭކަށް އޭނާ ބޭނުމެއް ނުވިއެވެ. އެގެއަކީ ނާމާންކަމާއި ބިރުވެރިކަމުން ފުރިފައިވާ ކިއްލާއެއްގެ ގޮތުގައި ސިފަކުރުން ފިޔަވައި އެހެން ވާހަކައެއް ނުދައްކައެވެ.

މަގްދީގެ ވާހަކަތަކަށް މާބޮޑު ސަމާލުކަމެއް ނުދީ ރިމާހާއި ޒަމީރާ ކައިވެނިކޮށްފިއެވެ. ދެމީހުން ވެސް ތިބީ ނުހަނު އުފާވެ ހިތްހަމަ ޖެހިފައެވެ. ދެފަރާތުގެ ޢާއިލާ މެންބަރުންގެ ކިބައިން ވެސް ފެންނަމުން ދިޔައީ އުފަލާއި ހިތްހަމަ ޖެހުމެވެ.

ކުރިއްސުރެ ނިންމާފައިވާ ފަދައިން ރިމާހާއި ޒަމީރާ، ރިމާހްގެ ރަށަށް ދިރިއުޅުން ބަދަލުކުރިއެވެ.

ރިމާހާއި ޒަމީރާ ދިރިއުޅެން ހަމަޖެއްސީ އެޢާއިލާއަށް އަލަށް ލިބިފައިވާ ގޯތީގައި އިމާރާތް ކޮށްފައިވާ ގެއެވެ. އެސަރަހައްދުގައި އެދެމަފިރިން ފިޔަވައި އެހެން އެއްވެސް ބަޔަކު ނޫޅެއެވެ. މުޅި ސަރަހައްދުގައި ރަސްކަން ކުރަމުންދަނީ ހަމަހިމޭންކަމާއި ފަޅުކަމެވެ.

ގެ ރީތިވެފައި ފުރިހަމައެވެ. ގޯތިތެރޭގެ ޖާގަބޮޑެވެ. އެކިބާވަތުގެ މޭވާ އާއި ތަރުކާރީގެ އިތުރުން ކޮންމެވެސް ވަރަކަށް މައުގަސް ވެސް ހައްދާފައި ހުއްޓެވެ. ތާޒާ މޭވާ އާއި ތަރުކާރީ މިހާރުވެސް ލިބެން އެބަހުއްޓެވެ. ގޯތިތެރޭގައި ހުރި ބޮޑު މިދިލިގަހުގައި ދެތިން ޖޯލި އެލުވާފައި ހުއްޓެވެ.

ރަށު އިންޖީނުގެއިން ރިމާހަށް ވަޒީފާ ހަމަޖެހުނެވެ. ތިން ދަންފަޅިއަކަށް ވާކަހަލަ ގޮތަކަށް ޑިއުޓީ ކުރަން ޖެހެއެވެ. ބައެއް ރޭރޭ ދަންވަރު ވެސް އޭނާ ޑިއުޓީއަށް ދާން ޖެހެއެވެ.

ދުވަސްތަކާއި ރޭތައް މާޒީއާއެކުވަމުން އައިސް ހަފްތާއެއްހައި ދުވަސް މާޒީއާއެކުވެގެން ދިޔައީއެވެ.

ދުވަސްވަރަކީ ކަޅުފޮއި މޫސުމްގެ ދުވަސްވަރެވެ. އޮއްސުނުއިރާއިއެކު މުޅިސަރަހައްދު އަނދިރިވިއެވެ. ހަމަހިމޭންކަމާއި ފަޅުކަން ވެރިވިއެވެ. މީހަކު ނުފެނެއެވެ. ދިރޭއެއްޗެއްގެ ހިލަމެއް ނުވެއެވެ.

ކޮޓަރިތެރޭގައި ހުރި ޒަމީރާ ސިއްސައިގެން ދިޔައީ މީހަކު ގޮވާލި އަޑަށެވެ. އަވަސް އަވަހަށް ވަށައިގެން ހޯދާލިއިރު އެއްވެސް މީހަކު ފެންނާކަށް ނެތެވެ. އެއީ ރިމާހެއް ނޫނެވެ. އޭނާ ދަންނަ އަޑެއް ވެސް ނޫނެވެ. އިރުކޮޅަކު މަޑު ކޮށްލުމަށްފަހު، މީހެއްގެ ހިލަމެއް ނުވުމުން ޒަމީރާ އަނެއްކާ ވެސް އޭނާގެ މަސައްކަތަށް އެނބުރުނެވެ.

ގޭ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން ޒަމީރާ އެކަމަށް ސަމާލުކަން ދިނެވެ. ރިމާހު އައީ ކަމަށް ހީކޮށް އިރުކޮޅަކު މަޑުކޮށްލިއެވެ. ޓަކިޖެހުން ހުއްޓުނު ނަމަވެސް ދޮރެއް ނުހުޅުވިއެވެ. ރިމާހް ނަމަ ދޮރު ހުޅުވާނެއެވެ. އޭނާގެ އަތުގައި ތަޅުދަނޑިއެއް އޮންނާނެއެވެ.

އަނެއްކާ ވެސް ޓަކި ޖަހަން ފެށިއެވެ. ކާކުތޯ އެހުމުން ޖަވާބެއް ނުދިނެވެ. ޒަމީރާ ކަންބޮޑުވެ ތުނަވަސްވާގޮތް ވިއެވެ. ކޮންމެވެސް ވަރަކަށް ސުވާލު ވެސް އުފެދުނެވެ.

ޒަމީރު މަޑުމަޑުން ގޮސް ކުޑަކުޑަކޮށް ދޮރު ހުޅުވާލިއެވެ. މީހަކު ފެންނާކަށް ނެތެވެ. ކުއްލިއަކަށް ގޭތެރެއަށް ވަތް ވައިރޯޅިއާއިއެކު މީހެއްގެ ހިލަމެއް ވީހެން ހީވިއެވެ. ވަށައިގެން ހޯދާހޯދާ ވެސް މީހަކު ނުފެނުނެވެ.

މާބޮޑަށް ބިރުން އުޅޭތީ ހީވިގޮތެއް ކަމަށް ނިންމައި ދޮރުލައްޕާ ތަޅުލުމަށްފަހު، ޒަމީރާ އެތެރެއަށް ހިނގައި ގަތެވެ. އޭނާގެ މިސްރާބަކަށްވީ ބަދިގެއެވެ.

ގޭތެރެއިން އިތުރު މީހަކު ހިނގާ އަޑު އިވުނެވެ. ހީވާގޮތުން އެއީ އަންހެންކުދިން އަރާ ޒާތުގެ ހައިހީލަކަށް އަރައިގެން ހިނގާ އަޑެވެ. މީހަކު ފެންނަން ނެތް ނަމަވެސް އެތަނުގައި އިތުރު މީހަކު އުޅޭކަން ޒަމީރާއަށް ޔަގީނެވެ. ބިރުގަނެ ހާސްވާން ފެށީ އެހިސާބުންނެވެ. ރިމާހަށް ގުޅިއިރު ފޯނު އޮތީ ނިވާލާފައެވެ.

ބިރުން ތުރުތުރުއަޅާ ހާލުގައި ހުރި ޒަމީރާއަކަށް ކުރާނެ ކަމެއް ނޭނގުނެވެ. ހަދާނެގޮތެއް ނުވިސްނުނެވެ. މާޔޫސްކަމާއި ހިތްދަތިކަން މީހާ ވަށާލިއެވެ. ރޮވޭގޮތް ވިއެވެ. ސިކުނޑިއަށް ބާރުބޮޑުވިއެވެ.

އިޝާނަމާދު ވަގުތުގެ ބަންގީގެ އަޑާއިއެކު އެ ހިނގުމުގެ އަޑު ކެނޑުނެވެ. އެތައް އިރަކު އިންތިޒާރުކޮށް ވެސް އެފަދަ ކަމެއް ނުފެނުނެވެ. އެހިސާބުން އެކަން ނިމުނީއެވެ.

ރިމާހު އައީ އަށެއް ވެސް ޖެހި ފަހުންނެވެ. ގޭތެރޭގައި ހިނގައިދިޔަ ކަންތަކުގެ ވާހަކަ ދައްކަން ހިތަށްއެރި ނަމަވެސް ފަހުން އެޚިޔާލު ބަދަލުވިއެވެ. އޭނާއާމެދު ރިމާހު ދެކޭގޮތް ބަދަލުވެދާނެއެވެ. އެއީ އޭނާއަށް ހީވިގޮތަކަށް ވެސް ވެދާނެ އެވެ.

ދުވަސްތައް މާޒީއާ އެކުވަމުން ދިޔައިރު ޒަމީރާއަށް ދިމާވަމުންދިޔަ ކަންކަން ތަކުރާރުވަމުންދިޔައެވެ. ކޮންމެ ރެއަކު ވެސް އެކަހަލަ ކޮންމެވެސް ކަމެއް ދިމާވާން ފެށިއެވެ. އެކަމުގެ ސަބަބުން އޭނާގެ އުޅުމާއި މިޒާޖަށް ބަދަލު އަންނާން ފެށިއެވެ. މީހަކު ގަބޫލުނުކުރިޔަސް އެގޭތެރޭގައި ނާމާންކަމާއި ބިރުވެރިކަމުން ފުރިގެންވީ އެތައް ކަމެއް ހިނގައިފިއެވެ. އެއީ ހީއެއް ނޫނެވެ.

ޒަމީރާ އާއި ރިމާހްގެ ކައިވެންޏަށް އެއްމަސް ފުރުނު ރެއެވެ. ނުހަނު އުފަލާއި ހިތްހަމަޖެހުމާއިއެކު ފިރިމީހާއާ އެކު ވަގުތުތައް ހޭދަކުރަމުންދިޔަ ޒަމީރާގެ ދިރިއުޅުން ހުއްޓުމަކަށް އައި ކަހަލައެވެ. ފިރިމީހާއަށް ޓަކައި އެދާނަކީ ފިނިފެންމަލުގެ ދާނަކަށް ހަދަން ބޭނުންވިޔަސް ޒަމީރާ އަކަށް އެކަމެއް ނުވިއެވެ. އެކަމުގައި ކާމިޔާބެއް ކުރިއެރުމެއް ނުލިބުނެވެ. ހިތްވަރު ކުރަން ކިތަންމެ ބޭނުންވިޔަސް ހިތްވަރެއް ވެސް ނުކުރެވުނެވެ.

ޒަމީރާ ދައްކަމުންދިޔަ ވާހަކަތައް ރިމާހަކަށް ގަބޫލެއް ނުކުރެވުނެވެ. އެގެއަކީ ޒަމީރާ ބުނާފަދަ ގެއެއްނަމަ އޭނާއަށް ވެސް އެކަންކަން ފެންނަން ޖެހޭނެކަމުގައި ރިމާހް ގަބޫލުކުރެއެވެ. ރިމާހްގެ އެވާހަކަތައް ޒަމީރާއަށް ގަބޫލު ކުރެވުނު ނަމަވެސް އޭނާއަށް ފެންނަމުންދާ ކަންކަން ދޮގުކުރެވޭކަށް ވެސް ނެތެވެ. އެހުރިހާކަމެއް ތަޖުރިބާ ކުރަން ޖެހިފައިވަނީ އޭނާއަށެވެ.

މެންދުރެއްކަން ހާއިރެވެ. މިދިލިގަހުގައި އެލުވާފައިވާ ޖޯލިތަކުން ޖޯއްޔެއްގައި އޮށޯވެލައިގެން އޮތް ޒަމީރާ އޮތީ ޚިޔާލަކަށް ގެއްލިފައެވެ. މާޒީއާމެދު ވިސްނާލަން މިއަދު އޭނާއަށް މަޖުބޫރު ވެއްޖެއެވެ. މަގްދީ ދެއްކި ވާހަކަތަކާއިމެދު އޭރު ވިސްނާލެވުނު ނަމައޭ ހިތަށް އަރަން ފެށިއެވެ.

ޒަމީރާގެ ޝަކުވާތަކަށް ބަދަލެއް ނައެވެ. އެތައް ދުވަހަކު އެތައް ގޮތަކަށް ވިސްނުމަށްފަހު ރިމާހް ގޮތެއް ނިންމިއެވެ. މައިންބަފައިން ކައިރިއަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެން ހަދައިގެން ވިޔަސް ޒަމީރާ އުފަލުގައި ބަހައްޓަން އޭނާ ބޭނުމެވެ.

އިރުއޮއްސި ހަތެއް ޖަހާކަން ހާއިރެވެ. ހަވީރުކޮޅު ބޭރަށް ދިޔަގޮތަށް އެއްވެސް މީހަކު ގެއަކަށް ނާދެއެވެ. ޓީވީއަށް ކަޅި ހުއްޓިފައި އިން ޒަމީރާ ސިއްސައިގެން ދިޔައީ ފެންޑާގެ ދޮރު ލެއްޕުނު އަޑަށެވެ. ދޮރު ހުޅުވާލުމަށްޓަކައި އެ ދިމާއަށް ހިނގައިގަތުމާއިއެކު ދޮރު ހުޅުވިއްޖެއެވެ. ކޮންމެވެސް މީހަކު އައީ ކަމަށް ހީކުރެވުނު ނަމަވެސް އެއްވެސް މީހަކު ފެންނާކަށް ނެތެވެ.

ހައިރާންކަމާއި ނުތަނަވަސްކަމުން މީހާ ބެދި ހަދާނެގޮތް ހުސްވެފައިވާ ފަދައަކުން ޒަމީރާ ހުއްޓެވެ. ކުއްލި އަކަށް އިވެންފެށީ މީހެއްގެ ހިނގުމުގެ އަޑެވެ. އެއީ ކުރީ ގެއިން ވެސް އިވުނު ހިނގުމުގެ އަޑެވެ. އެއަޑު އޭނާއަކަށް ދެން ދުވަހަކު ވެސް ނުއޮޅޭނެއެވެ. އޮޅުވައެއް ނުވެސް ލެވޭނެއެވެ.

ފިޔަވަޅުތައް ހުއްޓުނީ އޭނާއާ ވަރަށް ކައިރިއަށެވެ. މީހެއްގެ ނޭވާގެ އަޑާއިއެކު ނޭވާގެ ހޫނުކަން އިހުސާސް ވެސް ވާންފެށިއެވެ.

ކުއްލިއަކަށް އައި ޚިޔާލާއިއެކު ޒަމީރާ ދުއްވައިގަތެވެ. ސަލާމަތް ވާނެކަމުގެ ޔަގީންކަން ނެތަސް ސަލާމަތް ވާން މަސައްކަތްކުރަން ޖެހޭނެކަމުގައި އޭނާގެ ހިތް ބުންޏެވެ. ދުވެފައި ދިޔަ ޒަމީރާއަށް ކޮޓަރިއަށް ވަދެވުނެވެ. ދޮރު ވެސް ލެއްޕުނެވެ.

ޒަމީރާއަށް ހޭވެރިކަންވީ ރިމާހް އައިސް ގޮވުމުންނެވެ. އޭރު ވެސް އޭނާ އޮތީ ކޮޓަރީ ތަޅުންމަތީގައެވެ. ގަޑިން ދިހައެއް ޖަހައި ބޮޑުވެއްޖެއެވެ.

ރިމާހްގެ އެހީއާއިއެކު ޒަމީރާ ކޮޅަށް ތެދުވިއެވެ. ލިބުނު ހިމާޔަތާއިއެކު ކޮންމެވެސް ވަރެއްގެ ހިތްހަމަ ޖެހުމެއް ވެސް ލިބުނެވެ. ކަންތައް ވީގޮތް އަލިފުން ޔާއަށް ޒަމީރާ ކިޔައިދިނެވެ.

ޒަމީރާ އާއި ރިމާހްގެ ކައިވެނީގެ ގޮށް މޮހާލީ ޒަމީރާ ބޭނުންވެގެންނެވެ. އެކަން އެގޮތަށް ކުރަން ރިމާހް ބޭނުން ނުވިޔަސް ޒަމީރާގެ އުފަލާއި ހިތްހަމަ ޖެހުމަށްޓަކައި އޭނާ އެކަން ކުރިއެވެ. އަމިއްލަ އުފަލާއި ހިތްހަމަ ޖެހުމަށްވުރެ ބޮޑަށް އޭނާ ބޭނުންވީ ޒަމީރާގެ އުފަލާއި ހިތްހަމަ ޖެހުމެވެ. އޭނާ ބޭނުންވާފަދަ އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެވޭނެ މިނިވަންކަން ދިނުމެވެ.

ވަރީގެ ކަންތައް ނިމުމާއިއެކު ޒަމީރާ އަނެއްކާ ވެސް މާލެއަށް ބަދަލުވިއެވެ.

މާލެ ބަދަލުވެވުމާއިއެކު ޒަމީރާއަށް ހަމަނޭވާ ލެވުނު ކަހަލައެވެ. ބިރާއި ހާސްކަން، ނުވަތަނަވަސްކަމާއި ކަންބޮޑުވުން ފިލައި ދިޔައެވެ. ކުރިން ދިމާވަމުންދިޔަ އެއްވެސް ކަމެއް ކުރިމައްޗެއް ނުވެއެވެ. ހިތަށް ހަމަޖެހުމާއި އުފާވެރިކަން ލިބުނެވެ. ނިންމަން އުނދަގޫވި ނަމަވެސް އެނިންމުން ނިންމުނީތީ އުފާކުރިއެވެ.

މަގްދީ އާއި ޒަމީރާ ބައްދަލުވީ ޒަމީރާ މާލެ އައިތާ ތިންމަހެއްހާ ދުވަސް ފަހުންނެވެ.

މަގްދީ އެދެމުންދިޔަ ފަދައިން، އޭނާއާ އިންނަން ޒަމީރާ އެއްބަސްވިއެވެ. އޭނާގެ ހުށަހެޅުންތައް މަގްދީ ގަބޫލުކުރިއެވެ. އެއްވެސް ކަމެއް އެނޫންގޮތަކަށް ދިމާވެއްޖެނަމަ، ޒަމީރާ ބޭނުންގޮތެއް އިހުތިޔާރު ކުރުމުގެ ފުރުސަތު ދޭނެކަމަށް ވެސް ބުންޏެވެ.

މަގްދީއާ ކައިވެނިކޮށް އޭނާގެ ރަށަށް ޒަމީރާ ދިރިއުޅުން ބަދަލުކުރިއެވެ. ދެވަނަ ފަހަރަށް ވެސް ޒަމީރާ އެ ރަށަށް އައީ ހިތްހަމަ ޖެހުމާއި އެކުގައެވެ. ކުރިން ދިމާވި ނާމާން ކަމާއި ބިރުވެރިކަން އޭނާގެ ހަނދާނުން ފިލައިގެން ނުދެއެވެ. އެފަދަކަމެއް ތަކުރާރު ނުވުމަކީ އޭނާގެ ދުޢާއެވެ.

ޒަމީރާ އާއި މަގްދީ ރަށަށް ބަދަލުވެ މާގިނަ ދުވަހެއް ނުވަނީސް، މަގްދީގެ އާއިލާ މާލެއަށް ބަދަލުވިއެވެ. ޒަމީރާމެން ދިރިއުޅެމުންދާ ސަރަހައްދުގައި މީހުން ދިރިއުޅޭ ގެތައް މަދެވެ. ފެންނަމުން ދަނީ ފަޅުކަމާއި ހަމަހިމޭންކަމެވެ.

ކަޅުފޮއި މޫސުމްގެ ދުވަސްވަރެވެ. އިރުއޮއްސުމާއިއެކު ރަށުތެރެއަށް ވެރިވި އަނދިރިކަމާއި ފަޅުކަމުގެ ސަބަބުން ޒަމީރާ ހާސްވާން ފެށިއެވެ. ނުތަނަވަސްކަމާއި ކަންބޮޑުވުން އިތުރުވާން ފެށިއެވެ. ކުރިން ދިމާވި ނާމާންކަމާއި ބިރުވެރިކަން ހަނދާންވާން ފެށިއެވެ. އެކަމާއި ވިސްނާ ފިކުރު ކުރެވޭން ފެށިއެވެ. އިންތިޒާރުކުރަން ބޭނުން ނުވިޔަސް އެފަދަ ރެއެއް އަތުވެދާނެކަމަށް ތައްޔާރުވެވޭން ފެށިއެވެ.

ކައިރީ ރިޒޯޓެއްގައި ކުރަންހުރި މަސައްކަތެއް ކުރުމަށްޓަކައި ގުރޫޕަކާއިއެކު މަގްދީ ފުރައިގެން ހިނގައްޖެއެވެ. ގޭގައި ދިރިއުޅެމުން ދިޔައީ ޒަމީރާ އެކަންޏެވެ. މީހުން މަދު އެ ސަރަހައްދު އެބޮޑު ގޭގައި އޭނާ އެކަނި ހުންނަން ޖެހުނީއެވެ.

ކުރިން ދިމާވި ނާމާންކަމާއި ބިރުވެރިކަން ކުރިމަތިވާން ފަށާނީ ދެން ކަމުގައި ޒަމީރާގެ ހިތް ބުންޏެވެ. އެކަމަށް ތައްޔާރު ވެވުނެވެ.

މަގްދީ ފުރައިގެން ދިޔަތާ މަހެއްހާ ދުވަސް ވީއިރު ވެސް އެފަދަ އެއްވެސް ކަމެއް ދިމައެއް ނުވެއެވެ. އެފަދަ ކަމެއްގެ ނިޝާނެއް ވެސް ނުފެނެއެވެ. ހުރިހާކަމެއް ފިލައިދިޔަ ކަހަލައެވެ. ލިބުނު ކާމިޔާބާއިއެކު ޒަމީރާއަށް ހިނިތުން ވެލެވުނެވެ. ލެއްވި ހެޔޮނިއުމަތަށް ޝުކުރު ކުރެވުނެވެ.

ބައެއް ކަންކަމަކީ އެކަން ކުރާ ބަޔަކަށް ނޫނީ ޙަޤީޤަތް އެނގޭ ކަންކަމެއް ނޫނެވެ. ޒަމީރާއަށް ދިމާވަމުންދިޔަ ނާމާންކަމާއި ބިރުވެރިކަމުގެ އަސްލު އޭނާއަށް ނޭނގުނަސް އެކަމުގެ ޙަޤީޤަތް އެނގޭ ބަޔަކު ވެސް ތިބެދާނެއެވެ. އެނާމާންކަމާއި ބިރުވެރިކަމުން އޭނާ ސަލާމަތްވި ހިސާބާއިމެދު ވިސްނާލާނެ ފުރުސަތެއް ޒަމީރާއަކަށް ނުލިބުނެވެ.
ނިމުނީ

ލިޔުންތެރިޔާގެ ފުރަމަލަ

މުޙައްމަދު މުނީރު (ނީރު)
މުޙައްމަދު މުނީރު (ނީރު)
ވާހަކަ ލިޔުމުގައި ގަލަން ނަމަކަށް "ނީރު" ބޭނުންކުރާ މުޙައްމަދު މުނީރަކީ ހުނަރުވެރި ވާހަކަ ލިޔުންތެރިއެކެވެ. ވާހަކަފޮތްތައް ކަރުދާހުގައި ޗާޕްކޮށްފައިވެސް ވެއެވެ.
މި ލިޔުންތެރިޔާގެ ބައެއް އެހެން ލިޔުންތައް