ފްރެންޗައިސް އުސޫލުން ރާއްޖޭގެ ޗެނަލް އަކުން ކުރިއަށްގެންދާ ހަމައެކަނި ޝޯ، މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ ތިއޭޓަރ ރައުންޑަށް 33 ބައިވެރިން ދަތުރުކޮށްފިއެވެ. 

ރޭ ދެއްކި ރ.އުނގޫފާރު އޮޑިޝަންގެ ޝޯ އާއިއެކު މޯލްޑިވިއަން އައިޑަލް ސީޒަން ތިނެއްގެ އޯޕަން އޮޑިޝަންތަކުގެ ޝޯ ތައް މިހާރު ވަނީ ދައްކައި ނިމިފައެވެ. މި ޝޯވއިންވެސް ބެލުންތެރިންނަށް ތަފާތު ކަންތައްތަކެއް ފެނިގެންދިޔަކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް ޖަޖުންގެ ރުހުން ހޯދައި، ތިއޭޓަރ ރައުންޑަށް ދަތުރުކުރުމުގެ ފުރުޞަތު ލިބުނީ އެންމެ 4 ބައިވެރިންނަށެވެ.

އައިޑަލް ސީޒަން ތިނެއްގެ ކުރިއަށްއޮތް ތިއޭޓަރ ރައުންޑަށް ދަތުރުކޮށްފައިވަނީ މާލޭ ސިޓީ އޮޑިޝަނުން 22 ބައިވެރިން، އައްޑޫ ސިޓީ އޮޑިޝަނުން 5 ބައިވެރިން އަދި އުނގޫފާރު އޮޑިޝަންގެ 4 ބައިވެރިންނެވެ. 

މިފަހަރުގެ ސީޒަނަށް މުޅިން އަލަށް ތަޢާރަފުކުރި ގޯލްޑަން މައިކް ޙާސިލްކުރި އުމުރުން 16 އަހަރުގެ އައިމިނަތު ސައިނާ މުހައްމަދު ރަޝީދާއެކު ޖުމްލަ 33 ބައިވެރިން މިފަހަރުގެ ތިއޭޓަރ ރައުންޑުގައި ވާދަކުރާނެއެވެ. ލަވަ މުބާރާތްތަކާއި، މަދަހަ މުބާރާތްތަކުންވެސް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ސައިނާއަކީ ގޯލްޑަން މައިކް ހާސިލްކުރެވުނު ހަމައެކަނި ބައިވެރިޔާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެހެންކަމުން ތިއޭޓަރ ރައުންޑްގެ ގްރޫޕް ޕަރފޯމަންސްގައި ވާދަނުކޮށް، ސީދާ ސޯލޯ ޕަރފޯމަންސްއަށް ދިއުމުގެ ފުރުޞަތު ލިބުނު ހަމައެކަނި ބައިވެރިޔަކީވެސް ސައިނާއެވެ. 

އައިޑަލްގެ ތިއޭޓަރ ތިއޭޓަރ ރައުންޑް ކުރިއަށްދާނީ 2 ބުރަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބުރުގައި ބައިވެރިންގެ މެދުގައި ގްރޫޕްތަކެއް ބަހާލުމަށްފަހު، ގްރޫޕް ޕަރފޯމަންސްއެއް ދޭންޖެހޭނެއެވެ. އެއަށްފަހު ގްރޫޕް ޕަރފޯމަންސުން ހޮވޭ ބައިވެރިންގެ މެދުގައި ސޯލޯ ޕަރފޯމަންސް ދިނުމަށްފަހު، ޕިއާނޯ ރައުންޑަށް ދަތުރުކުރާ ބައިވެރިން އިޢުލާން ކުރާނެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.