މިއީ މީގެ 45 އަހަރުކުރިން ލޯބިވެރިން ހޯދުމާ ބައްދަލުކުރުމާ މުވާސަލާތު ކުރުމުގެ ވައްޓަފާޅިއާ އެއީ ކިހައި ފުން ޖަޒުބާތެއްކަމާ އެ އަސަރާ އެ އިޙުސާސްތައް މިޒަމާނުގެ ޒުވާން ޖީލުގެ ހިތްތަކަށް ތަސައްވުރެއް ދިނުމަށް ލިޔާ މަޒުމޫނެކެވެ. ވިސްނަމުން އެއިރު ކަންކަން ހުރިގޮތާ މިއަދުގެ މި ބޮޑު ބަދަލާ އަޅައި ކިރާލާށެވެ.

އެއިރަކު މަގުތަކުގެ މަތިން ރީތި ކާރުތަކެއް ފަހުގެ ސައިކަލްތަކެއް ބޮޑެތި ބަސްތަކެއް އަދި ހެވީޑިއުޓީ ވެހިކަލްތަކެއް ވެސް ނުދެކެމެވެ. އަމުދުން މިހާރު މިކިޔާ ބޮންދުންތަކާއި ޕިކަޕް ލޮރީތަކާ ހަލަބޮލިކަމެއް އެއްވެސް މަގެއްގެ މަތީން ނުފެންނާނެއެވެ. އެއްތަނުން އަނެއްތަނަށް މުދާ އުފުލަނީ ދަމާގާޑިޔަލާ ކޮނޑުކޮނޑު މަތިން ހިނގާފައެވެ. ހަމަ އެންމެ މަގެއްގައި ވެސް ތާރު އަޅައި ގައު އަތުރާފައެއް ނޯވެއެވެ. ގިނަ މީހުން އެމީހުންގެ ދަރިންނާ ގާތްތިމާގެ މީހުނާއެކު ހުސްމަގުތަކުގައި ހިނގާބިނގާ ވާނީ ހަމަޖެހިލައިގެން ހާސްކަމެއްނެތި ފައިމަގުގައެވެ. މަދު ސައިކަލު ކޮޅެއް ދުއްވާތީ ފެނުނަސް ކާރަކާ ލޮރީއެއް ފެންނާނީ ވަރަށްވެސް މަދުންނެވެ. މަގުތަށް އެހައި ހުސްކޮށް މިނިވަންކޮށް ލިބިފައިވިއަސް ދުއްވާނީ އެހައި ބަލައިގެން މަޑުމަޑުންނެވެ. ދައްކާ ފޮންޏެއް ދައްކާނީ އެންމެންވެސް ބައިސްކަލް ތަކުގައެވެ.

ޒުވާނުން ހަވީރު ފިންޏަށް އެއަޅާ ބައިސްކަލު ބުރަކީ އަމަށަކު ކަމެއްނޫނެވެ. ކޮންމެ ކުއްޖަކުވެސް މޮޅު ރީތި ކަޅުކުލައިގެ ރެލީ ބައިސްކަލެއް ގެންގުޅޭނެއެވެ. ފުރޮޅުގެ ވޮށީގައި އެސްއެސް އޮފުއަރާ ޕްލެޓް ނަރު ފުރާފައި ހުރުމަކީ ޝަރުޠެކެވެ. ތަންކޮޅެއް ފޯރާ އާއިލާތަކުގެ ކުދިން ގެންގުޅޭނީ ހަބްސްޕީޑު (ސްޕީޑު ބަދަލުކުރެވޭ) ބައިސްކަލެވެ. އެއަށްވުރެ ދަށްފަންތިން ހޯދާނީ ކުޑަބުރު އެޅުވި ބައިސްކަލެވެ. އެއީ އަދި މާ ފޮނިކޮށް ދުއްވާލާ އެއްޗެކެވެ. ފަޔަށް ބަރަސް ވަރަށް މަޑުން އަނބުރާއިރު ވަރަށް ބާރަށް ބައިސްކަލް ދުވާނެއެވެ.

ފިނިބުރަށް ތައްޔާރުވުން
ހަވީރަށް ފެންވަރަން ވަނުމުގެ ކުރިން، މިބުނި އެކިފާޑުގެ ބައިސްކަލްތައް ގޭ ގޯތިތެރޭގައި ނޫނީ މަގުގެ ހިޔާއޮންނަ ފަރާތު ފުޅައް ކައިރީގައި ތިބެ ފޮހެ ކިޓްކޮށް، އޮފު އަރުވާނީ މޫނުބަލާލެވޭހައި ސާފުކޮށެވެ.

އެއީ މިސްކިތަށް ބޯފެންބަލާ ދާ އަންހެންކުދިންނަށް ދެއްކިލާށާ އަދި މައްލަވަކޮށްލާށާވެސް އެކުގައެވެ. އެންމެ ކިސަޑުކޮޅެއް، ކިލާކޮޅެއް، ވެލިފުކެއް ނޫނީ ހިރަފުސްކޮޅެއްވެސް ބައިސްކަލުގައި ހުރެގެން ނުވާނެއެވެ. ޗޭނުގެ އެތެރެއަށްދާންދެން ޗޭނުފޮށި ނައްޓައިގެން ރީތިކޮށް ފަރުވާތެރިކާއެކު ފޮހެ ސާފުކޮށްލާނެއެވެ. އަދި ކޮންމެފަހަރަކު ތެޔޮ ޖަހަން ޚާއްޞަ ތެޔޮ ދޯރިއެއްވެސް ގެންގުޅޭނެއެވެ. ބައިސްކަލު ބެހެއްޓުމަށް ހަރުކޮށްފައި ހުންނާނީ ‘ވީ’ ހަރެއް ނޫނެވެ. އެލްމިނިއަމް ‘އައި’ހަރެވެ. ބައިސްކަލު ފޮހެ ނިންމާފައި އަރިޔަށް ހަރުޖައްސާލާފައި ކުޑަކޮށް ދުރުން ފަރިބަލައިލާނެއެވެ.

ގޭގޭގެ ގޯތިތެރޭގައި ހުސްތަން އޮވެފައި ރުއްގަހާ ބަގީޗާ ހެއްދުން އެއީ އޭރު އަންހެންވެރިން ވަރަށް ފަރުވާތެރިކަމާއެކު ކުރާހިތުން ކުރާ ކަމެކެވެ. ކޮންމެ ގެއަކުހެން ގެއާއި ވަކިން ބަޑަހަގެއެއް ހުންނާނެއެވެ. އެއީ ސާމާނު ރައްކާކޮށްލާން ހުންނަ ގުދަނެކެވެ. ގެތަކާ ފުޅައްތައް އާންމުކޮށް ހުންނަނީ ދަނޑިފަނުންނެވެ. ފާރެއް ރާނާފައި ހުންނާނީ މަދު ގެއެއްގައެވެ. އެވެސް ގިނަފަހަރު ހުންނާނީ އުވަވެސް ޖަހައިނުލެވިއެވެ. އެއިރު ފާޚާނާއެއް ނުހުރެއެވެ. ހުންނަނީ ބޮޑެތި ގިފިލި ހަދާފައެވެ. ހަޑަސްބުރިވެސް ހުންނާނީ އެ ގިފިލީގައެވެ. ފެންވަރާނީ ވަޅަކުން ދާނިން ފެން ނަގައިގެންނެވެ.

ފެންވަރައިގެން ނުކުންނަގޮތަށް މުޅިގައިގައި އަތާ ފަޔާއެކު ކާށިތެޔޮ ލައި އޮފުއަރުވާލާނެއެވެ. ގިނަވާނީ ރަތްފުއް ޖަހާ ކުދިންނެވެ. އަންހެނުންނަކަށް ދުލެއްނުކުރާނެއެވެ. އާންމުކޮށް އަހަރެން ޖަހަނީ ޗޯކެވެ. އެވެސް ވަރަށް ފާޑަކަށް ކުރާ ކަމެކެވެ. ހަދާގޮތަކީ ހަމަ ބްލެކްބޯޑުގައި ލިޔަން މިގެންގުޅޭ ހުދު ޗޯކު ފުނަލުގެ ހިމުން ދަތްތަކުގައި ގާނާލަނީއެވެ. ފައިބާ ހުދު ޗޯކުގެ ކުނޑިކޮޅު ތިރީގައި އޮންނަ ރުމާލަށް އެޅުނީމާ ނަގާ ރުމާ ދެފުށްހާކާ އޮމާން ކޮށްލާފައި މޫނުގައި ރުމާލުން ފުއްޖަހާލަނީއެވެ. ކޮންމެ ގެއެއްގައިވެސް އެޖަސްޓުކުރެވޭ ވައް ލޯގަނޑެއް ހުންނާނެއެވެ. ދެން ޕާޓްރާ ސެންޓްފުޅި ނަގާ މުޅި ގައިގާ ވަށާލާނެއެވެ. އެއީ ވަރަށް މީރުވަސްދުވާ ސެންޓެކެވެ.

މޭކަޕް ނިމުމަށްފަހު ލާނީ ގަޔަށްބާރު ޑަބަލްނެޓް ގަމީހާ އިންތިހާއަށް ފައިކުރި ފުޅާކޮށް ފަހާފައިހުންނަ ދެމޭފޮތީގެ ފަޓުލޫނެވެ. އަދި ޚާއްޞަކޮށް ޑަބަލްބޯ ފައިވާނެއް އެއީ ކޮންމެހެން ލާޒިމް އެއްޗެކެވެ. ބޮލުގެ އިސްތަށިގަނޑު ހުންނާނީ ކަންފަތް ފޮރުވޭ ވަރަށް ދިގުކޮށްފައެވެ. ފަނަސް ބުޅިއަސް ފުނާއަޅަން ޖެހޭނީ އަމީތާބައްޗަންގެ ސްޓައިލަށެވެ. ނުކުމެ ބައިސްކަލް ހަރު ނައްޓާލުމުގެ ކުރިން އަދި އެއްފަހަރު މަޑީގެ ދަބަހުން މަޚުމާ ފޮތިކޮޅެއް ނަގައި ދަފަތްތަކާ މައިގަނޑު އޮފުއަރުވާލާނެއެވެ. މިހާރު މިކަންކަމާ ވިސްނާލެވުނީމާ ހިނިވެސް އާދެއެވެ.

ބުރުގެ ބައިވެރިން
ދެން ނުކުންނާނީ ގަޑިކިޔާފައި އޮންނަ ފިރިހެން އެކުވެރީންގެ ގޭގޭދޮށަށް ގޮސް އެމީހުންނާއެކު ބުރުޖަހާލަން ދާށެވެ. އާންމުކޮށް ދެތިން ކުދިން އެކުގައި ދުއްވަން ދެއެވެ. ހުރިހައި ކުދިންވެސް ތިބޭނީ އެހާއިރަށް ތައްޔާރަށެވެ. ބުރުޖަހާއިރު ފުރަތަމަ ދުއްވާނީ ބޮޑެތި މަގުތަކުންނާއި ބީޗްރޯޑުންނެވެ. އިރުއޮއްސުމާ ގާތްވާން ފެށީމާ ދެން ވަންނާނީ އެތެރެ މަގުތަކަށެވެ. އެއީ އަންހެންކުދިންނަށް ފޮނިދައްކާލާށެވެ. އަންހެންކުދިންވެސް ކޮއްކޮއެއް ހުރިއްޔާ ފެންވަރުވާ މޭކަޕްކުރެވުނު ގޮތަކަށް ކޮށްގެން އެގަޑީގައި ތިއްތިދައްކަން ތިބޭނީ، މަގުތަކަށް ނުކުމެ ރަނޑާލިކޮށް ހިނގާލަ ހިނގާލައެވެ. ދޭތެރެއަކުން ކޮއްކޮގެ ފައިވާން ނޫނީ އިސްތަށިގަނޑު ރީތިކޮށްލަން ކަމަށް ހަދާފައި ހުއްޓިލާ ގުދުވެލާ އުޅޭނެއެވެ. އަހަރުމެންވެސް އެކަހަލަ ދަނޑިވަޅަކާ ދިމާވީމާ ބައިސްކަލު ކުޑަހަރަށްލާފައި އެއްކަލަ ފޮތިކޮޅުނަގައި އެވީ ފޮހެން ފަށާށެވެ. ޚާއްސަކޮށް ހެންވޭރު އަޑިޕާކު ކައިރީ ހުންނަ ތަނބުތަކުގައި އިށީދެލައިގެން ހީނހީނފައި އެންމެން އަންހެންވެރިންނަށް ފޮނިދެއްކުމުގައި އިރުއޮއްސެއްދެން އުޅޭނެއެވެ.

އެދުވަސްވަރު
ކޮންމެ ކުއްޖެއްގެވެސް ޚިޔާލީ ނަމަވެސް ބިޓެއް ހުންނާނެއެވެ. އެއިރަކީ މޮބައިލުފޯނުގެ ޒަމާނެއްނޫނެވެ. ހުންނާނީ ލޭންޑްލައިން ފޯނެވެ. އެވެސް މަދު ގެއެއްގައެވެ. ދެން ހުންނާނީ ޕަބްލިކް ބޫތެވެ. އެއީ ކިޔުގައި ޖެހިފައި އޮންނަ ތަނެކެވެ.

ގިނަ ގޭގޭގައި ކަރަންޓް ހުއްޓަސް ރޭގަނޑު ފުޅިބައްތި ނޫނީ ފާނޫޒު ދިއްލާނެއެވެ. ރޭގަނޑު މަގުތަކުގައި ދިއްލާފައި ހުންނާނީ ވަރަށް ދުރުދުރުގައި ހުންނަ އަލި ފަނޑު ހޮޅިބުރިތަކެކެވެ. މަގުގެ ބޮޑުބައި އިންތިހާއަށް އަނދިރި ވާނެއެވެ. މަގުތަކުގައި އޮންނާނީ ވަޅުގަނޑުތައްހެދިފައެވެ. ވިއްސާރަކޮޅެއް ވެހިލައިފިއްޔާ މުޅި ހިސާބުގައި އޮންނާނީ ކިލާ ފެންގަނޑުގަނޑެވެ. މަގުމައްޗައް ހުންނާނީ ގޭގޭތެރެއިން ނުކުންނަ ވަރަށް ފަނޑު ރިވެލި އެޅިލާފައެވެ. ވަރަށް ހިމުންކޮށް ތޫނުކޮށް ގޮވާލާ ފަނިފަކުސާގެ އަޑު ފިޔަވައި އެހެން އެއްވެސް އަޑެއްބަޑެއް ނީވޭނެއެވެ. މުޅި ތަނުގައި އޮންނާނީ ހަމަހިމޭންކަމެވެ. މަޣުރިބު ނަމާދަށްފަހު ޔާސީންކިޔެވުން މީ މަޖުބޫރު ކަމެކެވެ. އަދި ގިނަ ރޭރޭ ހަމަ އެގަޑީގައި ގޭތެރޭގައި ޞަލަވާތްފުޅު ކިޔަވާ މީހަކު އައިސް މީރުވަސްދުވާ ދުންދަނޑިއެއް އަލިފާންފޮށި ނަގައި ރޯކޮށްލުމަށްފަހު މެދުގޭތެރޭ ދިގުގޮޑިއެއްގައި އިށީދެ ކިޔަވަން ފަށާނެއެވެ. ބޮލުގައި ރޫމާލެއް އޮންނާނެއެވެ. ކިޔަވާނީ ކިރިޔާ އިވޭ ނިވޭ ވަރަށެވެ. ވަރަށް ފަރިތަވާނެއެވެ. ނިންމާލާފައި ދާއިރު ގޭތެރޭގައި މީރު ދުންދަނޑިވަހެއް ހުންނާނެއެވެ.

އިޝާނަމާދުން ނިމިގެން އަންނައިރު މަންމަ ހުންނާނީ ކާން ތައްޔާރުކޮށްފައެވެ. އަވަސް އަވަހަށް ކާން އުޅެންހަދައިގެން ގިނަ ރޭރޭ އުކުނޑިކޮށްޓަން ފައްޓާނެއެވެ. ފެން ހުންނާނީ ޒިންކް ތައްޓެއްގައި ކާތަނަށް ނަގާފައެވެ. ނެތިއްޔާ އެޖެހުނީ ބަނޑިޔާ މަތި ހިއްލާލާފައި ފެން ކަޓޫރައެއް ނަގާށެވެ. މިހައި އަވަސް މިކުރަނީ ރައްޓެހިވާން އުޅޭ ކުއްޖާ ދެކެލަން ދިއުމުގެ ބޭނުމުގައެވެ.

ލޯބިވެރިޔަކު ހޯދުން
އެކަން އެއިރު ކުރާގޮތަކީ އެކުއްޖާގެ ގެޔާ މާ ދުރުނޫން ހިސާބަކުން އެކުއްޖާގެ ރައްޓެހި އަންހެންކުއްޖަކާ ގުޅާލަނީއެވެ. މީގައި އެންމެ ހެއްވާކަމަކީ، އެކުއްޖާއާ ވާހަކަދައްކަން ނުކެރި ރައްޓެހި އެހެން ކުއްޖަކާ ބޭނުން ވާހަކައެއް ދައްކަން ކެރުމެވެ. އެވެސް ހަމަ އަންހެނެއްތާއެވެ؟ ޖެހިލުމެއްނުވެއެވެ. އެ ރައްޓެހިކުއްޖާ ގާތު ފުރަތަމަ ރޭ ބުނާނީ ޞާބިރާއަށް މަގޭ ސަލާންބުނައްޗޭ އެވެ. ދެން އެރޭ އެ ދިޔައީއެވެ.

ވީގޮތެއްވެސް ބަލައިލަން ދެން އަންނާނީ އަނެއްރެއެވެ. އައިސްވެސް ކަމާކަންފަށާ އެވާހަކަ އަހާކަށް ނުކެރޭނެއެވެ. ރަޙުމަތްތެރިޔާ އެކަމާ ގުޅޭގޮތުން އެއްޗެއް ބުނޭތޯ ވާހަކަފަށާނީ މާ ދުރުދުރުންނެވެ. ކޮންމެއަކަސް އޭނާ ޖަވާބެއްނުދެޔޭ، ހަމައެކަނި ރަކި ގޮތަކަށް ހިނިތުންވެލިއޭ ބުނެފާނެއެވެ. އެރޭވެސް އެދިޔައީއެވެ. އަނެއްރޭ އަންނާނީ ފިނިފެންމަލެއް ހިފައިގެންނެވެ. އެކުވެރިޔާ އެމަލާބެހޭ ގޮތުން ސުވާލުކުރިޔަސް އެންމެ ފުރަތަމަ ލާނީ އޮޅުވައެވެ. ސަޅިއެއްނޫންހެއްޔޭ، އަހައިލާނެއެވެ. ދެން މާ ނޫންގޮތް ދައްކަމުން، އޭތް! މި މާ ޞާބިރާއަށް ދޭންކެރޭނެހޭ އަހައިލާނީއެވެ. އެރޭވެސް އެ ދިޔައީއެވެ. މިކަހަލަ ގޮތަކަށް ހަފުތާއެއް ހިނގައިދާނެއެވެ. އެދެވޭ ޖަވާބެއް ނުލިބޭނެއެވެ.

ލޯބީގެ ސިޓީ
މިހައި ހިސާބުން އެވީ ބޮޑުތާ ޖައްސާށެވެ. ސިޓީއެއް ލިޔާށެވެ. މިހާރުހެން މެސެޖެއް ކޯލެއް ކުރެވޭކަށް ނޯވެއެވެ. އެކަމަކު ސިޓީއެއް ލިޔާނީވެސް ކިހިނެއް ކޮންތާކު ހެއްޔެވެ؟ ގޭގައި މަންމައާއި ބައްޕައެވެ. އަހަރެން ނިދާ އެނދުވެސް ހުންނަނީ އެންމެނަށް ފެންނަތާގައެވެ. އެތާގައި އޮވެގެން ލޯބީގެ ސިޓީއެއް ލިޔަން ހަމަ ލާހިކެއްނޫނެވެ. ގޮތެއް އެބައޮތެވެ. ގަނޑުކަނޑާ ފޮތާ ގަލަމާ ހިފައިގެން ހެންވޭރު ޕާކަށް ދާނީއެވެ. އެތާގައި ކުޑަ އަލިކަމެއް ދުރުދުރުން ނަމަވެސް ހުންނާނެއެވެ. މަންމަ ގާތު މުޙަންމަދާއެކު މިރޭ މަސްބާނަން ދާށޭ ކިޔާފައި ދޮގުހަދާ އޮޅުވާލާފައި، ސާމާނުހިފައިގެން ސިއްރުސިއްރުން ނައްޓާލައިފީމެވެ. އޭރު އަހަރެންއަތުގައި ވަރަށް ރީތި ދެހިޔަންޏާ ހިތްތަކަކާ މާތަކެއް ޖަހާފައިހުންނަ ލޯބީގެ ސިޓީ ލިޔާފޮތެއް އޮވެއެވެ. ވަރަށް ލޯބިން އަމިއްލަ ނަފުސަށް ހެމުން އިންތިހާ އަސަރު ލޯބީގެ ސިޓީއެއް ލިޔެ ނިންމާލައިފީމެވެ.

ރައްޓެހި ފިހާރަޔަކުން ސިޓީއުރައެއް ހޯދައިގެން ބޭރުގައި އެއްވެސް އެއްޗެއް ނުޖަހައި ބަންދުކޮށްލައިފީމެވެ. ފޮތް އޮޅާލާފައި ގަލަމާއެކު މަޑީގެ ދަބަހަށް ލާފައި ބާރަށް ދުއްވާފައި ދިޔައީ ޞާބިރާގެ އެކުވެރިޔާގެ ގެއަށެވެ. އޭނާ އިނީ ކާށެވެ. ހަމަ ފެންނައިރަށް ހޭން ފަށައިފިއެވެ. މަގޭ މޫނުން ކޮންމެސް ވާހަކަތަކެއް އޭނާ ތަރުޖަމާކޮށްފިއެވެ. ޖީބުގައި އޮތް ސިޓީއަށް ބަލައިލާފައި ބުނެފިއެވެ. މިރޭ މަ މިވާން ޖެހެނީ ޕޯސްޓްމަނަކަށް ދޯއެވެ؟ އަހަރެން ކުޑަކޮށް ރަކިވެސް ވިއެވެ. އޭނާގެ ވިސްނުން ތޫނުކަމުން ޙައިރާންވެސް ވިއެވެ. ދެން މިނޫން ގޮތެއް ނެތެއްނޫންހޭ އަހަރެން ބުނެލީމެވެ. އޭނާ ބާރަށް ހިނިފަޅައިގެން ގޮސްފައި ބުނެފިއެވެ.

އެހެރަ ބިއްލޫރިތަށީގައި އެއިނީ ކުރީރޭގެ ޖަވާބެވެ. މަގޭ މެޔަށް ހީވީ ފެންއެއްޗެއް އޮއްސާލިހެންނެވެ. މެދާ ހަމަޔަށް ފެން އަޅާފައި ހުރި ބިއްލޫރިތަށީގައި އިނީ ރީތިކޮށް ފޮޅިފައި އިން ރަތް ފިނިފެން މަލެވެ. ސަހަރޯއޭ ހިތަށް އެރިއެވެ. އަވަހަށް އޭނާ އިތުރަށް އެއްޗެކޭ ބުނިތޯވެސް އަހައިލެވިއްޖެއެވެ. ރަޙުމަތްތެރިޔާ އެއްމިޔަކަނުން ހީނލާފައި، ހޫމް…. ތިމަންނާވެސް ބަދަލުގައި ހަދިޔާއެއް ދޭންވާނެދޯއޭ ކިޔާފައި އޭނާ ރޭގައި ގެނައި އެއްޗެކޭ ބުންޏެވެ. އެހެންބުނެފައި ކޭ ތަށި ދޮވެލުމަށްފަހު އަތްދޮވެލައިގެން އައިސް އަތް ދިއްކޮލަމުން ދެން އޮންނާނީ ސިޓީބިޓީ ބަދަލުކުރުންނޫންހޭ ބުނެލިއެވެ. އެންމެ މުހިންމީ ޖަވާބު ނޫންހޭ އަހަރެން ބުނެލީމެވެ.

އަދި ކުރިއަށް އޮތީ ……..

ލިޔުންތެރިޔާގެ ފުރަމަލަ

އީސާ ޝަރީފް
އީސާ ޝަރީފް
ޅެންވެރިކަމުގައި ދިވެހި އަދަބިއްޔާތަށް މިފަހުން އެންމެ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ އީސައަކީ އީއޯޕީގެ ފައުންޑަރއެވެ.
އީއޯޕީ އަކީ އަދަބިއްޔާތުގެ ދޮރުން ވަނުމަށް ހުރަސްކުރަންޖެހޭ އެއް އޮޅިއެވެ. އީއޯޕީގެ ވާޖިބެއްކަމުގައި ދެކެނީ އެ އޮޅި ގިރާކުރައްވާ ކޮންމެ ކަނދުރާއެއް އަދަބީ މަލުގެ ހާރަކުން ފަޅުފިލުވައިދިނުމެވެ.
www.easashareef.com