ކުޅަނދުރު ބައިގަނދެއްގެ ސަބަބުން ޑެލްޓަރ އެއަރލައިންސްގެ މަތިންދާބޯޓެއްގެ ފުރުން ތިންގަޑިއެއްހައި އިރަށް ލަސްވެއްޖެ އެވެ. އިއްޔެ މިކަން ހިނގާފައިވަނީ ހޯސްޓަން އެއަރޕޯޓުން އެޓްލާންޓާ އަށް ފުރަން ތައްޔާރުވެފައި އޮތް ޑެލްޓާ ފްލައިޓް1682 އަށެވެ. މަތިންދާބޯޓް ފުރުން ލަސްވީ އެ ބޯޓްގެ ފިޔަގަނޑުގެ ކޮޅުގައި ވަރުގަދަ ކުޅަނދުރު ބައިގަނޑެއް ޖައްސައިގެން ތިބުމުގެ ސަބަބުންނެވެ.

ޑެލްޓާ ފްލައިޓް1682 ހޯސްޓަން އިން ފުރަން ހަމަޖެހިފައި އޮތީ އެތަނުގެ ގަޑިން މެންދުރުފަހު 12:25ގައެވެ. ނަމަވެސް މަތިންދާބޯޓް ފުރުވާލެވޭ ވަރު ވީ ހަވީރު 04:30ގައި ކަމަށް ފްލައިޓް ޑޭޓާއިން ދައްކައެވެ.

“ޤަބޫލުކުރަން ދަތި ނަމަވެސް، ވަރުގަދަ ކުޅަނދުރު ބައިގަނޑެއްގެ ސަބަބުން ހޯސްޓަން-ބުޝް އިން އެޓްލާންޓާއަށް ފުރަން އޮތް ޑެލްޓާ ފްލައިޓް1682ގެ ފުރުން މިވަނީ ލަސްވެފަ. އަހަރުމެންގެ ފްލައިޓްގެ ފިޔަގަނޑުގެ ކޮޅުން ކޮށްދެނީ ކޮންކަމެއްތޯ ބަލަން އެސޮރުމެން ބޭނުންވީކަމަށްވެސް ވެދާނެ. ޝައްކެއްވެސް ނެތް، މި އެއަރޕޯޓްގެ ޚިދުމަތްތަކުގެ އެންމެ ފަހުގެ ޚަބަރުތައް އެސޮރުމެން ދޭނެ.” ޑެލްޓާ އެއަރގެ ތަރުޖަމާނެއް ސީބީއެސް ނިއުސްއަށް ބުންޏެވެ.

ކުޅަނދުރު ބައިގަނޑު މަތިންދާބޯޓުގެ ފިޔައިގައި ޖެއްސި ހިސާބުން ފެށިގެން ގޮސް އެސޮރުމެން ފިޔަގަނޑު ދޫކޮށް ދާންދެން ވަގުތުން ވަގުތަށް އެ ޚަބަތުތައް މަތިންދާބޯޓްގައި ދަތުރުކުރަން ގޮސްއިން ފަސިންޖަރެއް ޓްވިޓަރ މެދުވެރިކޮށް ހިއްސާކޮށްފައިވެއެވެ. އަދި އޭނާއަށް ފެންނަ ފެނުމުގައި ކުޅަނދުރުތައް ފައްސާލާނެ ގޮތްތައްވެސް ހިއްސާކޮށްފައިވެއެވެ.

“އަހަރެން ފުރަން އޮތް ފްލައިޓްގެ ފިޔަގަނޑުގެ ކޮޅުގައި ވަރުގަދަ ކުޅަނދުރު ބައިގަނޑެއް ޖައްސައިގެން ތިބުމުގެ ސަބަބުން ހޯސްޓަން އިން ފުރުން މިވަނީ ލަސްވެފަ.” ނޫސްވެރިއެއްކަމަށްވާ އަންޖަލީ އެންޖެޓީ އޭނާގެ ޓްވިޓަރ ހޭންޑްލްގައި ފޮޓޯއަކާއި ވީޑިއޯއެއް އާއްމުކުރަމުން ހިއްސާކުރިއެވެ.

“ކުޅަނދުރުތައް ފިޔަގަނޑު ދޫކޮށް ދިއުމުން ނޫނީ އަހަރުމެން ފްލައިޓަށް ނުވެސް އެރުވި. އެކަމަކު މިކަން މިހެންވާނެބާ؟ ފްލައިޓް ނައްޓައިލުމުން ކުޅަނދުރުތައް ފިޔަގަނޑު ދޫކޮށްލާފަ ނުދާނެބާ؟” އަންޖަލީގެ ޓްވީޓްގައި އިތުރަށް ބުނެފައިވެއެވެ.

މިކަމާ ގުޅޭ އެތަކެއް ޓްވީޓްތަކެއް ކުރި އަންޖަލީ ބުނީ ބާރަށް ވައިފޮނުވާ އެއްޗަކުން ކުޅަނދުރުތަކާ ދިމާއަށް ވައިޖައްސައިގެންވެސް އެސޮރުމެން ތިބިތަނުން ހިރިވެސް ނުލިކަމަށެވެ.

ކޮންމެއަކަސް، މި ކުޅަނދުރުތައް ފިޔަގަނޑު ދޫކޮށް އުދުއްސައިގަތީ މަތިންދާބޯޓަށް އެއްވެސް ފަސިންޖަރެއް ނާރުވައި ޕުޝްބެކް ކުރަން ފެށުމުންނެވެ.

“މަތިންދާބޯޓުގެ އިންޖީނު ހަމަ ސްޓާޓްކޮށްލިތަނުން ކުޅަނދުރުތައް ނައްޓާލައިފި!!! ޑެލްޓާ އިން ހަމައެކަނި ކޮށްލަން ޖެހުނު ކަމަކީ މަތިންދާބޯޓް ސްޓާޓްކޮށްލުން.” އަންޖަލީގެ އިތުރު ޓްވީޓެއްގައި ބުނެފައިވެއެވެ.

މިފަދަ ވަރުގަދަ ކުޅަނދުރު ބައިގަނޑު މިގޮތަށް ފެނުން މިއީ ވަރަށް މަދުން ނޫނީ ނުވާކަމެއް ނަމަވެސް 2017 ވަނަ އަހަރު އެމެރިކަންް އެއަރލައިންސްގެ މަތިންދާބޯޓަކަށްވެސް މިފަދަ ކަމަކާ ކުރިމަތިލާންޖެހުނެވެ. މީގެ އިތުރުން 2019ވަނަ އަހަރު އެއަރ އިންޑިއާ މަތިންދާބޯޓެއްގެ ކުޑަދޮރެއްގައި ކުޅަނދުރުތަކެއް ޖައްސައިގެން ތިބުމުގެ ސަބަބުންވެސް މިފަދަ ހާލަތެއް ކުރިމަތިވެފައިވެއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.