މުނިއަވަސް އޮންލައިން އިން އިންތިޒާމުކޮށްގެން ޤުރުއާން ތަރުޖަމާކިޔުމުގެ މުބާރާތެއް މިމަހު 19 ވަނަ ދުވަހުގެ ރޭ ފަށައިފި އެވެ. މި މުބާރާތް އިފްތިތާޙްކޮށްދެއްވީ އެސްއެސް ނެޓްގެ ސީއޯއޯ މުޙައްމަދު އާސިފް (މޮންދު) އެވެ.

“މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” އިފްތިތާހުކޮށްދެއްވަމުން މުޙައްމަދު އާސިފް ވިދާޅުވީ މިފަދަ މުބާރާތެއް މުނިއަވަސް އިން އިންތިޒާމުކޮށްގެން ބާއްވާތީ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށާ އެކަމަށްޓަކައި ޝުކުރުދަންނަވާ ކަމަށެވެ.

“މިއީ ހަމަ އާދަޔާޚިލާފު ޚިޔާލެއް. ވަރަށް ރަނގަޅު ޚިޔާލެއް. ވަރަށް ރަނގަޅު މަސައްކަތެއްވެސްމެ. އަޅުގަނޑު ހަމަ ހުރިހައި ބައިވެރިންނަށްވެސް މިކަމުން ކުރިއަށްދިއުމަށްދިއުމުގެ ފުރުޞަތު ތަނަވަސްވެގެން ދިޔައީތީ ހުރިހައި ބައިވެރިންނަށްވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން، މަރުޙަބާކިޔަން.” މުޙައްމަދު އާސިފް ވިދާޅުވިއެވެ.

“އަޅުގަނޑު ދެކޭގޮތުގަ ޤުރުއާން ތަރުޖަމާ ކިޔުމަކީ ޙަޤީޤަތުގަވެސް ކީރިތި ޤުރުއާން އަޅުގަނޑުމެނަށް ދެއްވާފައި އޮތް ދަޢުވަތު ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް އެނގިގެން، އެކަމުގަ ބައިވެރިވެވޭ ވަރަށް ރަނގަޅު ފުރުޞަތަކަށް ވޭ. އަޅުގަނޑު ހަމަ ގައިމުވެސް މި ފުރުޞަތު ލިބުނުވަގުތު މިކަން ވަަރަށް އުފަލާއެކު ބަލައިގަނެ، ވަރަށް ހެޔޮހިތުން ބަލައިގަނެ މިކަން ކުރުމަށް ކުރިމަތިލީ އެއީ އަޅުގަނޑުގެ ބްރޯޑްކާސްޓް ޙަޔާތުގަ އަޅުގަނޑަށް އަޅުއަޅަން ލިބުނު ހުރިހާ ފުރުޞަތަކަށް ވުރެވެސް މަތިވެރި އަދި މާ އުފާވެރި ފުރުޞަތަކަށް ވީތީ.”

މުޙައްމަދު އާސިފް (މޮންދު) އަކީ ރާއްޖޭގައި ކީރިތި ޤުރުއާން ތަރުޖަމާގެ އަޑު އެތައް ޗެނަލަކަށް ރެކޯޑްކޮށްދެއްވާފައި ބޭފުޅެކެވެ. އެގޮތުން 2010ވަނަ އަހަރު “އެމްއެންބީސީ ވަން”ގެ ދަށުން ޓީވީއެމް ހިންގަމުން ގެންދިޔައިރު ޓީވީއެމްއަށް ޤުރުއާން ތަރުޖަމާ ކިޔަން ފައްޓަވައި، މުސްޙަފުގެ ބޮޑުބައެއް ނިންމަވައިލެއްވިކަން ފާހަގަކުރެވެއެވެ. މީގެ އިތުރުން ވީޓީވީގައި މޮންދު މަސައްކަތްކުރެއްވި އިރުވެސް ޤުރުއާން ތަރުޖަމާ އަޑު އެޅުއްވިއެވެ. އޭގެ އިތުރުން މިހާރު މޮންދު މަސައްކަތްކުރައްވާ ސަން ޝިޔާމް މީޑިއާގެ އެސްއެސްޓީވީން މިހާރު ގެނެސްދޭ ޤުރުއާން ތަރުޖަމާއަށް އަޑުއަޅުއްވާފައިވަނީވެސް މޮންދު އެވެ.

https://www.clubhouse.com/room/xo20O0G5?utm_medium=ch_room_xr&utm_campaign=lS-TyT35xypgeww-woYutw-725315

“އަޅުގަނޑު ހަމަ ހުރިހައި ބައިވެރިންނަށްވެސް ދަންނަވާލަން، މިއީ ހަމަ ވަރަށް ބޮޑު ހިތްހަމެޖެހުމެއް ލިބޭ ކަމެއް. ވަރަށް ކުރާހިތުން އަޅުގަނޑު ކޮށްފަ އޮތް ކަމެއް. ދެން އަޅުގަނޑު ހިތުން އަޅުގަނޑު ތަރުޖަމާކިޔުމުގެ ސްޓައިލް ގިނަ ބަޔަކަށް ކަމުވެސްދިޔަ. އަދި އޭރު އިވެމުންދިޔަ ރާގުތަކާ ތަަފާތު ރާގަކަށް ނޫނިއްޔާމުން ތަފާތު ގޮތަކަށް ޤުރުއާން ތަރުޖަމާ އަޅުގަނޑަށް ހުށައަޅައިދެވުނީތީ އެކަންވެސް ގިނަބަޔަކު ފާހަގަކުރި. އެހެންވީމަ މިއީ ވަރަށް ރަނގަޅު ކަމެއް އަޅުގަނޑުމެންނަށް ކުރެވެން ޖެހޭނެ. އަބަދުވެސް ކުރަން ރަނގަޅު ކަމެއް. އަދި ގިނަ ބަޔަކު މިކަން ކުރާކަމަށް ވާނަމަ ގިނަބަޔަކަށް މިކަމުގެ ފައިދާ ލިބިގެންދާނެ ކަމެއްކަމަށް އަޅުގަނޑު ޤަބޫލުކުރަން.” މޮންދު އިތުރަށް ވިދާޅުވީ ރާއްޖޭގައި ޤުރުއާން ކިޔެވުމުގެ ފަންނަ ވަަރަށް ބޮޑަށް ކުރިއަރާފައި ވާކަމަށާ މިފަދަ މުބާރާތްތަކާއެކު ޤުރުއާން ތަރުޖަމާކިޔުމުގެ ފަންނުވެސް ވަރަށް ބޮޑަށް ކުރިއަރައިގެން ދާނެކަމަށް ޤަބޫލުކުރެއްވޭ ކަމަށެވެ.

“މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” މިއީ 2021 ވަނަ މުނިއަވަސް އިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވުމަށް އިޢުލާނުކުރި މުބާރާތެެކެވެ. މި މުބާރާތުގައި 49 މީހުން ބައިވެރިވެފައިވެއެވެ.

“މުނިއަވަސް: ޤުރުއާން ތަރުޖަމާ ކިޔުމުގެ މުބާރާތް – ސީޒަން 1” ގެ އެޕިސޯޑްތައް ގެނެސްދޭން ފެށުމަށް ހަމަޖެހިފައިވަނީ 19 މެއި 2023ން ފެށިގެން 23 މެއިގެ ނިޔަލަށެވެ. މުބާރާތުގެ އެޕިސޯޑްތައް  މުނިއަވަސް ކްލަބްހައުސް މެދުވެރިކޮށް ލައިވްކޮށް ގެނެސްދިނުމުގެ އިތުރުން ކޮންމެ އެޕިސޯޑެއް ނިމުމުން، ބައިވެރިންގެ ހުށައެޅުންތައް ވަކިވަކީން މުނިއަވަސް ޓިކްޓޮކްގައި ވީޑިއޯކޮށް ގެނެސްދޭނެ އެވެ.

މުބާރާތުގެ ނަތީޖާ ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 01 ޖޫން 2023ގަ އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.