މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ފަރާތުން ފިލްމީ ދާއިރާގެ ފަންނާނުންގެ ހުނަރު ތަރައްޤީ ކުރުމަށް “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި ވޯކްޝޮޕެއް ފަށައިފިއެވެ. މި ވޯކްޝޮޕް އިފްތިތާހު ކުރުމަށް ބޭއްވުނު ހަފްލާ އޮތީ 20 މޭ 2023 ވަނަ ވުވަހުގެ ރޭ އޮލިމްޕަސް ބެކްސްޓޭޖްގައެވެ.

ހަފްލާ އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ. ހަފްލާގެ ޝަރަފުވެރި މެހެމާނެއްގެ ގޮތުން ބައިވެރިވެ ވަޑައިގެންނެވީ މުހައްމަދު ނިޔާޒް (ޓެޑްރީ) އެވެ. މީގެ އިތުރުން އިންޑިއަން ކަލްޗަރަލް ސެންޓަރ (އައިސީސީ) ގެ ޑިރެކްޓަރ މަންޖިސްތާ މުކަރުޖީ ވެސް ބައިވެރިވެވަޑައިގަތެވެ.

މި ވޯކްޝޮޕާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން އެމްއެސްޕީއޭގެ ޗެއަރމަން މުހައްމަދު ރަޝީދު (ދަރާ ރަޝީދު) ފާހަގަކުރެއްވި ގޮތުގައި މިވޯކްޝޮޕަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން ކުރެވުނު ބުރަ މަސައްކަތްތަކެއްގެ ނަތީޖާ ކަމަށެވެ. އަދި މި ރެއަކީ ދިގު އިންތިޒާރެއްގައި ކުރެވުނު މަސައްކަތެއްގެ ކުލަތަކެއް ޖައްސުވާދޭ ރެއެއް ކަމަށްވެސް ފާހަގަކުރެއްވި އެވެ.

“އަޅުގަނޑުމެން އެމްއެންއެސްޕީއޭގެ ފަރާތުން މިމަސައްކަތް ކުރަނީ ފިލްމީ ދައިރާއަށް ބަޔަކު އުފެއްދުމަށް، މި އިންޑަސްޓްރީއަށްޓަކައި، މިދާއިރާގެ ފަންނާނުންނަށް އެކިއެކި ފުރުސަތުތައް ހޯދައިދިނުމަށް، އެހެންކަމުން މިދާއިރާގެ އެންމެހާއި ފަރާތްތަކުގެ އެއްބާރުލުން މިކަންކަމުގައި ވަރަށް ބޭނުންވޭ،” ދަރާ ރަޝީދު ފާހަގަކުރެއްވިއެވެ.

ޖުމްލަ 8 ބައިވެރިންނާއި އެކު ފެށުނު މި ވޯކްޝޮޕުގެ ބައިވެރިންނަށް ހިތްވަރުދެއްވަމުން މިހަފްލާގެ ޝަރަފުވެރި މެހެމާނު މުހައްމަދު ނިޔާޒު (ޓެޑްރީ) ފާހަގަކުރެއްވި ގޮތުގައި މިވޯކްޝަޕަކީ ވަރަށް މުހިއްމު ރަނުގެ ފުރުސަތެއް ކަމަށާއި މިފުރުސަތުގެ ބޭނުން ހެޔޮގޮތުގައި ކުރެވިއްޖެނަމަ މިކަމުގެ ފައިދާ މިއިންޑަސްޓުރީއަށް ކުރާނެ ކަމަށެވެ.

“ފާހަގަކޮށްލަން ބޭނުންވާ އެންމެ މުހިއްމު ނުކުތާއަކީ ފަންނުވެރިއެއްގެ ހަޔާތުގައި ދަސްކުރުމުގެ މަރުހަލާއެއް ނުނިމޭނެ، މިހިނގަމުންދާ އަހަރަކީ އަޅުގަނޑުގެ ކެރިއަރގެ 36 ވަނަ އަހަރު، އެހެންނަމަވެސް މިއަދުވެސް މާދަމާވެސް އަޅުގަނޑުގެ އެންމެ އިސް މަސައްކަތަކީ ދަސްކުރުން، އުނގެނުން،” ޓެޑްރީ ފާހަގަކުރެއްވިއެވެ.

ހަފްލާ އިފްތިތާހުކޮށްދެއްވަމުން މިނިސްޓަރ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ފާހަގަކުރެއްވި ގޮތުގައި އެންއެސްޕީއޭ ގެ ފަރާތުން މިފަދަ ވޯކްޝޮޕެއް ހިންގެވުމާއި މީގެ އިތުރުންވެސް މިފަދަ އެތައް މަސައްކަތްތަކެއް ފުރިހަމަ ގޮތުގައި ކުރައްވާފައި ވާތީވެ އެކަން އުފަލާއެކު ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

“މިފުރުސަތުގައި ވަރަށް ހާއްސަ ޝުކުރެއް އިންޑިއާ ސަރުކާރަށް، ވަކިން ޚާއްސަކޮށް އޮލިމްޕަސް ތިއޭޓަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓާއި މީގެ އިތުރުން ވެސް އާރޓްސްގެ ދާއިރާއިން ލަވަކިއުމާއި ފިލްމީ ފަންނުވެރިން ބިނާކުރުމަށް އެކިގޮތްގޮތުން ރާއްޖޭގައި ހުންނަ އިންޑިއަން ކަލްޗަރަލް ސެންޓަރުގެ ފަރާތުން ލިބޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ޝުކުރުއަދާކުރަން.” އައިސީސީގެ ޑިރެކްޓަރު މަންޖިސްތާ މުކަރުޖީއަށް އިޝާރާތްކޮށް މިނިސްޓަރ ޔުމްނާ ފާހަގަކުރެއްވިއެވެ.

އެމްއެސްޕީއޭ ގެ ފަރާތުން ދަރާ ރަޝީދު ފާހަގަކުރެއްވި ގޮތުގައި މި ވޯކްޝޮޕުގެ ބައިވެރިންނަށް ސެޝަންތައް ނަގައިދެނީ އިންޑިއާގެ މިދާއިރާގެ ތަޖުރިބާހުރި އިންސްޓްރަކްޓަރެއް ކަމުގައިވާ ދިލިޕް ކަނާލް އެވެ. މީގެ އިތުރުން ސެޝަންތައް ކުރިއައްދާއިރު ރާއްޖޭގެ ފިލްމީދާއިރާގެ އިސްފަރާތްތަކުގެ އެހީތެރިކަންވެސް ލިބިގެންދާނެކަމަށް ވެސް ފާހަގަކުރެއްވި އެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސްއިން ނޭޝަނަލް ސެންޓަރ ފޮރ ދި އާޓްސް (އެންސީއޭ)އާ ގުޅިގެން ބާއްވާ ވޯކްޝޮޕެކެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ)
އަޙްމަދު ރަޝީދު (އަންނާރޭ) އަކީ މުނިއަވަސް އޮންލައިންގެ ސީއީއޯ އެވެ. މީގެ އިތުރުން އޭނާއަކީ މުނިއަވަސް ކްލަބްހައުސްގެ ޕްރެޒެންޓަރެކެވެ. އިވެންޓްތައް ކަވަރކުރުމުގައިވެސް އަންނާރޭ ހަރަކާތްތެރިވާނެ އެވެ.