ފިލްމު “ނީނާ“ ރިލީޒްކުރުމާމެދު އެއް މަސްދުވަހަށް ގާތްވެފައިވަނިކޮށް ފިލްމުގެ ލީޑް ކެރެކްޓަރ ‘ނީނާ’ ފެނިގެންދާނެ ތިން ލުކް ނުވަތަ ސިފަ، އައިފިލްމްސް އިން މިއަދު އާއްމުކޮށްފިއެވެ. ފިލްމު “ނީނާ“ގެ ޝޫޓިން ފެށުމާއެކުހެން މި ފިލްމުގައި ނުޒުހަަތު ޝުޢައިބް (ނުޒޫ) ފެނިގެންދާ ނީނާގެ ކެރެކްޓަރގެ ވަރުގަދަ ތިން ސިފައެއް ފެންނާނެ ކަމަށް އައިފިލްމްސް އިން އައީ ބުނަމުންނެވެ.

ނުހަނު ހިތްވަރުގަދަ އަންހެނެއްގެ ވާހަކައެއް ގެނެސްދޭ އެކްޝަން ފިލްމު “ނީނާ“ގައި ނުޒޫ ފެނިގެންދާނެ ތިން ސިފައިގެ ތެރޭގައި ޓަފް ދެ ލުކެއް ފެނިގެންދާއިރު ޒަޚަމްވެ ބަލިކަށިވެފައިވާ ސިފައެއްވެސް ފެނިގެންދެއެވެ. ނީނާގެ ތިން ލުކް މުނިއަވަސްއާ ހިއްސާކުރަމުން މިއަދު އިއްލެ ބުނީ މި ތިން ސިފައިގެ އިތުރުން، އިތުރު އެހެން ސިފައަކުންް (ލުކް އަކުން)ވެސް ނީނާ ފެނިގެންދާނެ ކަމަށެވެ.

ދިވެހި ފިލްމީ ދާއިރާއަށް 2019 ވަނަ އަހަރު އަރައިގެން އައި އުއްމީދީ ޑައިރެކްޓަރު އިލްޔާސް ވަޙީދުގެ ކާމިޔާބު ފިލްމު “ބަވަތިި” އަށްފަހު، އޭނާގެ ޕްރޮޑަކްޝަން ހައުސް ‘އައި ފިލްމްސް’ އިން ހަދާ ދެވަނަ ފީޗާ ފިލްމު “ނީނާ“ގައި ނުޒުހަަތު ޝުޢައިބް (ނުޒޫ) ފެނިގެންދާ ތިން ސިފަ (ލުކް)ގެ ތެރެއިން ލުކެއް އެންމެ ފުރަތަމަ އާއްމުކުރީ 8 މާރިޗް 2021 ގައެވެ.

އާސިމް ޢަލީ އަދި އަޙްމަދު ވަހީދު ޕްރޮޑިއުސްކޮށް ބޮޑު ބަޖެޓަކުން އުފައްދާފައިވާ “ނީނާ“އަކީ ހިތްވަރުގަދަ އަންހެނަކު ދިރިއުޅުމުގައި ދިމާވާ އެތައް ކަންތައްތަކަކަށް ފަހު އޭނާ ހިތްވަރާއެކު ތެދުވެ، އިންސާފު ހޯދުމަށްޓަކައި ވަރުގަދައަށް ތައްޔާރުވެ ކުރާ އެތައް މަސައްކަތްތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

ނީނާ“ގެ ލީޑް ތަރިންގެ ތެރޭގައި ”ބަވަތި”ގެ ލީޑުން ހުނަރުވެރި އެކްޓިންއެއް ދެއްކި ނުޒުހަތު ޝުޢައިބް ހިމެނޭއިރު، ފިލްމީ ދާއިރާއަށް މި ފިލްމުން އަލަށް ތަޢާރަފުވާ ޝަރަފް ޢަބްދުﷲ، ހުނަރުވެރި ތަރި ޖުމައްޔިލް ނިމާލްގެ އިތުރުން ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އާއި މަރިޔަމް ޝަކީލާ ހިމެނެއެވެ.

ފިލްމު “ނީނާ” ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 06 އޯގަސްޓް 2023ގައެވެ. މި ފިލްމުގެ 30 ޝޯވ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. މި ފިލްމަކީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ކާސްޓުންނާއި ކްރޫއިން ޔަގީންކަން ދެއެވެ.

ފިލްމު ”ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

 

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.