މިއަހަރު ރިލީޒްކުރަން ހުރި ފިލްމުތަކުގެ ތެރެއިން އެންމެ ވަރުގަދަވާނެ އެއް ފިލްމު ކަމަށްވާ ފިލްމު “ނީނާ“ގެ ލީޑް ރޯލް ކުޅެގެން ނުޒުހަތު ޝުޢައިބަށް ލިބުނު އަގު ހާމަކޮށްފި އެވެ.

ޕީއެސްއެމްގެ ޓެލެވިޒަން މޯލްޑިވްސް އިން މިމަހު 15ވަނާ ދުވަހުގެ ރޭ ވަގުތުން ގެނެސްދިން “ވީކް އެންޑް ވައިބް” ޝޯގައި ފިލްމު “ނީނާ” ކުޅެގެން ލިބުނު ފައިސާގެ އަދަދު ނުޒޫ ހާމަކޮށްފައިވެ އެވެ. ނުޒޫ ބުނީ އެ ފިލްމު ކުޅެދީގެން 160000 (އެއް ލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ ލިބިފައިވާ ކަމަށެވެ. ނުޒޫ ބުނީ 2019 ސެޕްޓެމްބަރުން ފެށިގެން ކޮންމެ މަހަކު 20000ރުފިޔާ ނުޒޫއަށް ދެމުން އަންނަ ކަމަށެވެ.

ލައިވް ޝޯގައި ނުޒޫއަށް ބުނެވުނު އަގު އެއްކޮށް ރަނގަޅު ނޫންކަން ފާހަގަކުރަމުން ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު މުނިއަވަސް އަށް މިއަދު ބުނީ ނުޒޫއަށް ދެވިފައިވާނީ 150000 (އެއް ލައްކަ ފަންސާސް ހާސް) ރުފިޔާ ކަމަށެވެ، ކަން މިހެން އޮތް ނަމަވެސް ފިލްމު “ނީނާ” ކުޅެގެން ނުޒޫއަށް ލިބުނު އާމްދަނީ އަކީ މިހައިތަނަށް ރާއްޖޭގެ ފިލްމެއް ކުޅެގެން ދިވެހި އެކްޓަރަކަށް ލިބުނު އެންމެ ބޮޑު އާމްދަނީ ކަމަށް ރެކޯޑްތައް ދައްކައެވެ. އެހެންކަމުން މިވަގުތު ރާއްޖޭގައި ހުރި އެންމެ އަގުބޮޑު ފިލްމީ ތަރި އަކީ ނުޒޫކަމަށް ރެކޯޑު ކުރެވެއެވެ.

މިހާތަނަށް އައިއިރު، ރާއްޖޭގެ ފިލްމީ ތަރިއަކަށް އެންމެ ބޮޑު އަގެއް ދީގެން ފިލްމެއް ކުޅުވާފައިވަނީ ރާއްޖޭގެ ފިލްމީ ދާއިރާގައި އެންމެ އަލިގަދަކޮށް ވިދާލި ތަރި ނިޢުމާ މުޙައްމަދު ލައްވައެވެ. އެއީ25 އޮކްޓޫބަރު 2010ގައި ރިލީޒްކުރި ފިލްމު “ނިޢުމާ”އެވެ. އެ ފިލްމު ކުޅުމުގެ އަގު، ޑައިރެކްޝަން އަދި ނިޢުމާގެ ބޯބާލައިގެން ކުޅެން ޖެހުނު މަންޒަރާއެކު، މުޅި ޖުމްލަ ނިޢުމާއަށް ދީފައިވަނީ 1750000 (އެއްލައްކަ ހަތްދިހަ ފަސްހާސް) ރުފިޔާ އެވެ.

06 އޮގަސްޓު 2023ގައި ރިލީޒްކުރަން ހަމަޖެހިފައިވާ ފިލްމު “ނީނާ“ގެ ޚާއްޞަ ލަވައެއް ފިލްމީ ތަރި މަރިޔަމް އައްޒަ ލައްވާ ވެސް ކުޅުވާ ފައިވެއެވެ. އައްޒަ އެލަވަ ކުޅެދިނީ ވެސް ބޮޑުއަގެއްގައި ކަމަށް މަޢުލޫމާތު ލިބެ އެވެ.

އައިފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ” ލިޔެ ޑައިރެކްޓްކޮށްފައިވަނީ އިލްޔާސް ވަހީދު (އިއްލެ) އެވެ.

ނުޒުހަތު ޝުޢައިބް ،ޝަރަފް ޢަބްދުﷲ، ވެޓަރަންސް އެކްޓްރެސް މަރިޔަމް ރަޝީދާ އަދި މަރިޔަމް ޝަކީލާގެ އިތުރުންވެސް ފާހަގަކޮށްލެވޭ އިތުރު ތަރިންތަކެއް މި ފިލްމުން ފެނިގެންދާނެ އެވެ. އެގޮތުން ހަމްދޫން ފާރޫޤް (އައްކި)ގެ ވަރުގަދަ ރޯލެއް މި ފިލްމުން ފެނިގެންދާނެ އެވެ.

ފިލްމު “ނީނާ“ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.