ހުޅުތައް ދުޅަވުން (އިނގިރޭސި ބަހުން: Arthritis)އަކީ ކޮންމެ ވެސް ކަމެއްގެ ސަބަބުން ހަށިގަނޑުގެ ބައެއް ހުޅުތައް ނުވަތަ ހުރިހާ ހުޅުތައް ދުޅަވުމެވެ. އާންމު ގޮތެއްގައި އާތުރައިޓިސް ނިސްބަތްކުރެވެނީ އިންސާނާގެ ހަށިގަނޑުގައިވާ ހުޅުތަކުގެ ތެރެއިން ހުޅެއް ނުވަތަ އެއް ހުޅަށްވުރެ ގިނަ ހުޅު ދުޅަވެ، ހުޅުގައި ބީހިލުމުން ތަދު އިހުސާސްވުމަށެވެ. އާތުރައިޓިސް އެންމެ މައިގަނޑު އަލާމާތަކީ ހުޅުދުޅަވުމާއި ހުޅު ހަރުއެރުމެވެ. އާންމު ގޮތެއްގައި އުމުރުން ދުވަސްވާ ވަރަކަށް ހުޅުދުޅަވުމުގެ މައްސަލަ ގޯސްވަމުންދާނެ އެވެ.

އާތުރައިޓިސް ހުންނަ މީހުން ކާން އެންމެ ގޯސް ފަސް ކާނާއަކީ ކޮބައިތޯ ސުވާލުކޮށްލުމުން ސިއްހީ މާހިރުން ދީފައިހުރި ބައެއް ޖަވާބުތައް ހިއްސާކޮށްލާނަމެވެ.

“އާތުރައިޓިސް ހުންނަ މީހުން ކެއުން ރަނގަޅު ނޫންކަމަށް ލިސްޓްކުރެވޭނެ ކާނާގެ ފަސް ބާވަތެއް ނެތް. އާތުރައިޓިސްގެ ވައްތަރުތައް 100އަށް ވުރެން ގިނަ. އެހެންކަމުން ވަކި މިވެނި ކާނައެއް ކެއުމުން ބަލީގެ އުނދަގޫ އިތުރުވާކަން ފާހަގަކުރެވޭ ހެއްކެއް ނެތް. މިހެން ބުނާއިރު ފާހަގަކޮށްލަން ބޭނުން، ކެއުމާ އާތުރައިޓިސްއާ ގުޅުން ހުރިކަންވެސް. ބައެއް މީހުންނަސް ފާހަގަކުރެވޭ ބައެއް ކާނާ ކެއުމުން ހުޅުހުޅު ދުޅަވެ ރިއްސުން އިތުރުވާކަމަށް. އެކަހަލަ ކޭސްތަކުގަ އެގޮތަށް އުނދަގޫވާ ޒާތުގެ ކާނާ ކެއުމުން ދުރުހެލިވާން ޖެހޭ.

ބައެއް ހެކިތައް ލިބިފަ އެބަހުރި މެޑިޓެރޭނިއަން ކާނާ ބޭނުންކުރުމުން ބަލި ހުންނަ ބައެއް މީހުންނަށް ލުއި ލިބޭކަން. އެއީ އާތުރައިޓިސްގެ ވައްތަރެއް ކަމަށްވާ ރޫމަޓޮއިޑް އާތުރައިޓިސް ހުންނަ މީހުންނަށް. މި ދެންނެވި ފަދަ ކެއުންތަކުގައި ހުންނާނެ މާވޭ، ތަރުކާރީ، ގޮދަނުގެ ބައެއް ބާވަތްތައް، ނަޓްސް، ތޮޅި އޮށް އަދި ޒައިތޫނި ތެޔޮ. އެމީހުންގެ ކެއުމުގަ މަދުވާނެ ރަތްކުލަ ހުންނަ އެއްގަމުމަސް ޒާތުގެ އެއްޗެހި. ގޯޓީ އާތުރައިޓިސް ހުންނަ މީހުންނަށް ބައެއް ކާނާގެ ސަބަބުން ވަރަށް އުނދަގޫބޮޑުވާނެ.

– ޑރ. އޮބަޓް އެޗް. ޝްމަރލިންގ – އެމްޑީ. ސީނިއަރ ފެކަލްޓީ އެޑިޓަރ، ހޯވާރޑް ހެލްތު ޕަބްލިޝިންގ

ވަކި ކާނާއެއް ނެތް ކެއުމުގައި މަދުކުރާކަށް ނުވަތަ ބޭނުން ނުކުރަން ބުނާކަށް. ނަމަވެސް ދަޅާއި ޕެކެޓްގައި ބަންދުކޮށްފައި ހުންނަ ކާނާ، ހަކުރުގެ މިންވަރު ގިނަ ކާނާ، ކިރުގެ ބާވަތްތައް، މާ ލޮނުކަން ގަދަ ކާނާ އަދި ދުންފަތުން ދުރުހެލިވާން ޖެހޭ.

– ޑރ. އެލެކްސް ޓީ ތޯމަސް – އެމްޑީ. ސީނިއަރ ފެކަލްޓީ އެޑިޓަރ، ހޯވާރޑް ހެލްތު ޕަބްލިޝިންގ

“ހަޖަމުކުރަން ދަތި ކާނާ އަދި ހަވާދުކަން ގަދަ ކާނާ ކެއުމުން ދުރުހެލިވާން ޖެހޭ.

– ޑރ. ރާމަމުރްތީ ބެންގަަލޯރު – ޕްލޫމޮނޮލޮޖިސްޓް

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.