ފިލްމު ‘ތިޔަ ލޯތްބާއި ދުރަށް’ ގެ އެޑިޓިން އާއި ޑަބިންގެ މަސައްކަތް ނިމިފައިވާ ކަމަށް ފިލްމުގެ އެސިސްޓެންޓް ޑައިރެކްޓަރ އަދި ކެމެރާމަން އަލީ ރަޝީދު (ގޮޅާ އައްޔަ) ބުނެފިއެވެ. އައްޔަ ބުނީ ތިޔަ ލޯތްބާއި ދުރަށް 80 ޕަސެންޓްގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. 

މިއީ ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ) ލިޔެެޑައިރެކްޓް ކޮށްފައިވާ ފުރަތަމަ ފީޗާ ފިލްމެވެ.

އަހުމަދު އަޒްމީލް (އަޒޭ) އާއި ޒުވާން ބަތަލާ މަލީހާ ވަހީދު (މަލް) ލީޑް ރޯލް ކުޅެފައިވާ މި ފިލްމްގެ މުހިއްމު ރޯލަކުން ލަންކާގެ ބަތަލާ އުދޭނީ ފެނިގެންދާނެ އެވެ. އިތުރު ތަރިންގެ ތެރޭގައި އަހުމަދު އަމަން (ޓޮމް) އާއި އޭނާގެ އަންހެނުން މަރިޔަމް ޝަހްޒާ ވެސް ހިމެނެ އެވެ.

މި ފިލްމުގައި ޖުމްލަ ހަތަރު ލަވަ ހިމެނޭ އިރު ކުރީގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ އަލީ ރަމީޒާއި ފަޒީލާ އާމިރު ކިޔާފައިވާ ލަވައެއްވެސް ހިމެނެ އެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް އަންނަ އާދީއްތަ ދުވަހު ނެރުމަށްވަނީ ހަމަޖެހިފަ އެވެ.

ފިލްމު ކެމެރާކޮށްފައިވަނީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް “ތިޔަ ލޯތްބާ ދުރަށް” އަކީ މަރީ އާއި އޭނާގެ ފިރިމީހާ އަދި ކުރީގެ ޑައިރެކްޓަރު ހުސައިން އާދިލްގެ ޕްރޮޑަކްޝަން ހައުސް ޓެކްނޯ މީޑިއާ އިން އުފައްދާ ފިލްމެކެވެ.

މި ފިލްމާއި މެދު މަރީ ބުނީ މިއީ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ކަހަލަ ވާހަކައަކަށް ހަދާފައިވާ ފިލްމެއް ކަމަށެވެ.

“މީގެ ކުރިން އަހަރެންގެ ވާހަކަތަކަށް ހެދި އެއްޗެހިތައް ވެސް ވަރަށް ކާމިޔާބު. ބެލުންތެރިންނަށް ވަރަށް ކަމުދިޔަ، އެހެންވީމަ މި ފިލްމު ވެސް ހަމަ ބެލުންތެރިންނަށް ކަމުދާނެ ކަމަށް އުންމީދު ކުރަނީ.” އޭނާ ބުންޏެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.