އެއީ އެ ފޮށި. އެއީ އެންމެންގެ ދިރިއުޅުމާވެސް ގުޅިފާވާ ފޮށްޓެއް. އެ ފޮށީގެ މުހިންމުކަން އެންމެންނަށްވެސް އެނގޭ. އެކަމަކު އެ ފޮށި ވީ ކޮންތާކު، ކާކުގެ އަތުގަ ކަމެއް އެކަކަށްވެސް ނޭނގޭ. އެހެންކަމުން، އެ ފޮށި ހޯދުމުގެ މަސައްކަތް އެންމެންވެސް ފަށާ.” ކޮމެޑީ ފިލްމު “ޖޯކަރު“ގެ ފަސްޓް ލުކް ޓީޒާ ފެށޭ ހިސާބުން މި އަޑުކޮޅު އިވިގެންދަނީ ހަމަ ގައިމުވެސް ދަންނަ، ފަރިތަ އަޑަކުންނެވެ. އެއީ މަޝްހޫރު އެކްޓަރު އަޙްމަދު ނިމާލްގެ ވަރުގަދަ އަޑެވެ. ޓީޒާއިން ފެންނަ މަންޒަރުތަކުން ނިމާލް ވެސް ފެނިގެންދެއެވެ. ތަފާތު ކޮސްޓިއުމެއްގައި ހުއްޓައެވެ.

ފިލްމު “ބައިވެރިޔާ”، “ނޯޓީ ފޯޓީ” އަދި “ފޯޓީ ޕްލަސް”އިން ބެލުންތެރިން ވަރުގަދައަށް ހެއްވާލި ޓީމުން އުފައްދާ މިރޭ (05 ސެޕްޓެމްބަރު 2023) ގައި ރިލީޒްކުރާ ކޮމެޑީ ފިލްމު “ޖޯކަރު” މިއީ ހެއްވާ މަޖާ ފިލްމެއްގެ އިތުރުން، ނިމާލްގެ ފިލްމީ ކެރިއަރުގައި މުހިންމު ފިލްމެކެވެ. މީގެ 34 އަހަރު ކުރިން ނިމާލް ކުޅެފައިވާ މަޝްހޫރު ސީރީޒް ‘ސަޅިބައިސާ’ ގައި ގެނެސްދިން އެޕިސޯޑްތަކުން ”ނަމެއް ކުރިއަށް ލާފައި ގެނެސްދިން ‘އަލީ’ ކެރެކްޓަރުގެ’ ދަށުން މިފަހަރު ނިމާލް ފެނިގެންދާނީ ‘ސަރުދާރު އަލީ’ގެ ކެރެކްޓަރުންނެވެ.

ޖޯކަރު” މި ފިލްމަކީ ޔޫއްޕެގެ ވަރަށް ހަރުދަނާ ވަަރަށް މޮޅު މަސައްކަތެއް. މޮޅު މަސައްކަތެކޭ އަޅުގަނޑު މި ދަންނަވަން ޖެހެނީ ވަރަށް ކެތްތެރިކަމާއެކީ ގާތްގަނޑަކަށް 12 ވަރަކަށް ސްޓާރުން ގޮވައިގެން މި ފިލްމު އުފެއްދީ.

މި ފިލްމުގަ އަޅުގަނޑު… އަޅުގަނޑު ބައެއް ކުޅެންވެގެން އަޅުގަނޑާ ބައްދަލުކުރީ ޔޫއްޕެ. ބައްދަލުކޮށްފަ ބުނީ ނިމާލަށް ކުޅެވިދާނެހޭ ވަރަށް ތަފާތު ރޯލެކޭ. ދެން ކުޑަކޮށް ސްޓޯރީ ކިޔާލަދިން. ދެން އަޅުގަނޑުގެ އައިޑިއާވެސް ބޭނުންކުރި.

އަޅުގަނޑުގެ އައިޑިއާއޭ ބުނަން މި ޖެހޭ ސަބަބަކީ 1991ގަ ސަޅިބައިސާ ނިމުމަށް ފަހު އަޅުގަނޑު ނީންނާނެ ސީރިއަސް ކޮމެޑީ ފިލްމެއް ކުޅެފައެއް، ޑްރާމާއެއްވެސް. އެކަމަކު މިފަހަރު ޖޯކަރުގަ ހަމަގައިމުވެސް ފެނިގެންދާނީ 1991ވަނަ އަހަރު މަޝްހޫރުވި ޓެޑްރީ، ޓީވީމޯލްޑިވްސް އިން އުފެއްދި ސަޅިބައިސާގެ އަލީތަކެއް ނޫން ފެންނާނީ، އެހެންނަނަމަވެސް އަލީގެ ކެރެކްޓަރ މީގަ ފެނިގެންދާނީ ސަރުދާރުގެ ރޯލުން. އެހެންވީމަ އަޅުގަނޑަށް މާކަ އުނދަގުލެއްވެސް ނުވި މަންޒަރުތައް ކުޅެން. ދެން އާ ތަރިންނާ އަދި އަޅުގަނޑާއެކު މަސައްކަތްކޮށްފަ ތިބި ތަރިންނާއެކު މި ކުޅެން ޖެހުނީ.”

– ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް

ފިލްމު “ޖޯކަރު“ގައި ނިމާލް ފެނިގެންދާނެ ކެރެކްޓަރާ ބެހޭ މަޢުލޫމާތު ހިއްސާކުރަމުން ބުނެފައިވެއެވެ.

“މިހާ ދުވަސްކޮށްފަ ޔޫއްޕެ އަޅުގަނޑަށް އެފަދަ ރޯލެއް ދިނީމަ މިއަށް ތާއިދުކުރީ ހަމަ ޔޫއްޕެ ބުނީ ސަޅިބައިސާގަ އޭނދަ އަޑުން ނިމާލަށް ވާހަކަދެއްކޭނެ ހެއްޔޭ. ކޮންމެ ގޮތެއްވިޔަސް އަލީގެ ކެރެކްޓަރ އިންނަންޏާ އެއަޑުން ވާހަކަދައްކަން ޖެހޭނީވެސް. އެހެންވީމަ މި ފިލްމުގަ އަނެއްކާވެސް ފެނިގެންދާނީ ވަރަށް ގިނަބަޔަކާއެކީ ސަޅިބައިސާގަ އެ އިންނަ ސީރިއަސް ކޮމެޑީ ރޯލުން.

– ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް

މިރޭ ރިލީޒްކުރާ ފިލްމު “ޖޯކަރު“ގެ މައިގަނޑު ކާސްޓުގައި ރާއްޖޭގެ ފިލްމީ ދާއިރާގެ ހުނަރުވެރި ފަންނާނުންތަކެއް ހިމެނެއެވެ. އެގޮތުން ވެޓަރަން އެކްޓަރ އަޙްމަދު ނިމާލް، ހުނަރުވެރި އެކްޓަރު އަޙްމަދު ސަޢީދު، ޢަލީ އާޒިމް (ދޮން އައްޔަ)، ޝީލާ ނަޖީބް، ނާޝިދާ މުޙައްމަދު (ނާއްކޮ)، އިބްރާހީމް ރަޝީދު މޫސާ (ބްރޯ)، މުޙައްމަދު ރިފްޝާން (ރިއްޕެ)، ހަމްދާން ފާރޫޤް، ޝަހީދާ އަޙްމަދު، އީމާއު، މޫސާ އަލީފް އަދި ނަދުވީ ފަދަ ފަންނާނުން ހިމެނެއެވެ.

ފިލްމު “ޖޯކަރު” އަކީ ޔޫއްޕެ ލިޔެ ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. ޕްރޮޑިއުސްކުރީ އިސްމާޢީލް ޝަފީޤް އަދި ޢަލީ ޝާނީޒް މުޙައްމަދު އެވެ. ކެމެރާކުރީ ޝިވާޒް (މާސްކޭ) އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.