މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ފަރާތުން މި އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުކޮޅު “ޑަބިންގ އެންޑް ސައުންޑް މިކްސިންގ” ވޯރކްޝޮޕެއް ބާއްވަން ނިންމައި އެ ވޯރކްޝޮޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ) ބުނީ މި ވޯރކްޝޮޕްގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 7727264 ނުވަތަ 7778101 އަށް ފުރިހަމަނަމާއި އެޑްރެސް، އައިޑީ ކާޑް ނަންބަރު އަދި ގުޅޭނެ ނަންބަރު ވައިބަރ ނުވަތަ ވަޓްސްއަޕް ކޮށްލައިގެން ބައިވެރިވެވޭނެ ކަމަށެވެ.

މި ވޯރކްޝޮޕްގެ މައިގަޑު މަޤްސަދަކީ ރާއްޖޭގެ ފިލްމީ މަސައްކަތުގައި ހީނަރުވެފައިވާ ޑަބިންގ ޓެކްނީޝަނުން އުފެއްދުމެވެ. މި ވޯރކްޝޮޕްގައި ކިޔަވައިދޭނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު ފަރާތަކުންނެވެ. މީގެ އިތުރުން ރާއްޖޭގެ ބައެއް ފަރާތްތަކުން ވެސް ބައެއް ކްލާސްތައް ނަގައިދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ވޯރކްޝޮޕްގެ މުއްދަތަކީ 02 ހަފުތާއެވެ. ކްލާސްތައް އޮންނާނީ ހުކުރުދުވަސް ފިޔަވައި ހަފުތާގެ ކޮންމެ ދުވަކު 04 ގަޑިއިރަށެވެ. ކްލާސްތައް ބާއްވާނެ ތަނާއި ގަޑި ފަހުން އިއުލާނުކުރެވޭނެ ކަމަށް އެމްއެސްޕީއޭއިން ބުނެއެވެ.

މި ވޯރކްޝޮޕް ހިނގަމުންދާއިރު ބައިވެރިންގެ ޚިޔާލާއެކު ޕްރެކްޓިކަލް ކްލާސްތަކުގެ ވަގުތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް އެމްއެސްޕީއޭއިން ބުނެއެވެ.

ވޯރކްޝޮޕްގައި ބައިވެރިވުމުގެ (މުޅި ވޯރކްޝޮޕަށް) ފީއަކީ -/800 ރުފިޔާއެވެ. ނަމަވެސް، އެމް.އެސް.ޕީ.އޭގައި ރެޖިސްޓަރީވެފައިވާ ފަރާތްތަކަށް ޚާއްސަ ޑިސްކައުންޓް ރޭޓެއްވަނީ ހަމަޖެހިފައެވެ. އެގޮތުން މެންބަރެއް ނަމަ ފީއަކީ -/600 ރުފިޔާއެވެ.

އެމްއެސްޕީއޭގެ މެންބަރޝިޕް ބޭނުންވާ ފަރާތްތަކަށް މެންބަރަކަށް ވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މޯލްޑިވްސް ސޮސައިޓީ ފޮރ ޕާފޯމިންގް އާޓްސް (އެމްއެސްޕީއޭ)ގެ ފަރާތުން ފިލްމީ ދާއިރާގެ ފަންނާނުންގެ ހުނަރު ތަރައްޤީ ކުރުމަށް “އެކްޓިންގ ވޯކްޝޮޕް ފޯ ފިލްމް އެންޑް ތިއޭޓަރ”ގެ ނަމުގައި 20 މެއި 2023ގައި ފެށި ވޯކްޝޮޕް ކާމިޔާބުކަމާއެކު 09 ބައިވެރިން ފުރިހަމަކޮށްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

އެމްއެސްޕީއޭގެ ރަސްމީ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން އަދި މުނިއަވަސް ކްލަބްހައުސް އެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.