އެ ތޫނު ނަޒަރުގެ ސަބަބުން ހިތްތައް މަސްތުވެ އަވަދިކޮށްލާނެ އެވެ. އޭނާގެ އަދާތަކުގައި ހުރި އަސަރުގެ ސަބަބުން ފިސާރި ދަހިކޮށްލާނެ އެވެ. ދާ ހަމަ ކޮންމެ ތާކުން މީހުން ފޮށެއެވެ. ލޯތްބަށް އެދި ސަލާންޖަހައެވެ. ވަނަވަރު އިއްވައިދީ ނަމުން ގޮވަމުން ދެއެވެ. ރާގުލާފައި އެ ނަން ކިޔައި ނަށަމުން ދެއެވެ. ގޮވަމުން ދަނީ ބިޓުންގެ ރަނިކަމަނާގެ ނަމުންނެވެ. ގޮވަމުންދަނީ “އައްޒަ އައްޒަ އައްޒާ”އަށެވެ.

06 އޯގަސްޓް 2023 ވަނަ ދުވަހުގެ ރޭ އޮލިމްޕަހުގައި ރިލީޒްކުރި ވަރުގަދަ ފިލްމު “ނީނާ“ގެ ސަބަބުން ދިވެހި ފިލްމުބެލުންތެރިން ސިއްސުވައިލި އެވެ. އެ ސިހުމުގެ ތެރެއަށް އިތުރު ފުރިހަމަކަމެއް ގެނެސްދީފައިވަނީ ރާއްޖޭގެ އެންމެ ބޮޑު ފޭން ބޭސްއެއް އޮންނަ މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަގެ ނަމަށް ހަދާފައިވާ އައިޓަމް ލަވަ ‘އައްޒަ’ އިންނެވެ. ލަވައަށް އިންތިޒާރުކުރަމުން އައި ފަރާތްތަކަށް މިހާރު އެ ލަވަ ބަލައިލެވޭނެ އެވެ.

އައި ފިލްމްސްގެ ދެވަނަ ފީޗާ ފިލްމު “ނީނާ“ގައި ހިމެނޭ ސަޅި ލަވަތަކުގެ ތެރެއިން އެންމެ ސަޅި ލަވަ ‘އައްޒަ’ އަކީ މި ފިލްމުގެ އެންމެ ވަރުގަދަ ލަވައެވެ. ލަވަ ކިޔާފައިވަނީ އަޝްފާ އަދި މުޙައްމަދު ޢަބްދުލްޣަނީ (ތޭރަ) އެވެ. ލަވައިގައި ހަރަކާތްތެރިވަނީ މަރިޔަމް އައްޒަ އެވެ. އައިޓަމް ލަވައެއްގެ ގޮތުގައި ހިމަނާފައިވާ މި ލަވައިން އައްޒަގެ ހުނަރުވެރި ނެށުންތައް އޭނާގެ ފަރިފަރި އަދާތަކާއެކު ދައްކައިދޭ އިރު، ފިލްމުގެ މައިގަނޑު ވާހަކަ އާއި ގުޅުންހުރި މުހިންމު ކަންތައްތަކެއްވެސް ހިނގައެވެ.

މި ލަވައިގައި ޚާއްޞަކޮށް ފާހަގަކޮށްލެވޭ އެހެން ކަމެއްވެސް އެބަ އޮތެވެ. ‘އައްޒަ އައްޒަ އައްޒާ’ މި ބައި ކިޔާފައިވަނީ އައި ފިލްމްސްގެ ފުރަތަމަ ފިލްމު “ބަވަތި”ގެ ލީޑް ކުޅުނު އިފްނާޒެވެ. މިއީ ލަވަ އަޑުއަހާފައިވާ ފަރާތްތަކަށްވެސް ފާހަގަނުކުރެވި އޮތް ކަމަކަށްވެދާނެ އެވެ.

އައްޒަ‘ ލަވައިގެ މަންޒަރުތަކުން ފިލްމު “ނީނާ“ގެ ވަރުގަދަ ލީޑް ކުޅެފައިވާ ނުޒޫ ފެނިގެންދާނީ މި ފިލްމުގައި އޭނާ ފެންނާނެ ކަމަށް އައި ފިލްމްސް އިން ބުނަމުން އައި ‘ލުކްސް’ތަކުގައި ނުހިމެނޭ ވަރަށް ތަފާތު ލުކެއްގައެވެ. މީގެ އިތުރުން ފިލްމުގެ ވަރުގަދަ ވިލަން ހަމްދޫން ފާރޫޤް (އައްކި)ގެ އާދަޔާޚިލާފު މަޖާ ހަރަކާތްތަކެއްވެސް ލަވައިން ފެނިގެންދާނެ އެވެ.

އިލްޔާސް ވަހީދު ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު “ނީނާ“ގައި ހިމެނޭ އެންމެ ސަޅި ލަވަ ބަލައިލަން އެންމެ ސަޅިވާނީ ސްކްރީނަކުންނެވެ. މިހާރު މި ފިލްމު އަތޮޅުތެރޭގެ ރަށްތަކުގައި ދެއްކުމުގެ ފުރުޞަތު އާއްމުކޮށް ވަނީ ހުޅުވައިލެވިފައެވެ.

“އަތޮޅުތަކުގަ ‘ނީނާ’ އަޅުވަން ބޭނުން ނަމަ 7242555 އަށް މެސެޖެއްކޮށްލުމުން ހަމަޖެހޭނެ.”

ފިލްމުގެ ޑައިރެކްޓަރު އިލްޔާސް ވަހީދު ބުންޏެވެ.

🎦 ފިލްމު “ނީނާ”ގެ އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް އޮންލައިން

ލިޔުންތެރިޔާގެ ފުރަމަލަ

އަޙްމަދު ރަޝީދު
އަޙްމަދު ރަޝީދު
ހުރިހައި ދާއިރާއެއްގެ ލިޔުންތައްވެސް މުނިއަވަސްގެ ފައުންޑަރ އަދި ޗީފް އެޑިޓަރ ލިޔާނެއެވެ.