ކަރަން ޖޯހަރްގެ މަޤުބޫލު ޗެޓް ޝޯވ “ކޮފީ ވިތު ކަރަން” ގެ ނުވަވަނަ ސީޒަނާއެކު އެނބުރި އަންނަނީއެވެ. ގިނަ ބަޔަކު އިންތިޒާރު ކުރަމުންދާ މި ޝޯވގެ ޕްރޮމޯ މިހާރު އާންމުކޮށްފައިވާއިރު، ޝޯވގެ ފުރަތަމަ މެހުމާނަކީ މެގަސްޓާ ސަލްމާން ޚާންކަން ވަނީ ހާމަވެފައެވެ. “ކޮފީ ވިތު ކަރަން” ސީޒަން 9 ގެ ފުރަތަމަ އެޕިސޯޑް އޮކްޓޯބަރު 14 ވަނަ ދުވަހު ޖިއޯ ހޮޓްސްޓާގެ “ދަ ޕީކޮކް ހަބް” އިން ދައްކަން ފަށާނެއެވެ.
ޝޯވގެ ޕްރޮމޯ ހިއްސާކުރަމުން ކަރަން ޖޯހަރް ލިޔެފައިވަނީ، “އެންމެ ފަހު ފަހަރަށް.. އެންމެ ފާހަގަކޮށްލެވޭ ބާއީ އާއެކު ކޮފީއެއް. ކޮފީ ވިތު ކަރަން ސީޒަން 9، އޮކްޓޯބަރު 14 އިން ފެށިގެން ޖިއޯ ހޮޓްސްޓާގެ ދަ ޕީކޮކް ހަބް އިން ސްޓްރީމް ކުރާނެ.”
މި ފަހަރުގެ ސީޒަނަކީ ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މި ޝޯވގެ ފަހު ސީޒަނެވެ. ޕްރޮމޯގައި ކަރަން ބުނެފައިވަނީ، “މިއީ ފަހު ސީޒަން، އެހެންވީމާ ކޮންމެ ފަދަ ވާހަކައެއްވެސް މި ޝޯވގައި ދެކެވިދާނެ ދެއްތޯ؟” އެވެ. ސަލްމާންވެސް ވަނީ އެކަމަށް އެއްބަސްވެފައެވެ.
މި އެޕިސޯޑުގައި ސަލްމާން ޚާން ފެންނާނީ އެކަނި ބައިވެރިވާ މެހުމާނެއްގެ ގޮތުގައެވެ. މީގެ ކުރިން އޭނާ މި ޝޯގައި ދެ ފަހަރަކު ބައިވެރިވެފައިވެއެވެ. އެއީ އޭނާގެ ކޮއްކޮމެން ކަމަށްވާ އަރްބާޒް ޚާން އަދި ސުހައިލް ޚާން އާއެކު އެއް ފަހަރު އަދި ބައްޕަ ސަލީމް ޚާން އާއެކު އަނެއް ފަހަރެވެ. އޭނާ އެންމެ ފަހުން މި ޝޯވއިން ފެނިފައިވަނީ 2016 ވަނަ އަހަރުއެވެ. މިހާރު ސަލްމާން ވަނީ ފުރަތަމަ އެޕިސޯޑުގެ ޝޫޓިން ނިންމާލާފައެވެ.
މި ސީޒަނަކީ ވަރަށް ފޯރިގަދަ ސީޒަނަކަށް ވާނެ ކަމަށް ބެލެވެނީ، ޝޯވގެ މެހުމާނުންގެ ތެރޭގައި މަޝްހޫރު ގިނަ ތަރިންތަކެއް ހިމެނޭތީއެވެ. ސަލްމާން ޚާންގެ އިތުރުން މި ލިސްޓުގައި ވިޖޭ ދޭވަރަކޮންޑާ އާއި ރަޝްމިކާ މަންދަންނާ، އަނަންޔާ ޕާންޑޭ އާއި އަނަންޔާ ބިރްލާ، އިބްރާހީމް އަލީ ޚާން އާއި ސާރާ އަލީ ޚާން، ވޭދާންގް ރައިނާ، ޝަރްވަރީ ވާގް، ލަކްޝްޔާ، ކަރީނާ ކަޕޫރް ޚާން އާއި ސައިފް އަލީ ޚާން، ސިދާތު މަލޯތުރާ އާއި ކިއާރާ އަދްވާނީ، އާލިއާ ބަޓް އާއި ޝަހީން ބަޓް، އަދި ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ހިމެނެއެވެ.
