ފޭސްބުކް އެކައުންޓް ހެކް ކޮށްގެން ފައިސާ ހޯދާ މައްސަލަތަކެއް. ސަމާލުވޭ!
04 އޮކްޓޯބަރ

ފޭސްބުކް އެކައުންޓް ޕާސްވޯޑު ރީސެޓް ކުރުމަށް ކަމަށް ބުނެ ގުޅައި، އޯޓީޕީ ކޯޑު މޯބައިލް ފޯނަށް ފޮނުވުމަށް ފަހު ފޭސްބުކް އެކައުންޓް ހެކް ކޮށްގެން އޮޅުވާލައިގެން ފައިސާ ހޯދަމުންގެންދާ މައްސަލަތައް މި ޚިދުމަތަށްދަނީ ހުށަހެޅެމުންނެވެ.
އެގޮތުން، 48 ގަޑިއިރުގެ ތެރޭގައި މިފަދަ 6 މައްސަލަ ހުށަހަޅާފައިވާއިރު 35000 އަށް ވުރެ ގިނަ ރުފިޔާ މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ތަހުގީގުން އެނގިފައިވެއެވެ.
މިގޮތަށް ގުޅާ މީހުން، ތިޔަ ނަމްބަރަކީ މީގެ އަހަރުތަކެއް ކުރިން އޭނާ ގެންގުޅުނު މޯބައިލް ނަމްބަރެއްކަމަށްބުނެއެވެ. އަދި ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލުކުރަންވެގެން ނަމްބަރު ދޫކޮށްލީކަމަށް ބުނެއެވެ. އެހެންކަމުން އޭނާގެ ފޭސްބުކް ޕާސްވޯޑު ރީސެޓް ނުކުރެވިގެން އުޅޭކަމަށާ އަދި ޓޫފެކްޓަރ އޯތޮންޓިކޭޓަރ ސެޓުކޮށްފައިވާނީ ތިޔަ ނަމްބަރަށް ކަމަށް ބުނެއެވެ. އަދި ފޯނަށް ލިބޭ އޯޓީޕީ ކޯޑު ކިޔައިދިނުމަށް އެދެއެވެ.
މީގެ އިތުރުން ސޯޝަލް މީޑިއާގެ އެހެނިހެން ވަސީލަތްތައް މެދުވެރިކޮށް ވާހަކަ ދައްކައި މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތައްވެސް ދަނީ ހުށަހެޅެމުންނެވެ.
އަމިއްލަ ނަމްބަރަށް މިގޮތަށް އަންނަ އޯޓީޕީ ކޯޑު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށާ އަދި ފޭސްބުކް މެސެންޖަރ އިން ނުވަތަ މީސްމީޑިއާގެ އެހެނިހެން ވަސީލަތަކުން ވިޔަސް ފައިސާ ހޯދުމަށް ވާހަކަ ދައްކާ މީހުންގެ ކިބައިން ސަލާމަށްވެ ރައްކާތެރިވެތިބުމަށް އިލްތިމާސްކުރަމެވެ. އަދި ކާކުކަން ޔަގީންކުރުމަށްފަހު ނޫނީ ފައިސާގެ އެއްވެސް މުއާމަލާތެއް ނުހިންގުމަށްވެސް އިލްތިމާސްކުރަމެވެ.
ދިވެހި ފުލުހުންގެ ވެބްސައިޓްގައި ޝާއިއުކޮށްފައި އޮތް މި ޚަބަރު، މަތިމަތިން ކިޔައިލެވުނު އިރު ކަންކަން ސާފުވެއްޖެއެވެ. ބޭޗާރާ ހެދިގެން ގުޅައިގެން މި އުޅެނީ ބޮޑު މަކަރުވެރިއެއްކަން މާ ބޮޑަށްވެސް ‘ގެޓް’ވެއެެެވެ.
“އޭއް ބްރޯ…. ބްރޯގެ ތި ކޯލްގެ ވާހަކަ އެބަ އޮތް ޕޮލިސް ވެބްސައިޓްގަ. ބްރޯ ތީ ކާކުކަން ނޭނގުނަސް، ތިޔަ ހިންގާ ޖަރީމާ މިހާރު ވަރަށް ފޭމަސްވެއް-” އަހަރެންގެ ޖުމުލައިގެ ފަހު ލަފުޒު ފުރިހަމަ ނުވަންދެން އެއްކަލަ ބޭޗާރާ، ބޭޚޯސްވީ ނޫންކަމެއް ވެސް ނޭނގެއެވެ. ފޯނު ކަނޑާލައިފިއެވެ.
