ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ “މާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023” މުބާރާތުގައި އިއްޔެއާއި ރޭގައި ކުޅުނު އަންހެން ޑިވިޝަންގެ މެޗު އެއްވަރުވީއިރު، ފިރިހެން ޑިވިޝަންގެ މެޗުތައް ރޯޔަލް ފްރެންޑްސް އާއި ޗެލެންޖާސް ސްޕޯޓްސް ކްލަބް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ހަވީރު ބ. ގޮއިދޫ ފުޓްސަލް ދަނޑުގައި ކުޅުނު އަންހެން ޑިވިޝަންގެ މެޗުގައި ބައްދަލުކުރީ ކްލަބް ޑްރެގަންސް އާއި ކުއީންސްއެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗު ނިމިގެން ދިޔައީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކުއީންސްގެ ޖޯޒީ ނަންބަރު 14، ހައްވާ ހަނީފާއެވެ.

ރޭގައި ކުޅުނު ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ޗެލެންޖާސް ސްޕޯޓްސް ކްލަބާއި ޔަންގް ސްޓާރސް ބައްދަލުކުރި މެޗު 9-0 ން ކާމިޔާބުކުރީ ޗެލެންޖާސް ސްޕޯޓްސް ކްލަބެވެ. މެޗުގެ އެއްމިނެޓުގައި މުޙައްމަދު ސާދު ނިޒާރު (9) ޖެހި ގޯލާއެކު ފުރަތަމަ ހާފުގައި އިތުރު ހަތަރު ގޯލު ޖަހައި ޗެލެންޖާސް އިން ވަނީ ފަރަޤު ބޮޑުކޮށްފައެވެ. އަދި ދެވަނަ ހާފުގައި އިތުރު ހަތަރު ގޯލު ޖަހައި ޗެލެންޖާސް އިން ވަނީ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށްފައެވެ. ސާދުގެ އިތުރުން ގޯލު ޖެހި ކުޅުންތެރިންނަކީ އަޙްމަދު ބައްސާމް (7)، ޢަލީ ޝިޔާހް (17)، މުޙައްމަދު ރީހާން (19) އަދި މީސަމް ނަޢީމް (30) އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗުގައި ތިން ގޯލު ޖަހައިދިން ޗެލެންޖާސްގެ ޖޯޒީ ނަންބަރު 7، އަޙްމަދު ބައްސާމެވެ.

ރޭގެ ދެވަނަ މެޗުގައި ކުޅެފައިވަނީ ރޯޔަލް ފްރެންޑްސް އާއި ވޯލްވްސް ސްޕޯޓްސް ކްލަބެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗު 3-0 ން ރޯޔަލް ފްރެންޑްސް ކާމިޔާބުކޮށްފައިވާއިރު، މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ރޯޔަލް ފްރެންޑްސް ޖޯޒީ ނަންބަރު 10، މުޙައްމަދު ތޯހިރުއެވެ. މެޗުގައި ގޯލުތައް ޖަހައިދިން ކުޅުންތެރިންނަކީ ތޯހިރު (10)، ޢަލީ ވިޝާމް (2) އަދި އިބްރާހީމް ސިމާހް (17) އެވެ. ގިނަ ފައުލްތަކެއްވެސް ފެނިގެންދިޔަ މިމެޗުގައި ރޯޔަލްސް ފްރެންޑްސްގެ ޙަސަން ސާޖިދު (7)، އިބްރާހީމް ސިމާހް (17) އަދި ވޯލްވްސް ސްޕޯޓްސް ކްލަބްގެ އަފްޒަލް އިބްރާހީމް (2) އާއި ޝައްމޫން ޖަމީލް (23) އަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ.

މި މުބާރާތުގެ މެޗުތައް މިއަދުވެސް ކުރިއަށް ގެންދާގޮތަށް ނިންމާފައިވާއިރު ހަވީރު 16:30 ގައި ކުޅޭ މެޗުގައި ބައްދަލުކުރާނީ އަންހެން ޑިވިޝަންގެ ފެހެންދޫ ޓީމާއި ޓީމް ޗަޑްސްއެވެ. އަދި މިރޭ ފިރިހެން ޑިވިޝަންގެ މެޗުތައް ކުޅޭއިރު ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ޑްރެގަންސް އާއި ވޯލްވްސް ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ބައްދަލުކުރާނީ ޗެލެންޖާސް ސްޕޯޓްސް ކްލަބާއި ކިންގްސް ކްލަބެވެ. މިރޭގެ މެޗުތައް ފަށާނީ 20:00 ގައެވެ.

މުބާރާތުގެ މެއިން ސްޕޮންސަރަކީ މާމޮރިސް، ކޯ ސްޕޮންސަރަކީ މަޖިލިސް މެމްބަރު ހިސާން ޙުސައިންއެވެ. އޮންލައިން މީޑިއާ ޕާޓްނަރަކީ މުނިއަވަސް، ފޮޓޯގްރަފީ ޕާޓްނަރަކީ ޒީ ކްލިކްސް އަދި ލައިވް ޕާޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.