ބ. ގޮއިދޫގައި މިހާރު ކުރިއަށްދާ “މާމޮރިސް ބ. ގޮއިދޫ ފުޓްސަލް ފިއެސްޓާ 2023” މުބާރާތުގެ އަންހެން ޑިވިޝަންގައި މިއަދު ހަވީރު ޓީމް ޗަޑްސް އާއި ފެހެންދޫ ޓީމް ބައްދަލުކުރި މެޗުގައި ފެހެންދޫ ކޮޅަށް ގޯލު ފުންޏެއް ޖަހައި ޗަޑްސް ވަނީ މުބާރާތުގެ އުންމީދު އާކޮށްފައެވެ.


މެޗުގެ އެއްވަނަ މިނެޓުގައި ޗަޑްސްގެ ފާޠިމަތު ސާލިޔާ (6) ޖަހައިދިން ގޯލާއެކު ޖުމްލަ 21 ގޯލު ފެނިގެންދިޔަ މިމެޗުގައި ފެހެންދޫ ޓީމްގެ ކޮޅަށް އެޓީމްގެ ޢައިޝަތު ޝިފްނާ (4) އަދި ޢައިޝަތު މިޔާދާ (6) ގެ އަތުން ވަނީ ގޯލެއް ވަދެފައެވެ. ބާކީ 19 ގޯލު ޖެހި ކުޅުންތެރިންނަކީ ޗަޑްސްގެ ސާލިޔާ (6) ގެ އިތުރުން ފާޠިމަތު އިނާޝާ (7)، ޝަފްނާ އިބްރާހީމް (16)، ޝާނިޔާ އަޙްމަދު ނިޒާމް (19) އަދި ޝައްޕަ އިބްރާހީމް (21) އެވެ. މެޗުގެ މޮަޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ޗަޑްސްއަށް 11 ގޯލު ޖަހައިދިން ފާޠިމަތު ސާލިޔާ (6) އެވެ.
މިއަދުގެ މެޗުން ޗަޑްސް މޮޅުވުމުން އެޓީމް އޮތީ 3 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައެވެ. ޓީމް ޑްރެގަންސް އާއި ކުއީންސް 4 ޕޮއިންޓުން އެއްވަރުވެފައި އޮތްއިރު ޓީމް ޑްރެގަންސްއަށް ކުރި ލިބެނީ ގޯލުގެ ތަފާތުންނެވެ. އަދި ފެހެންދޫ ޓީމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.


މިރޭވެސް މި މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވެއެވެ. މިރޭ ކުޅޭ ފިރިހެން ޑިވިޝަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކްލަބް ޑްރެގަންސް އާއި ވޯލްވްސް ސްޕޯޓްސް ކްލަބެވެ. ދެވަނަ މެޗުގައި ކުޅޭނީ ޗެލެންޖާސް ސްޕޯޓްސް ކްލަބާއި ކިންގްސް ކްލަބެވެ. މިރޭގެ މެޗުތައްވެސް ފަށާނީ 20:00 ގައެވެ.
މުބާރާތުގެ މެއިން ސްޕޮންސަރަކީ މާމޮރިސް، ކޯ ސްޕޮންސަރަކީ މަޖިލިސް މެމްބަރ ހިސާން ހުސައިންއެވެ. އޮންލައިން މީޑިއާ ޕާރޓްނަރަކީ މުނިއަވަސް، ފޮޓޯގްރަފީ ޕާރޓްނަރަކީ ޒީ ކްލިކްސް އަދި ލައިވް ޕާރޓްނަރަކީ ތޯ ނެކްސަސްއެވެ.

ލިޔުންތެރިޔާގެ ފުރަމަލަ

ސާޖިދު ޢަބްދުﷲ
ސާޖިދު ޢަބްދުﷲ
މުނިއަވަސްގެ ޑެޕިއުޓީ އެޑިޓަރ ސާޖިދު އަކީ ވާހަކަ ލިޔުމުގެ އިތުރުން ޚަބަރު ލިޔުމުގައިވެސް ހުނަރުވެރި ލިޔުންތެރިއެކެވެ.