ދީނީ ސުވާލެއް އޮތީތަ؟
ޚަބަރު
ރޮބިންސަން ނޫނު ބަލިކޮށް ސޮނެވާ ޖާނީ ފައިނަލަށް ދަތުރު ކޮށްފި
ފޮޓޯ: ރިސޯޓް ލީގު ފޭސްބުކް ޕޭޖް

މިހާރު ކުރިއަށްދާ ރިސޯޓް ލީގު 2026 ފުޓްސަލް މުބާރާތުގެ ނޫނު ޒޯނުގެ ފައިނަލްގެ ދެވަނަ ޖާގަ ސޮނެވާ ޖާނީ ހޯދައިފިއެވެ. ސޮނެވާ ޖާނީ އިން ފައިނަލްގެ ދެވަނަ ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅެވުނު ސެމީ ފައިނަލް މެޗު ކާމިޔާބުކޮށްގެންނެވެ.

ސިޔާމް ވޯލްޑްގައި ކުރިޔަށްދާ މި މުބާރާތުގެ ސެމީ ފައިނަލުގައި ބައްދަލުކުރީ ސޮނެވާ ޖާނީ އާއި ރޮބިންސަން ނޫނެވެ. ލީގު ބުރުގެ އެއްވަނަ ހޯދި ވެލާ ޕްރައިވެޓް އައިލެންޑްއަށް ފައިނަލްގެ ފުރަތަމަ ޖާގަ ވަނީ ލިބިފައެވެ.

ލީގު ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު 3-0 އިން ކާމިޔާބުކުރި ސޮނެވާ ޖާނީ އިން މި މެޗު ކާމިޔާބުކުރީ 5-2 އިންނެވެ.

މެޗް ފަށައިގެން ރަނގަޅަށް ކުޅެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރި ސޮނެވާ ޖާނީއިން މެޗު ލީޑު ނެގީ ތިން ވަނަ މިނިޓްގައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ ހުސައިން ޝައްފާހުއެވެ.

ގިނަ ވަގުތު ބޯޅަ ހިފަހައްޓައި މޮޅު ކުޅުމެއް ދައްކަމުން އައި ސޮނެވާ ޖާނީއިން ލީޑު ފުޅާކުރީ ސާދަވަނަ މިނެޓުގައި މުޙައްމަދު ޖުނައިދު ޖަހައިދިން ލަނޑުންނެވެ. ޖުނައިދު މި ލަނޑު ޖަހާފައިވަނީ ފުރަތަމަ ލަނޑު ޖަހައިދިން ޝައްފާހު ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

ފައިނަލްގެ ދެވަނަ ޖާގަ ހޯދުމަށްޓަކައި މޮޅެއް ހޯދަން މަޖުބޫރުވެފައި އޮތް މި މެޗުގެ ފުރަތަމަ ހާފުގެ ފަހުކޮޅު ރޮބިންސަން ނޫނަށް މުޙައްމަދު ޝުހާދު ޖަހައިދިން ލަނޑުން އެ ޓީމުން އުންމީދު އާކުރިއެވެ.

ހުސައިން ޝައްފާހު އާއި މުޙައްމަދު ޖުނައިދުގެ ކޮމްބިނޭޝަން ސޮނެވާ ޖާނީގެ ތަފާތަކަށް ވި މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ތިންވަނަ ލަނޑެއް ޖެހިއެވެ. ކީޕަރު ކައިރިން އަރިއަކަށް ޖެހިލުމަށްފަހު މުޙައްމަދު ޖުނައިދު ޖައްސާލި ބޯޅަ ހުސައިން ޝުހާދު ފޮނުވާލީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށެވެ.

މި ނަތީޖާގައި ފުރަތަމަ ހާފު ނިމުނުއިރު، ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅުނީ ސޮނެވާ ޖާނީއިންނެވެ.

ހުސައިން ޝައްފާހުގެ ހެޓްރިކާއިއެކު ސޮނެވާ ޖާނީއިން އެ ޓީމުގެ ލީޑު ފުޅާކުރިއިރު، މި ލަނޑަކީ މެދުރޮނގު ކައިރިން ރޮބިންސަން ނޫނުގެ ހާފުގެ ތެރެއިން އޭނާއަށް ލިބުނު ބޯޅަ ހިފައިގެން ގޮސް ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ތިރިތިރިން ގޯލްގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ތިން ލަނޑުގެ ލީޑެއްގައި އޮވެ ކުޅެމުންދިޔަ ސޮނެވާ ޖާނީ ކޮޅަށް ރޮބިންސަން ނޫނުން ޖެހި ދެވަނަ ލަނޑު ޖެހީ، އެ ޓީމުގެ ފުރަތަމަ ލަނޑު ވެސް ޖަހައިދިން މުޙައްމަދު ޝުހާދެވެ.

ރޮބިންސަން ނޫނުގެ މި ލަނޑަށް މާ ގިނައިރެއްނުވެ ސޮނެވާ ޖާނީއިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ. މެޗު ނިމެން ފަސްވަރަކަށް މިނިޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޙްމަދު ރަމީޒެވެ.

5-2 އިން މެޗު ކާމިޔާބުކޮށް ފައިނަލުގެ ދެވަނަ ޖާގަ ސޮނެވާ ޖާނީއިން ހޯދި މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެ ޓީމުގެ ހުސައިން ޝައްފާހުއެވެ.

ވެލާ ޕްރައިވެޓް އައިލެންޑާއި ސޮނެވާ ޖާނީ ބައްދަލުކުރާ، މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މިމަހުގެ 19 ވަނަ ދުވަހު ހަވީރުއެވެ.

0
Ads by MUNIAVAS
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top